(ފުވައްމުލައް ސިޓީ) އާދައިގެ މަތިން އެ ދުވަހަކީ ވެސް މޫސުން ގޯސް ދުވަހެކެވެ. އެކަމަކު މޫސުން ގޯސް ދުވަސްތައް ކިތަންމެ ފަހަރަކު ތަޖުރިބާ ކުރެވިއްޖެއެވެ. އެކަމާ މެދުގައި މާ ބޮޑަށް ޚިޔާލު ނުކުރެވުނީ އެހެން ވެގެންންވެ. ނަމަވެސް ކުރިމަތިވި ނުރައްކާ ހިތަށް ގެނެވުނީ ކުއްލި ގޮތަކަށް ރާޅުބޮޑުވެ "ދަމައިގަތް" އެ ބިރުވެރި ވަގުތު އައިސް ޖެހުމުންނެވެ. އެ ދުވަހަކީވެސް އާދައިގެ މަތީން އެކުވެރި ދެ ރަހުމަތްތެރީން އެކުގައި މަޖާކޮށްލަން ދާން ނިންމި އުފާވެރި ދުވަހެކެވެ. މޫދަށް ގޮސްފައި އައިސް ކުރާނެ ކަންކަންވެސް ނިންމައިގެން ފެށި އުންމީދީ އާ ދުވަހެކެވެ. ނަމަވެސް ތަޤުދީރު ނިޔާކުރިގޮތުން އެދުވަސް މާޒީވީ ލޮލުން ކަރުނަ ފިލައި ނުދާނެހައިހިތްދަތި، ޤަބޫލުކުރާންވެސް ނޭދޭހައި ހިތާމަވެރި ގޮތަކަށެވެ.
"މެންދުރުފަހު ފައުޒާން ގުޅާފަ ބުނި މޫދަށްދާން ހިނގާށޭ. އަޅުގަނޑުމެން އަބަދުވެސް ކޮންމެ ދުވަހެއްގައިހެން އެކުގައި އުޅެނީ. މޫދަށްވެސް ވަރަށް ގިނައިން ގޮސް އުޅެން. އެގޮތުން އެދުވަހު ވެސް ދާން ނިންމީ،" މި މަހުގެ ނުވަ ވަނަ ދުވަހު ނިޔާވި އުމުރުން 17 އަހަރުގެ އަޙްމަދު ފައުޒާނާއެކު މޫދަށް ދިޔަ އިބްރާހީމް ނާޞިރު ކިޔައިދިނެވެ.
މިމަހުގެ ނުވައެއްވީ ހޮނިހިރު ދުވަހު ހިނގައިދިޔަ ހާދިސާ "ވަގުތު" އާ ޙިއްސާކުރަމުން އުމުރުން 17 އަހަރުގެ ނާޞިރު ބުނީ، މޫދަށް ދާން ފައުޒާން ބަލާދިޔައީ ވެސް އޭނާ ކަމަށާއި، އޭގެ ފަހުން ދެ މީހުން އެކީ ނައްޓާލީ ޢާންމު ގޮތެއްގައި ވެސް މޫދަށް ގޮސް އުޅޭ މާނެރެ ސަރަޙައްދަށް ކަމަށެވެ. އެދުވަހު މޫދަށް ދިޔައީ އެތްލެޓިކްސް ޕްރެކްޓިސް އޮންނަ ގަޑީގައި ކަމަށާއި، ނަމަވެސް އޭނާ އާއި ފައުޒާން ނިންމީ ޕްރެކްޓިސް އަށް ނުގޮސް އެދުވަހު މޫދަށް ދާންކަމަށް ނާޞިރު ބުންޏެވެ.
"ފުރަތަމަ މޫދަށް ފައިބާފައި މާގިނައިރެއް ނުވެ އެރީ އެއްގަމަށް. އޭގެފަހުން އަނެއްކާވެސް 30 ވަރަކަށް މިނެޓުވަންދެން މަޑުކޮށްލައިގެން ސަކަރާތްޖަހަން ތިބެފައި ފަރުމައްޗަށް އެރީ. ދެން އަޅުގަނޑާ ފައުޒާން ކުޑަކޮށް ބޭރާދިމާލަށް ދިޔައީ. އޭރު ދެން ތިބި ދެކުދިން ތިބީ ފަރުމަތީގައި މަޑުކޮށްލައިގެން،" ނާޞިރު ކިޔައިދިނެވެ.
ނާޞިރު ބުނިގޮތުން އެމީހުންނާއެކު ދެން ތިބީ އުމުރުން 13 އަހަރުގެ މަލާކް އާއި ސުމާއެވެ. އެދެކުދިން ފަރުމަތީގައި ތިއްބާ ހުރިހާ ކަމެއް ބަދަލުވެ، މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކުއްލިގޮތަކަށް ރާޅު ބޮޑުވެ އޮއިވަރު ބާރުވެ ފަރުމަތީގައި ތިބި މަލާކް އާއި ސުމާ އޮޔާގޮސް ގެނބެން ފެށީ ފައުޒާން އާއި އޭނާ ބަލަން ތިއްބައި ކަމަށް ނާޞިރު ބުންޏެވެ.
އެ މަންޒަރު ފެނުމުން، ނަގާ ބިޔަ ރާޅުތަކާއި ގަދަވެ އޮއިބާރުވެފައިވާ ކަނޑަކަށް ބެލުމެއްނެތި ފައުޒާން އާއި ނާޞިރުވެސް އަވަސްވެގަތީ އެދެކުދިން ސަލާމަތްކުރަން ދިއުމަށެވެ. ފައުޒާން އާއި ނާޞިރަކީ މޫދަށް ފަރިތަ ދެކުދިން ކަމުގައި ވީނަމަވެސް މަލާކް އާއި ސުމާއަކަށް މާ ރަނގަޅަކަށް ފަތާކަށް ނޭނގެއެވެ.
"އެތާ ތިއްބާ ކުއްލިއަކަށް ރާޅު ބޮޑުވީ. ކުއްލިއަކަށް ނެގި ބޮޑު ރާޅާއެކު އެމީހުން ދަމައިގަތީ. އެގަޑީގައި އަޅުގަނޑަށް އަވަހަށް ގޮސް ހިފުނީ ސުމާގެ އަތުގައި. އެހެންވެ ސުމާ ސަލާމަތްކުރެވުނީ. ދެން ފައުޒާން ދިޔައީ މަލާކް ސަލާމަތްކުރަން. އޭރު މަލާކް ބެހިގެންގޮސް އޮތީ ވަރަށް ބޭރުގައި،"
ފައުޒާން އާއި ނާޞިރުއަށް ދެކުދިންނާއި ހަމައަށް ފޯރިއިރު ތިބީ ފަރުން ބޭރުވެފައެވެ. ރާޅު ބޮޑުވެ އޮއި ބާރުވެފައިވާ ފުން އެ ސަރަޙައްދަކީ ކުރީން އެރުނު ތަނަކަށް ނުވީނަމަވެސް ފައުޒާނާ ނާޞިރުވެސް ހިތްވަރުކުރީ ކުދިން ސަލާމަތްކުރެވޭނެ ކަމުގެ ފުރިހަމަ އުންމީދުގައެވެ. މިގޮތުން ނާޞިރު އަށް ފަތާފައި ގޮސް ހިފުނީ ސުމާގެ އަތުގައެވެ. ފައުޒާން ދިޔައީ މަލާކް ސަލާމަތްކުރުމަށެވެ. އޭރުވެސް ބިރުން ހުރި މަލާކްއަށް ފައުޒާން ހިތްވަރު ދެމުން ދިޔައެވެ. އަދި ހެޔޮދުޢާކޮށް ޝަހާދަތް ކިޔުމަށް ފަހުވަގުތާއި ޖެހެންދެންވެސް ދިޔައީ އިރުޝާދު ދެމުންނެވެ.
Fauzan Ge Emme Fahu Vaguthukolhu: Dhuniye Ah Al'vadhaau Kee Shahaadhaiy Kiyamunhttps://t.co/UKOQzFco8I
— Vaguthu Online (@VaguthuOnline) January 14, 2021
ސުމާ ގެނބެމުން ދަނިކޮށް ނާޞިރުއަށް އޭނާއާއި އަރާ ހަމަވުމުން ވަގުތުން ގެނދިޔައީ ފަރުމަތީ ތިލަ ހިސާބަށެވެ. އޭރު ފައުޒާނަށް އަދި މަލާކްއާއި ހަމައަކަށް ނުދެވެއެވެ. އޮޔާއެކު ބޭރުވަމުންދިޔަ މަލާކް ފަރުމައްޗަށް އެރީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. ނަމަވެސް އޭރު ފައުޒާން ފެންނާން ނެތްކަމަށް ނާޞިރު ބުންޏެވެ.
"މަލާކު ކިޔައިދިނީ އޭނާ ފަރުމައްޗަށް އަރުވައިދިނީ ފައުޒާންއޭ. އޭގެ ފަހުން ފައުޒާން ނުދެކެން އަޅުގަނޑުމެންނެއް،" ނާޞިރު ކިޔައިދިނެވެ.
މަލާކް ފަރުމައްޗަށް އެރިއިރުވެސް ފައުޒާން ފެންނާން ނެތުމުން ތިން ކުދިންވެސް ދެން މަސައްކަތް ކުރީ ފައުޒާން ފެނޭތޯއެވެ. ފަރުމަތީގައި ތިބެގެން ފައުޒާންގެ ޚަބަރެއްވޭތޯ ތިބުމަށްފަހު ކަމެއް ގޯސްވެއްޖެކަމުގެ އިޙްސާސް ކުރެވުނު ހިސާބުން ތިން ކުދިންވެސް އަވަސްވެގަތީ އެހީތެރިކަން ހޯދަން ދިއުމަށެވެ. އޭރު ފަރުގައި ޖެހި ފަޔަށް އަނިޔާވެފައި ވުމުން ގޮނޑުދޮށުގައި ނާޞިރު މަޑުކުރިއިރު، އެއްގަމަށް އަރައި ތިން ކުދިން ވަނީ އެ ސަރަޙައްދުގައި އުޅުނު މީހުންނަށް ވެގެން އުޅޭގޮތް ކިޔައިދީފައެވެ. އަދި އެ ސަރަޙައްދުގައި ހުންނަ ފަޔާއެންޑް ރެސްކިއުގެ ބައެއް އޮފިޝަލުންގެ ސަމާލުކަމަށްވެސް މިކަން އެވަގުތު ގެނެވިފައި ވެއެވެ. އަދި ފައުޒާން ގެއްލުނު ޚަބަރު ފުލުހުންނަށް ރިޕޯޓްކޮށް އޭނާ ހޯދުމުގެ މަސައްކަތް ރަސްމީކޮށް ފެށުނެވެ.
ނާޞިރު ބުނިގޮތުން ފައުޒާނަށް ވީގޮތެއް ނޭނގިގެން ހޯދަމުން ދިޔައިރުވެސް އޭނާއަށް ކަމެއް ވެދާނެ ކަމަށް ހީކޮށް ހާސްނުވާ ކަމަށެވެ. އެހެންވެގެން މަލާކު އާއި ސުމާގެ ގާތުގައި ވެސް ބުނަމުން ދިޔައީ "ހަމަޖެހޭށޭ ފައުޒާން ފެންނާނެއޭ" ކަމަށް ނާޞިރު ބުންޏެވެ.
"ގެއްލުނުކަން އެނގުނު ހިސާބުންވެސް އަޅުގަނޑު ހުރީ ހަމަޖެހިގެން. އެއީ އަޅުގަނޑަށް އެނގޭ ފައުޒާން ގިވްއަޕްއެއް ނުކުރާނެކަން. އޭނާ ގިވްއަޕްއެއް ނުކުރާނެ ވަރަށް. އެހެންވެ ދެންތިބި ކުދިން ކައިރީވެސް އަޅުގަނޑު ބުނިން ހަމަޖެހޭށޭ ފައުޒާން އަންނާނެއޭ،" ނާޞިރު ބުންޏެވެ.
ނާޞިރު ބުނިގޮތުގައި ފައުޒާން ފެނުނީ އޭނާ ގެޔަށް ގޮސް ހުއްޓައި ކަމަށެވެ. އެއާއެކު ދައްތައާއެކު ހޮސްޕިޓަލް ކައިރިޔަށް ގޮސް އެތަނުގައި ހުރި ކެފޭއެއްގައި މަޑުކޮށްލައިގެން ހުރީ ކަމަށް ނާޞިރު ބުންޏެވެ. އަދި ދައްތަ ހޮސްޕިޓަލް ތެރެއަށް ވަދެފައި މާގިނައިރުތަކެއް ނުވެ އައިސް ފައުޒާން ނިޔާވި ޚަބަރު ދިންކަމަށް ނާޞިރު ބުންޏެވެ.
އުންމީދާއެކު ހުރި ނާޞިރަށް ލިބުނު ހީވެސްނުކުރާފަދަ އެ ޚަބަރާއެކު އޭނާއަށް ލިބުނީ ކުއްލި ޝޮކެކެވެ. ބުނާނެ އެއްޗެއް އަދި ވިސްނަންވީ އެއްޗެއްވެސް ނޭނގި ހުރެ އޭނާއަށް ރޮވުނީއެވެ.
"ގެޔަށް ގޮސް ފެންވަރާލައިގެން ދިޔައީ ހޮސްޕިޓަލަށް ދައްތައާއެކު. އެތަނުގައި ހުރި ރެސްޓޯރެންޓެއްގައި އަޅުގަނޑު ބަހައްޓާފައި ދައްތަ ހޮސްޕިޓަލަށް ގޮސްސަ އައިސް ބުނީ ފައުޒާން ނިޔާވެއްޖެއޭ. އެވަގުތު ވީގޮތެއްވެސް ކިޔައިދޭން ނޭނގޭ. އަޅުގަނޑަށް ހަމަ ރޮވުނީ،" ހިތްވަރުކޮށްފައި ނާޞިރު އަސަރާއެކު ކިޔައިދިނެވެ.
ނާޞިރު ބުނިގޮތުގައި މި ހިތާމަވެރި ހާދިސާ ހިނގުމުގެ ކުރީ ދުވަހުވެސް އޭނާ ފައުޒާނާއެކު ވަރަށް މަޖާކޮށް އުޅުނު ހަނދާން އިއްޔެ ހިނގި ކަމެއް ފަދައިން ހަނދާން އެބަހުރި ކަމަށެވެ. އަދި ވަރަށް ގިނަ ދުވަސްދުވަހު ރޭގަނޑު ދެމީހުން ބޭރަށް ނިކުމެ މަޖާކޮށް އުޅުނު ހަނދާންތަކަކީ އެންމެ ބޮޑަށް މިހާރު ހިތްދަތިކަން ގެނުވާ ހަނދާންތައް ކަމަށް އޭނާ ބުންޏެވެ.
"ކޮންމެ ދުވަހަކުވެސް އެގެޔަށް ދަން. ވަރަށް މަޖާވާނެ. ހަމަ ކޮންމެ ދުވަހަކުވެސް. ލަވަޖަހައިގެން ވަރަށް ސަކަރާތް ޖަހާފަ އުޅޭނީ. އެދުވަހުވެސް އޭނާ އެގެއިން ނިކުތީ އަނބުރާ އައިސް ދެމީހުން އެކީ ގޭމް ކުޅެން 2-3 ގޭމެއް ޑައުންލޯޑަށް ޖައްސާފައި،" ލޯބިވާ އެކުވެރިޔާގެ އެންމެ ފަހުގެ ހަނދާންތައް ހިތަށް ގެންނަމުން ނާޞިރު ކިޔައިދިނެވެ.
ފައުޒާން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ ނުވަ ވަނަ ދުވަހުގެ ހަވީރު 4:47 ހާއިރުއެވެ. އޭނާ ހޯދަމުން ދަނިކޮށް މޫދު އަޑިން ފެނުނީ ހަވީރު 5:50 ހާއިރު މިރަށު ޙުސައިން އިބްރާހީމް (ބޯވަ ހުސޭނު) އަށެވެ. ހުސޭނު ބުނިގޮތުން ފައުޒާން މޫދުއަޑިން ފެނުނުއިރު އޮތީ "އަޑީގައި ނުޖެހި"، ފޫޓެއްހައި މަތީގައި އުފުލިފައި ކަމަށެވެ. ނަމަވެސް އެވަގުތު އޭނާގެ އަނގައިން ވައި ބޭރުވިކަން ފާހަގަކުރެވުނު ކަމަށާއި، އެހެންކަމުން ފައުޒާން އޭރު ނިޔާނުވާ ކަމަށް ޤަބޫލުކުރެވޭ ކަމަށް ހުސޭނު ބުންޏެވެ. ފައުޒާން ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
Moodhu Adin Fauzaan Fenunu Hussain Ge Dhulun E Hiydhathi Vaguthukolhu https://t.co/l9nWytK9dX
— Vaguthu Online (@VaguthuOnline) January 12, 2021
މޫދުން ފައުޒާން ނެގިއިރު އޭނާގެ ނިތްކުރީގައި ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިހުރިކަން ފާހަގަކުރެވިފައި ވެއެވެ. އެހެންކަމުން އޭނާ ގެނބުނީ އެހެން ކުދިން ސަލާމަތްކުރަން މަސައްކަތްކުރި ވަގުތު ނެގި ބިޔަ ރާޅަކާއެކު ފަރުމަތީގައި ޖެހި އަނިޔާވެ "ހެޔަށް ގޮތެއްވެގެން" ކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ.
ނާޞިރު އާއި ފައުޒާން އަމިއްލަ ފުރާނައަށް ބެލުމެއްނެތި އެދުވަހު ކުރި ހިތްވަރަކީ މުޅި ޤައުމުވެސް އެކަމާއިމެދު ފަޚުރުވެރިވާފަދަ ލާމަސީލު ނަމޫނާއެކެވެ. ތަޤުދީރު ނިޔާކުރި ގޮތުން ފައުޒާނަށް އެއީ ހަޔާތުގެ ފަހު ދުވަސް ކަމުގައިވެ، މިދުނިޔެއާއި ވަކިވެގެންދާން ޖެހުނު ނަމަވެސް، އޭނާގެ ހަނދާންތައް ދިވެހީންގެ ހިތްތަކުން ފިލައިނުދާނެއެވެ. އަދި ތާރީޚުގައި ފައުޒާނާއި ނާޞިރުގެ ނަންވެސް ލިޔެވޭނީ ޤައުމު ފަޚުރުވެރިކޮށްދިން ދެ ބަތަލުންގެ ގޮތުގައެވެ.
"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.
ރޮވިއްޖެ. ކޮއްކޮގެ ހިތްވަރަށްވެސް ސާބަސް. ފައުޒާން އަށް ސުވަރުގެ މިންވަރުކޮށްދެއްވާށި. އާމީން.
😭😭😭😭😭😭❤
ވަރައްދެރަވެ އަސަރުކޮއްފި ފައުޒާން އައް ސުވަރުގެ މިންވަރު ކުރައްވާށި އާމީން
Hiyvaru gadha kujjeh Allha mikujjayah suvaruge mivaru aailaaha kehtheri kehtheri man dhehvaane dheyve. Aameen
މަލާކް ގެ ބަހެއް ގެނެސްދެވޭނެތޯ؟
ކީކުރަން މީކަސޯޓީތަ މިމީހުން އިންސާނުންގެ ފުރާނަޔަވެސް ނުހުރޭރަހުމެއް
ފައުޒާން އައް ސުވަރުގެ މިންވަރު ކުރައްވާށި އާމީން