(ފުވައްމުލައް ސިޓީ) މާސިންގާ އިންޑިއާ ކަނޑުގައި ޖަޒީރާ މުތްތަކެއް ފަދައިން އަތުރާލާފައިވާ މި ކުޑަކުޑަ ރާއްޖޭގެ ކޮންމެ ރަށަކީވެސް އަމިއްލަ ވަންތަކަމާއި، ގުދުރަތީ ތަފާތުކަމުގެ ބަހާއެކެވެ. މި ރަށްތަކުގެ ތެރެއިންވެސް ފުވައްމުލައް ނުވަތަ މިހާރުގެ ނަމުން ނަމަ ފުވައްމުލައް ސިޓީއަކީ އެންމެ ތަފާތު އެއް ރަށަށް ވާނެއެެވެ. އުތުރުކޮޅު ފިޔަވާ ރަށުގެ ވަށައިގެން ފުއްޓަރު އޮންނަ މި ސިޓީއަކީ ވިލެއް، ފަޅެއް އޮތް ސިޓީއެއް ނޫނެވެ. ރަށުގެ ގޮނޑުދޮށުން ފެށިގެން ހޭޅިފަށުން މަތީގެ ވަކި ހިސާބަކަށް ހަރު އާނުގަނޑެއް އޮތް ފުވައްމުލަކަކީ މުއްސަނދި ތާރީޚަކާއި ފަޚުރުވެރި ސަގާފަތެއްގެ ވެރި ޝަރަފުވެރި ރައްޔިތަކު ދިރިއުޅެމުންދާ ރަށެކެވެ.

ރާއްޖޭގެ ނިސްބަތުން ބަލާ ނަމަ ބިން ބޮޑު މި ސިޓީގައި މީހުން އާބާދުވެ ދިރިއުޅެން ފެށި ސީދާ ތާރީހެއް އެނގޭނެ އެއްވެސް ލިޔެކިޔުމެއް ފެންނާކަށް ނެތެވެ. ނަމަވެސް ލިޔުންތެރިޔާ މުހައްމަދު ނާޖިހު އެޗްސީޕީ ބެލްގެ މޮނޮގްރާފާއި 1921 ގައި ނެގި ރާއްޖޭގެ ބޯހިމެނުމުގެ ހިސާބުގެ މައްޗަށް ލިޔުއްވި ލިޔުއްވުމުގައިވާ ގޮތުން މީލާދީން 500 ވަނަ އަހަރު ކުރިން ފުވައްމުލަކުގައި ވެސް މީހުން އުޅުނު ކަމަށް ބެލެވެއެވެ. އެ ތާރީޚަކީ އެއީ ރާއްޖޭގައި މީހުން ދިރިއުޅެން ފެށި ދުވަސްވަރު ކަމަށް ތާރީޚު ދިރާސާކުރައްވާ ގިނަ ބޭފުޅުން އިއްތިފާގުވެވަޑައިގަންނަވާ ދުވަސްވަރެވެ.

ފުވައްމުލައް ގޮނޑުދޮށް ސަރަހައްދު. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މީގެ 100 ވަރަކަށް އަހަރު ފަހަތަށް ޖެހި ބަލައިފި ނަމަ އޭރު ވެސް ފުވައްމުލަކުގެ އާބާދީ 2000 އާ ގާތްކުރާކަން ބޯހިމެނުމުގެ ހިސާބުތަކަށް ބަލާލުމުން އެނގެއެވެ. ޒަމާނުއްސުރެ ހީވާގި، މުރާލި ރައްޔިތުންތަކެއް ދިިރިއުޅުނު ފުވައްމުލައްކުގެ ހުރިހާ ހިސާބެއްގައި ވެސް މިހާރު މީހުން ވަޒަންވެރިވެ އުޅުނު ނަމަވެސް، އިހުޒަމާނުގައި އެކަން އޮތީ އެގޮތަކަށް ނޫނެވެ.

ގާތްގަނޑަކަށް ފަސް އަކަކިލޯ މީޓަރާ ގާތްކުރާ ވަރުގެ ބޮޑުމިނުގެ ފުވައްމުލަކުގައި އެންމެ ފުރަތަމަ މީހުން ދިިރިއުޅުނު ކަމަށް ވަނީ ރަށުގެ ދެފަރާތުގައެވެ. ފުވައްމުލަކު އަސްރަފީގޭ އިބްރާހީމް ސައީދު މޫސާ 2015 ވަނަ އަހަރު "ތާރީޚުގެ އަލީގައި ފުވައްމުލައް" މި ސުރުހީގެ ދަށުން ލިޔުއްވާފައިވާ ލިޔުއްވުމުން އެނގޭގޮތުން ފުވައްމުލަކުގައި، އެންމެ ފުރަތަމަ މީހުން އުޅުނީ ރަށުގެ ދެކޮޅުގައި ކަން އެއީ ތާރީޚީ ލިޔުންތެރިންނާއި ރަށުގެ އިސްރަށްވެހިންގެ ބަހުން އެނގި ހާމަވާން ހުރި ހަގީގަތެކެވެ. އަދި ފަހުން ރަށުގެ މެދުތެރޭގައި މީހުން ވަޒަންވެރިވާން މެދުވެރިވީ ރަށުގެ މެދުތެރެ ހިކުމުން ކަމަށް ވެސް އޭނާ ވަނީ ލިޔުއްވައިފައެވެ.

ފުވައްމުލައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސައީދު ލިޔުއްވާފައިވާ ގޮތުން ނަމަ ރަށުގެ ދެކޮޅުގައި މީހުން އުޅުނުއިރުވެސް މީހުން އުޅޭ އެކި ހިސާބު ވަކިވެ އެނގޭނޭ ގޮތުން ވަކިވަކި ނަންތަކެއް ވަނީ ދެވިފައެވެ. އެގޮތުން އުތުރުކޮޅުގެ އައްޔަނާއި، ދެކުނުކޮޅުން މޫލެގަމަކީ މިހާރުވެސް ފާހަގަވާން ހުރި ދެތަން ކަމަށް ވާއިރު ރަށުގެ މެދުތެރޭ މީހުން އުޅެން ފެށުމަށްފަހު މުޅިރަށް، ނުވަ އަވަށަށް ބައިކޮށް ކޮންމެ އަވަށަކަށް ވަކިނަމެއް ކިޔައި އެ އަވަށެއް ވަކިވެ އެނގޭ ގޮތަށް ފާހަގަކުރިކަން ތާރީޚީ ފަތް ފުތްތަކުން ފެންނަން އެބަހުއްޓެވެ.

މި ރަށުގެ ދެކޮޅުގައި މީހުން އުޅުނު އިރު ރަށުގެ އެއްކޮޅުގައި ތިބި މީހުން ރަށުގެ އަނެއް ކޮޅަށް އާދަވެގެން ގޮސް ނޫޅޭކަން މި ރަށުގެ އުމުރުން ދުވަސްވީ މީހުންނާ ވާހަކަދައްކާލުމުން އެނގެއެވެ. އަދި ރަށުގެ ބޮޑު މިނަށް ބަލާ އިރު، އެއް ތަނުން އަނެއްތަނަށް ދިއުމުގެ ހަމައެކަނި ވަސީލަތަކީ ހިނގާބިނގާވެ އުޅުން ކަމަށް ވުމުން ރަށުގެ ގޮތް ނޭނގޭ ހިސާބަށް ގޮސް އުޅުމަކީ މީހުން އާއްމުކޮށް ކުރާ ކަމެއް ނޫނެވެ.

ކޮންމެއަކަސް މި ރަށުގެ ދެފަރާތުގައި ދިރިއުޅުން މޭލަ ކުރަމުން ދިޔަ މީހުންނަށް އެއްބަޔަކު އަނެއްބަޔަކާ ދިމާވާން މެދުވެރިވީ ގޮތާ މެދު މި ރަށުގައި ވަރަށް މަޝްހޫރުކޮށް ކިޔާ އުޅޭ "ފޯކްލޯ" ވާހަކައެއް އޮވެއެވެ. އެއީ އަނބުލެކެޔޮޅު ކިޔާ މީހެއްގެ ވާހަކައެވެ. ތުންތުން މަތިން ކާބަފައިންގެ ޒަމާނުއްސުރެ ވާރުތަވެގެން އައިސްފައިވާ މި ވާހަކައިގައި ބުނާގޮތުން ނަމަ "އަނބުލެ ކެޔޮޅު"އަކީ އެ ޒަމާނުގައި މޮޅަށް ކެޔޮޅުކަން ކުރި ކުޅަދާނަ ބޭފުޅެކެވެ.

ފުވައްމުލަކު ވަށޮ ވެޔޮ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އަދި އާދައިގެ މަތިން މަހަށް ފުރަން އުޅުނު ދުވަހަކު ރަށު ތެރެއިން ދިމާވި މީހަކަށް އޭނާ އާއެކު މަހަށް ދާން ދައުވަތު ދިނުމުން އެ ދައުވަތު ގަބޫލުކޮށް، އޭނާ އާއެކު އެ މީހާ މަހަށް ދިޔަ ކަމަށް ވެއެވެ. އެ ދަތުރު ނިންމާފައި އައީ ކަންނެލި ބާނައިގެން ކަމަށާއި މަހުން ލަފާ ގެއަށް ދާ ގަޑި ޖެހުމުން ދެ ވަނަ ދުވަހުވެސް މަހަށް ދާން އައުމަށް އެ މީހާ އަށް އަނބުލެކެޔޮޅު ދައުވަތު ދިން ކަމަށްވެއެވެ.

މިހެން މި މީހާ ގޮވައިގެން މަހަށް ދާތާ ތިން ވަނަ އަށް ވީ ދުވަހު މި މީހާއަކީ ކާކު ކަމާއި، މީނާ ދަނީ ކޮންތާކަށްތޯ ބަލަން އަނބުލެކެޔޮޅު ބޭނުންވެއްޖެއެވެ. އެ ހިސާބުން އޭނާ އާއެކު މަހަށް ދާ މި އެކުވެރިޔާގެ ފަސްބަލަމުން، އޭނާގެ ފައިވަޅު ބަލަމުން އަނބުލެކެޔޮޅު ދިޔަކަމަށް ވެއެވެ. އަނބުލެ ކެޔޮޅުގެ މި އެކުވެރިޔާ ހިނގާފައި ދިޔަ ކަމަށް ވަނީ ފުވައްމަލު އަތިރި މަތިން ދުރު ހިސާބަކަށެވެ. އަދި ވަކި ހިސާބަކަށް ދިއުމަށް ފަހު ރަށުތެރެއަށް ވަދެގެން ދިޔަ ކަމަށާއި އެ ހިސާބަށް ދެވުމުން އަނބުލެކެޔޮޅަށް ފެނުނީ އަޖައިބު ކުރުވާ ފަދަ މަންޒެކެވެ.

އޭނާގެ އެކުވެރި ކަލޭގެ ގޮސް ނިކުތްކަމަށް ވަނީ ބޮޑު ވެވެއް އޮތް ސަރަހައްދަކަށެވެ. އަދި އެ ސަރަހައްދަކީ ފިސާރި ރަނގަޅަށް ގޮވާންކޮށް އިންދާފައި ހުރި ދަނޑުބިންތައް ހުރި، ތަނަވަސް ހިސާބެއް ކަމަށް ވެސްވެއެވެ. މި ފްލޯކް ކިޔާދޭ ގިނަ މީހުން ބުނާގޮތުން އެ ސަރަހައްދުގައި ގިނަ އަދަކަށް އިންދާފައި ހުރީ ދޮންކެޔޮ ގަސްތަކެވެ.

ފުވައްމުލަކު ވަށޮ ވެޔޮ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ބުނެވޭ ގޮތުގައި މި ރަށުގެ ދެ ފަރާތުގައި މީހުން ދިރިއުޅޭކަން ހޭހަންވީ އަނބުލެކެޔޮޅު އޭނާ އަށް ފެނުނު މަންޒަރުތަކުގެ ވާހަކަ އެހެން މީހުންނަށް ކިޔާދީީީގެންނެވެ. އަދި އަނބުލެ ކެޔޮޅަށް ފެނުނު ކަމަށް ބުނާ ވެވަކީ މި ރަށުގެ މަޝްހޫރު ވަށަވެވެވެ. ފުވައްމުލަކު އެއާޕޯޓު ސަރަހައްދު މަގު ކައިރީގައި މިހާރުވެސް ފެންނަން ހުރި މި ވެޔޮ ހުރި ސަރަހައްދަކީ ކުރިން ދަނޑުވެރިން ރަސްކަން ކުރި ހިސާބެއްކަން އެއީ މި ރަށުގެ އިސް ރަށްވެހިން އިއްތިފާގުވާ ކަމެކެވެ.

މިއީ މި ރަށުގެ ދެކޮޅުގައި މީހުން ދިރިއުޅުނުކަން އެނގުނު ގޮތާއި މެދު ކިޔާ އުޅޭ ފުލޯކު ވާހަކައެކެވެ. އެކި މީހުން މި ވާހަކަ ކިޔާދޭ ގޮތް ތަފާތު ވި ނަމަވެސް އެންމެ ގިނަ މީހުން އިއްތިފާގުވާ ގޮތަކީ މިއީއެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެޔޮޅު

    އެއްފަހަރު ބުނާނެ ރަށުގެ ދެކޮޅު ކަމަށް، އަނެއް ފަހަރު ދެ ފަރާތް ކަމަށް. މިހާރު އޮޅުން ބޮޅުން ވެއްޖެ.