(ފުވައްމުލައް ސިޓީ) ޒަމާނުއްސުރެ ޏ. ފުވައްމުލަކުގައި ތައްޔާރު ކުރާ ފޮނި ކާއެއްޗެހީގެ ތެރެއިން ނާރުއްފަލުދާއަކީ މީރު އަދި އޭގެ ބޮޑު ޑިމާންޑެއް އޮންނަ އެކައްޗެވެ. ފުވައްމުލަކަކީ ބަނބުކެޔޮ އަދި އޮޅުއަލައިން މުއްސަނދި ވެފައިވާ ރަށަކަށްވާ އިރު އެންމެ އިހުގައި ބަނބުކެޔޮ ލިބުނު ގޮތަށް މިހާރު ރަށުން ބަނބުކެޔޮ ނުލިބުނު ކަމުގައި ވިޔަސް ގިނަ ދުވަހަށް ރައްކާކޮށްގެން ވެސް ބަނބުކެޔޮ އެކި ކަންކަމުގައި ފުވައްމުލަކު މީހުން ބޭނުން ކުރާ ކަމަށްވެއެވެ.

ފުވައްމުލަކުގައި ނާރުއްފަލުދާ ހަދާ އެކަކަކީ މަރިޔަމް އާދިލާ 63، އެވެ. ނާރުއްފަލުދާ ތައްޔާރު ކުރާތާ ގާތްގަނޑަކަށް 15 އަހަރު ވެފައިވާ ކަމަށް މަރިޔަމް ބުނެފައިވާ އިރު އޭނާ ބުނީ މި މަސައްކަތް ކުރަން ދަސްކުރީ ކުޑައިރު މާމަ ކައިރިން ކަމަށެވެ. އަދި މަރިޔަމް އާދިލާގެ މަންމަ އާއި މާމަވެސް މި މަސައްކަތް ކުރާ އިރު ދަރީންނަށް ވެސް މި މަސައްކަތް ކުރަން ދަސްކޮށްދީފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

"މި މަސަކަތް ދަސްކުރީ ކުޑައިރު މާމަގެއަށް ގޮސް އުޅުނު އިރު މާމަމެން މިކަން ކުރާ އިރު ކައިރީގައި ހުރެގެން. އޭރު މިމައްސަކަތަކީ ވިޔަފާއިއެއްގެ ގޮތުގައި ކޮށް އުޅުނު މަސައްކަތެއް،" މަރިޔަމް ކިޔައި ދިނެވެ.

ނާރުއްފަލުދާ ތައްޔާރު ކުރާ ގޮތް

ތައްޔާރު ކުރަން ބޭނުންވާ ތަކެތި:

ބަނބުކެޔޮ

އަލަ (ބޭނުން ނަމަ)

ދިވެހި ހަކުރު

ކިރާ ހަކުރު

މާފެން

ނާރުއްފަލުދާ ތައްޔާރުކުރާ ގޮތް:

އުނދުންމަތީގައި އުދާފައި ހުރި ތެއްޔަށް ފުރަތަމަ އަޅަނީ ދެ ވައްތަރުގެ ހަކުރެވެ. ދެ ވައްތަރުގެ ހަކުރުވެސް އަޅާނީ އެއްވަރަކަށެވެ. އަދި ދެބައި ވެސް އެއްވުމުން އޭގެ ތެރެއަށް ފުނޑާފައި ހުންނަ ބަނބުކެޔޮ ނުވަތަ ފުނޑާފައި ހުންނަ އަލަ އަޅައި އެއްކޮށްލާނީއެވެ. މި ބާވަތްތައް މަޑު ގިނީގައި ބަހައްޓައިގެން ހަރުވަންދެން ކައްކަނީއެވެ.

މަރިޔަމް ބުނާ ގޮތުގައި އޭނާ އާންމުކޮށް ނާރުއްފަލުދާ ހަދައި އުޅެނީ ބަނބުކޭލުންނެވެ. ނަމަވެސް ބަނބުކެޔޮ ލިބުން ދަތި ނަމަ ލިބުނު ވަރަކުން ބަނބުކޭލުގެ ތެރެއަށް އަލަ އަޅައިގެން ވެސް ނާރުއްފަލުދާ ހަދާ ކަމަށް އޭނާ ބުންޏެވެ. އަދި ރަހަ ތަފާތު ކަމަށާއި މިގޮތަށް ދެ ބާވަތް އެއްވަރަކަށް އަޅައިގެން ނާރުއްފަލުދާ ހެދުމުން ވެސް މީރުކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ހަދާ ނާރުއްފަލުދާ ގަންނަ ފަރާތްތަކުން މި ދެ ގޮތަށް ހަދާފައި ހުންނަ ނާރުއްފަލުދާވެސް ގަންނަ ކަމަށް އޭނާ ބުންޏެވެ.

ނާރުއްފަލުދާ ތައްޔާރުކުރުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ބަނބުކެޔޮ ލިބުން ދަތިވާތީ ބަނބުކެޔޮ ލިބޭ ދުވަސްވަރު އެ އެއްޗެހި ހުންނަނީ ފިނިކުރާ އަލަމާރިއަށް ލާފައި ރައްކާކޮށްފައި. މި މަސައްކަތް ކުރާތީ ބަނބުކެޔޮ ރައްކާކުރަން ވަކި ހާއްސަ ފުރިޖެއްވެސް ހުރޭ. ގާތްގަނޑަކަށް ހަތަރު ވަރަކަށް މަސްވަންދެން މިގޮތަށް ފުރިޖުގައި ބަނބުކެޔޮ ރައްކާކޮށްފައި ބެހެއްޓޭ." މަރިޔަމް ކިޔައިދިނެވެ.

ބަނބުކެޔޮ ރައްކާކޮށްގެން އެއްވެސް މައްސަލައެއް ނުޖެހޭ ކަން ފާހަގަ ކުރަމުން މަރިޔަމް އާދިލާ ބުނީ ނާރުއްފަލުދާ ތައްޔާރު ކުރުމަށް ބޭނުންކުރާ އަލަ ލިބުން އުނދަގޫ ނޫން ކަމަށެވެ. އެ ގޭގައި އަލަ އޮޅަކާއި ބަނބުކެޔޮ ގަހެއްވެސް ހުންނަކަމަށް އޭނާ ބުންޏެވެ. ބަނބުކޭލަކީ މޫސުމީ އެއްޗަކަށް ވުމުން ބަނބުކެޔޮ ލިބުމުގެ ދަތިކަން ހުންނަކަމަށް އޭނާ ބުންޏެވެ.

ނާރުއްފަލުދާ ތައްޔާރުކުރުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މަރިޔަމް ބުނީ މިހާރު ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ދިވެހި ހަކުރު ގަންނަން ބައެއް ފަހަރު ދަތިވުމެވެ.

ނާރުއްފަލުދާ ތައްޔާރުކުރުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ނާރުއްފަލުދާ ތައްޔާރުކުރަން ބޭނުންކުރަނީ ދިވެހި ހަކުރާއި ދޯބުރާލީ ހަކުރު، ބަނބުކޭލާއި އަލައިގެ އިތުރުން ބައެއް ފަހަރު މާފެންވެސް ބޭނުން ކުރަން. ނާރުއްފަލުދާ ވަށާފައި ހިކުމުން ހުވަނދުމާ ފެންވެސް ބޭރުގައި ލަން." މަރިޔަމް ކިޔައިދިނެވެ.

މަރިޔަމް ނާރުއްފަލުދާ ތައްޔާރު ކުރާއިރު، ޒަމާނުއްސުރެ ވެސް ބޭނުން ކުރަނީ ދަރު އުނދުނެވެ.

ނާރުއްފަލުދާ ތައްޔާރުކުރުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް
ނާރުއްފަލުދާ ތައްޔާރުކުރުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މަރިޔަމް ބުނީ ނާރުއްފަލުދާ އަށް ވަރަށް ބޮޑު ޑިމާންޑެއް އޮންނަ ކަމަށާއި މާލެ އިންވެސް އޯޑަރު އަންނަ ކަމަށެވެ. އަދި އާމްދަނީ ހޯދުމަށް ވެސް މި މަސައްކަތަކީ ކުރަން ރަނގަޅު މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ. ޑިމާންޑު އޮންނަ ވަރުން ގިނަ ފަހަރަށް ހަދާ ތަކެތި ހުސްވެ ގިނަ ފަހަރަށް އޯޑަރަށް ނުހެދޭ ކަންވެސް އޭނާ ފާހަގަ ކުރި އެވެ.

ނާރުއްފަލުދާ ތައްޔާރުކުރުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ނާރުއްފަލުދާ ހަދަން ވަރަށް ގިނަ މީހުންނަށް ދަސްކޮށްދީފައިވާ ކަމަށް މަރިޔަމް ބުނާއިރު އޭނާ ބުނީ ގިނަ މީހުންނަށް މި މަސައްކަތަކީ ކުރަން އުނދަގޫ މަސައްކަތަކަށް ވުމުން މި މަސައްކަތް ދަސްކޮށްދިނަސް ނުކުރާ ކަމަށެވެ. އަދި ބަނބުކޭލަކީ މޫސުމީ އެއްޗަކަށް ވުމުންނާއި އިހުގައި އަލަ ލިބޭގޮތަށް މިހާރު އަލަވެސް ނުލިބޭތީ ގިނަ މީހުން މި މަސައްކަތް ނުކުރަނީ ކަމަށް އޭނާ ބުންޏެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ދޮށީ ބޭބެ

  "ނާރޯއްފަލުދަ" ހަދަން "ދެ ހަކުރު" ބޭނުން ކުރަން ފަށާފައިވަނީ މިފަހަކަށް އައިސްގެން! أصل ގޮގުގައި ބޭނުން ކޮށްފައި ވަނީ ރުކު ރަލުން އުފައްދާ ތުނިކޮށް ހުންނަ ފައްޏާއި ކަރުހަކުރާއި ދެމެދުން ހުންނަ އޮލަ-ދިޔާހަކުރު އެކައްޏެވެ.والسلام! އަޅުގަނޑުގެ عمر 85 އަޅުގަނޑުގެ މައްމައަކީ އަޅުގަނޑު ކުޑަ އިރު ބައްޕަމެން އޮޅުދޫކަރައަށް ގެންދަން ގިނަ ޢަދަދަކަށް ނ،ާރޯއްފަލުދަ އުފެއްދި ކަނބަލެއް (رحمه الله عليك)ވީމާ تجربة ގެ އަލީގައި ދެންނެވީ! والسلام!

  6
  1
 2. އަލި ދީދީ

  ހައުދަހައި މީރެއްތެކެއި. ކެޔަ ބައިކެންނަޓަ އެގެންނެ!!!

 3. ތުނިޔަ

  ނާރޮވަށްފަލުދަ
  ފުވައްމުލަކުމީހުން ކިޔަނީ.

 4. މާމިގިލީ މީހާ

  މާމިގިލީ މީހުން ތިޔައް ކިޔާއުޅެނީ ނާރުއޮށުފަލިދަ

  2
  1
 5. ރާއްޖެ

  ވަރަށް މީރު ދިވެހި ފޮނިކާއެއްޗެއް.

 6. ތަރިކަ

  އަހުރެމެން "ނާރުއްފަލުދަ" އަށް ކިޔާއުޅޭ ނަމަކީ "ލަޑޯ" ހުވަދޫ އަތޮޅު ދާންދޫ މީހުންކިޔާނަން ހުވަދޫ އަތޮޅު އެހެން ރަށްތަކުގެ މީހުން ކިޔާއުޅޭނަމެއް ނޭގޭ އަހަރެމެން ކުޑައިރު ދާންދޫ އަންހެންވެރިން ތިކަވިމަސައްކަތުން ތައްޔާރުކުރާ ފޮނިމީރުކެއުންހަދާ ޚާއްޞަ ކޮށް ބަނބުކެޔޮ މޫސުމު އޭރު ދިވެހި ދިޔާހަކުރުލިބޭ ހަކުރު އަޑުބާއެއް މަސްރާތަލަކަށް "ރާތަލަކީ 450 ގުރާމް އެއީ 2.2 ރާތަލަކީ 1 ކިލޯގުރާމް" އޭރު ދިވެހިނޫޓް ނުހުރޭ އާއްމުކޮށް ލިބެން މުލަކު ދޯނިފަހަރު ދެކުނުވައި ޖެހޭއިރު ހުވަދުއަށް އަންނާނެ ގެންނަމުދާ ބަދަލުކުރަނީ މަހާ، ރިހާކުރަށް އެހިފައިގެން ދާނީ ސިރީލަންކާއަށް

 7. ނަޖްވާ

  ބަލަ މި ގަންނަން ލިބޭނެ ގޮތެއް ލިޔެލިނަމަހީ ކިހާ އަޅެ ފުރިހަމަވީސް!