(ފުވައްމުލައް ސިޓީ) ދުނިޔޭގައި ކުރިއަށް ދިޔަ ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޏ. ފުވައްމުލަކުގައި އުޅުނު މީހުން ބަނޑުހައިހޫނު ކަން ފިލުވީ އޮޅު އަލައިންނެވެ. ފުވައްމުލަކުގައި އަލަ އޮޅެއް ނެތް ގެއެއް މަދު ވާނެއެވެ. ރާއްޖޭގެ ރަށްތަކުގެ ތެރެއިން "އަލައިގެ ރަސްކަން" ކުރަމުން އަންނަ ރަށަކީ ވެސް ފުވައްމުލަކެވެ. ފުވައްމުލަކުގައި އަލަ ބޭނުންކޮށްގެން އެތައް ބާވަތެއްގެ ކެއުންތައް ހަދައި އުޅެއެވެ. އަލަ ތެލުލައިގެންނާއި ފެނު ކައްކައިގެން ވެސް ބޭނުން ކުރެއެވެ.
އަލައިން އެކި ކެއުންތައް ތައްޔާރު ކުރާތާ ވިހި އަހަރުވެފައިވާ މަރިޔަމް އާދިލާ 63، އަކީ ރަށުގައި ފާހަގަކޮށްލެވޭ ހީވާގި އަންހެނެކެވެ.
މަރިޔަމް އަލައިން ތައްޔާރުކުރާ ބައެއް ތަކެތީގެ ތެރޭގައި ތެލުލި އަލަ، އަލަ ޕިރިނީ، އަލައިން ނާރުއްފަލުދާ، އަލަ މެޓާ، ހިމެނެއެވެ. މަރިޔަމް ބުނީ އޭނާގެ ކުދީންވެސް މިހާރު އެ މަސައްކަތް ދަސްކޮށްގެން ކުރާ ކަމަށެވެ. އެކަން އޭނާ އަށް ދަސްވީ މައިންބަފައިންގެ ކައިރިން ކަމަށް އޭނާ ބުނެފައިވެއެވެ.
މީގެ 10 އަހަރު ކުރީއްސުރެ މަރިޔަމް އާދިލާ ބޭނުންކުރަމުން އަންނަނީ އަލަ ކޮށަން ކުޑަ މެޝިނެކެވެ. ފޮއްޓެއް ބައްޓަމަށް ހުންނަ އެއްޗެއް މަތީގައި ހުންނަ ތޫނު ތިލައަކުން ފަސޭހަ އިން އަލަތައް ކޮށާލެވޭ އިރު މަރިޔަމް ބުނީ މި މަސައްކަތް ކުރަން ފެށި އިރު ބޭނުން ކުރީ ވަޅިއެއް ކަމަށެވެ. އޭރު އެތައް އިރެއް އަލަ ކޮށުމުގައި ހޭދަވާކަމަށް އޭނާ ބުންޏެވެ. އަދި މިހާރު އަލަކޮށަން ވަރަށް ފަސޭހަ ކަމަށްވެސް އޭނާ ބުންޏެވެ.
"އަލައިގެ ވަރަށް ގިނަ ވައްތަރު ހުރޭ. އާންމުކޮށް ތެތުލަން ބޭނުންކުރަނީ ވިލާތު އަލަ. މިއީ އެންމެ އިހުއްސުރެ ބޭނުންކުރަކުމުން އައި އަލަ. މިހާރަކަށް އައިސް ރާއްޖެއަށް ބޭރުން ވެސް އަލަ ގެނޭ. އޭގެ ތެރެއިން ބައެއް އަލަތަކުން އަނގަ ކަހާ ކަމަށް ވެސް ބުނެ އުޅޭ. ގާތްގަނޑަކަށް އަށް ވައްތަރެއްގެ އަލަ މިހާރު ހުރޭ. އޭގެ ތެރޭގައި ފުރައްދެ އަލަ، ކިރި އަލަ، ރަތް އަލަ ވެސް ހުރޭ." މަރިޔަމް ބުންޏެވެ.
ގޭގައި އޮންނަ އަލަ އޮޅުން އަލަ ކަނޑައިގެން މަރިޔަމް އަލަ ކިލޯއެއް 40ރ. އަށް ވިއްކައެވެ. އާމްދަނީ ހޯދުމަށް އޭނާ ކުރާ މަސައްކަތަކީ ވެސް އަލަ ވިއްކުމެވެ.
މަރިޔަމް ބުނި ގޮތުގައި އަލަ ތެލުލާއިރު ދެ ވައްތަރަކަށް އަލަ ތެލުލައެވެ. އެގޮތުން އެއް ވައްތަރަކީ ފޮނިކޮށް ތެލުލުމާއި ހަކުރު ނުލާ ތެލުލުމެވެ.
"އެބަޔަކު ބޭނުން ގޮތަކަށް އަލަ ތެލުލައިދެން. ހަކުރު ލާފައި ހުންނަ އަލަ ތެލުލަނީ ބޯކޮށް ހަކުރު ތައްޓަކަށް ގިރާފައި އަލަ ތެލުލަން ކެކިކެކި ހުރި ތެޔޮގަނޑުގެ ތެރެއަށް އެޅުމަށްފަހު ސަމްސަލެއްގެ ހަކުރު ތެލީގެ ތެރެއަށް އަޅައިގެން." މަރިޔަމް ބުންޏެވެ.
ޢާމްދަނީ ހޯދުމަށް މި މަސައްކަތަކީ ރަނގަޅު މަސައްކަތެއް ކަމަށް މަރިޔަމް ބުންޏެވެ. އެގޮތުން އޭނާ އަލަ ޑަބިޔަލެއް 700ރ. އަށް ވިއްކާ އިރު ތެލުލި އަލައަށް ރަށުންނާއި ރަށުން ބޭރުން ވެސް ޑިމާންޑް ބޮޑު ކަމަށް އޭނާ ބުންޏެވެ.
"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.
ފުވައްމުލަކު އަލައިގެ އަޖުމަ ނުބެލޭނެއެއްނު؟ ތިޔައި އަދިހަމައަލަށް ފުވައްމުލަކުގައި އުފެދުނުއަލަވިއްޔާ؟ އެންމެފުރަތަމަ ފުވައްމުލަކުއަލަ ރަހަބަލަންވެސް ތިލިބުނީ ޝާން މުޙައްމަދަށް.
ނޫން ނޫން ފުވައްމުލަކު އަލަބުރިއެއް އަދި ނުލިބޭ އަޖުމަ ބަލާލާކަށް