(ފުވައްމުލައް ސިޓީ) ފުވައްމުލަކަކީ އެކި ގޮތް ގޮތުން ފާހަގަކޮށްލެވޭ ރާއްޖެއަށް މަގުބޫލު އެއް ރަށެެވެ. މި ރަށުގެ ގުދުރަތީ ރީތިކަމާއި އެހެނިހެން ވާހަކަތަކުގެ ތެރެއިން އެންމެ ފާހަގަކުރެވުނު އެއް ކަމަކީ މިއީ އެކި ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރު ކުރާ ރަށެއް ކަމެވެ.

ފުވައްމުލަކަކީ ޒަމާނުއްސުރެ އެކި ބާވަތްތަކުގެ ހެދިކާ ވެސް ތައްޔާރު ކުރަމުން އަންނަ ރަށެކެވެ. އެގޮތުން މިރަށަށް ހާއްސަ ނާރުއްފަލުދަ އާއި، ފުވައްމުލަކު ބޮނޑި އަދި އަލަ ފަތަފޮޅިއަކީ ފާހަގަކޮށްލެެވުނު ބާވަތްތަކެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކުރެވުނު އެއް ބާވަތުގެ ހެދިކާ އަކީ ފުވައްމުލަކު މީހުން ކިޔާ ގޮތުން ނަމަ "އަލަ ދަގަނޑު ފަތަފޮޅި" އެވެ.

ފުވައްމުލަކު އަލަ ފަތަފޮޅި ތައްޔާރު ކުރުން؛- ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

އަލަ ދަގަނޑު ފަތަފޮޅީގެ ނަމުންވެސް މި ހެދިކާގެ ތަފާތުކަން ފެނިގެން ދެއެވެ. އާންމުކޮށް ދިވެހިންގެ ތެރޭގައި ކައި އުޅެނީ ހަނޑުލު ފަތަފޮޅި އަދި އާދައިގެ ފުށުން ހަދާފައިި ހުންނަ ފަތަފޮޅިއެވެ. އަލަ ދަގަނޑު ފަތަފޮޅީގެ ނަން މިބާވަތުގެ ހެދިކާއަށް ދީފައި އޮންނަނީ އޭގެ ހަރުކަމުންނެވެ. ނަމަވެސް ޒަމާނަށް އަންނަ ބަދަލާއެކު މިހާރު ފުވައްމުލަކު މިީހުން އަލަ ދަގަނޑު ފަތަފޮޅިއަށް ކިޔަމުން އަންނަ ނަން ބަދަލުކޮށްް އަލަ ޑިސްކު، އަލަ ފަތަފޮޅި، އަދި އަލަ ކުޅި ރޮށި ފަދަ ޒަމާނީ ނަންތައް ވަނީ ދޭން ފަށައިފައެވެ. ކާބަފައިންގެ ޒަމާނުގައި މިބާވަތުގެ ހެދިިކާއަށް ކިޔަމުން އައީ އަލަ ދަގަނޑު ފަތަފޮޅިއެެވެ.

އަލަ ދަގަނޑު ފަތަފޮޅިއަކީ ރާއްޖޭގެެ އެހެން ރަށްރަށުގައި ތައްޔާރު ކުރާ އެއްޗެއް ނޫނެެވެެ. މިއީ ދިވެހިންގެ ތެރޭގައި އެންމެެ އާންމުކޮށް ތައްޔާރުކުރަމުން އަންނަ ކުޅި ކާޖާ އާއި ދާދި އެއްގޮތަކަށް ތައްޔާރުކުރާ އެއްޗެކެވެ. ނަމަވެސް ކުޅި ކާޖާ އަށްވުރެ މި ބާވާތް ތައްޔާރު ކުރަން އުނދަގުލެވެ.

ފުވައްމުލަކު އަލަ ދަގަނޑު ފަތަފޮޅި - ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

އަލަ ދަގަނޑު ފަތަފޮޅި ތައްޔާރުކޮށް މީގެ ވިޔަފާރިވެސް ފުޅާ ދާއިރާއެއްގައި ފުވައްމުލަކުގައި ހިންގަމުން އަންނަ އުމުރުން 57 އަހަރުގެ ނަފީސާ މުހައްމަދު "ވަގުތު" އަށް ބުނީ މި ހެެދިކާ ތައްކާރުކުރުމަށް ބޭނުންކުރާ މައިގަނޑު ބާވަތް ކަމަށްވާ އަލަ ހޯދުމަށް މިހާރު ދަތިތަކެއް ދިމާވާ ކަމަށެވެ.

ނަފީސާ މި މަސައްކަތް ކުރަމުން އަންނަނީ އަމިއްލަ އަލަ އޮޅެއްވެސް ހައްދައިގެންނެވެ. އެތަނުން އަލަ ހޯދަން ދަތި ދުވަސްވަރުތަކުގައި އަލަ ގަންނަން ޖެހޭ ކަމަށް އޭނާ ބުންޏެވެެ.

"ދެެން އާދޭ ބައެެއް ފަހަރު އަލަ ހޯދަން ދަތި ދުވަސްވަރުތައް ވެސް. އަމިއްލަ އޮޅުން ނުލިބެންޏާ ގަންނަން މި ޖެހެނީ އަލަ މިކަން ކުރުމަށް ބޭޭނުންވާ" ނަފީސާ ބުންޏެވެ.

ފުވައްމުލަކު އަލަ ފަތަފޮޅި ތައްޔާރު ކުރުން؛- ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

އޭނާ މި މަސައްކަތް ކުރަމުން އަންނަތާ ވަނީ 18 އަހަރަށްވުރެ ގިނަ ދުވަސް ވެފައެވެ. އޭނާ މި މަސައްކަތް ފަށާފައި ވަނީ ބޭބެއްގެ ގޭގެ މީހުން މިކަން ކުރާތަން ފެނިގެން ކަމަށް ނަފީސާ ބުންޏެެވެެ. އޭނާ ބުނި ގޮތުގައި މި މަސައްކަތް ކުރަމުން އަންނަނީ އެކަންޏެެވެ. ގާތްގަނޑަކަށް އަށް ގަޑިއިރު ހޭދަވާ މި ބުރަ މަސައްކަތަށް ބައެއް ފަހަރު ފިރިމީހާގެ އެެހީތެރިކަން ލިބޭ ކަމަށް އޭނާ ބުންޏެވެ.

ނަފީސާ ބުނި ގޮތުގައި އަލަ ފަތަފޮޅިއަށް މީހުންގެ މަގުބޫލުކަން ވަރަށް ބޮޑެވެ. އެގޮތުން އޭނާ ތައްޔާރުކުރާ އަލަ ފަތަފޮޅި ވަރަށް ގިނަ މީހުން ގަންނަ ކަމަށާއި، މިއީ މަސައްކަތް ބުރަ ނަމަވެސް ހެެޔޮވަރުގެ އާމްދަނީއެއް ލިބޭ މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރިއެވެެ.

އަލަ ދަގަނޑު ފަތަފޮޅި ތައއްޔާރުކުރުމުގެެ ތެރެއިން ނަފީސާ "ވަގުތު" އަށް މައުލޫމާތު ދެއްވަނީ؛- ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

"މި މަސައްކަތަކީ ވަރަށް ގިނަ އިރު ހޭދަވާ ބުރަ މަސައްކަތެއް. އެކަމަކު މިކަމަށް އެކަށީގެންވާ ވަރުގެ ރަނގަޅު އާމްދަނީއެއްވެސް ލިބޭ. މީހުންގެ ޑިމާންޑް ވަރަށް ބޮޑު އަސްލު އަލަ ފަތަފޮޅިއަށް. މިހެން ގުޅާލާފަވެެސް ބުނާނެ ދައްތަ މި ތައްޔާރުކުރާ އެއްޗިހި މީރު ވާހަކަ" ނަފީސާ ބުންޏެވެެ.

އަލަ ދަގަނޑު ފަތަފޮޅި ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

  • އަލަ
  • ހުނި
  • ހިމުންކޮށްފައި ހުންނަ ވަޅޯމަސް
  • ފިޔާ (ހިމުންކޮށްފައި)
  • ރީނދޫ
  • އިނގުރު (ހިމުންކޮށްފައި)
  • ލޮނުމެދު (ހިމުންކޮށްފައި)
  • ބިލަމަގު / ލުނބޯ (ހިމުންކޮށްފައި)
  • ލޮނު
  • އަޖިނަމުޓޯ
  • މިރުސް (ހިމުންކޮށްފައި)
  • ހިކަނދިފަތް (ހިމުންކޮށްފައި)
  • ފުށް
  • ރިހާކުރު

ތައްޔާރު ކުރާނެ ގޮތް:

އަލަ ދަގަނޑު ފަތަފޮޅި ތައްޔާރުކުރުމަށް ފުރަތަމަ ޖެހޭނީ އަލަށް ސާފުކުރުމަށްފަހު ކޮށާށެވެ. އެއަށް ފަހު މިކްސްޗަރުން ހިމުންކޮށް އަލަ މުގުރުމަށް ފިޔާ، މިރުސް، ލުނބޯ ނުވަތަ ބިލަމަގު، އިނގުރު، ލޮނުމެދު އަދި ހިކަނދިފަތުގެ އިތުރުން ރީނދުލާއި ލޮނާއި އަޖިނަމޮޓޯ އެއްކޮށްފައި ޕޭސްޓު ތައްޔާރުކުރާނީ އެވެެ. ހިމުންކުރި ބާވަތްތައް އަދި މަހާއި ހުނި އެއްކުރުމަށް ފަހު ދެން މުގުރާފައި ހުރި އަލަގަނޑުގެ ތެރެއަށް އަޅާފައި އެއްކޮށްްލުމަށް ފަހު ރިހާކުރު އެޅުމަށްފަހު އެންމެ ފަހުންް އޭގެެ ތެރެއަށް ކޮންމެވެސް ވަރަކަށް ފުށް އަޅާނީއެވެ. ދެން ކުޅި ބޯކިބާ ފިހާ ގޮތަށް މި ފުއްގަނޑު ފެން ހިކެންދެން ފިހުމަށް ފަހު އުނދުން މަތިން ބާލައި، ފުއްގަނޑު މޮޑެލާނީއެވެ. އެެންމެެ ފަހުން ވަށްކޮށް ދަމައި، އުނދުން މަތީގައި ތަވައެއް ބަހައްޓައިގެެން މުރަނަވާ ވަރަށް ފިހާނީއެެވެ.

ފުވައްމުލަކު އަލަ ފަތަފޮޅި ތައްޔާރު ކުރުން؛- ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

ނަފީސާ އަލަ ފަތަފޮޅި ތައްޔާރުކުރުމަށް ފުއްގަނޑު ރޮއްޓެއް ހެން ދެެމުމަށް ހާއްސަ އެއްޗެއް ބޭނުންކުރެއެވެ. ރޮށި ދެމުމަށް ފަހު ހުރިހާ ރޮއްޓެއް އެއް ވަރަށް ބެހެއްޓުމަށް ފުޅިއެއްގެ މަތި ބޭނުންކޮށްގެެން ރޮށިތަކުގެ ކައިރި އޭނާ ކަފާލައެވެެ. އޭނާ އަލަ ފަތަފޮޅި ވިއްކަމުން އަންނަ އަގަށް ބަލާއިރު، ވަކިން އެއްޗެެއް ގަންނަ ނަަމަ ދެނީ ދެ ރުފިޔާއަށް އެެއްޗެއްގެ ރޭޭޓުންނެެވެެ. ދަޅުގައި ވިއްކާ ނަމަ އެެކި ސައއިޒުތަކުގެ ދަޅު ވިއްކަނީ އެެގި އަގުތަކުގައިކަން ފާހަގަކޮށް ނަފީސާ ބުނީ، އެންމެ ބޮޑު ދަޅެެއް ވިއްކަނީ 350 ރުފިޔާއަށް ކަމަށެވެެ. އަދި 900 ގްރާމް 115 ރުފިޔާ އަށް ވިއްކާ އިރު، 1800ގްރާމް ވިއްކަނީ 230 ރުފިޔާއަށެވެ. މީގެއިތުރުން ކަސްޓަމަރުން ބޭނުންވާ ވަރަކަށް ޕެެކެެޓުކޮށްފައިވެސް ވެސް ނަފީސާ ވިއްކައެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    🤮 ޗީޑި **ފޮޅި އަކީ ހުތުރުހަޑި ބަހެއް

    6
    32
    • ފުތު

      😂ދެން ކޮންއެއްޗެއް ކިޔަންވީ

      17
  2. ހުސޭނުބޭ

    ހުތުރުބަހެއް ނޫން! އަހަރެންނަށް މާ ހުތުރު ޢާއިލާ މީހުން ފިލްމެއް ބަލަންއިންދާ ކޮންޑަމް އިސްތިހާރެއް އަންނަން ފެށީމާ!

    36
    1
  3. އާދަނޫ

    ތި ކާން ދަގަނދު ދަތްޕިލައެއް ބޭނުމެއް ނުވާނެތަ އަނެއްނާ

    3
    5
  4. އާދަނޫ

    ތި ކާން ދަގަނދު ދަތްޕިލައެއް ބޭނުމެއް ނުވާނެތަ އަނެއްނާ.

    3
    5
  5. މޮލ

    މިކޮންތަކު އަލާ އަޖުނަމުޓޯއެއް ތަ

    3
    1
  6. ދދދދ

    ފުވައްމުލަކު ފަތަފޮޅިވަރެއް ނެތް

    10
  7. Anonymous

    ވ. ކާ ހިތް ވެއްޖެ އަލަ ފަތަފޮޅިއެއް ނެތްތަ ފޮނުވާނެ މީހަކު

  8. ލ

    ވ. ކާ ހިތް ވެއްޖެ އަލަ ފަތަފޮޅިއެއް ނެތްތަ ފޮނުވާނެ މީހަކު

  9. ދެޔޯ

    ފުވައްމުލަކު ފަތަފޮޅި ހަމަ އެހާ ހަރުތަ؟