(ޏ. ފުވައްމުލައް ސިޓީ) ޅެންވެރިޔާ ފާރޫގު އަހުމަދުގެ "ފުވައްމުލައް" މި ޅެމުން ފެންނަން ހުރީ މި ރަށުގެ ޚާއްސަ ކަމާއި އާރޯކަމެވެ. ފުވައްމުލަކުގެ ދިރުމާއި ރިވެތިކަމުގެ ވާހަކައެވެ. ބޯދާ ތާރީޚުގެ ވާހަކަ އާއި ހުލްގު ހެޔޮ މީހުންގެ ވާހަަކައެވެ. މި ޅެމުގައި ހަވިއްތައިގެ ވާހަކަ ގެނެސްފައިވާއިރު މިއީ ފުވައްމުލަކުގެ ގަދީމީ ތާރީޚު ރަމްޒުކޮށްދޭ އެންމެ އަލިގަދަ ބިނާއެވެ. ފާރޫގުގެ މި ޅެމުގައިވާ ފަދައިން ފުވައްމުލަކުގެ ވާހަކަ ދެކެވޭ އިރު ހަވިއްތައިގެ ވާހަކަ ނުދައްކާ ދޫކޮށްލެވޭކަށް ނެތެވެ. ފާރޫގު ފަދައިން މި ސިޓީގެ ތާރީޚަށް ނަޒަރު ހިންގާ ކޮންމެ މީހެއްގެ ނަޒަރު ފުރަތަމަ ގޮސް ހުއްޓެނީ މި ހަވިއްތައާ ހަމަައަށެވެ.

ފުވައްމުލަކު ހަވިއްތަ: ގަދީމީ ތާރީޚުގެ ބަހާއެއް

ފުވައްމުލަކު ހަވިއްތަ. ----- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އިހު އެވޭލާ ޒަމާނުގައި "ވޭރެގަން" ކިޔާ އުޅުނު ހިސާބުގައި ފެންނަން ހުރި ހަވިއްތައަކީ ބުނެވޭ ގޮތުގައި ބުޑިޒަމް ޒަމާނުގެ ބިދާއެކެވެ. މިތަނަށް "ދާގަބާ"ވެސް ކިޔާ އުޅެއެވެ. ހަވިއްތަ ނުވަތަ ދާގަބާ ކިޔާ އުޅޭ ބިނާތަކަކީ ހިންދޫ ނުވަތަ ބުދު ދީނުގެ މީހުން އަޅުކަން ކުރާ ތަންތަނާއި އެއްގޮތަށް ފަރުމާކޮށް، އިމާރާތްކޮށްފައިވާ ގަދީމީ ބިނާތަކެކެވެ.

ލިޔުންތެރިޔާ މުހައްމަދު ނާޖިހު 2019 ވަނަ އަހަރު ލިޔުއްވާފައިވާ ގޮތުން ނަމަ ހަވިއްތައަކީ ރާއްޖޭގެ ތާރީޚާ ބެހޭގޮތުން ފޮތް ލިޔުއްވި އެޗް.ސީ.ޕީ. ބެލް 1922 ވަނަ އަހަރު ފުވައްމުލަކަށް ކުރެއްވި ދަތުރުގައި އެ ރަށުގެ އެންމެ ދުވަސްވީ އާސާރެއްގެ ގޮތުގައި ފާހަގަކުރައްވާފައިވާ ތަނެކެވެ. ރަށު އުތުރު ފަރާތު އަތިރިމައްޗާއި ދިމާލުގައި ހުރި މި ހަވިއްތަ އަކީ ބުދު ދީނުގެ ފައްޅިއެއް ކަމަށްވާ ދާގަބާއެއް ކަމަށް ބެލް އާއި ހަވާލާދެއްވާ ލިޔުއްވާފައިވެެއެވެ.

އެ ލިޔުމުން އެގޭ ގޮތުން ބެލް ފުވައްމުލަކަށް ޒިޔާރަތްކުރެއްވި އިރުވެސް އެތަން ހުރީ އޭރު މީހުން އުޅުނު ސަރަހައްދާ ބައިމޭލެއްހާ ދުރުގައެވެ. ބެލްގެ ލިޔުމުގައިވާ ފަދައިން ހަވިއްތައަކީ ބުދިޒިމް ޒަމާނުގެ ބިނާއެއް ކަމަށްވާ އިރު ތާރީޚު ދިރާސާކޮށް ލިޔުއްވާ ބައެއް ބޭފުޅުންގެ ލިޔުންތަކުން ހަވިއްތަ ބިނާކުރެއްވީ ބުޑިސްޓުން ނޫން ކަމަށް ބުނާ ވާހަކަތަކެއް ފެންނަން ހުރިކަން ފުވައްމުލަކު ބޮޑު ކަތީބުކުރަން ކުރައްވާފައިވާ މުހައްމަދު ވަހީދު އަހުމަދު ވިދާޅުވެއެވެ.

" ހަވިއްތައަކީ ވަރަށް ގަދީމީ، ވަރަށް ދިގު ތާރީޚެއް އޮތް ތަނެއް. ގިނަ ބޭފުޅުން ވިދާޅުވާގޮތުން އެ ތަނަކީ ބުޑިސްޓުންގެ ބިނާއެއް. ނަމަވެސް މި ރަށުގެ ވަރަށް އިލްމީ ބޭފުޅަކު ލިޔުއްވާފައިވާ ލިޔުއްވުމެއްގައި އެތަން ބިނާ ކުރީ ރެދިން ކަމަށް. ދެން ފަރުމާ އަށް ބަލާއިރުވެސް ވަރަށް ތަފާތު ތަނެއް މިއީ. ވަށްކޮށް އެންމެ ތިރިން ފެށިގެން ބޭރު އޮނިގަނޑު ގަލުން ހަދާފައި ހުރީ. ތިރީގައި ބަރުފޯ ހަދާފައި މަތިން ވަކި ފެށިގެން ހިމަވެގެން ގޮސް މައްޗަށް ތުންފަތް ވަޅުގެ ތުންފަތް ހެން މި ހުރީ." އޭނާ ވިދާޅުވިއެވެ.

-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މުހައްމަދު ވަހީދު އެ ވިދާޅުވާ ފަދައިން، މިގޮތަށް ބިނާކޮށްފައިވާ ތަންތަނަށް ދިވެހި ބަހުން ކިޔަނީ ހަވިއްތަ ކަމަށް ވީ ނަމަވެސް މިފަދަ ބިނާތަކުގެ ސިފަ އާއި ބައްޓަމަށް ބެލުމަށް ފަހު ތަފާތު ނަންނަމުން ލިޔާކަން ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ފާހަގަކުރައްވައެވެ. ފުވައްމުލަކު ހަވިއްތައިގެ ބައްޓަމަށް ބަލާއިރު އެ ތަން ހުރީ ތިރިއަށް ފަލަކޮށް މައްޗަށް ހިމަވާ ގޮތަށް ވަށް ބަައްޓަމަކަށް ވުމުން މިތަން ވައްތަރީ "ސްޓޫޕާ"އަކާއި ކަމަށް ވެސް ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ލިޔުއްވާފައިވެއެވެ.

ލިޔުންތަކުން އެނގޭ ގޮތުން ހަތަރު ހަވިއްތައެއް ފުވައްމުލަކުގެ ހަވިއްތަ ހުރި ހިސާބުގައި ހުއްޓެވެ. އޭގެ ތެރެއިން މިހާރު ފާހަގަވާން ހުރީ ދެ ތަނެކެވެ. އަދި އެތަނުގައި ކުރިން "މަސް ފޮތި" ކިޔުނު ގާގަނޑެއް ވެސް އޮންނަ ކަމަށް މި ރަށު މީހުން ބުނެއެވެ. ނަމަވެސް އެ ބުނާ މަސް ފޮތި މިހާރު ފެންނާކަށް ނެތެވެ.

ހަވިއްތަ ކޮނެ ދިރާސާކުރުން: އަޑި ނޭނގޭ އެތައް ހަގީގަތެއް އަދިވެސް އެބަހުރި

ފުވައްމުލަކު ހަވިއްތަ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

1922 ވަނަ އަހަރު ސިލޯނު ސަރުކާރާ ގުޅިގެން ރާއްޖޭގައި ހުރި މިފަދަ ބިނާތަކުގެ ދިރާސާއެއް ފެށިކަން ތާރީޚީ ލިޔުންތަކުން އެނގެން އެބައޮތެވެ. އެ މަސައްކަތުގައި އިސްކޮށް އުޅުއްވި އެޗް.ސީ.ޕީ. ބެލް 1922 ވަނަ އަހަރު ހަވިއްތައާ ބެހޭ ދިރާސާ ކުރެއްވުމަށްފަހު 1946 ވަނަ އަހަރު ސަރުކާރުން ހަވިއްތާގައި ހުރީ ކޮން އެއްޗެއްތޯ ބެއްލުވުމަށް ވަފުދެއް ފޮނުއްވި ކަމަށާއި މިވަފުދުގެ ވެރިޔަކަށް ހުންނެވީ އަލްފާޟިލު މުޙައްމަދު ނަސީރު މަނިކު ކަމަށް ތާރީޚީ ލިޔުންތަކުން ފެންނަން އެބަހުއްޓެވެ.

އެ މަސައްކަތަށް ރަށުގެ ބައެއްމީހުންގެ އެހީތެރިކަން ހޯއްދެވިކަން ލިޔުންތަކުން އެނގެން އޮތް އިރު އޭރު ހަވިއްތަ ކޮންނަން ރަށުގެ ކުދި ބޮޑު އެންމެން ނުކުތް ކަމަށް މި ރަށުގެ އިސް ރަށް ވެހިން ބުނެއެވެ. އެ ހަނދާންތައް ހުރި ރަށްވެހިން މިއަދުވެސް ފުވައްމުލަކުގައި އެބަ ތިއްބެވެ. ފުވައްމުލަކު ބޮޑު ކަތީބުކަން ކުރެއްވި މުނީރު ހުސެއިން ވިދާޅުވާ ގޮތުން ހަވިއްތަ ކޮނުނު އިރު އެ ސަރަހައްދުން ބައެއް އެއްޗެހި ވެސް ނެގިއެވެ.

" ސަރުކާރުން އެތާގެ ތަހުލީލުތަކެއް ކުރަން ކޮނުނީ. އެކަމަކު އެއްކޮށް ކޮނުނީކީ ނޫން. ވަކި ދިމާލަކުން ކޮންނަމުން ގޮސް، މެދާ ހިސާބަށް ކޮނުނީ. އޭރު އުސްމިން ހުރީ 24 ފޫޓު ކަމަށް ވަޑައިގެންނެވި ބޭފުޅުން ވިދާޅުވޭ. އޭރުވެސް މަތިން ބައެއް ގޮސްފާ ހުރި ކަމަށް ވިދާޅުވޭ. އެތަނުން ގެންދިޔަ ބުދެއްވެސް. އެތަނުން ފެނުު އެއްޗެހި މާލެ ގެންދިޔައީ." އޭނާ ވިދާޅުވިއެވެ.

ނަވާރަސަތޭކަ ސާޅީސް ހަ ވަނަ އަހަރު ކުރި މި ދިރާސާގައި ހަވިއްތަ ކޮނުމުގެ އިތުރުން ހަވިއްތައިގެ މިން ވެސް ނަގާފައިވެއެވެ. އެގޮތުން އޭރު ނެގި މިންތަކުގައި ވާގޮތުން ހަވިއްތައިގެ އޮނިގަނޑުގެ މިންތަކަކީ، ފުޅާމިން 69.8 ފޫޓް، އުސްމިނުގައި 24.8 ފޫޓް އަދި އެންމެ މަތީބައިގެ އުސްމިނުގައި 31 ފޫޓެވެ.

ފުވައްމުލަކު ހަވިއްތަ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ސަރަހައްދު ކޮނެގެން ނެގި ތަކެއްޗަކީ

  • ވެލިގަލުން ހަދާފައިވާ 4 ވައްގަޑު ލީ ފޮށްޓެއް
  • ގަލުންހަދާފައިވާ ކުރަނޑި: އޭގެ ތެރޭގައި ހުރީ މާވަހަރާއި ރަނުގެ ހައިކަލް ތަކަކާއި ރަނުގެ އެތިކޮޅުއް
  • ދެ ދުންކިބާ އާއި ނާށިއަނގުރު ތަކެއް

މިތަކެތި މާލެ ގެންދިޔަކަން އެނގެން ހުރި ނަމަވެސް ދާރުލް އާސާރުން ވެސް އެ އެއްޗެހި ފެންނާކަށް ނެތެވެ. އޭގެ ފަހުން ދޭތެރެ ދޭތެރެއިން މި ސަރަހައްދު އެކި ބޭނުމަށް ކޮނެފައިވާ އިރު، މި ސަރަހައްދުން ތަފާތު އާސާރީ ތަކެތި ފެނިފައިވާ ކަން މި ރަށުގެ ތާރީޚީ މައުލޫމާތު އެއްކުރައްވާ ލިޔުއްވެމުގެ މަސައްކަތްކުރައްވަމުންދާ މުހައްމަދު އަލީ ވަނީ ފާހަގަ ކުރައްވާފައިވެއެވެ.

" 2010 ވަނައަހަރު ހަވިއްތަތައް ހިމެނޭ ވޭރުގެ ތެރެއިން ދޫކޮށްފައިވާ ގޯއްޗެއްގެ ތެރެ ކޮނުމުގެ ތެރޭގައިވެސް ވެލިގަލުގެ ފޮއްޓެއް ފެނުނު. މިފޮށި ވަޅުލާފައިވަނީ ގަބުރެއްގެ ކައިރީ. އޭރު ފެނުނު 2850 ބޮލި (ކަވްރީ ޝެލް) އާއި، މީރުވަހެއް އެކުލެވޭ މުލުގެ އެތިކޮޅުތަކެއް، މަޑު ދަނބުކުލައިގެ ކަރުދާސްކޮޅުތަކަކާއި ބިއްލޫރިކޮޅުތަކަކާއި، ގޯލްޑްލީފް ގެ އެތިކޮޅުތަކެއްގެ އިތުރުން ދެބުދާއި ދެ ބޮލި. އެކި ބޭނުންތަކުގައި ކޮނެފައިވާ ސަރަޙައްދު ތަކުން ބޮލި ފަދަ ތަކެތި ވަނީ ފެނޭ." އޭނާ ވިދާޅުވިއެެވެ.

ހަވިއްތަ އަށް ހަގީގީ ހިމާޔަތެއް ނެތި، ފަނާވުމުގެ މަގުމަތީ

-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ބެލްގެ ލިޔުއްވުމުގައިވާ ގޮތުން ހަވިއްތަ ހުރީ ގަސްމަދު ހާމަބިމެއްގައެވެ. ނަމަވެސް މިހާރު އެ މަންޒަރު މުޅިން ތަފާތެވެ. އެ ހިސާބަކީ ގަސްތައް ހެދިފައި ހުރި އާއްމުން އާބާދުވެފައިވާ ހިސާބެކެވެ. ބިޔަ ގަސްތަކުގެ މުލުގެ ޝިކާރައަކަށް ވެ ހަވިއްތައިގެ ގާގަނޑުތައް ނެއްޓެމުން ދާއިރު މީގެ ކުރިން އުސް މިނުގައި 60 ވަރަކަށް ފޫޓު ހުރި ހަވިއްތަ މިހާރު ފެންނަނީ ގާފުންޏެއްގެ ސިފައިގައެވެ. މިހާރު ހުރި މިންވަރުގައި އެތަން ނުބެލެހެއްޓިއްޖެ ނަމަ އެތަން ފަސްފުންޏަކަށް ވާން މާގިނަ ދުވަހެއް ނުނަގާނެއެވެ.

މި ރަށު ކަތީބުކަން ކުރެއްވި މުނީރު ވަނީ ހަވިއްތަ ބެލެހެއްޓުމަށް ޒަމާނުއްސުރެ އެތައް މަޝްވަރާތަކެއް ކުރެވުނު ނަމަވެސް އެކަމަށް އަމަލީ ސިފައެއް ނާންނަކަން ފާހަގަކުރައްވާފައެވެ.

"ރަނގަޅަށް ބެލެހެއްޓިފައެއް ނެތް. އަރަން ބޭނުންވާ ބަޔަކު އަރަނީ. ގަލާ އެއްޗިއްސަށް ވެސް ލިބޭ ގެއްލުން އިތުރަށް މަރާމާތު ކުރެވެނީީކީ ނޫން. ހަގީގަތަކީ ސަރުކާރުން އަޅާ ނުލަނީ. ވަރަށް ބޮޑަށް ގެއްލުންވެފަ. ތަނުގެ އަސްލު ސިފަ އެހެރީ ގެއްލިފައި. 2003 ގައި ބަނދަރު ހުޅުވި އިރުވެސް ދެކެވުނު އެތަން މަރާމާތުކުރުމުގެ ވާހަަކަ. ނަމަވެސް އެކަން ކުރެވިފައެއް ނެތް ދެމެހެއްޓެނެވި ގޮތެއްގައި." އޭނާ ވިދާޅުވިއެވެ.

މުނީރެކޭ އެއްފަދައިން މުހައްމަދު އަލީވެސް ވަނީ ތާރީޚީ ތަންތަނުގެ ލިސްޓުގައި ހަވިއްތަ ހިމެނުނު ނަމަވެސް އެކަށީގެންވާ ހިމާޔަތެއް ނެތި ހަވިއްތަ އާއި އެ ސަރަހައްދުން ފެންނަ ތަކެތި ފަނާވާން ދޫކޮށްލާފައިވާކަން ފާހަގަ ކުރައްވައިފައެވެ.

" މި ރަށުގެ މަގު ހެދުމުގެ ތެރޭގައި ވެސް މިތަނުން ފެނުނު ބަސްތާ ބަސްތާ ބޮލި. އެކަމަކު ބޭރު މީހުން ތިބީ. ކައުންސިލަށް ވެސް ނާންގާ އެއަށްވީ ނުވީ ގޮތެއް ނޭނގޭ. ދެން ގެއެއްގެ ބަދިގެ ވެސް ހުރެދާނެ ތާރީޚީ ތަނެއްގެ ގޮތުގައި ފާހަގަކުރެވޭ ތަނެއްގެ މަތީގައި. މިކަހަލަ ދަތިތައް ވެސް އެބަ ހުރި. އެހެންވީމަ ހިމާޔަތް ކުރެވިފައޭ ބުންޏަސް އެންމެ ރަނގަޅަކަށް އެކަމެއް ނުކުރެވޭ. އަދި މިތަނުން ފެންނަ ތަކެތި ދިރާސާ ވެސް ނުކުރެވެ އެއީ އަގުބޮޑު ކަމުން އެކަން ކުރެވެން ނެތީ،" އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކު ހަވިއްތަ ކޮނުނު އިރު އޭގެ އެންމެ މެދަށް ވާގޮތަށް ކޮނެފައެއް ނުވެއެވެ. އަދި ހަވިއްތަ ވަށައިގެން އެކި ބޭނުމަށް ކޮންނަ އިރު މިހާރު ވެސް އެ ސަރަހައްދުން އާސާރީ ތަކެތި ފެނެއެވެ. އެހެންކަމުން ތާރީޚާއި ގުޅުން ހުރި މިފަަދަ ތަނަކަށް މިއަށް ވުރެ ބޮޑު ސަމާލުކަމެއް ދޭންޖެހެއެވެ. އެތަނާއި އެތަނުގެ ވަށައިގެންވާ ތަންތަން ސާފުކޮށް، މިހާރަށް ވުރެ ރަނގަޅަށް ނުބަލައިފި ނަމަ ބަލަބަލާ ތިއްބާ މި އާސާރު ލޯމަތިން ގެއްލިގެން ދިއުމަކީ ވުން ދުރުކަމެއް ނޫނެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަރުގޮނު

    ޙިމާޔަތް ކުރަންޖެހޭ... ޙިމާޔަތް ކުރެވެންޖެހޭ... ޙިމާޔަތް ކުރުން ކޮންމެހެންވެސް ބޭނުން.. އެކަހަލަ މިކަހަލަ ވާހަކަ ދައްކަދަައްކާ އުޅޭ އަޑު ނީވޭއިރެއްނާދޭ. މިހާތަނަށް އައި ކޮންމެ ސަރުކާރަކުންވެސް އިސްކަން ދެނީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށާ އެކުދިބައެއްގެ ސަރުކާރު "ޙިމާޔަތް" ކުރުމަށް.

  2. ޢާލިމް

    ސަރުކާރުން އަޅާނުލިޔަސް ކައުންސިލުން އަޅާލެވޭނެ ދޯ ހަމަ.

  3. ހިމައިރެ

    އައްސުލްތޯނު ޝިހާބުއްދީން ރަދުންގެ ދަރިކޮޅަކު ބޭފުޅުން ވިދާޅުވީ ތިތަން ހިމާޔައް ނުކޮށް ނުބަހައްޓާށޭ. ވަގުތު ހޭރިޔާ ޓީމަށް ހަމަ ސާބަސް.

  4. ޑައިވަރޭ

    މިތަންތަން ހިމާޔައް ކޮއްގެން އިހުގެ ބުދައްކުރި އަޅުކަން ހަނދާން ކޮއްކޮއް ތިބުމަކީ ބޭކާރުކަމެއް.... ނައްތާލަން ޖެހޭ

    4
    3
  5. މުބާރިކު

    ދާރުލް އާސާރުގެ ހުރި ތާރީޚީ ތަރިކަ ތަޅާލި ބައެއްގެ ވާހަކަ ތި ދައްކަނީ. ތީ ކުރީގައި ބުދުފައްޅިއެއް ހުރި ތަނެއް. ތިތަން ކޮނެ އުކާނުލާ ހުރިކަންވެސް ރަނގަޅެއްނު؟ އަލިފާން ހުޅުވެސް ޖަހާފާނެ ނު. މިމީހުންގެ އަގީދާ ވަޔަށް ޖައްވަށް އަރާފާނެތީ.

    4
    1
  6. ޢަހުމަދް

    ނައްތާލަންޖެހޭ ތަންތަން ތީ. ބުދުފައްޅި ހުރި ތަންތަން ހިމާޔަތް ކުރުމުން ﷲ ގެ ހިމާޔަތް ނެތި ހިނގައިދާނެ ކަމާމެދު ވިސްނާލުން ހުރި