(ޏ. ފުވައްމުލައް ސިޓީ) ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ ދެ ސިޓީގެ ތެރެއިން ފުވައްމުލަކު ސިޓީއަކީ ފަހުރުވެރި ސަގާފަތެއް ލިބިފައިވާ ތަނެކެވެ. އާދަކާދައިގެ ގޮތުން ދިވެހިން އިހުގައި އުޅުނު ކަންކަން ދާދިފަހަކާ ޖެހެން ދެން އެއްޖީލުން އަނެއް ޖީލަށް ވާރުތަކޮށް ދިނުމުގައި މި ރަށު މީހުން ކުރި މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތަކެވެ. އެކަމުން ދައްކުވައިދެނީ ކާބަފައިން ލޯތްބާއެކު ޖީލުތަކަށް ވާސިލްކޮށްދިން އަގު ބޮޑު އާދަކާދައެވެ.

މި ސިޓީގެ އާދަކާދައިގެ ތެރެއިން ވަރަށް ފޯރިއާ އެކު ކޮށް އުޅުނު ކަމެއް އޮވެއެވެ. އެއީ ގަނޑު މާލޫދު ކިޔުމެވެ. މި ރަށުގެ އިސް ރަށްވެހިންނާ ވާހަކަދައްކާލުމުން އެނގެނީ އޭގެ ތެރެއިން ގިނަ މީހުންގެ ޅަ ދުވަސްވަރުގެ ހަނދާންތަކުގެ ތެރޭގައި މާލޫދު ކިޔުމުގެ އަޑު އަދިވެސް ހަރުލާފައި ހުރިކަމެވެ. އެތައް 100 އަހަރެއް ވަންދެން މެދު ނުކެނޑި، މި ރަށުގައި ކުދި ބޮޑު ގިނަ ބަޔަކު ގަނޑު މާލޫދު ކިޔާ އުޅުނު އިރު މިކަން ހުއްޓާލި ސީދާ ތާރީޚެއް ޔަގީންކޮށް ބުނަން އެނގޭ މީހަކު ނެތެވެ. ނަމަވެސް 1960 އާ ހަމައަށް ފުވައްމުލަކުގައި ގަނޑު މާލޫދު ކިޔުމުގެ ފޯރި ހިއްޕާލާފައި އޮތް އިރު، މި ރަށު މީހުން ކިޔައިދޭ ގޮތުން މިކަމުގައި ބައިވެރި ނުވާ މީހަކު މަދަކުން ނޫނީ ނުހުންނާނެއެވެ.

ގަނޑު މާލޫދު ކިޔަނީ ކޮން ދުވަސްވަރަކު؟

ވިޔަފާރިވެރިން އިހު ޒަމާނުގައި ވެސް ގިނަ އަދަކަށް ތިބި ފުވައްމުލަކަކީ ކޮޅުނބު ފަދަ ތަންތަނަށް ދާން ފަރިތަ ނެވި ކަމަށް ކުޅަދާނަ ބަޔަކު އުޅުނު ރަށެކެވެ. ކަނޑަށް ފަރިތަ ނެވިންނާއެކު ވިޔަފާރީގެ ބޭނުމަށް ކޮޅުނބަށް ގޮސް އުުނު އެތައް އޮޑިއެއް މި ސިޓީގައި އޭރު އޮތެވެ. މިގޮތަށް ފުވައްމުލަކުން ކޮޅުނބަށް ފުރާ ބޯޓު ފަހަރު މުދާ ބަރުކޮށްގެން ރަށަށް އަންނަނީ އިރުވައި ކުރީކޮޅެވެ. "ގަނޑު މާލޫދު" އިރުވައިގެ ކުރީކޮޅާ ދިމާކޮށް ބާއްވާ ސަބަބަކީ މިއީއެވެ. އެ ދުވަސްވަރަކީ ރަށަށް އަނބުރާ މުދާ ލިބި، ރަށު ތެރެ ތަނަވަސް، ތިޔާގި ދުވަސް ވަރަކަށް ވުމުން މި ދުވަސްވަރު ވެގެން ދަނީ އުފާވެރި ދުވަސްވަރަކަށެވެ. މިގޮތަށް އަންނަ ދޯނި ފަހަރު އަންނަނީ މާލޫދަށް ބޭނުންވާ ޖާފަތް ތައްޔާރުކުރަން ބޭނުންވާ ތަކެތިި ވެސް ހިފައިގެންނެވެ.

ފުވައްމުލައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މާލޫދުގެ ކެއުން: ފޯރި އާއި ވާދަވެރިކަމާއި އެކު ކުރި ކަމެއް

ގަނޑު މާލޫދުގެ އެންމެ ފޯރިގަދަ އެއްކަމަކީ ކެއްކުމެވެ. ދެ އަރިއަކަށް ބަހާލައިގެން ތައްޔާރު ކުރާ މި ކެއުން ތައްޔާރު ކުރަނީ މާދަޑި އަރި އާއި ފުނާޑު އަރިންނެވެ. މާދަޑު އަރީގައި ހިމެނެނީ ހޯދަޑު، މާދަޑު، ދަޑިމަގު އަދި ދިގުވާޑެވެ. ދެން އޮތް ފުނާޑު އަރީގައި ހިމެނެނީ ފުނާޑާއި، މިސްކިތްމަގު، މާލެގަން އަދި ދޫޑިގަމްއެވެ. މިގޮތަށް ކައްކާ ކެއްކުމުގެ ތެރެއިން ފެންނަނީ ލާމަސީލު އެކުވެރިކަމާއި ގާތްކަމެވެ.

އެއް އަރިގެ މީހުން ކައްކާ ކެއުންތަކަށް އަނެއް އަރީގެ މީހުންނަށް ދައުވަތު ދިނުމާއި، ދެ އަރީގެ މީހުންގެ މެދުގައި މަޝްވަރާކޮށްގެން ކައްކާ ދުވަސް ނިންމައެވެ. މި ކެއުން އާއްމުކޮށް ކައްކަނީ ބުރާސްފަތިދުވަހުއެވެ. މާލޫދު ކިޔަނީ ހުކުރު ދުވަހު ކަމަށްވުމުންނެވެ. މިގޮތަށް ކައްކާއިރު މައި ކެއުމަކީ ބަތާއި ކުކުޅު ރިހައެވެ. އެ ކައުމާއި އެކު ދެ ވައްތަރެއްގެ ސަޓަންޏާއި ޕާޕަރު ވެސް ތައްޔާރު ކުރެއެވެ. ބޯން ތަައްޔާރު ކުރަނީ ފިނިފެން އަޅައިގެން ހަދާފައި ހުންނަ އިސްބަގޫލު ފަންޏެކެވެ.

ފުވައްމުލަކު އަރުފަންނެ ނެރެ / ވަގުތު އިމޭޖަސް : އިބްރާހިމް ޝާބިލް

މައި ކެއުމަކަށް ކައްކަނީ ބަތާއި ކުކުޅު ރިހައެވެ. ފޮނި އެއްޗެއްސަށް ތައްޔާރުކުރަނީ ހަނޑުލު ބޮނޑިބަތާއި ސާގު ބޮނޑިބަތާއި ބާރުލީ ބޮނޑިބަތާއި ހަލުއިދާ އާއި ފުށުން ކައްކާ ކިރެވެ. ބުއިމަކަށް ހަދަނީ އިސްބަގޫލު ފަންޏެވެ. ފަނި ހަދަނީ ފިނިފެން އަޅައިގެން ވަރަށް މީރުކޮށެވެ. މީގެ އިތުރުން ފިޔާ ސަޓަންޏާއި ބިލިމަގު ސަޓަންޏާއި ޕާޕަރު ހުންނާނެއެވެ.

ކެއުން ތައްޔާރުކުރުމަށް ފަހު އެ ކެއުން އަޅާ ތައްޓަށް ކިޔަނީ "ކޭން" ތައްޓެެވެ. އެ ތަށި މައްޗަށް އޮމާންކޮށް ފުންޏެއްހެން ބަތް އެޅުމަށް ފަހު އެ ތަށި ލަނީ މަލާފަތަކަށެވެ. މި ކޭމުގެ މަތީގައި ދެ ބާވަތެއްގެ ބިސްގަނޑުތަކެއް ވެސް އަތުރައެވެ. ކެއުމަށް ތައްޔާރުކުރާ ކުކުޅުގެ މޭކުރަނޑި ހުންނަނީ ވަކިން މަތިޖެހި ތައްޓަކަށް ލުމަށް ފަހު ބިސްގަނޑުގެ ދަށަށް ލައިފައެވެ. މި ކެއުމާއެކު ގަރު ލޮބާއި ފޮނިވެސް ލިބެން ހުރެއެވެ. މި ކެއުން ފުރިހަމަވަނީ ދުވާ އެއްޗެއްސާއި އެކު ބިލެތް މަލާފަތް ތައްޔާރު ކުރަމުންނެވެ.

މާލޫދު ހަރުގެ އަށް ގެންދާ ކެއުމުގެ ތެރިން ބޮޑުންނަށް ޚާއްސަކޮށް ގެންދާ ދެތިން ކެއުމަށް ކިޔާ އުޅެނީ "އިސް ކޭން" އެވެ. މާލޫދު ކިޔާ ފަސް ވަރަކަށް މީހުންނަށް ގެންދާ ކެއުމަށް ކިޔަނީ "ދަށު ކޭން" އެވެ. މީގެ އިތުރުން ގޭގެއިން ވެސް ކޭން ގެންނަ އިރު އެ ކެއުމަށް ދައުވަތު ދެނީ އަނެއް އަރީގެ މީހުންނަށް، ކޮންމެ ކެއުމަކަށް ހަ މީހުންނަށް ވާގޮތަށެވެ. ކެއުމަށް ފަހު ބާކީވާ އެއްޗެހި ގެންދަނީ ކައްކަން އެހީތެރިވި އަނެއް އަރީގެ މީހުންނެވެ.

މާލޫދު ކިޔުން:

އެންމެ އިހު ޒަމާނުގައި މާލޫދު ކިޔާ އުޅުނީ އެކަމަށް ޚާއްސަކޮށްގެން ހަދާ މަދަރުސާއެއްގައި ކަމަށް ވީ ނަމަވެސް ފަހުން އައިސް މާލޫދު ކިޔުން އޮތީ މަދަރުސާއަށް ބަދަލުވެފައެވެ. މާލޫދު ކިޔާ ދުވަހު އަސުރު ނަމާދުން ފައިބައިގެން މާލޫދުގެ ދައުވަތު ލިބޭ މީހުންނާއި މައުލޫދު ކިޔާ މީހުން މާލޫދު ކިޔާ ސަރަހައްދަށް އެއްވެއެވެ. މާލޫދު ފަށާނީ ކެއުން ނިންމައިފައެވެ.

ސަލަވާތް ފާތިހާ އިން ފަށާ މި މާލޫދުގައި މާލޫދު ބުރިތަކާއި ޅެންބައިތައް ހިމެނެއެވެ. މި މާލޫދު ކިޔާ އުޅުނު މީހުން ބުނާގޮތުން އާއްމުކޮށް ކިޔާ އުޅެނީ ސުބުޙާނަ މައުލޫދާއި ބަރުޒަންޖީ މައުލޫދެވެ. މާލޫދު ކިޔަމުން ގޮސް މަގްރިބް ނަމާދު ވަގުތު ޖެހުމުން، ނަމާދަށް މެދު ކަނޑާލަނީ ސަލާމް ޅެންބައިންނެވެ.

މަޢުރިބަށް ފަހު އަލުން ކިޔަން ފަށާ މާލޫދު ދެން މެދުކަނޑާ ލަނީ އިޝާ ނަމާދަށެވެ. އެއަށް ފަހު މެންދަމާއި ހަމައަށް މާލޫދު ކިޔުމަށް ފަހު، ދެން ގެއަށް ގޮސް ތައްޔާރުވެގެން އަނެއްކާވެސް ފަތިސް ވަގުތު ދަމު ކެއުމަށް މާލޫދު ކިޔާ މީހުން އާދެއެވެ. މާލޫދު ހުއްޓަނީ ހުކުރު ދުވަހު ހަވީރު ކަމަށް ވާއިރު މާލޫދު ނިންމުމަށް ފަހުވެސް އޮންނަނީ ކެއުމެކެވެ.

މި ކެއުމަށް ކިޔަނީ "ހުއްޓާ ކޭން" އެވެ. މި ކެއުމުގައި ހިމެނެނީ ފޮނިކެއުމާއި، ހެދިމަހާއި، ހިކި ކުކުޅުގެ އިތުރުން ކަޅުސަޔެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަމަނަ

    މާލޭގެ މަގުމަތިން މުސްކުޅި ބޭބެއަކު ހިނގާފަ ދަނިކޮށް ޒުވާ ކުދިބަޔަކު އެނހިއެވެ. ބޭބެ ކޮން ރަށެއް ހެއްޔެވެ؟ ބެބް ޖަވާ ބު ދިނެވެ. ބޭބެ ފޯއްމުލަކެވެ. ދުދިވެރިން އެނހިއެވެ. ދެން ބޭބެގެ އެހެން ތަންތަން ކޮންތަނެއް ހެއްޔެވެ؟ ދެން ބޭބެ ހިތްހަމަނުޖެހިގެން އެނބުރި ހިނގައްޖެއެވެ.

    2
    12
  2. ނީނާ

    މި ރާއްޖޭގައިިި ފުވައްމުލައް ނޫން ރަށެއް ނެތީތަ؟ ތިއަށްވުރެ މާރީތި ތާރީޚު އޮތް ރަށްރަށް މި ރާއްޖޭގައި ވޭ ! ބޯ ގޯސް ލިޔުމެއް!

    3
    9
    • މުބީނު މާރނީ

      ތިމާމީހާ އަށް ޖެހިފަ ހުރި ބައްޔެއްގެ ވާހަކަ ތިމާމީހާ އަމިއްލަ އަށް އެ ވާހަކަ ދެއްކޭނެއެވެ.

  3. ނާޅި

    މައުލޫދަކީ ދިވެހިންގެ ޖާހިލިއްޔަ ޒަނާނުގެ ތެރޭގައި އެމީހުން ހިންގަމުން ދިޔަ ޖާހިލު ބިދުވަވެރި ޢަމަލެއް !

    7
    4
  4. އިބުރާ ނާސިހް

    ނީނާ ހަޖަމް ކުރުމުގެ މައްސަލައެއް ކުޑަކޮށް އެބައުޅޭ ދޯ! ފުވައްމުލަކު ތަފާތުވާނެ. ތަފާތު ރީތި ސަގާފަތަކާއި ސަޅި ތަފާތު ދިރިއުޅުމެއްގައި އުޅޭ ކޫލް ފައްކާ ރައްޔިތަކު އުޅޭ ރަށެއް. ވަގުތު ނޫސްވެރިން ކުރަމުންދާ މަސައްކަތް ސަޅި.

    3
    2