(ފުވައްމުލައް ސިޓީ) ޕެލަޖިކާ ޑައިވާސް ޑައިވް ސެންޓަރުން ފިންސާއި ޑައިވް ކުރަން ބޭނުންވާ ސާމާނު ހިފައިގެން ދޯންޏެއްގައި ފީނާލުމަށް ހަމަޖެހިފައި އޮތް ސަރަހައްދަށް ގޮސް ޑައިވަރުންގެ އިރުޝާދާ އެކު، ކަނޑު އަޑިއަށް ފީނާލިތާ މާ ގިނައިރުތަކެއް ނުވަނީސް ފެނުނީ ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމުކަމެވެ. އުމުރުން މިވީހާ ދުވަހެއް ވީއިރު ވެސް މިހާ ރީތި މަންޒަރެއް ކަނޑު އަޑިއަކުން ނުދެކެމެވެ. އޭގެ އިރުކޮޅެއް ފަހުން ދެން ފެނުނު މަންޒަރު މާ ބިރުވެރިއެވެ. ލޮލުގައި އަޅައިގަތީ ވަށައިގެން އެނބުރެމުން ދިޔަ މިޔަރުތަކެވެ.

މިޔަރުތަކުގެ ލޯތައް ހުރީ އޮކްސިޖަން ފުޅި އަޅައިގެން މޫދު އަޑީގައި ތިބި މީހުންނަށް ވުރެ ބޮޑަށް ކަނޑު އަޑީގައި އެނބުރެމުން ދިޔަ މަސްތަކަށެވެ. ބައެއް މިޔަރުތައް އަތު ޖެހުނު މަހެއް ކަމުން ދިޔައީ އެއްވެސް ޖެހިލުމެއް، ބިރެއް ނެތިއެވެ. ކަނޑު އަޑީގައި "ރަސްކަން" ކުރަނީ އެސޮރުމެންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެސޮރުމެންނާ ދިމާކޮށްލާ ތަނެއް ނުފެނެއެވެ. އިންސާނަކަށް ވެސް ކައިރިވާން ނުކުރޭހާ ބިރުވެރިއެވެ.

ޏ. ފުވައްމުލަކުގައި ހޭދަކުރި، ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެންމެ ތަފާތު ތަޖުރިބާއެއް ކުރެވުނީ މި ޝާކް ޕޮއިންޓުންނެވެ. ފުވައްމުލަކަށް އަންނަ ގިނަ މީހުން އެ ސަރަހައްދުގެ ރީތިކަން ދެކެފައި ނޫނީ ރަށުން ފުރައިގެން ނުދެއެވެ. އެ ރަށަށް އަންނަ ފަތުރުވެރިންގެ "މަންޒިލަކީ" ވެސް އެއީއެވެ. ފުވައްމުލައް ތަފާތުވާ އެއް ސަބަބަކީ ވެސް އެއީއެވެ. އެއީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ވަކިން އޮންނަ ހަމައެކަނި އަތޮޅެވެ. ރަށުގެ ވަށައިގެން ބޮޑު ފަރެކެވެ. ހިތްގައިމު މޫދަކާއި ގޮނޑުދޮށެކެވެ. ރަށުގެ ރައްޔިތުން އެހާ ހިތްހެޔޮވެފައި އޯގާތެރިއެވެ. ރަށުން ތަރައްގީގެ ކުލަތައް ފެނެއެވެ.

ފުވައްމުލަކަށް ޒިޔާރަތް ކުރުމަށް ފަހު، ރަށުގެ ވަށައިގެންވާ ފަރުތަކުގެ ރީތިކަން ބަލާ ނުލައި ރަށުން ފުރީމަ ދަތުރު ފުރިހަމައެއް ނުވެއެވެ. އެހެންވެ ރަށުގެ ޑައިވިން ސްކޫލަކާ ގުޅިގެން ފަރުތަކާއި ކަނޑު އަޑީގެ ރީތިކަން ބަލާލަން ދިއުމަށް ނިންމީމެވެ.

އެގޮތުން ރަށުގެ ބަނދަރު ސަރަހައްދުގައި ހުންނަ "ޕެލަޖިކް ޑައިވާސް" ނަމަކަށް ކިޔާ ޑައިވިން ސްކޫލަކަށް ގުޅައި ރަށުގެ މަޝްހޫރު ޝާކް ޕޮއިންޓް ބަލަން ދިއުމަށް ބުކިންގް ހެއްދީމެވެ. މިއީ ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ކޮންމެ ދުވަހަކު ކުރާ ކަމަކަށް ވުމުން ބުކިންތައް ދަނީ ވަރަށް ބާރު ބޮޑުކޮށެވެ. އެކަމަކު އެންމެ ފަހުން ޖާގައެއް ހަމަޖެހުނެވެ. އެބުނާ ސަރަހައްދަކަށް ދިއުމަށް ކެތް މަދުވިއެވެ.

ޕެލަޖިކް ޑައިވާސް ޑައިވް ސެންޓަރ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެންދުރު ނަމާދު ކޮށްލައިގެން ޑައިވް ސެންޓަރަށް ގޮސް ޑައިވިން އާލަތްތައް ބަލައި ހެޔޮވަރު ކުރުމަށް ފަހު ޕެލަޖިކް ޑައިވާސްގެ ދޯނީގައި ޝާކް ޕޮއިންޓާ ދިމާލަށް މިސްރާބު ޖެހިއެވެ. އެވަގުތު ދޯނީގައި ތިބި ފަތުރުވެރިންނާއި ހުރިހާ ދިވެހިންނަށް ޑައިވް ސެންޓަރުގެ އިންސްޓްރަކްޓަރުން ދިޔައީ ބްރީފް ކޮށްދެމުންނެވެ. ޑައިވް ޕާޓްނަރުން ބަހައި، ކުރަންވީ ކަންތަކާއި ނުކުރަންވީ ކަންކަންވެސް ކިޔައިދީ އޮޅުންފިލުވައި ދިނެވެ.

މީގެ ކުރިން ދުވަހަކުވެސް މާ ކަނޑުގެ ތެރެއިން މިޔަރެއް ނުދެކެމެވެ. އެކަމަކު އެ ދުވަހު އަހަރެން ހުރީ އެ މިޔަރުތަކާއެކު ކަނޑު އަޑީގައި ފީނާލުމަށް ނުހަނު ބޭނުންވެފައެވެ. ދިހަ ވަރަކަށް މިނެޓު ތެރޭ ޝާކް ޕޮއިންޓަށް ގޮސް ފަހަރަކު މީހަކު ފުންމާލަން ފެށިއެވެ.

ކަނޑު އޮޅިއަށް ފުންމާލައި ފުރަތަމަ ބަލައިލީ ފަރުގެ ރީތިކަމެވެ. މިއީ ކުރިން ދުވަހަކުވެސް ފެނުނު މަންޒަރެއް ނޫނެވެ. ރާޅު ޖަހާ ހިސާބުން ފަރު ތިރިވަމުން އައިސް ކަނޑު އޮޅިއާ ހިސާބުގައި އެތައް މީޓަރެއް އަޑިއަށް ގުދުރަތީ ފާރެއް ވަނީ އުފެދިފައެވެ. އެތަނުގައި ބަލާލަން ރީތި އެތައް މަސްތަކެއް އަހަންނާއެކު ފީނަމުން ގެންދިޔައެވެ. އެއްވެސް ކަހަލަ ޖެހިލުމެއް ނެތި، މިނިވަންކަމާ އެކުގައެވެ.

ފުވައްމުލަކު ފަރުގައި ހެދިފައިވާ މުރަކަތަކެއް

އިރުކޮޅެއް ފަހުން އިންސްޓްރަކްޓަރުގެ އިރުޝާދާއި އެއްގޮތަށް އެންމެން އޭނަ ފަހަތުން ދިޔައެވެ. މާ ގިނަ އިރުތަކެއް ނުވެ އަހަންނަށް ހީވީ
"ހިތް އަތަށް" އައިހެނެވެ. މާ ދުރު ނޫން ހިސާބަކުން ފެނުނީ މިޔަރުތަކެކެވެ. ހީވީ ދެންމެ އައިސް ހަމަލާދީފާނެހެންނެވެ.

އެކަމަކު ބްރީފިންގައި ދިން އިރުޝާދުގެ މަތިން ތިބީ ހަމަޖެހިލައިގެންނެވެ. އިންސްޓްރަކްޓަރު ގޮސް މިޔަރުތައް ކައިރީ އުޅެލާފައި އެތަނަށް ކައިރިވުމަށް އިޝާރަތް ކުރުމުން މަޑުމަޑުން ދިޔައީއެވެ. ގާތްގަނޑަކަށް 5-7 ފޫޓުގެ ދިގުމިން ހުރި ހައެއްކަ ޓައިގާ ޝާކް އެތަނުގައި އުޅުނެވެ. ރީތި ފޮޓޯ އާއި ވީޑިއޯތައް ނެގުމަށްވެސް ފުރުސަތު ލިބުނެވެ. ގިނަ ބަޔަކު ހީކުރާ ގޮތާއި ޚިލާފަށް އެ މިޔަރުތައް ވަރަށް ރަހުމަތްތެރިއެވެ. އިންސާނުންނަކީ އެ މިޔަރުތަކުގެ ކާނާ ނޫންކަން ހާމަވިއެވެ. އެއީ އެ ސަރަހައްދަށް ދޫކޮށްލާފައި ހުރި "އޮޅު" މިޔަރުތަކެއް ހެން ހީވާ ފަހަރު ވެސް ދިޔައެވެ.

ފުވައްމުލަކު ޝާކް ޕޮއިންޓުގައި މަޑުކޮށްލައިގެން

މީގެ ކުރިން ތައިލޭންޑުގައި ހަތަރު މިނިކާވަގު އޮތް ކޮއްޓެއް ތެރެއަށް ވަނުމަށް ވުރެން ވެސް މި މިޔަރުތަކަކާއެކު ފީނާލެވުމުން ހިތްހަމަޖެހެއެވެ. އެއީ ސްކޫބާ ޑައިވިން އަކީ ސަމާލު ނުވެއްޖެ ނަމަ ނުރައްކާތެރި ކަމަކަށްވުމާ ވެސް އެކުގައެވެ. މިކަން ކުރުމާއެކު ނަފްސަށް އޮތް އިތުބާރު ބޮޑުވެގެން ހިނގައްޖެއެވެ. ކަނޑު އަޑީގެ ރީތި މަންޒަރުތައް އަނެއްކާވެސް ފެންނާނެ ދުވަހަކަށް އިންތިޒާރު ކުރެވުނެވެ.

ފުވައްމުލައް ޝާކް ޕޮއިންޓުން ފެނުނު ދެ "ޓައިގަރ ޝާކް"

ފުވައްމުލަކުގެ ޝާކް ޕޮއިންޓް ފަތުރުވެރިންގެ މެދުގައި ދުވަހެއް ދުވަހަކަށް މަގްބޫލުވަމުން އަންނައިރު މިރަށަށް އައިސް މިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ޕެލަޖިކް ޑައިވާސްގެ ފަރާތުން އަންނަނީ ބޮޑު އެހީތެރިކަމެއް ދެމުންނެވެ. މި ރަށުގައި ހަ ވަރަކަށް ޑައިވް ސެންޓަރު ހުންނައިރު ޕެލަޖިކް ޑައިވާސް އަކީ އެންމެ ރަނގަޅުތަން ކަމަށް ގިނަ ފަތުރުވެރިންގެ ބަސްތަކުންވެސް ވަނީ އެނގިފައެވެ.

ދިވެހިރާއްޖެ އަކީ ވަށައިގެން ކަނޑު އޮންނަ ގައުމަކަށް ވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކުވެސް އެތައް ލައްކަ ފަތުރުވެރިންތަކެއް ކަނޑާއި ފަރުތަކުގެ ރީތިކަން ބެލުމަށް ރާއްޖެ އާދެއެވެ. އުމުރު ހުސްވާ އިރު ވެސް ކަނޑުގެ ރީތިކަން އެއް ފަހަރު ނަމަވެސް ބަލައި ނުލުމަކީ ލިބޭނެ ދެރައެއް ކަން މިކަން ތަޖުރިބާ ކޮށްފައިވާ ކޮންމެ މީހަކުވެސް އިއްތިފާގުވާނެއެވެ.

ފުވައްމުލައް ޝާކް ޕޮއިންޓުން ފެނުނު މިޔަރު ތަކާއި މަސްތައް

ކަނޑު އަޑީގައި މިޔަރުތަކާއެކު ފީނަން ގޮސް އުޅުނު އިރު ހީވީ އުދުހެވޭ ހެންނެވެ. ބިމަށް ދަމާ ބާރެއް ނެތި، ބޭނުން ގޮތަކަށް ކަނޑުގެ އަޑީގައި 45 ވަރަކަށް މިނެޓު އުޅުމުގެ ފުރުސަތު ލިބުނެވެ. މިއީ އަހަރެންގެ ހަޔާތުގައި ކުރި އެންމެ ތަފާތު އަދި އެންމެ އުފާވެރި އެއް ތަޖުރިބާއެވެ.

އެއް ގަޑިއިރުގެ މި ދަތުރަކީ ދުވަހަކު ވެސް ހަނދާނުން ފޮހެލެވޭނެ ދަތުރެއް ނޫނެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވެރިން

    ވަގުތު ނޫހަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ތަ ފާތުކުރިޔަސް ބޮޑުވަރު އައްޑު އާ ބެހޭގޮތުން ލިޔަން އެގުނީ ހަރުކައްޓޭ މަޑުކައްޓޭ ކިޔާ ފަ

    33
    16
  2. ހުދުކާޅު

    މަނޒަރު ފޮޓޯ ނަގަން ދާބަޔަކާ އެއްއިރަކުވެސް ހަމަލާއެއް ނުދޭ. ޢުނދަގޫވަނި މަސްވެރިންނަށް. ޢެމީހުންގެ ބޭނުން ތަކަށް ދިރިއުޅުމުގެ މަސްވެރިކަމުގައި ގަންނަ މަސް މިޔަރުޚާލާތީ.

    30
    5
  3. މުހައްމާ

    ކޮންމެ ދިވެއްސަކުވެސް ކުރަން ޖެހޭ ކަމެއް. އެކަމު ގިނަ މީހުން ނުކުރޭ. ހީވަނީ ތަފާތު ކަމެއް ނޫނޭ އެވެރިންނަށް.

    31
    5
  4. ވާއު

    Varah salhi

    22
    3
  5. މަހިބަދޫ މީހާ

    ކަނޑުގެ ދިރުންތަށް އެއްތަނަކުން އެންމެ ގިނައިން ފެންނަ ތަނެއް ރާއްޖެ އިސްތިހާރު ކުރަން ވެސް ދެއްކީ އަރިއަތޮޅު މާޔާތިލަ ބީބީސީން ލައިވް ކޮށް 24 ގަޑިއިރު ދެއްކި އެތަނަކީ އެންމެ ގިނަ ވައްތަރުގެ މިޔަރު އެއްތާކުން އެންމެ ގިނައިން ފެންނަ އެއްތަން އަނެއްކާ ވަރަށްމަދުން ފެންނަ ފުރޮގް ފިސް ވެސް ފެންނަ ތަނެއް، މުޅި ދުނިޔޭންވެސް ޖުމްލަކޮށް މުަލި އަހަރުގެ ދުވަސްތަކަށް ބަލާއިރު ފެހުރިހި އެންމެ ގިނައިން ފެންނަނީ މިއަތޮޅު ދިގުރަށު ބޭރުން އަދި ކޮބާ ފިސް ހެޑް، ކަދޮޅުދޫ ހައުސް ރީފް، މާޅޮސް ތިލަ ކުޑަރށް ތިލަ ދިގުރަށް ކަނޑުގަ ހުރި ތިލަތައް މަންތާ ޕޮއިންޓް އެއްލައިދޫ ހައުސްރީފް ގަހުރި ކޭވް އަކީ މުޅި ދުނި ޔެއްވެސް މައްސޫރު ތަނެއް ބުރޯ އާދޭ ބަލާލަން ރީތި ވަރަށް ގިނަ ތަން ތަން ފެންނާނޭ.

    17
    5
  6. ޖޮބޭ

    ބަޔަކަށް ބަލައިނުގަނެވުނަސް ފުވައްމުލަކު ފަ ރިކެޑެ މިއީ މިގައުމުގައި ޔަޤީންކަމާއި އެކު ކޮންމެ ދުވަހަކު ޓައިގަ ރ ޝާކް (ފެމުނު މިޔަ ރު)ފެންނަ ސަ ރަޙައްދު ކަމުގައި މިއަދު ޔުނެސްކޯ ބޔޮސްފިއަ ގައިވެސް ހިމެނެމުންދާ ތަނެއް.

    2
    1
  7. އިބުރާހީމް:

    ވަރަށްދެރަ. މިޔަރާހެދި އެހެންމަސްތަކަށް އެއްވެސްހިމާޔަތެއްނެތީމަ!

  8. ާހަހަ

    އޮކްސިޖަން އޯ!!

  9. ނަމެހް ނަނގެ

    ހަމަހުވަަ ތީ މިޔަރެއް ނޮޮން ސަރްކެއް ކަންނޭންގެ......................................................................................................