(ފުވައްމުލައް ސިޓީ) އާއިލާއެއް ބިނާކޮށް އާއިލާއަށް އާ މެންބަރުން އިތުރުވަމުންދާ އިރު ވެސް އުޅެން ޖެހިފައި އޮންނަނީ ކާފަ ނޫނީ މާމަގެ ގެދޮރުން ބައެއްގައެވެ. ވާރުތަ މުދަލުން ލިބިފައިވާ އެ ގެދޮރު އާއިލާގެ އެންމެންގެ މެދުގައި ބަހަމުން ގޮސް ޖާގަ ފުރެއެވެ. ދެން އޮތް ގޮތަކީ އަލަށް ޒަވާޖީ ހަޔާތް ފަށައިގަންނަ ދަރިން ކުއްޔަށް ދޫކުރާ ތަނެއްގައި އުޅުމެވެ. އޭގެ ސަބަބުން އަތުގައި ފައިސާ ވެސް ހަރުނުލަނީއެވެ. މިއީ ވަކި ރަށެއްގެ ހާލަތެއް ނޫނެވެ. ރާއްޖޭގެ ކޮންމެ ރަށެއްގެ ވެސް ހާލަތެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެ އިޖްތިމާއީ މައްސަލަތަކުގެ އަސްލު މައްސަލައަށް މި މައްސަލަ ވެއްޖެއެވެ.

ފުވައްމުލައް ސިޓީއިން ވެސް ފެންނަނީ ހަމަ އެއް މަންޒަރެކެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ގިނަ ރަށްރަށަށް ދައްކާފައި އޮތް ހައްލަކަށް އޮތީ "ސޯޝަލް ހައުސިން ސްކީމް" އެއްގައި ފްލެޓްތައް އެޅުމެވެ. 10،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ މި ސިޓީގައި ވެސް 200 ފްލެޓް އިމާރާތް ކޮށްފައިވެއެވެ. ދަޑިމަގު އަވަށުގައި 120 ފްލެޓެވެ. އަދި ދިގުވާނޑު އަވަށުގައި 80 ފްލެޓެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަޅަން ފެށި އެ އިމާރާތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ނިންމައި ފްލެޓް ލިބެން ޖެހޭ "ހައްގުވެރިންނަށް" ދީފައިވެއެވެ.

މި ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވަނީ މީގެ ހަ މަސް ވަރު ކުރިންނެވެ. މީގެކުރިން ދިރިއުޅެމުން ދިޔަ ގެތައް ދޫކޮށް ނޫނީ އެ ގެތަކުގައި ތޮއްޖެހިގެން ބަޔަކު ތިއްބައި ފްލެޓުތަކަށް ބަދަލުވީ ބޯހިޔާވަހިކަމެއް ލިބުނު ކަމުގެ އުއްމީދުގައެވެ. މަންޒަރު ބޭރަށް ބަލާލާއިރު، މި ފްލެޓްތައްމި ނިކަން ހިތްގައިމެވެ.

އެކަމަކު މި ފްލެޓްތަކުގެ އެތެރޭގެ ހާލަތު ބެލުމުން ފެނުނީ ހިތްގައިމު ކަމެއް ނޫނެވެ. ފްލެޓްތައް ވެފައިވަނީ ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމަކަށް ނޫނެވެ. އިތުރު ވޭނަކަށެވެ. ހިނިތުންވުމުގެ ބަދަލުގައި ފެނުނީ މާޔޫސް ކަމެވެ. އިވުނީ ޝަކުވާގެ އަޑުތަކެވެ. ފްލެޓުތަކަށް ދިރިއުޅުން ބަދަލުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ތަންތަން މަރާމާތުކޮށް، އަމިއްލަ ޖީބުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހުނު ވާހަކައެވެ. މިވަރުގެ ތަކުލީފެއް ރައްޔިތުން އުފުލަން ޖެހުނީ ކީއްވެ؟ މި ހައްލުތަކަށް ތަސައްލީއެއް ގެނެސްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ކުރެވުނީ ކޮން މަސައްކަތެއް؟

މުށި ނެއްޓުން!

ފުވައްމުލައް ސިޓީގެ ފްލެޓްތައް ކައިރިން މީހަކާ ދިމާވެގެން އޭނަ ވެސް ފުރަތަމަ ކުރި ޝަކުވާއަކީ ފްލެޓްގައި ހުރި އެއް ކޮޓަރީގެ މުށިތައް އެއްކޮށް ނައްޓާލައިގެން ގޮސްފައި ހުރުމުންނެވެ. "ވަގުތު ހޭރިޔާ" ގެ ނޫސްވެރިންނަށް އެ ކޮޓަރީގެ ހާލަތު އޮތް ގޮތް އެ މީހަކު ދައްކާ ވެސް ލިއެވެ.

"މިއީ އިންސާނަކު އުޅެން ހެޔޮވާ ވަރުގެ ހާލަތެއްތަ؟" އެ ތަން ބަލަން ގޮސް ހުރި "ވަގުތު ހޭރިޔާ" ގެ ނޫސްވެރިންނަށް ސުވާލު ކުރަން ފެށިއެވެ.

ފްލެޓްގައި ދިރިއުޅޭ މީހަކު"ވަގުތު" އާ ވާހަކަ ދައްކަނީ.-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ފްލެޓްގައި އުޅޭ މީހަކު ބުނި ގޮތުގައި ފްލެޓުތަކުގައި ޖަހާފައި ހުރި ބައެއް މުށިތައް ނެއްޓުނީ އެ މީހުން ދިރިއުޅެން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. އެ ކަން ހައްލު ކުރަން ކައުންސިލްގައި އެދުނު ކަމަށްވެއެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެދެވޭ ޖަވާބެއް ނުލިބެއެވެ. މަރާމާތަށް އެޑްވާންސް 500 އެއްހާ ރުފިޔާ ދައްކާފައިވާ އިރު އޭގެ ބަދަލު ވެސް ނުދިން އިރު މުށިތައް އަލުން ޖަހަން ޖެހުނީ އަމިއްލަ ޚަރަދުގައެވެ.

"އަމިއްލަ ޖީބުން ޚަރަދުކޮށްގެން ދެން މި ދަނީ، ފަނަރަ ހާހެއްހާ ރުފިޔާ މިހާރު އޮންނާނީ ގޮސްފަ، އަޅުގަނޑުމެން ކަހަލަ އާދައިގެ ބަޔަކަށް މިއީ ފަސޭހަ ގޮތެއް ވެސް ނޫން، މި ފްލެޓްތައް ލިބިފަ މި ހުރީ ވެސް އާދައިގެ ބަޔަކަށް، އަދި މިއަށް ވުރެ މާ ހާލުގަ އުޅޭ މީހުން ތިބޭނެ، މުށި ނެއްޓިއްޖެއްޔާ މި ވަރު ވެސް ނުވާނެ ވަރު އާއިލާ އުޅޭނެ،" އެ މީހާ ކިޔައި ދިނެވެ.

-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފުވައްމުލަކުގައި ހުރި އެހެން ފްލެޓެއްގެ ސިޓީން ރޫމްގެ މުށިތައް ވެސް އެއްކޮށް ނައްޓައިގެން ގޮސްގެން ހުރީ އަލުން ޖަހައިފައެވެ. ތަށި ދޮންނަ ސިންކް ވެސް ހަލާކުވެ ހަދަން ފަށާފައި ހުއްޓެވެ. މި ފްލެޓް ލިބުނު އާއިލާގެ މީހަކު ބުނި ގޮތުގައި، އެ ތަނުގައި އެ މީހުން ދިރިއުޅެން އަދި ނުފަށައެވެ.

ފުވައްމުލަކު ފްލެޓެއްގައި ޖަހާފައި ހުރި މުށިތައް ނެއްޓުނީމަ ނަގާފައި-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އަޅުގަނޑުމެން ބަދަލުވާން ވެގެން ފުރަތަމަ އައިސް ބެލި އިރު މިހެން ވެއްޖެ، މުށިތައް ހުރީ އެކި ގޮތްގޮތަށް، ނައްޓާލާފައި، ތެޅިފަ، އެހެންވެ އެއްކޮށް ބަދަލު މި ކުރަނީ، ވިހި ހާހަށް ވުރެ ގިނަ ރުފިޔާ މިހާރު ހަރަދު ކުރެވިއްޖެ، ދެން ކަރަންޓު ސޮކެޓު ވެސް ސިޓިން ރޫމަށް އިތުރުކޮށްފަ އެ ހުރި. މި ތަނުގަ އެދެވޭ ވަރަށް ކަރަންޓު ސެކޮޓު ވެސް ނެތް،" އެ މީހާ ކިޔައި ދިނެވެ.

ފެނުގެ މައްސަލަ

މަދު ބަޔަކު މިހާރު ދިރިއުޅެމުން އަންނަ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ފަރާތުން އަޑު އިވިގެން ގޮސްފައިވަނީ ހިތްހަމަނުޖެހުމުގެ ވާހަކަތަކެވެ. އޮކްޓޯބަރު 2019 ގައި ފްލެޓްތައް ދޫކޮށްފައިވާ އިރު، ގިނަ ރައްޔިތުން ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި އެ ތަނަށް ބަދަލުވާން ފަށައިފައެވެ.

މަހެއް ނުވަނީސް ފެނުގައި ނުބައި ވަސް ދުވަން ފެށުން އެއީ އެ ތަނުގައި ދިރިއުޅޭ ގިނަ ރައްޔިތުން މިވަގުތު ވެސް ކުރަމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއެކެވެ. އެ ކަމަށް ދެން ހައްލެއް ލިބޭނެ ކަމާ މެދު ވެސް ގިނަ ރައްޔިތުން ޝައްކު އުފައްދައެވެ.

-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މިކޮޅަށް ބަދަލުވިތާ ދެ އަހަރު ވެއްޖެ. ގާތްގަނޑަކަށް ހުރިހާ ފްލެޓެއްގެ ފެނުގައި ނުބައި ވަސް ހުރޭ. މިތަނުގައި ނޫޅެވިގެން ސަޕްލައި ފެން ބޭނުން ކުރި ދުވަސްތައްވެސް ދިޔަ. އެކަމަކު ހަފްތާއަކަށް ސަޕްލައި ފެން ބޭނުން ކުރިއަސް ބިލު އަންނަނީ ބޯ މަތިން،" ފްލެޓުން ދިމާވި މީހަކު ކިޔައިދިނެވެ.

ގޭގައި ބޭނުން ކުރާ ތަކެތީގައި ދަބަރު ޖެހުން!

އެ ސަރަހައްދުން ވާހަކަ ދެއްކި މީހަކު ބުނީ، ފްލެޓް އިމާރާތް ކޮށްފައިވާ ސަރަހައްދަކީ މޫދާ ކައިރި ތަނަކަށް ވުމުން ގޭގައި ހުންނަ ފަންކާ އާއި ލައިޓް ފަދަ ތަކެއްޗަށް ލޮނުގެ އަސަރުކޮށް ދަބަރު ޖަހާ ކަމަށެވެ. އެ ހާލަތުގައި ފަންކާ ހުންނައިރު، އެ ފަންކާ ޖައްސާލުމުން މުޅި ސިޓިންގް ރޫމުގެ ފާރަށް ދަބަރު ބުރައިގެން ދާ ކަމަށް ބުންޏެވެ. އެއީ ހަމަ އެކަނި އެ މީހާ ދިރިއުޅެމުން އަންނަ ފްލެޓްގައި ދިމާވާ ކަމެއް ނޫނެވެ. ގިނަ ފްލެޓްތަކުގެ ހާލަތަކީ މިއީއެވެ.

ގޭގައި ބޭނުން ކުރާ ފަންކާގައި ދަބަރު ޖަހާފައި-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފްލެޓަކުން ދިމާވި އެހެން މީހަކު ބުނި ގޮތުގައި އެ ފްލެޓްގެ ގިނަ ކަރަންޓު ސުވިޗުތައް މަސައްކަތް ވެސް ނުކުރެއެވެ. އެހެންކަމުން ކަރަންޓު ބޭނުން ކުރުމުގައި ވެސް ދަތިތައް ދިމާވެއެވެ. އެ ސުވިޗުތައް ބޭނުން ކުރަން މަސައްކަތް ކުރިއިރު، ކަރަންޓު ނުލިބޭ ކަން ވެސް ފާހަގަވިއެވެ.

ހިރަފުހުގެ އަސަރު ގަދަ!

މި ފްލެޓްތަކުގައި ތިބޭ މީހުންގެ އެންމެ ބޮޑު ޝަކުވާއަކަށް ފާހަގަވެފައިވަނީ ހިރަފުހުގެ މައްސަލައެވެ. އެއީ ސަރުކާރަށް ހައްލު ކޮށްދިނުމަށް އުނދަގޫވެދާނެ ކަމެއް ކަމަށް ރައްޔިތުން ދެކެއެވެ. ނަމަވެސް ކޮންމެވެސް ވަރެއް ކޮށްދިނުމަށް އެ ރައްޔިތުން ވަނީ އާދޭސް ކޮށްފައެވެ. ހިރަފުސް އަރަނީ އެ ސަރަހައްދުގައި ބާރު ސްޕީޑްގައި މީހުން ސައިކަލު ދުއްވާތީ އާއި މަގު ރަނގަޅަށް ހެދިފައި ނުވާތީއެވެ.

ފުވައްމުލަކު ފްލެޓް ސަރަހައްދުގެ އެތެރެ، މިތަނުން ހިރަފުހު އަސަރު ކުރާތީ ޝަކުވާތައް ގިނަ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިކަން ހައްލު ކުރުމަށް ފްލެޓްތަކުގެ އެތެރޭގައި ސައިކަލު ދުއްވުންވެސް މަނާ ކުރެވިދާނެއެވެ. މި ސަރަހައްދަކީ ބޮޑު ސަރަހައްދަކަށް ނުވުމުން ބޭރުގައި ދުއްވާ އުޅަނދު ބަހައްޓާފައި ހިނގާފައި ދިއުމުން ކޮންމެވެސް ވަރަކަށް ހިރަފުހުގެ ވަބާއިން ސަލާމަތްވެވޭނެއެވެ.

ހައްލު ނުކުރެވިގެން އުޅެނީ ކީއްވެ؟

"މި ހުރިހާ މައްސަލައެއް ކައުންސިލަކަށްވެސް އަދި އެހެން ބަޔަކަށްވެސް ނުކުރެވޭނެ. މިތަނުގައި ދިރިއުޅޭ މީހުންވެސް ބަލަން ޖެހޭ ކަންކަން އެބަހުރި. އެކަންކަން ރަނގަޅު ކުރަން ޖެހޭ" ފްލެޓުން ދިމާވި މީހަކު ކިޔައި ދިނެވެ.

މިއީ އެއްވެސް ގޮތަކަށް ގޯސް ވާހަކައެއް ނޫނެވެ. ކިރިޔާ ކަމެއް ވާއިރަށް ސަރުކާރުން ރަނގަޅު ކުރަން ޖެހެއޭ ބުނުމަކީ ވެސް ގޯހެކެވެ.

ފޮނި އުއްމީދަކާއި އެކީ ފްލެޓްތަކަށް ވަންނައިރު، މިފަދަ ބައެއް ކަންކަން ހައްލުނުވެ ހުރުމަކީ ރައްޔިތުން ނުހަނު ދެރަވާ ކަމެކެވެ. ކޮންމެ ރައްޔިތަކުވެސް ބޭނުން ވާނީ ހިތްހަމަ ޖެހިގެން އެފަދަ މައްސަލައެއް ކުރިމަތި ނުވެ އުޅެވޭނެ ކަހަލަ މާހައުލެކެވެ.

ފްލެޓް ސަރަހައްދު-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ސަރަހައްދުގައި މިވަގުތު އަންނަނީ ޕާކިން ޒޯނުތަކެއް ހަދަމުންނެވެ. އެތަންތަނުގައި ބޯޑުތަކެއް ޖަހާފައި ހުއްޓެވެ. އެކަމަކު އެއީ ޕާކު ކުރަން އެންމެ އެދެވޭ ވަރުގެ ތަނެއްތޯ ސުވާލު އުފެދެއެވެ.

އަމިއްލަ ފްލެޓުގެ ބެލްކަނީގައި ގަސްތައް ހެއްދުމުގެ ހުއްދަ ނުލިބެންވީ ކިއްވެތެ؟ މިއީ ހަމަ ގައިމުވެސް ރައްޔިތުން ސަރުކާރު ދެކެ ނަފްރަތު ކުރާނެ ކަހަލަ ކަންކަމެވެ. މިފަދަ ކަންކަން ހައްލު ކޮށްގެން ނޫނީ ސަރުކާރަށް ބޭނުންވާ ވަރުގެ އެއްބާރުލުމެއް ލިބޭނެ އެކޭ ނުބުނާނަމެވެ.

ކައުންސިލްއާއި ހައުސިން މިނިސްޓްރީގެ ބޭފުޅުންނަށް އެތަނުގައި ހުރި މައްސަލަތައް ކިޔައި ދިނުމުން އެކަން ބަލާނެ ކަމަށް ބުނެއެވެ. ނަމަވެސް އޭގެ ފަހުން އެކަންތައް އެއްކޮށް ހަނދާން ނެތިގެން ގޮސް ބަޔަކު ހާލެއްގައި އުޅޭ ކަމެއްވެސް އެބަޔަކަށް ނޭނގެއެވެ.

ފްލެޓެއް ދިނަކަސް ނުވާނެ، ދިރިއުޅެވޭ ވަރު ވާން ޖެހޭ!

ފޮނި އުއްމީދަކާއި އެކީ ފްލެޓްތަކަށް ވަންނައިރު، މިފަދަ ކަންކަން ހައްލުނުވެ ހުރުމަކީ ރައްޔިތުން ނުހަނު ދެރަވާ ކަމެކެވެ. ހުރިހާ އެންމެންވެސް ބޭނުންވަނީ ހިތްހަމަ ޖެހިގެން އެ ތަނެއްގައި ދިރިއުޅޭށެވެ. ގޭގައި ތިބޭ ބަޔަކު ފްލެޓަށް ބަދަލުވެފައި، އަނެއް ދުވަހު އެތަން ކަމު ނުގޮސްގެން އަނބުރާ ދިއުން އެއީ އެއްވެސް ބަޔަކު ބޭނުންވާނެ ގޮތެއް ނޫނެވެ.

"އަޅުގަނޑުމެން އަސްލު އުއްމީދު ކުރީ މިތަން ފުރިހަމަ ވާނެ ކަމަށް. އެހެން ރަށްތަކާ ތަފާތު ވާނެ ކަމަށް. އެކަމަކު ފާހަގަވީ އެންމެ ކަމެއް. ބޭރުން ބަލާލަން ވަރަށްވެސް ރީތި، އެތެރޭގެ ހާލަތު ހަމަ ސުމެއް. މިހެން މި ދެންނެވީ މިތަނުގައި ވަކި ދުވަހަކަށް އުޅުނީމައި އަސްލު މައްސަލަ ހުރިކަން އެނގެނީ" ފްލެޓްގައި ދިރިއުޅޭ މީހަކު ބުންޏެވެ.

މުށި ބަދަލު ކުރި ގޭގެ މީހުންގެ މިވަގުތުގެ ހާލަތު-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ބޮޑު ސަރަހައްދެއްގައި 120 ފްލެޓް އަޅާފައިވާއިރު، ދުއްވާ އެއްޗަކުން ގޮސް އެތަނަށް ވަދެވޭނެ އެންމެ މަގެއް އޮތުން އެއީ ރައްޔިތުން ބަލައި ގަންނާނެ ކަމެއް ނޫނެވެ. އެރަށުގެ ރައްޔިތުން އެ މަގުގެ ހާލަތު ކިޔައި ދެމުން ބުނީ އެއީ މާބަނޑު އަންހެނުން ވިހާ މަގު ކަމަށެވެ. އެގޮތަށް ބުނަނީ ވަޅުގަނޑުތަކާއި އަޑި ގުޑަންތައް ގިނަ ވުމުންނެވެ.

ރައްޔިތުންގެ އަޑު ގަދަވުމުން ދޭތެރެއަކުން މަގު ކަހާލުން އެއީ ހައްލެއް ނޫނެވެ. އެއަށްވުރެ މިއަދުގެ ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންގެ ވިސްނުން މާ ބޮޑެވެ. މިކަންކަމަކީ ސަރުކާރުން ހައްލު ކުރަން ޖެހޭ ކަންކަން ކަމަށް ރައްޔިތުން ދެކެއެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޑައިވަރޭ

    ތިމީހުންނަ ގަނޑޮވަރައް އެޑާފޭދިނަސް ހިތް ނިފުރެންނެން...
    ތިވަރޮވީކަންމާމެދެއިއަސް ހަމްދުކޯބެލައު... ބޭލާމެން ރަންގަޅަނިވެންނެން

    21
    5
  2. ތިންބާރު

    ބައިވަރު މައްސަލަ އެބައުޅޭ
    1- ފްލެޓް އެޅީ ޔާމީންގެ ވެރިކަމުގައި. ވީމާ އައްޑޫ އަދި ފުވައްމުލަކުން ޖެއްސުމައް ބިންދެއްކީ ފުއްޓަރު މަތިން.
    2-ފްލެޓްތައް މޮނީޓަރކުރުން އަދި އެކަމާއި ގުޅިގެން ކުރަންޖެހުނު އެއްވެސްކަމެއް އެއިރުގެ ކައުންސިލުން ނުކުރޭ.
    3- ފްލެޓްތަކާއި ހަވާލުނުވެ މީހުންނަށް ތަންދިނުން ލަސްކުރެވެން އޮތްހުރިހާގޮތެއް ކުރިމަތިކުރުވި
    4- މީހުން އުޅޭ ނިކަމެތިގެ އަށްވުރެ އަވަހަށް މީހުން ނޫޅޭ ފެންވަރު ރަނގަޅުގެ ހަލާކުވެގެންދާނެ.
    5- މާކަނޑަށް ހުޅުވިފައި ނިވަލެއްނެތި ހުރި އިމާރާތެއްގެ ތެރޭ ބޮކި، ފަންކާ ޓީޥީ ނުގެންގުޅެވޭނެ.
    6- ތިއީ ރައްޔިތުންގެ މަންދޫބުންގެ ވިސްނުންހުރި ވަރު، ދެންކުރާނެ ކަމެއްނެތް.
    7- ޖެއްސުންކުރި މީހުންގެ ރައްޓެހިންނާއި އާއިލާ މީހުންނަށް ލިބުނު ފްލެޓްވެސް މަދެއްނޫން.

    22
    1
  3. ޕޮފް

    ހަދާ އިމާރަތްތަކުގެ ފެންވަރު ދައްވުން ތީމިހާރު ފުލެޓުގަ އެކަނި ދިމާވާ ކަމެއްނޫން.
    މި އީ މަސައްކަތް ނަގާ މީހާއާއި ކުރަންތޮބޭ މީހުން ގަސްދުގަ ކުރާ ކަމެއް.
    ދު
    ވަހަކުވެސް އެމީހުން ގެ ފުށަ ކުންސަލާމަތެއް ނުވާނެ.
    އޭރުންތާ އަބަދުވެސް މަސައްކަތް ލިބިލިބި ހުންނާނީ.
    ފާހަާނާގެ ފެންވައިރު ކޮއްފިއްޔާ ބައެއް ހޮލީގަ ތެރަސް ނުލާނެ.
    އޭރުންތާ އަބަދު މަރާމާތް ކޮއްކޮއް ތިބެވޭނީ.

    15
  4. ސަމްސިއްޔާ

    މިދިވެހިންނަށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ.

    8
    3
  5. ދިދަ ދަނޑި

    ފުވައްމުލަކު މީހުން އެކަނިތަ ހާލުގަ އުޅެނީ.. އާއިލާގެ ކޮންމެ މީހަކަށް ފްލެޓެއް ނުލިބޭނެ.. މިވެރިންނަށް ނޯވޭ ރަނގަޅު އެއްގޮތްވެސް..

    7
    4
  6. މުފައްކިރު

    ފްލެޓްތައް ޢިމާރާތް ކުރަން ފެއްޓީވެސް އަދި ނިމުނީވެސް ޔާމީންގެ ވެރިކަމުގަ. ފްލެޓަށް ޢިޢުލާންކޮށް ޝަރުޠު ހަމަވާ މީހުން ހޮވީވެސް ޔާމީންގެ ވެރިކަމުގަ. ޔާމީންގެ ވެރިކަމުގަ ފްލެޓްގެ ކުލި ހަމަޖެއްސެވީ 25 އަހަރުން އަގު އަދާކުރާގޮތަށް. އެއީ މަހަކު 2500.00ރުފިޔާގެ ރޭޓުން. ކުލި ދައްކާ ނިމޭއިރު 750000.00ރުފިޔާ. އިބްރާހިމް މުޙައްމަދު ސާލިޙުގެ ވެރިކަމުގަ ނިންމެވީ 25 އަހަރުން އަގު އަދާކުރާގޮތަށް. އެއީ މަހަކު 3550.00 ރުފިޔާ ރޭޓުން ކުލި ދައްކާ ނިމޭއިރު 1،065،000.00ރުފިޔާ. ޔާމީންގެ ވެރިކަމުގަ ފްލެޓެއްގެ އަގު ކަނޑައެޅި މިންވަރަށްވުރެ 315000.00 ރުފިޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ވެރިކަމުގަ އިތުރަށް ދައްކަން ޖެހޭ. ބޮޑާހާކާގެން ފްލެޓް ބޭނުންނުކުރި މީހުނަށްވެސް ފަހުން ވިސްނުނީ އުޅެން ފަސޭހަ ތަނެއްކަން. ޚަރަދު ކުޑަ ދިރިއުޅުމެއް ފްލެޓްގަ އުޅެވޭކަން. ނޫސްތަކުން މަޢުލޫމާތު ހޯދާ ޢާއްމުކުރާ އިރު ހަމަހަމަ ވިސްނުމެއްގައި ހާމަކަން ބޮޑު ގޮތެއްގައި މަޢުލޫމާތުދެވޭ ފަދަ ގާބިލް ފަރާތްތައް ޚިޔާރު ކުރުމުން ތެދު މަޢުލޫމާތު ފެތުރުމުގެ ފަހިމަގު ފެންނަމުންދާނެ.

    21
    • ކަރެކްޝަން

      "އަދި ނިމުނީވެސް ޔާމީންގެ ވެރިކަމުގަ." ފްލެޓް ނިމުނީ މިސަރުކާރުގެ ފުރަތަމަ އަހަރުގައި. އެއީ ފިނިޝިންގްގެ މަސައްކަތް. ފިނިޝިން ނިންމާލީ މިސަރުކާރުން.

      2
      2
  7. ބެއްޔާ

    މާލޭގަ މާލޭ މީހުން އުޅެނީ ތިޔަށްވުރެން ހާލުގައި. މާމަގެ ގޯތިފޮތިކުރަމުންގޮސް 2 ޖީލްވެސް އުޅެނީ ފާހާނާއެއްވަރުގެ ތަނެއްގަ! އަނެއްކާ ހެއްވާކަމެކީ މާލެއަށް އެމްޑީޕީގެ ރަށްވެހިފަތިހެއް ނުވޭ! ލާމަރުކަޒީ ޤާނޫނާ ޚިލާފަށް އަސްލަންޓޭ އަދިއަންނި އަޑީގައި ހުރެގެން މާލެ/ހުޅުމާލެ/ވިލިގިލި/ތިލަފުށި/ފުޅީފަޅު ހިމެނޭގޮތައް ހުރިހާ ބިމުގެ މިލްކްވެރިކަން އެޗްޑީސީއަށް ދީނިންމާފަ ވަނީ މިހާރުމިއޮތް އެމްޑީޕީ ސަރުކާރުން ދެން ކީއްކުރަން ހޮވާ ސިޓީކައުންސިލެއް. ވިހާމަރުވާ މީހުންގެ ލިސްޓް ބަލަހައްޓަން މާލެއަށް މޭޔަރ އަދި ކައުންސިލަރުންނެއް ބޭނުމެއްނުވާނެ!

    10
  8. ފުވައްމުލައް

    ތިރަށް ތަރައްގީނުކޮށް ބިން ހަރުތަންތަން ތަރައްގީ ތަރައްގީ ކޮއްފައި ފުލެއްތައް ދޭންވީ ފުވައްމުލަކު ކުދިންނަށެވެ.

    ފުލެޓް ދޮންބެ