(ފުވައްމުލައް ސިޓީ) މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ރޯގާ ތަޖުރިބާ ކުރަން ޖެހުނު އެއް ރަށަކަށް ޏ. ފުވައްމުލައް ވާނެއެވެ. ކޮވިޑްގެ ބަލިމަޑުކަމާ ހެދި، ފުވައްމުލަކުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ. ބަލިމަޑުކަމުގެ ތެރޭގައި ދިމާވެދާނެ ހުރިހާ ކަމަކަށް ފުވައްމުލައް ހޮސްޕިޓަލް އޮތީ ތައްޔާރަށެވެ. އެކަމަކު، ކޮވިޑް-19 ފެތުރުނު ދުވަސްވަރު އާންމުން ކުރި ޝަކުވާ ވަކި ކުޑައެއް ނޫނެވެ.

މަގުމަތިން ފެންނަ ކޮންމެ މީހެއްގެ ޝަކުވާއަކަށް އޮންނަނީ ވެސް ކޮވިޑް-19 ގެ ރޯގާއަށް މުޅި ސިއްހީ ނިޒާމުގެ ފޯކަސް ގޮސްފައިވާތީވެ އެހެން ބަލިތަކުގެ ފަރުވާ ދިނުމުގައި ފަރުވާ ކުޑަ ކަމުގެ ވާހަކައެވެ. ހޮސްޕިޓަލަކީ "ބޭކާރު" ތަނެއްގެ ގޮތުގައި ސިފަކޮށް ތަނުގެ އަގު ވެއްޓޭ ގޮތަށް ވެސް ގިނަ ބަޔަކު އެކި އަޑު ދިޔައީ ފަތުރަމުންނެވެ. އާންމުންގެ މެދުގައި ހޮސްޕިޓަލާ މެދު ނަފްރަތު އުފެދޭ ގޮތަކަށެވެ.

އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ފެންވަރަށް ސިއްހީ ހިދުމަތް ނުލިބިއްޖެ ނަމަ، އެކަމުގެ ވާހަކަތައް ކޮންމެވެސް ސިފައެއްގައި ދައްކާނެއެވެ. އެކި ގޮތް ގޮތަށް ދެކެވޭނެއެވެ. މިއީ ހުރިހާ ރަށެއްގައިވެސް ކަން ހިނގާ އުސޫލެވެ. ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު ވެސް ވަނީ އެ ހޮސްޕިޓަލުން ދެމުން ގެންދާ ހިދުމަތްތަށް ފޯރު ކޮށްދިނުމުގައި ދަތިތަކެއް ހުރި ކަން ފާހަގަ ކުރައްވައިފައެވެ.

އެ ގޮތުން ރައްޔިތުން ބޭނުންވާ ލެވެލްއެއްގައި ހިދުމަތް ނުދެވޭކަން އޭނާ ވެސް ގަބޫލު ކުރައްވައެވެ. އެ ކަން ރަނގަޅު ކުރެވޭނީ ވަކި އަދަދަކަށް ވަސީލަތްތައް ވެސް ހުރެގެންނެވެ. މުވައްޒަފުން ވެސް ތިބެގެންނެވެ. އެ ކަންކަން ހަމަޖެހޭނީ ވެސް އެ ތަނަކުން ޚިދުމަތް ހޯދަންދާ ރައްޔިތުންގެ އަދަދު ވެސް މަތިވެގެނެވެ.

"ވަސީލަތްތައް މެނޭޖް ކުރުމުގައިވެސް ބައެއް ކަހަލަ ދަތިތަކާއި ގޮންޖެހުންތައް އެބަ ހުރި، ވަރަށް ބޮޑަށް ދަތިވާ އެއް ކަމެއް ކޮންޒިއުމަބަލް ސަޕްލައި ބޭނުންވާ ވަގުތަށް ހަމައަށް ނުލިބުން، ދެން އެއީ މުޅި ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކުގައި ވެސް އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވާ އެއް މައްސަލަ،" ސައީދު ވިދާޅުވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު ސައީދު "ވަގުތު" އަށް އިންޓަވިއު ދެއްވަނީ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މުވައްޒަފުންގެ ދަތިކަން ހުރިއިރު އެ މުވައްޒަފުންނަށް ބޭނުންވާ އިތުރު ތަމްރީންތައް ދިނުމުގައި ވެސް ދަތިތައް ހުރިކަން ސައީދު ފާހަގަކުރެއްވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލްގައި މި ވަގުތު 18 ޑޮކްޓަރުން އެބަތިބިއެވެ. އޭގެ ތެރެއިން ބޭރުގެ 10 ސްޕެޝަލިސްޓުން ހިމެނެއެވެ. ދިވެހި ދެ ސްޕެޝަލިސްޓް ޑޮކްޓަރުން ވެސް ހިމެނެއެވެ. ދެން ތިބެނީ ހަ މެޑިކަލް އޮފިސަރުންނެވެ. އެތަނުގައި 37 ނަރުހުން މަސައްކަތް ކުރާއިރު، އެއީ މުޅިން ވެސް ދިވެހިންނެވެ.

ކުއްލި ހާލަތުގައި ހޮސްޕިޓަލުން ފަރުވާ ދެވެން ނެތިގެން ބަލި މީހާ މާލެ ފޮނުވާލަން ޖެހުމަކީ ހިތްދަތި ވާހަކައެކެވެ. ސައީދު ވިދާޅުވީ އެފަދަ ކަންކަން ހިނގި ނަމަވެސް އެކަން ރަނގަޅު ކުރެވޭނީ ހޮސްޕިޓަލުން ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށްގެންނެވެ.

ކޮވިޑް-19 ޓެސްޓްގެ ޝަކުވާ

ކޮވިޑް-19 ގެ ބަލިމަޑުކަމެއްގެ ތެރޭގައި އުޅުނަސް ވެރި ރަށް މާލެއިން ފުރައިގެން ގިނަ އަދަދެއްގެ ބަޔަކު އެ ރަށަށް ކަރަންޓީންވުމަށް އާދެއެވެ.

އެހެންވެ، އެ ހޮސްޕިޓަލުން ދާދި ފަހުން ވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރަން ފަށައިފައެވެ. ނަމަވެސް ސައީދު ވިދާޅުވީ މި ވަގުތު ހުރި މެޝިނަކީ އެހާ ގިނަ ސުންކު އެއްފަހަރާ ޓެސްޓް ކުރެވޭނެ ގާބިލުކަން ހުރި މެޝިނެއް ނޫން ކަމަށެވެ.

"އެކަމަކު މިއީ ރަށަށް ޗުއްޓީ އަށް އަންނަ އެންމެންގެ ޑިމާންޑަށް ކޭޓަ ކުރެވޭ ވަރުގެ ވަސީލަތެއް ނޫން. އެންމެ ޖީން އެކްސްޕާޓް މެޝިނެއް މި ހުރީ. ދެން ފަށައިގަތީމަ ޑިވެލޮޕްމަންޓް އަންނާނެ ކަމަށް ގަބޫލު ކުރެވެނީ،" ސައީދު ވިދާޅުވިއެވެ.

މިވަގުތު އެ ހޮސްޕިޓަލުގައި ހުރި މެޝިނަށް ފަހަރަކު ލެވެނީ ހަތަރު ސުންކުއެވެ. އޭގެ ނަތީޖާ ހޯދަން ދެ ގަޑިއިރު ހޭދަވެއެވެ. އެ ހިދުމަތް 24 ގަޑިއިރު އެކި މުވައްޒަފުންނަށް ޑިއުޓީ ބަހާލައިގެން ކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް ގެނައި ޖީން އެކްސްޕާޓް މެޝިން-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކޮވިޑް-19އަށް ޓެސްޓް ކުރުމަށް މީގެ ކުރިންވެސް އެރަށަށް މެޝިނެއް ފޮނުވިއެވެ. ނަމަވެސް އޭރު ލިބިފައިވަނީ ޓެސްޓް ހަދާ ރޫމަށް ބޭނުންވާ "ސޭފްޓީ ކެބިނެޓް" އެވެ. ސައީދު ވިދާޅުވީ، އެއީ ވެސް ކޮވިޑް-19 ގެ ސުންކުތައް ޓެސްޓް ކުރާ މެޝިނަށް ބޭނުންވާ އެއްޗެއް ކަމަށެވެ.

މީގެ ކުރިން އެ ރަށުގައި ނަގާ ސުންކުތައް ފޮނުވަނީ އައްޑޫގައި ހުންނަ އެރަށު އިކުއެޓޯރިއަލް ހޮސްޕިޓަލަށާއި މާލެއަށެވެ. އެހެންވެ ނަތީޖާ ނުލިބި ލަސްވުމަކީ އާންމުން ކުރާ ޝަކުވާއެކެވެ.

ކަރަންޓީނުގައި ތިބޭ މީހުނަށް ޚިދުމަތް ދިނުން

ކަރަންޓީނުގައި ތިބޭ މީހުންނަށް އެންމެ އެދެވޭ ފަރުވާ ނުލިބުމުގެ މައްސަލައަކީވެސް ފަހަކަށް އައިސް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އަޑުއިވެމުން އަންނަ އެއް ވާހަކައެވެ. އެފަދަ ފަރާތްތަކުން ބަލިވެގެން އުޅޭ ވާހަކަ އެންގުމުންވެސް ހާޒިރު ނުވާކަމުގެ ޝަކުވާ ވަނީ އަޑުއިވިފައެވެ.

ސައީދު ވިދާޅުވީ، ކަރަންޓީނުގައި ތިބޭ ފަރާތްތަކުގެ ފަރާތުން އެކި ކަހަލަ ޝަކުވާ އަންނަ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ވެފައި އޮންނަނީ ކޮވިޑް އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ހިނގާ ކަންކަން ކަމަށާއި އެއީ ފަރުވާ ނުދެވިގެން ހިނގާ ކަންކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. ބައެއް ފަހަރު ގޭގައި ކަރަންޓީނުވެގެން ހުންނަ ފަރާތުން ވަރަށް މިނިވަން ވެގެން ދާން ބޭނުންވާނެ ކަމަށާއި އެހެންވުމުގެ ސަބަބުން ބައެއް ކަހަލަ ހިތްހަމަ ނުޖެހުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ޝަކުވާއެއް ވެސް އަޅުގަނޑުމެންގެ މެނޭޖްމެންޓާ ހަމައަށް ލިބުނީމަ އެ ކޭސް ވަކިން ބަލާނަން މިތާ އެތެރޭގައި. ކިހިނެތްތޯ އެކަން ހިނގީ. އެ ހިތް ހަމަނުޖެހުން ނުވަތަ ކޮންސާންގެ ހަގީގަތަކީ ކޮބައިތޯ. އެހެން ބަލާއިރު، ދިމާވެފައި އޮންނަނީ މިކޮޅުން ފަރުވާ ނުދިނުމަށްވުރެ އެކަން މެނޭޖް ކުރުމުގެ ތެރޭގައި ދަތިވާ ދަތިވުން. އެއްގޮތަަކަށްވެސް ފަރުވާ ނުދެވިގެން ނޫން." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އެ ހޮސްޕިޓަލުގެ އިހުމާލުން ފަރުވާ ނުދެވި އެކަހަލަ އެއްވެސް ކަމެއް ހިނގާފައިވާނެ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށާއި އެހެން ނަމަވެސް ކަރަންޓީނުގައި ހުންނަ މީހަކު އަންނަން ބޭނުން ވެއްޖެނަމަ އުސޫލުތަކުގެ ދަތިކަން ހުންނާނެ ކަމަށެވެ.

ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ބަލި ވެއްޖެނަމަ، ވަކި ހާއްސަ ނަންބަރަކަށް ގުޅާލުމުން އެކަން ގާތުން ބަލާނެ ކަމަށާއި ކުއްލި ހާލަތެއްގައި ހޮސްޕިޓަލަށް ގެންނަން ޖެހިއްޖެ ހާލަތެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކީ އެމީހަކު ގެނެސް ފަރުވާދީފައި އަނބުރާ ގެއަށް ގެންގޮސްދޭ ކަމަށް ސައީދު ވިދާޅުވިއެވެ.

މިވަގުތު ލިބޭ ހިދުމަތްތައް

ފުވައްމުލަކު ހޮސްޕިޓަލްގެ ހިދުމަތްތައް އާ ހަރުފަތަކަށް ގެންދިއުމުގެ ގޮތުން މިހާރު ދެބައިކުޅަ އެއް ބައި މަސައްކަތް ވަނީ ކާމިޔާބު ކުރެވިފައެވެ. އެގޮތުން އެ ހޮސްޕިޓަލުން ވަނީ "ދަތުގެ ފަރުވާ އާއި ޑައިލިސިސްގެ ހިދުމަތް ފަށައިފައެވެ.

ފުވައްމުލަކު ހޮސްޕިޓަލުން މިހާރު ދެމުން އަންނަ ބައެއް ހިދުމަތްތަކަށް ބަލާއިރު އޮޕަރޭޝަން ތިއޭޓަރ، ލެބޯޓްރީ، ފިޒިއޮތެރަޕީ އަދި އާއްމު ސިއްހަތާއި ބެހޭ ހުރިހާ ހިދުމަތެއް ޕަބްލިކް ހެލްތް ޔުނިޓްގެ ތެރެއިން ދެވެއެވެ.

ސައީދު ވިދާޅުވީ، ފުވައްމުލަކު ހުރިހާ ރައްޔިތުން އެދެނީ ރަނގަޅު ފެންވަރުގެ ހިދުމަތް ހޮސްޕިޓަލުން ލިބުން ކަމަށާއި އެހެން ބޮޑެތި ހޮސްޕިޓަލުން ކުރެވޭ ވަރު ނުކޮށްދެވުނަސް ރަނގަޅު ފެންވަރެއްގެ ހިދުމަތް އެ ހޮސްޕިޓަލުން ދެވޭ ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ކޮވިޑް-19 ޓެސްޓް ހަދަން ފަށަން ތައްޔާރުވެފައި-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ރަށުގެ އާބާދީ ކުޑަޔަސް، ބޮޑަސް ހިދުމަތައް އާންމުން މިއެދެނީ އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތް. މިރަށުގެ އާބާދީ މިވަގުތު 13،000 މަތީގައި އުޅެނީ. މިވަރުގެ އާބާދީއަކަށް މި ހޮސްޕިޓަލުން ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ދެވޭނެ. އެކަމަކު އެޑްވާންސް ހިދުމަތްތަކެއް ނުހުންނާނެ" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ރައްޔިތުން މިވަގުތު އެންމެ ބޭނުން ވެފައިވަނީ ސީޓީ ސްކޭން ހެދޭނެ އިންތިޒާމާއި އެމްއާރުއައި ހެދޭނެ އިންތިޒާމު އެރަށުން ހަމަ ޖެހިގެން ދިއުން ކަމަށެވެ. އެ ހިދުމަތް ރައްޔިތުންނަށް ލިބޭނެހެން އެކަންކަންވެސް މިހާރު ބަލަމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

"ކޮންމެ އަތޮޅެއްގެވެސް ރައްޔިތުން އެދޭނީ އެ އަތޮޅަކުން ހުރިހާ ހިދުމަތެއް ލިބެން. އެހެން ކަމުން އެގޮތަށް ހުންނަ ހިދުމަތްތަކެއް އަޅުގަނޑުމެންގެ ނުހުރޭ" ސައީދު ވިދާޅުވިއެވެ.

ހިދުމަތް ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތް

ސިއްހީ ހިދުމަތް ފޯރު ކޮށްދޭ ހުރިހާ ތަނަކީ ރައްޔިތުން ބޭނުންވާ ފެންވަރެއްގައި އެކަންކަން ކޮށްދެވޭނެހާ ގާބިލުކަން ހުރި ތަންތަނެއް ނޫނެވެ. ނަމަވެސް އެތަނެއްގައި ތިބޭ މުވައްޒަފުންނާއި މެނޭޖްމެންޓްގެ ބޭފުޅުންނަށް އެކަންކަމަށް ހައްލެއް ހޯދައި ދެވޭނެ ކަމަށް ހުރިހާ އެންމެން ގަބޫލު ކުރެވެއެވެ. އެތަނެއްގައި އެބަޔަކު ތިބެން ޖެހޭނީ އެފަދަ ގޮންޖެހުންތަކެއް ހުންނާނެ ކަމަށް ބަލައެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ދެވޭ ހިދުމަތްތައް ރަނގަޅު ކުރުމަށް އެތަނުގެ މެނޭޖްމެންޓުން އަންނަނީ އެރަށުގެ ރައްޔިތުންނަށް ފެންނާނެ ހެން އަދި ނުފެންނަ ގޮތް ގޮތުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހިދުމަތް ރަނގަޅު ކުރުމަށް އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަންވެސް އެ ހޮސްޕިޓަލުން އަންނަނީ ކުރަމުންނެވެ.

"ބައެއް ކަހަލަ ހިދުމަތްތައް ރަނގަޅު ކުރުމަށް އަޅުގަނޑުމެން އެބަހުރި ހޮސްޕިޓަލްގެ މެނޭޖްމެންޓުން އިސްނަގައިގެން ކަންކަން ކޮށްފައި. އަދި ސަރުކާރުން ކޮށްފައި ހުރިކަންކަން ވެސް އެބަހުރި. އެގޮތުން 16 ވަރަކަށް ކުދި ކުދި ކަންކަން އެބަ ހުރި ކޮށްފައި. މިއިން ކޮންމެ ކަމަކީ އާންމުންނަށް ފެންނަ ކަމެއް ނޫން." ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ދޮށީ އުމުރުގެ ބޭފުޅުން ހޮސްޕިޓަލަށް ނުގޮސް ގޭގައި ތިބެގެން ދާއިމީ ބޭސް ކެވޭނެ އިންތިޒާމުތައް ފަސޭހަ ގޮތަކަށް މިދިޔަ އަހަރު ހަމަޖައްސާފައިވާ ކަމާއި ލެބޯޓްރީގެ ނަތީޖާ ގޭގައި ހުރެގެން ވައިބާ މެދުވެރިކޮށް ބަލާލެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ ބޭސްތައް ލިބޭނެ އިންތިޒާމު ބޭސް ގެންނަ ފަރާތްތަކާ ވާހަކަ ދައްކައިގެން ހައްލު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި ހުންނަ އެސްޓީއޯ ފާމަސީ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރައްޔިތުން ކުރަމުން އަންނަ ޝަކުވާ ވަކިން މެނޭޖްމެންޓް ފަޅިން ބަލައި، އެކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ގިނަ ފަހަރު ދިމާވަނީ ފަރުވާ ދިނުމުގެ މައްސަލަތަކެއް ނޫން ކަމަށާއި އެކަން މެނޭޖްކުރުމުގެ ތެރޭގައި ދިމާވާ ދަތިތައް ކަމަށް ވިދާޅުވިއެވެ. އެގޮތަށް އަންނަ ކަންކަން ބަލި މީހާއާއި ވާހަކަ ދައްކައި ހައްލު ކުރަމުން އަންނަކަން ސައީދު ވަނީ ފާހަގަ ކޮށްފައެވެ.

"އަސްލު ޑޮކްޓަރުންނަށްވެސް ވަގުތު ދޭން އެބަ ޖެހޭ. މިކަމުގައި ބޭނުންވާނީ ކެތްތެރިކަން. މާލެ ވިއަސް މިތަން ވިއަސް އަދި ރާއްޖޭގެ ކޮންމެތަނެއް ވިއަސް، ހޮސްޕިޓަލަކަށް ގޮއްސަ ވަރަށް ކެތްތެރިކަމާ އެކީގައި އެއްބާރުލުން ދޭން އެބަޖެހޭ އެތަނެއްގެ ނަރުހުންނާއި ޑޮކްޓަރުންނަށާއި ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ މީހުންނަށް. އަޅުގަނޑުމެންގެ ހުރިހާ ސްޓާފުންވެސް މަސައްކަތް ކުރަނީ ރަނގަޅު ފަރުވާއެއް ދޭން. އެއްވެސް ހާލެއްގައި މިތަނަށް އަންނަ މީހެއްގެ ވަކި މޫނަކަށް ބަލައިގެން އެހެނެއް ނޫން އަޅުގަނޑުމެން މަސައްކަތް ކުރަނީ" ސައީދު ވިދާޅުވިއެވެ.

އާ އިމާރާތަކާއި އެކީ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް

ފުވައްމުލަކު ރައްޔިތުން ދެކެމުން އަންނަ އެއް ހުވަފެނަކީ ރަނގަޅު ފެންވަރުގެ ސިއްހީ ފަރުވާ ލިބޭނެ ތަނަކަށް އެރަށްވުމެވެ. އެއީ އަބަދުވެސް އެރަށުގެ ރައްޔިތުން ކުރަމުން އަންނަ ޝަކުވާއެކެވެ.

ފުވައްމުލަކުގައި މިވަގުތު ހުރި ހޮސްޕިޓަލްގެ ބަދަލުގައި އެރަށުގައި އާ ހޮސްޕިޓަލެއް އެޅުމަށް މިދިޔަ 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިއެވެ. ނަމަވެސް މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ސަބަބުން ބަޖެޓު ކުޑަވެގެން ދިއުމާ އެކީ އިމާރާތް މިދިޔަ އަހަރު ފެށޭ ވަރު ވަނީ ނުވެފައެވެ.

ސައީދު ވިދާޅުވީ، އުއްމީދަކީ މިއަހަރު އިމާރާތް ނިމުމަކަށް އައުން ކަމަށެވެ. އިމާރާތް ނިމުނަސް އިމާރާތް އެބޭފުޅުންނާ ހަވާލުކުރަން އަދި ދެ ވަރަކަށް އަހަރު ނަގާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސައީދު ވިދާޅުވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރ ވަގުތު އަށް އިންޓަވިއު ދެއްވަނީ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މިއަށްވުރެ ރަނގަޅު ފެންވަރުގެ އާ ހިދުމަތްތަކެއް އިމާރާތް ބޭނުންވާނީ. މިހާރު މިހުރި އިމާރާތުގައި އަޅުގަނޑުމެންނަށް އަދި މެޝިނަރީއެއް ލިބުނަސްވެސް އިމާރާތާއި ބައެއް އެއްޗިއްސަކީ އެއާ އެކީގައި ހަމަ އިމާރާތުގެ ވަކި ސްޕޭސް ބޭނުންވާނެ އެއްޗެއް. އެހެންވީމަ އާ އިމާރާތާ އެކީ ދެން މިތަނުގައި އިތުރު ހިދުމަތްތައް ތައާރަފް ވެގެން އަންނާނީ" ސައީދު ފާހަގަ ކުރެއްވިއެވެ.

ފުވައްމުލަކުގައި އަޅާ އާ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ މިހާރު ހުރި ހޮސްޕިޓަލްގެ އިރުމަތިން ތައުލީމީ މަރުކަޒާއި ހޮސްޕިޓަލާއި ދޭތެރޭގައެވެ. އެކަމަށް ބޭނުން ކުރާނެ ބިން ލިބޭނެ ކަމުގެ ޔަގީންކަން އެރަށު ކައުންސިލުން ވަނީ ދީފައެވެ.

ސައީދު ވިދާޅުވީ، އާ އިމާރާތް އަޅައި ނިމިގެން ހިދުމަތް ދޭން ފެށި ނަމަވެސް، މިހާރު ހުރި ހޮސްޕިޓަލް ދޫނުކުރާނެ ކަމަށާއި އިތުރު ވަސީލަތްތައް ބޭނުން ކޮށްގެން އެ ހޮސްޕިޓަލުގައިވެސް ހިދުމަތް ދެވޭނެ ކަމަށެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަށު މީހާ

    ފުވައްމުލަކު ހޮސްޕިޓަލްގައި މި ވަގުތު 18 ޑޮކްޓަރުން އެބަތިބިއެވެ. އޭގެ ތެރެއިން ބޭރުގެ 10 ސްޕެޝަލިސްޓުން ހިމެނެއެވެ. ދިވެހި ދެ ސްޕެޝަލިސްޓް ޑޮކްޓަރުން ވެސް ހިމެނެއެވެ. ދެން ތިބެނީ ހަ މެޑިކަލް އޮފިސަރުންނެވެ.
    އެކަމަކު ދައްކަން ކަމުދާ އެއްވެސް މީހެއް ނެތް ވާހަކަ ވެސް ލިޔެލިނަމަ

    • ޙުވާ

      ހިތް އަރާ އާސްމާނުގަދޯ.