(ފުވައްމުލައް ސިޓީ) މި ސިޓީ ގިނަ ބަޔަކަށް ކަމުދަނީ ރީތި ބިޔަ ބޮޑު ތުނޑީގެ ސަބަބުންނެވެ. ގުދުރަތީ ރީތިކަމުގެ ފުރިހަމަކަމުންނެވެ. މީހުންގެ ހިތްހެޔޮ ކަމުންނެވެ. އޭގެ ފަހުން އާންމުން އެންމެ ބޮޑަށް ޝައުގުވެރިކުރުވާ ތަނެއްގެ ގޮތުގައި ފާހަގަ ކުރެވިފައި އޮތީ "ކޮޑަ ކިޅި" ނުވަތަ "ޗަކަ ކިޅި" ގެ އެވެ. އެތަނުގެ ވަށައިގެން ފެންނަނީ ފެހިކަމާއި ރީތި ކަމާއި ހިތްގައިމު ކަމެވެ. އެ ރީތިކަމުގެ މެދަށް ބޮޑު ކިސަޑުގަނޑެކެވެ. މިއީ ޒުވާނުންގެ މެދުގައި ވެސް މަގުބޫލު ތަނެކެވެ. އެތަނަށް އެރި މަޖާކޮށް ހެދުމަކީ ޒުވާނުން މިއަދު އެންމެ ކުރާ ހިތްވާ އެއް ކަމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މީގެކުރިން ނަމަ، މި ތަނަށް ފުވައްމުލަކު މީހުން އެރުމަކީ މާ ގަޔާވާ ކަމެއް ނޫނެވެ. އެކަމަކު، އެ ރަށަށް ޗުއްޓީއަށް ދާ މީހުންގެ މެދުގައި މިތަނަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭން ފެށުމާ ގުޅިގެން އެ ތަން ފުވައްމުލަކު މީހުންނަށް ވަނީ މާ ބޮޑަށް ވެސް ކަމުގޮސްފައެވެ. އެއީ މިހާރު ޗުއްޓީ ހޭދަކޮށްލަން އެންމެ މަޝްހޫރު އެއް ތަނެވެ. ދިވެހިންގެ އިތުރުން ބޭރުގެ ބައެއް މީހުންނަށް ވެސް ކަމުދާ ތަނެކެވެ.

ފުވައްމުލަކު ކޮޑަ ކިޅިއަށް ދާން އޮންނަ މަގު. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ވަގުތު" ހޭރިޔާ ޓީމުން ފުވައްމުލަކަށް ކުރި ދަތުރުގައި ކޮޑަ ކިޅި ނުވަތަ ޗަކަ ކިޅި ވެސް ތަޖުރިބާކޮށްލީމެވެ.

"ޗަކަގަނޑަށް ދިޔައިންތަ؟ އެއީ ވާ ތަނަކީ،" ފުވައްމުލަކުން ދިމާވާ ކޮންމެ މީހަކު ހެން އަހާ އެއް ސުވާލަކީ އެއީއެވެ.

މިތަނާ ބެހޭ ގޮތުން ތަފާތު އެކި ވާހަކަތައް ދެކެވެއެވެ. އެންމެ އަޖައިބުވާ އެއް ވާހަކައަކީ 1959 އިން 1963 ވަނަ އަހަރާ ހަމައަށް ހިނގައި ދިޔަ ހަމަނުޖެހުމެއްގައި ބަޑި ޖަހާތީ ބިރުން ރަށުގެ ބައެއް މީހުން ރައްކާތެރިވުމަށް ބަންޑާރަ ކިޅިއަށް ފައިބާ މުޅޯށި ބޮލުގައި އަޅައިގެން ފިލާ ތިބި ކަމުގެ ވާހަކައެވެ. މިއީ އޭރު މީހުން ދައްކައި އުޅުނު ވާހަކައެވެ.

ފުވައްމުލަކު ކޮޑަ ކިޅި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިތަން އޮންނާނީ ކޮންތާކު؟

ފުވައްމުލަކު ޗަކަ ކިޅިއަކީ އެ ރަށު ބަންޑާރަކިޅި އާއި ދަޑިމަގި ކިޅިއާ ޖެހިގެން ގޮތަކަށް އަންނަ ކިޅިއެކެވެ. މި ކިޅިއަށް ފައިބާ ކޮންމެ މީހަކުވެސް ފޮޓޯއެއް ނަގައި އެތަނަށް ފޭބިކަން އަންގާލާނއެވެ. މީސް މީޑިއާގައި އެންމެ އާންމު އެއް ފޮޓޯއަކަށް މި ކިޅިތަކުގެ ފޮޓޯ ވާނެއެވެ.

ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ވަރަށް ދުރުގައި އޮންނަ ކޮޑަ ކިޅިއަށް ދާންޖެހެނީވެސް ވަރަށް ދަތި ހާލުގައެވެ. ގަސްތަކުގެ ތެރެއިންނާއި އަލައޮޅުތަކުގެ މެދުން ގެނބެމުންނެވެ. ނަމަވެސް ކޮޑަ ކިޅިއަށް ދިޔުމަކީ މިއަދު ފުވައްމުލަކުގެ ޒުވާނުންނާއި އެތަނަށް ދާ ގިނަ ބަޔަކު ލޯބިކުރާ ކަމެކެވެ.

ފުވައްމުލަކު ޗަކަ ކިޅި- ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

މިތަނަށް ދެވެން އޮންނަނީ އެންމެ މަގަކުން ނޫނެވެ. އެކި ފަޅިފަޅިން ވަނީ މި ތަނަށް ވަދޭވޭ ގޮތަށް މަގުތައް ހަދައިފައެވެ. ނަމަވެސް ވަކި ހިސާބަކުން ފައިގެ ތަނބިކައްޓާ ހަމައަށް ބައެއް ސަރަހައްދުތައް ގަނބައެވެ. އެތަނަށް ދާން ޖެހެނީ ކިޅި ދަންނަ މީހެކެވެ. ނުދަންނަ މީހަކާ އެކީގައި ގޮސްފި ނަމަ، މީހާ ގަނބައިގަނެ އުނދަގޫތަކާ ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު، މިއީ އަސްލު އެތަނުގެ މަޖާކަން އެނގޭ ހިސާބެވެ. މިއީ ފެށުމެވެ.

ކިހިނެއްވާ ތަނެއް؟

މި ކިޅި އަށް ގިނަ މީހުން ފައިބާ އެއް ސަބަބަކީ "މަޑްބާތް" ކުރާށެވެ. ގްރޫޕު ޖަހާލާފައި ގޮސް މަޖާކޮށްލާ މީހުން ވަކި މަދެއް ނޫނެވެ. މީގެ ކުރިން އެތަން ބޭސްވެރި ކަމަށްވެސް ބޭނުން ކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އެގޮތުން ގައިގައި ރިއްސުމާއި އާތުރައިޓްސްގެ ފަރުވާތަކަށް އެތަނަށް އެރި އުޅެއެވެ. ބައެއް މީހުން ސްޓްރެސް ފިލުވަން ކަމަށްބުނެ ވެސް މިތަނަށް ފައިބައެވެ.

ފުވައްމުލަކު ކޮޑަ ކިޅި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ގާތްގަނޑަކަށް 50 ފޫޓުގެ ކޮޑަ ކިޅީގެ ބައެއް ތަންތަނުގެ ފުންމިނުގައި ހަ ފޫޓު ހުންނައިރު އެހެން ހިސާބުތަކުގައި އާއްމު މީހެއްގެ އިސްކޮޅު ޖެހެއެވެ. އެރަށުގެ މީހުން މިތަން ސިފަކުރަނީ ފުވައްމުކަލުގެ ފެން ސާފު ކުރާ ކިޑުނީގެ ގޮތަށެވެ.

ބައެއް މީހުން މިތަނަކީ ފައިބައިފިނަމަ، އެއްކޮށް މީހާ އަޑިއަށް ދަމައިގަންނަ ތަނެއްކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް ގިނަ ބަޔަކު ބުނެފައިވަނީ އެތަނަކީ އެކަހަލަ ތަނެއް ނޫން ކަމަށާއި މުޅިން ޗަކަވެފައި އޮތުމުން އަޑިއަކަށް މީހާ ނުދާނެ ކަމަށެވެ.

މިތަން ފުރަތަމަ ފެންނަ މީހުން މިތަނަށް އެހާ ފައިބާ ހިތެއް ނުވެއެވެ. އެ ބަޔަކު އެތަން ދެކެނީ "ފަކުރު" ތަނެއްގެ ގޮތުގައެވެ. ނަމަވެސް އެއް ފަހަރު އެތަނަށް ފޭބުމުން ދެން ދެ ވަނަ ފަހަރަށްވެސް އެތަނަށް އެ ބަޔަކު ފައިބަން ބޭނުންވާނެ ކަން ޔަގީނެވެ.

ކޮޑަކިޅިގެ ތެރެއަށް މީހަކު ފައިބާފައި-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ބައެއް މީހުން އެތަނަށް ދަނީ ޗަކަގަނޑަށް އެރިލައިގެން އޮންނާށެވެ. އަނެއް ބައި މީހުން އެތަނަށް ފުންމައި، އެކަކު އަނެކަކު ގަޔަށް ޗަކަ އުކައި ސަކަރާތް ޖަހައެވެ. މިއީ ރަށަކަށް ގޮސް، ތަޖުރިބާކޮށްލަން ތަފާތު މަޖާ ކަމެއްކަން އެންމެން ވެސް ގަބޫލުކުރެއެވެ.

މިއީ ރަށުގައި މަޝްހޫރު ތަނެއް ނަމަވެސް މިހާތަނަށް އެތަނާ ބެހޭގޮތުން އެއްވެސް ދިރާސާއެއް ހަދާފައިވާ ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

ފުވައްމުލަކު ރައްޔިތުންގެ ރީތި ހަން، ކޮޑަ ކިޅިއާ ގުޅުމެއްވޭތަ؟

ޗަކަ ފެންގަނޑުތަކަށް އެރުމަކީ ބައެއް ގައުމުތަކުގައި އާންމުކޮށް މީހުން ކުރަމުން އަންނަ ކަމެކެވެ. އެގޮތަށް އެކަން ކުރަނީ ހަންގަނޑު އޮމާން ކުރަން ކަމަށް ވެސް މީހުން ބުނެ އުޅެއެވެ. ފުވައްމުލަކުގައި އޮންނަ މި ކިޅިއަކީ ވެސް މީހާގެ ހަންގަނޑު ސާފުކޮށް އޮމާންކޮށްދޭ ތަނެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ބައެއް މީހުން އެތަނަށް ފައިބާފައި ދެން އަރާ އިރު، ހަންގަނޑު މަޑުކޮށްދޭ ކަމުގެ ޔަގީންކަން ދެއެވެ. އަނެއް ބަޔަކު ބުނަނީ ދޮންވާ ކަމަށެވެ. މިކަމުގެ ހަގީގަތެއް އަދި ނޭނގެއެވެ. ނަމަވެސް އެނގިގެން ދަނީ އެތަނަށް ފައިބައިފިނަމަ ކޮންމެވެސް ކަހަލަ ކަމެއް ހަށިގަނޑަށްވާ ކަމެވެ. މިތަނަށް އެރެން މިހާރު ޝައުގުވެރިވާ މީހުންނަށް އެކަން ދޫކޮށްލާނަމެވެ.

ފުވައްމުލައް ދަންނަންތޯ އެހުމުން ގިނަ ބަޔަކު ބުނަނީ "އެއްކަލަ ރީތި ތުނޑި އޮންނަ ރަށް" ނޫނީ "ރީތި ކުދިން" އުޅޭ ރަށް މިގޮތަށެވެ. ފުވައްމުލަކު ކުދިންގެ ރީތިވުމާ މި ކިޅިއާ ގުޅިފައި އޮތުމަކީ ވެސް ވެދާނެ ކަމެކެވެ.

ކޮޑަކިޅިގެ ތެރެއަށް މީހަކު ފައިބާފައި-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ރަށުގެ ބައެއް މީހުން ކައިރިން އެއީ ތެދު ވާހަކައެއްތޯ އަހާލުމުން ބުނަނީ އެކި މީހުންގެ ވާހަކަ ތަފާތު ވާނެ ކަމަށެވެ. އެއީ ދޮގު ވާހަކައެއް ނޫނެވެ. އެންމެންގެ ވާހަކަ އެއްގޮތެއް ނުވާނެއެވެ. ބައެއް މީހުން ބުނެފައިވަނީ އެތަނަށް ފޭބުމުން ހަންގަނޑު ރީތިކޮށް އަދި ޒުވާންކަންވެސް ދެމެހެއްޓޭ ކަމަށެވެ.

ކުރީގެ މީހުން ބުނާ ގޮތުގައި މިތަނަކީ މިއީ ބޭސް ކުޅިއެވެ. ކުރިން އެތަނުގައި ހުންނަނީ ވަޅުގަނޑުތައް ކޮނެފައެވެ. އޭގެ ތެރެއަށް މީހުން އެރި ތިބެނީ ބޭސްވެރި ކަމަށެވެ. އެކަމަށް ކައިރި ރަށްރަށުންވެސް މީހުން އައިސް އުޅެއެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރި "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހެޔޮއެދޭ

    ތިޔަ ކުޅިޔައް އެރިފައި މާލެއައި ކުއްޖަކު ނިކަން ވަރުގަދަ ހުމެއް އައިސް އަވަދިނުވީ ކިރިޔާ. އެންމެފަހުން ހާލު ދެރަވެގެން ޓްރީޓޮޕް ހަސްފަތާލުގައި ބާއްވައިގެން ފަރުވާދިނީ. ޗަކަބިމުގައި އުފެދޭ ނުރައްކާތެރި ޖަރާސީމެއްގެ އަސަރުކަމައް ޑޮކްޓަރު ވިދާޅުވީ...އެރޭ ކޮންމެފަހަރަކު ބަލި ނުވެދާނެ..އެކަމު ރައްކާތެރި ކަމެއް ކަމުގައި ބެލެވޭކައް ނެތް..

    16
    3
    • ޑައިވަރޭ

      މިލިއަނުން މީހުންފޭބި އިރު ގެއްލުންނުވެ ތިމީހަކަށް ކޮންމެވެސް އެހެން ކަމެއް ލައިގަތީ ނޫންތަ؟؟
      ވެދާނެ އެރަށުން ރީތި ކުއްޖަކު ފެނުނީމަ ވީގޮތެއް ކަމައްވެސް...

      1
      5
  2. ޙުސްނާ

    އެތައް މިލިޔަން ބެކްޓީތިޔާގެ ހާއްޔެއްތީ، އެރެން ހެޔޮވާވަރު ތަނެއްނޫން.

    5
    2