(ފުވައްމުލައް ސިޓީ) ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ އިން ކިޔަވައިގެން ސީދާ އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ އުޅޭ މީހުން މަދެވެ. އެ ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްގެން މިއަދު ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ އެކަކަކީ ފުވައްމަކަށް އުފަން އިބްރާހިމް ރަޝީދު އަހުމަދު 63، އެވެ. އޭނާއަކީ ދަނޑުވެރިކަމުގެ ދާއިރާގައި މިހާރު 40 އަހަރަށް ވުރެ ގިނަ ދުވަހު އުޅެފައި ހުރި ތަޖުރިބާ ހުރި މީހެކެވެ.

އިބްރާހިމް ރަޝީދު ދަނޑުވެރިކަން ފަށައިގަތް އިރު، މަސައްކަތް ކުރަމުން ދިޔައީ އަތޮޅުގޭގައެވެ. އޭގެ ފަހުގައި އަތޮޅު އޮފީހާއި ކައުންސިލްގައި ވެސް ޒިންމާދާރު މަސައްކަތްތަކެއް ކުރިއެވެ. އޭރު ދަނޑުވެރިކަން ކުރަމުން ދިޔައީ ހޮބީއެއްގެ ގޮތުގައެވެ. އޭނާ އަތޮޅުގެއާއި އޮފީހާއި ކައުންސިލް ހިމެނޭ ގޮތަށް 35 އަހަރު ހޭދަކުރިއެވެ. ޒުވާނުންނަށް ފުރުސަތު ދިނުމަށް ވަޒީފާ އިން އޭނާ ރިޓަޔާވި އިރު، ކުރަަމުން ދިޔައީ ވަރަށް ޓެކްނިކަލް މަސައްކަތްތަކެވެ.

"އަޅުގަނޑަށް ލިބޭ ހުސް ވަގުތުގައި ވެސް ކުރަނީ އެ މަސައްކަތް، އޭރު ވެސް ދަނޑުގައި މަސައްކަތް ކުރާނީ، އަޅުގަނޑުގެ އުމުރުން 20 ވަރަކަށް އަހަރުގެ ތެރޭގައި މި މަސައްކަތް ފެށީ،" ދަނޑުވެރިކަމުގެ މަސައްކަތް ފެށުނު ގޮތް ކިޔައި ދެމުން އިބްރާހިމް ރަޝީދު ބުންޏެވެ.

އިބްރާހިމް ރަޝީދު "ވަގުތު"އާ ވާހަކަ ދައްކަނީ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކޮންމެ ދުވަހަކު ދެ ފަހަރަށް ދަނޑަށް ގޮސް ދަނޑުގެ ހާލަތު ބަލައި އުޅޭ އިބްރާހިމް ރަޝީދުގެ ދަނޑު ވަރަށް ތިޔާގިއެވެ. ނޫސްވެރިން އޭނާ ގާތަށް ދިޔައިރު ވެސް، ހުރީ މަސައްކަތުގައެވެ. ވަރަށް ހީވާގީއެވެ. ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ދެ ދަނޑުގައި އޭނާ މަސައްކަތް ކުރެއެެވެ. ދަނޑުތަކުން ތަރުކާރީ އާއި މޭވާ ލިިބޭތޯ ބަލައެވެ. ގަސްތަކުގެ ހާލަތު ބަލައެވެ. އަދި ގަސްތައް ދޭން ޖެހޭ ކާނާ ދެއެވެ.

އިބްރާހިމް ރަޝީދު ދަނޑުވެރިކަން ފެށި ގޮތް!

އިބްރާހިމް ރަޝީދު ދަނޑުވެރިކަން ފަށައިގެން ހައްދަން ފެށީ ވެސް ތަރުކާރީ އާއި މޭވާގެ ބާވަތްތަކެވެ. އޭރު ހައްދަމުންދާ ބާވަތްތަކުގެ ތެރޭގައި ބަޓާނާ، ބަރަބޯ، ކިއުކަންބާ، ކަރާ، މެލަން، ލޭޑިސް ފިންގާ، ބިޓާ ގާޑް، މުގު ތޮޅީގެ ބާވަތްތަކާއި، ފަޅޯ، ފަތް ކެޔޮ އެއްޗެހި އޭނާ ދިޔައީ ހައްދަމުންނެވެ.

އިބްރާހިމް ރަޝީދުގެ ދަނޑުތަކަށް ފެން ޖަހަނީ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭނާ ދަނޑުވެރިކަން ދަސް ކުރީ އަމަލީ ގޮތުން އެ މަސައްކަތުގައި އުޅެމުންދިޔަ މީހުންގެ ފަރާތުންނެވެ. އެ މީހުންގެ ފަރާތުން އޭނާ ތަޖުރިބާ ހޯދައި، އެ މަސައްކަތުގައި އޭނާ އުޅެފިއެވެ.

އޭނާގެ ދެ ދަނޑެއް ދެ ސަރަހައްދެއްގައި އޮވެއެވެ. ދެ ތަނުގައި ވެސް އެއްޗެހި ހައްދާ އުޅޭ އިރު، މިހާރު އޭނާ ހައްދާ ބައެއް ތަކެތީގެ ތެރޭގައި، މުގު ތޮޅި، ބަޓާނަޓް، ކައްޓަލަ، އަލަ، ކިއުކަންބާ، ބަށި، ފާގަ، މުގު، ތޮޅި މިރުސް ހިމެނެއެވެ.

އިބްރާހިމް ރަޝީދު ދަނޑުގައި ހައްދާފައިވާ ބައެއް ބާވަތްތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ތައުލީމް ހާސިލް ކުރީ އިންޑިއާގައި

އިބްރާހިމް ރަޝީދަކީ އިންޑިއާގެ ހައިދަރްއާބާދުގެ ފޮރެސްޓް އެކަޑަމީން، ދަނޑުވެރިކަމާއި ބޭހެ ކޯހެއް ހެދިއެވެ. އޭނާ އެ ކޯސް ފުރިހަމަކޮށްފައި ވަނީ 2007 ވަނަ އަހަރު ތެރޭގައެވެ. އޭނާއަށް އެ ފުރުސަތު ލިބުނީ އަވަށު ކައުންސިލް އިދާރާގެ ފަރާތުންނެވެ.

ހައިދަރްއާބާދަކީ އޭޝިއާގެ ގައުމުތަކަށް އެންމެ ގިނައިން މޭވާ އާއި ތަރުކާރީ އެކްސްޕޯޓް ކުރާ މައި ހަބަވެ.

"އެއީ އަވަށު ކައުންސިލް އިދާރާއަށް ލިބުނު ފުރުސަތެއް، އެ ފުރުސަތުގައި އަޅުގަނޑު ފޮނުވީ، އެއީ ހަ މަސް ދުވަހުގެ ކޯހެއް،"،

އިބްރާހިމް ރަޝީދު. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އިބްރާޙިމް ރަޝީދު ބުނީ އިންޑިއާ އަށް ގޮސް ދުވާލު ގަޑީގައި ދަނޑުތަކުގައި އަމަލީ ގޮތުން، ބައިވެރިވާން ޖެހުނު ކަމަށެވެ. އަދި ރޭގަނޑު 12:00 ޖަހަންދެން އޮންނަނީ ފިލާވަޅު ކަަމަށް އޭނާ ބުންޏެވެ. އެއީ ހަނދާނުން ފިލުވާލަން ދަތި ދުވަސްތަކެކެވެ.

އޭނާގެ ވިސްނުމަކީ މިކަމުން ވެސް ގައުމަށް ނޫނީ ރައްޔިތުންނަށް ހިދުމަތްކޮށް ދިނުމެވެ.

އިބްރާހިމް ރަޝީދު އަހްމަދުގެ ދަނޑުގައި ހައްދާފައިވާ ބައެއް ބާވަތްތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މި ގައުމަށް އުފަންވާ ކޮންމެ މީހަކީ، އެ މީހެއްގެ ފަރުދީ ޒިންމާ އަދާ ކުރަން ޖެހޭނެ މީހެއް. ހަމައެކަނި ސަރުކާރުގެ ވަޒީފާ އަދާ ކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި ގައުމަށްޓަކައި ނުވަތަ އަމިއްލަ ފުދުންތެރިކަމަށްޓަކައި އެ މީހެއްގެ ފަރުދީ ޒިންމާ އަދޭ ކުރެވެނީ ކަމަކަށް އަޅުގަނޑު ނުދެކެން. އެއްވެސް ގައުމެއް ތަރައްގީވެ ކުރިއަރާނީ އަޅުގަނޑަށް އޭރު ވެސް ވިސްނޭ، އެނގޭ، އެބައެއްގެ އަމިއްލަ ފުއްދުންތެރިކަން ކުރިއަރައިގެންކަން،. ވާހަކައަކީ ހާއްސަކޮށް ފުޑް ސެކިއުރިޓީއެއް ނެތް ތަނެއް ތަރަައްގީއެއް ނުވާނެ، އެކަން ކަށަވަރު، ފުޑް ސެކިއުރިޓީއެއް ގާއިމް ކުރެވޭނީ، މި ގައުމަށް އުފަންވާ ކޮންމެ މީހަކީ އަމިއްލަ އިގްތިސާދީ މަސައްކަތެއް ކޮށްގެން. އޭގެން އާމްދަނީ ނެރޭ މީހަކަށް ވާން ޖެހޭ،" އިބްރާހިމް ރަޝީދު ބުންޏެވެ.

އިބްރާހިމް ރަޝީދުގެ މަސައްކަތް ކިޔައި ދެނީ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފަށައިގަތްއިރު، މަހަކު ތިނެއް ނޫނީ ހަތަރު ހާސް ރުފިޔާ!

ދަނޑުވެރިކަން ފަށައިގަތް އިރު، އޭނާ އޮފީހުގެ މަސައްކަތުގައި ގިނަ ވަގުތު އުޅެން ޖެހެއެވެ. އެހެންވެ މާބޮޑު އެއްޗެއް ދަނޑުވެރިކަމުން އޭނާއަށް ނުލިބެއެވެ. އޭނާއަށް އެއިރު މަހެއްގެ މައްޗަށް ލިބެމުން ދިޔައީ 3،0000ރ. ނުވަތަ 4،000ރ.އެވެ.

އިބްރާހިމް ރަޝީދު އަހްމަދުގެ ދަނޑުގައި ހައްދާފައިވާ ބައެއް ބާވަތްތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭނާ އޮފީސް މަސައްކަތުން ދުރަށް ގޮސް، ދަނޑުވެރިކަމުގައި އަނބިމީހާއާއެކު އުޅޭއިރު، މިހާރު އޭނާއަށް ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ކަހަލަ ގޮތަކަށް 1000 ރުފިޔާ އަށްވުރެ މަތިން ލިބެއެވެ. އެހެންކަމުން އޭނާ މިހާރު ކުރާ މަސައްކަތް ޑަބަލްވެފައި، ލިބޭ އާއްމުދަނީ މި ވަނީ ޑަބަލް ވެފައެވެ.

އިބްރާހިމް ރަޝީދު އަހްމަދު ދަނޑުވެރިކަމުގެ މަސައްކަތުގައި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އިބްރާހިމް ރަޝީދު ބުނާގޮތުގައި، އޭނާ މި މަސައްކަތް ކުރަމުން ދަނީ ބޭރު މީހަކާ ހަވާލުކޮށްގެނެއް ނޫނެވެ.ދަނޑުވެރިކަމުގައި އެހީތެރިއަކަށް ހުންނަނީ އަންހެނުން އެކަންޏެވެ.

"އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑު މަސައްކަތްކޮށްގެން ބޭރު މީހުންގެ ޖީބަށް ފައިސާ އަޅާފައި ފޮނުވީމަކާ، އަޅުގަނޑަކަށްވެސް ގައުމަކަށްވެސް ވާނެ ފައިދާއެއް ނޯންނާނެ"، އިބްރާހިމް ރަޝީދު ބުންޏެވެ.

އިބްރާހިމް ރަޝީދު އަހްމަދުގެ ދަނޑު މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދަނޑުވެރިކަމުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހުރި އިބްރާހިމް ރަޝީދުގެ ވިސްނުން ހުރީ ގައިބާރު ދޫވަން ދެން ދަނޑުވެރިކަމުގެ ދާއިރާގައި އުޅުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވަނޑި

    ރައްޔިތުންގެ ފައިސާއިން ދަނޑުވެރިކަން ކިޔަވަގެން އައިސް އަމިއްލަ ވިޔަފާރިޔަށް ދަނޑު ހައްދަނީ. ލާމަސީލު މިސާލެއް

    7
    38
    • ޢީސަ

      ޑަކްޓަރުން ވެސް ކިޔަވާ. ޙަމަ ލާރިއަށް މަސަތްކުރަނީ. ޢެއީކީ މައްސަލައެއްނޫން. އޯކޭ ރައްތިތުންލާރިން ކިޔެވިޔަަސް. ޢޭނާގެ ފަރާތުން އެތައް ބަޔަކަށް ދަސްވާނެކަން ކަށަވަރު.

      35
      1
    • ޑައިވަރޭ

      އަވަށު ކައުންސިލް އިދާރާއަށް ލިބުނު ފުރުސަތެއް ނަމަވެސް ކޯހަށް ހަރަދުކުރީ ދިވެހި ސަރުކާރަކުންކަމަކައް ނުވާނެ

      12
      1
  2. Anonymous

    ރީއާނުގެ ތިއާޓިކަލް ވަރަށްފުރިހަމަ

  3. އަލީ

    ކައުންސިލްއިން ހޯދަވައިދެއްވި ފުރުސަތެއްގެ ވާހަކައޮތީ އަޅުގަނޑަށް ހީވަނީ ކޯހުގެ ހުރިހާ ހަރަދެއކުރާނީ އަމިއްލަ ޖީބުންހެން

  4. އަލި ދީދީ

    ކިތަންމެ ކިޔެވިއްޔެއް ކިޔެވިޔަސް.. ކިތަންމެ މަތީ މަޤާމެއް ހޯދައި ފައިސާ ފުނި ޖެހިކަމުގައި ވިޔަސް.. ހުރިހާ ކަމެއް ގޮސް ހުއްޓޭނީ "އަރާމު ދިރިއުޅުމަށް" މީހާ ކުރާ މަސައްކަތަށް.. ހިތްހަމަ ޖެހިގެން އުޅެން.. އިހުގައި މީހުން އުޅުނީ މާ އުފަލުގައޭ ބުނެވެނީ މިހެންވެ..

  5. މަރްޙަބާ

    ވަރަށް ރަނގަޅު މަސައްކަތެއް