(ޏ. ފުވައްމުލައް ސިޓީ) މުހައްމަދު ވަހީދު އަހުމަދު 79، އަކީ ފުވަމުއްލަކުގެ ހިންގުމުގެ ދާއިރާގައި ދިމާކުރި ގޮތުން ޚިދުމަތުގެ ދާސްތާނުން ފަވާލެވޭ ފަޚުރުވެރި ނަމެކެވެ. ކަންކަމުގައި އިސް ނަންގަވާ، ފަރުވާތެރިކަމާއެކު މަސްއޫލިއްޔަތުތައް އަދާކުރެއްވި ވަހީދަކީ މަޑުމައިތިރި ބޭފުޅެކެވެ. ރަށުގެ އިސް އެތައް މަގާމެއް ފުރުއްވުމުގައި އޭނާ ދިގު މުއްދަތެއް ވަންދެން އަދާކުރެއްވި ފުރިހަމަ ޒިންމާތަަކަކީ މިއަދުގެ ޖީލަށް ފެންނަން ހުރި ލާމަސީލު މިސާލެކެވެ.

މުހައްމަދު ވަހީދު ތައުލީމް ހާސިލްކުރެއްވި ޒަމާނަކީ ދީނާއި ގުރުއާނާއި ތާނަ އުނގެނި އުޅުނު ޒަމާނެވެ. އެ ޒަމާނުގެ ގޮތަށް ބުނާ ނަމަ ކިޔަވައި ދެމުން އައީީ އެ ދުރުގެއިންނެވެ. ކަންދިމާ ކުރި ގޮތުން ވަހީދު އަށް ތައުލީމް ހާސިލްކުރައްވަަން ވަޑައިގަންނަވަން ޖެހި އެދުރުގެއަކީ ބައްޕަ ކިޔަވައި ދެއްވި އެދުރުގެއެވެ. އޭގެ ފަހުން 1951 ވަނަ އަހަރު ފަހުކޮޅު އެ ރަށުގައި މަދަރުސާތަކެއް ގާއިމްކުރުމުން އެތަނުގައި އޭނާ ވަނީ ތައުލީމް ހާސިލްކުރައްވާފައެވެ. އޭގެ ފަހުން އޭނާ މަދަރުސަތުލް އިނާޔާގައި ތައުލީމު ހާސިލްކުރައްވަމުން ގެންދަވަނިކޮށް ލައިގަތީ "ދެކުނު ގަޑިބަޑު"ގެ ދުވަސްވަރާއެވެ. އެ ދުވަސްވަރު ގަޑުބަޑުގެ ކުރިން މަދަރުސާގައި ރޯކޮށްލި ހިސާބުން އޭނާގެ ތައުލީމީ ހަޔާތް ހުއްޓުނެވެ. އޭގެ ފަހުން މާލެ ވަޑައިގެން ތައުލީމް ހާސިލްކުރެއްވި ނަމަވެސް ވަހީދަށް އޭރުގެ ސިޔާސީ އޮއިވަރު ހުރި ގޮތުން ހީނުކުރާ ފަދަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިވަޑައިގަތެވެ.

"އެ ދުވަސްވަރު ހަގީގަތަކީ ދެކުނު މީހުން ދެކެ ވަރަށް ރުޅި އާދޭ. ރުޅި އައިސްފައި ތިބީ އެ ބަގާވާތާ ހުރެ. ފުވައްމުލަކަށް ބަޑި ޖެހި ދުވަހުގެ ހާދިސާގައި ގާ އުކައިގެން ރަށަށް ނުފޭބި ދުރުގައި ތިބެގެން ބަޑި ޖެހީ. ކިޔާނީ ވެސް އޭރު ގާއުކި ރަށު މީހުންނޭ. އެ ދުވަސް ވަރު ދެކުނުގެ މީހަކާއި މެދު ގޯސް ވާހަކައެއް ރިޕޯޓްވެއްޖެއްޔާ ވަރަށް ގަދަ ފަދަ އަމުރެއް އަންނަނީ." އެ ދުވަސްވަރުގެ ކަންކަން އޮތް ގޮތް ވަހީދު ކިޔައިދެއްވިއެވެ.

ކަތީބު ކަން ކުރެއްވި ވަހީދު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އޭރު ކަންކަން އޮންނަ ގޮތުން ސިޔާސީ ގޮތުންނާއި ވެރިންނާ ގުޅޭ ގޮތުން ބަސް ބުނުމުގެ ފުރުސަތެއް އެއްގޮތަކަށް ވެސް ނޯވެއެވެ. ވެރިންނާ ދިމާ އަށް ނޫނީ ދައުލަތުގެ އިދާރާ އަކަށް ނިސްބަތްކޮށް ކިރިޔާ ވެސް ބަދު ބަހެއް ބުނެފި މީހަކު ރަށުން ދުރަށް ފޮނުވާލުމާއި، އަރުވާލުމަކީ އާދައިގެން ކަމަކަށް އޮންނަނީ ވެފައެވެ. އެފަދަ ތުހުމަތެއް ކުރެވޭ މީހާ އަށް އަދަބު ދިނުމުގެ ކުރިން އެއީ ތެދެއްތޯވެސް ގިނަ ފަަހަރު ބަލައެއް ނުލާނެއެވެ. ވަހީދު އަށް ލިބުނީ މިކަހަލަ ސިޔާސީ ލޮޓިއެކެވެ.

"ކޮންމެވެސް މީހަކު ރިޕޯޓް ކުރިއްޔޯ ސިފައިންނަކީ ވަރަށް ނުލަފާ ބައެކޭ، ނުބައި ބައެކޭ ބުނި ކަމަށް ހަދާފައި. އެއީ 1963 ގައި. އޭރު އުމުރުން 18 ވަރަކަށް އަހަރު ވާނީ. ދެން 18 ވަރަކަށް މަސް ދުވަސް ރަށުން ބޭލީ. އެރުވީކީ ނޫން އެރުވުމަކީ ހުކުމެއް ކުރުން ޝަރީއަތެއް ކުރުން. އެހިސާބުން ނުކިޔެވި ހުރީ. ގޮއިދޫ އަށް އޭރު ފޮނުވާލާނީ ޖަލަށްލާފައި. ގޭބަންދުގައި ވެސް ހުރި. އެ ނޫނީ ދެން އެކަހަލަ ކަމެއް ލައި ނުގަނޭ. އޭރު ފޮނުވާލީ ރަށުގައި ބަހައްޓަން މަސްލަހަތު ނެތް ކަމަށް ފެންނާތީ." ވަހީދު ވިދާޅުވިއެވެ.

ގޮއިދޫ އިން އެނބުރި ގެނައުމަށް ފަހު ވެސް ގޭބަންދުގައި އެތައް ދުވަހަކު ވަހީދު ހުންނަވަން ޖެހުނެވެ. އޭނާ ވަނީ ރަށުގައި ހުންނެވި ދުވަސްވަރު އެދުރުގޭގައި އުނގަންނަވަައި ދެއްވުމުގެ މަސައްކަތް ވެސް ކުރައްވައިފައެވެ. އޭނާ ވަނީ މާލޭގައި ވެސް ގުރުއާން އުނގަންނައިދިނުމުގެ މަސައްކަތްވެސް ކުރައްވައިފައެވެ.

ސިޔާސީ ގޮތުން ކުރެއްވި ހިތްދަތި ތަޖުރިބާ އަށް ފަހުގައި ވެސް ސަރުކާރަށް ޚިދުމަތް ކުރުމުގެ ޝައުގު ވަހީދުގެ ހިތަކުން ފިލައިގެން ނުދެއެވެ. އެގޮތުން އޭނާގެ ޚިދުމަތުގެ ރޮނގުން އެޅުއްވި ފުރަތަމަ ފިޔަވަޅަކީ މާލޭގައި ކުޅިވަރުގެ ދާއިރާ އާއި ގުޅުން ހުރި ބައެއްް ކަންކަން ބެލެހެއްޓެވުމެވެ. މާލޭގައި ކާތިބުކަމުގައި އުޅުއްވަނިކޮށް ކުޑަ ކަތީބުކަމުގެ މަގާމު ލިބިވަޑައިގަތުމުން 1976 ވަނަ އަހަރު ވަހީދު ވަނީ ރަށަށް އެނބުރި ވަޑައިގެންފައެވެ.

ވަހީދު "ވަގުތަށް" އިންޓަވިއު ދެއްވަނީ.- ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އޭރު ފުވައްމުލަކުގައި ދެ އަހަރު ކުޑަ ކަތީބުކަމުގެ ވަޒީފާގައި އުޅުއްވުމަށް ފަހު އޭނާގެ ޚިދުމަތަށް ކޮންމެވެސް ވަރެއްގެ މެދުކެނޑުމެއް އައެވެ. ދެން ކުޑަކަތީބުކަމުގެ ވަޒީފާ އާއި ހަވާލުވެލެއްވީ 1981 ވަނަ އަހަރެވެ. އެ ހިސާބުން ކަތީބުކަމާއި، ބޮޑުކަތީބު ކަން ވެސް އޭނާ ވަނީ އަދާކުރައްވައިފައެވެ. އެގޮތުން 1981 އިން ފެށިގެން މެދު ނުކެނޑި ހިންގުމުގެ ދާއިރާގައި އޭނާ ވަނީ 65 އަހަރު ފުރުމާ ހަމައަށް ޚިދުމަތް ކުރައްވައިފައެވެ. އޭނާ ވަޒީފާއިން މުސްކުޅިވީ ސިވިލް ސާވިސްގެ ގާނޫނަށް ބަދަލު ގެނެސް 65 އަހަރުވުމުން ރިޓަަޔަ ކުރަން ޖެހޭ ގޮތަށް ހަމަޖެހުނު ހިސާބުންނެވެ.

-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރަށުގެ ޚިދުމަތް ކުރެއްވި މުއްދަތުގައި ވަހީދު ވަނީ ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ފުވައްމުލަކުގައި ހުރި ހައްސާސް މައްސަލަތަކަށް ހައްލު ލިބޭތޯ މަސައްކަތް ކުރައްވައިފައެވެ. މަތީ މަގާމުތަކުގައި ތިއްބަވާ މީހުންގެ އިތުބާރާއި ޔަގީންކަން ހޯދުމުގެ އިތުރުން އެކުގައި މަސައްކަތް ކުރި މީހުންނާއި ގުޅިގެން މަސައްކަތް ކުރެއްވުމަށް އޭނާ އަަބަދުވެސް މަސައްކަތް ކުރައްވައެވެ.

ވަހީދު ކުރެއްވި ބައެއް މަސައްކަތްތަކަކީ ކެތްތެރިކަމާ ފަރުވާތެރިކަމާއި އެކު ކުރަން ޖެހުނު ބުރަ މަސައްކަތަކެވެ. އެގޮތުން އެ ޒަމާނަކީ ކޮމްޕިއުޓަރު ނެތް ޒަމާނަކަށް ވުމުން ސަމުގާއިން ބަލައިގެން އަތުން ގެތަކުގެ ޗާޓު ކުރެހުމުުގެ މަސަައްކަތް އޭނާ ވަނީ ކުރައްވައިފައެވެ. އަދި ރަށުގެ ކަރަންޓުގެ މަސައްކަތާއި، އަވަށްތަކުގެ މަގު ބައްތި ޖެހުމަކީ ވެސް އޭނާގެ ކޮނޑުގައި އެޅުނު ބުރަ މަސްއޫލިއްޔަތެކެވެ. ހަމައެހެންމެ އެ ރަށުގެ ނެރު ގޮއްވުމާއި ލަފާ ފުރުމުގެ މަސައްކަތް ހައްލު ކުރަން ރައްޔިތުން ގޮވައިގެން ކުރަން ޖެހުނު މަސައްކަތަކީ ރަށު ރައްޔިތުން ވީ "ގުރުބާނީ" އެއް ކަމަށް އޭނާ ވިދާޅުވެއެވެ.

ހަމައެހެންމެ ފުވައްމުލަކުގެ މަގުތަކާއި، ޕާކުތަކުގެ މަސައްކަތާއި، ދަނޑުތައް ކުރެހުން ފަދަ މުހިންމު އެތައް މަސައްކަތެއް ކުރުމުގައި މުހިންމު ދައުރެއް އޭނާ ވަނީ އަދާކުރައްވާފައެވެ. ކޮމްޕިއުޓަރު ފަދަ މަސްނޫއީ ވަސީލަތްތައް މަދު ޒަމާނެއްގައި ވަހީދު އާއި އޭނާއާ އެކުގައި ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރެއްވި ފަރާތްތަކުން ކުރެއްވި މަސައްކަތަކީ ޝުކުރާއި ތައުރީފު ހައްގު ބުރަ މަސައްކަތްތަކެއްކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޏ. ފުވައްމުލަކުން: ބެއްޔާގެ ބެއްޔާ

    ހިތްވަރުގަދަ ފަހުލަވާނެއް. ބައްޕާފުޅުގެ އަރިހުން ތަޢުލީމާއި ހުނަރާއި ތަޖްރިބާ ލިބިވަޑައިގެންނެވި ފުވައްމުލަކަށް އަގުނުކުރެވޭފަދަ ޚިދްމަތްތެރި ބޭފުޅެއް.