(ފުވައްމުލައް ސިޓީ) މި ސިޓީ އަށް އުފަން ހުސެއިން ޝަރީފް 65، އަކީ އެ ސިޓީގެ ގިނަ ބަޔަކު ދެކެ ފަރިތަ މޫނެކެވެ. އަބަދުވެސް ސާދާ ހިނިތުންވުމަކާއެކު އާންމުންނާ ބައްދަލު ކުރައްވާ ޝަރީފަކީ ހަރުދަނާ ޝަހުސިއްޔަތެއްގެ ވެރިއެކެވެ. އެއް ދާއިރާ އަށް ވުރެ ގިނަ ދާއިރާތަކުން ކުޅަދާނަ ޚިދުމަތްތަކެއް ކުރެއްވި ޝަރީފަކީ އެހާމެ ޝައުގުވެރި ޝަހުސިއްޔަތެކެވެ. އާ ކަންކަން ކުރެއްވުމާއި، ކަންކަމާ ކެރިގެން ކުރިމަތިލެއްވުމަށް އޭނާ ގެންގުޅުއްވާ ގޮތާއި އެހެން މީހުން ގޮވައިގެން މަސައްކަތް ކުރުމަށް އޭނާ ދެއްކެވީ ނަމޫނާއެކެވެ.

ޝަރީފްގެ ހަގު އުމުރުގައި ޝައުގުވެރި އެތައް ކަމެއް ހިނގާފައި އެބަހުއްޓެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އޭނާގެ ކުޑަ އިރުގެ ހަނދާނުގެ ފަތް ފުށްތަކުގެ ސޮފުހާތަކެވެ. ޝަރީފް ވިދާޅުވާ ގޮތުން އެންމެ ދުރު ހަނދާނަކަށް އޭނާ ހުންނަ ހަނދާނަކީ އުމުރުން އެންމެ ފަސް އަހަރުގައި އޭނާގެ ބައްޕަ ބެންނެވި އޮޑިއެއްގެ ހަނދާނެވެ. އެ އޮޑީގައި ސިލޯނަށް ކުރި ދަތުރަކަށް ފަހު ރަށަށް އައި ފަހަރެއްގައި ބެހުުނު ހަނދާނަކީ މިހާރު ވެސް ހަނދާނުގައި ތާޒާކަމާއެކު ހަރުލާފައި ހުންނަ ކަމެކެވެ. ސިލޯނަށް އޭރު ކުރި ދަތުރުތަކަކީ ޝައުގުވެރިކުރުވަނިވި ހަނދާންތަކެކެވެ.

" މާލެ އައިސް ހުވަދު އަތޮޅުން ފުރައިގެން އަންނަނިކޮށް އަޅުގަނޑުމެން ބެހުނީ ވިއްސާރަވެފައި. ކަނޑުމަތީގައި ވެސް ދެ މަސްވަރުވި. ރިޔާ ނުނެގި. އެހެން އޮއްވާ ބޯޓެއް ފެނިގެން އެމީހުން ފެންދީގެން ރާއްޖެ އައީ. އެ އޮޑި ބަތް ހަނދާންވެސް އަޅުގަނޑު ހުރޭ. ކައިގެން ހަމަޖެހިގެންދާނަމަ 5 ދުވަހުން 6 ދުވަހުން ވެސް ދެވޭ. ދަނީ ވިޔަފާރި ބޭނުމަށް ގިނައިން. އަމިއްލަ ނެވިކަމުގައި ވެސް ކުރިން ދަތުރުތައް." ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ ތައުލީމީ ހަޔާތުގެ ބިންގާ އެޅުއްވީ މަދަރުސަތުލް އިނާޔާއިންނެވެ. އޭރު ރަށުން ކިޔެވެން ހުރި އެންމެ ރަނގަޅަކަށް އޭނާ ވަނީ ތައުލީމް ހާސިލް ކުރައްވައިފައެވެ. އޭރު ކަންކަން އޮންނަ ގޮތުން ބޮޑަށް ކިޔަވައިދެނީ ދީނީ މައުލޫމާތުތަކެވެ.

"އޭރު ޓީޗަރަކަށް ހުންނަ ވާނީ އަލްމަރްހޫމް އަހުމަދު އިބްރާހިމް ދީދީ. އެއް ދުވަހު ސްކޫލަށް ދިޔައީމަ އެއީ އެއް އަހަރުން އަނެއް އަހަރަށް ބަދަލުވި އިރު. އޭނާ ވިދާޅުވެއްޖެ އަޅުގަނޑާއި އިބްރާޙިމް ރަޝީދަށް ކިޔަވައިދޭނެ އެއްޗެއް ނެތޭ. ވިދާޅުވެފައި ގެއަށް ފޮނުވާލެއްވީ. ދެން ގޮސް އުޅެފައި މާލެ ދިޔައީ އޮޑީގައި ސިލޯނަށް ގޮސްފައި. އޭރު ޚިޔާލު ކުރީ ބޯޓު ދަތުރުކުރަން. " ޝަރީފް ވިދާޅުވިއެވެ.

މާލެ ދިޔައީ ބޯޓު ދަތުރުކުރުމުގެ ގޮތުން ކަމަށް ވީނަމަވެސް، މާލެ ދިއުމާއެކު ޝައުގުވެރިވީ އިންޖީނު ކްރޫ އެއްގެ ގޮތުގައި ވަޒީފާ އަށް ދާށެވެ. އެ ވަޒީފާ އަށް ރައީސް އޮފީހަށް ސިޓީ ލާފައި އޮއްވައި ސަކީނާ މަންޒިލްގައި ކިޔަވަން ހުރުމުގެ އިންތިޒާމުތައް ހަމަޖެހުނެވެ. އެ ހިސާބުން ވަޒީފާ އަށް ދިއުމުގެ ބަދަލުގައި ކިޔަވާ ވިދާޅުވާން ބޭނުންވިކަން އޭނާ ފާހަގަކުރެއްވިއވެެ.

"ރައީސް އޮފީހަށް ގެންގޮސްފި ވަޒީފާ ހަމަޖެހިގެން. ދެން އަޅުގަނޑު ދެންނެވިން ވަޒީފާއަށް ލީއިރު ކިޔަވަން ހުންނަން ހަމަޖެހިފައެއް ނެތޭ. ދެން ރައީސް އޮފީހުން ދިނީ ސިޓީ އެއް މާލެ އައިސް ބޯޓުގައި އުޅުމަށް އެދުނު ވަޒީފާ ކިޔަވަން ބޭނުންވާތީ ވަޒީފާ ދޫކޮށްލީ އޭ އޭގައި އޮތީ. ވިދާޅުވި ސޮއިކޮށްލާށޭ. އެ ހިސާބުން މާލޭގައި އުނގެނުނީ." އޭނާ ވިދާޅުވިއެވެ.

ހިންގުމުގެ ދާއިރާގައި 30 އަހަރު މެދު ނުކެނޑި ޚިދުމަތްކުރައްވާފައިވާ، ހުސެއިން ޝަރީފު އަތޮޅު އޮފީހުގައި އޭނާގެ ޚިދުމަތް ފެއްޓެވީ ސެކެޓްރީއެއްގެ މަގާމުންނެވެ. އެއަށް ފަހު އެހީތެރިއަކަށާއި، އިސް އެހީތެރިޔާގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ. މީގެ އިތުރުން އަތޮޅުވެރިޔާގެ މުޔާވިނުގެ މަގާމު އޭނާ ވަނީ ފުރުއްވާފައެވެ. ހިންގުމުގެ ދާއިރާގެ އިތުރުން އޭނާގެ ޚިދުމަތްތައް ފެނިގެން ދިޔަ އަނެއް ދާއިރާއަކީ ކަސްޓަމްސްއެެވެ. ކަސްޓަމްސްގައި ޚިދުމަތްކުރެއްވި އިރު އޭނާގެ އުމުރަކީ 25 އަހަރެވެ. އެގޮތުން ކަސްޓަމްސްގެ ކްލިއަރެންސްގައި އުޅުއްވުމުގެ އިތުރުން ކާތިބުކަމާއި ސީނިއާ ކާގޯ އޮފިސަރު ފަދަ މުހިންމު މަގާމުތަކެއް އޭނާ ކަސްޓަމްސް އަށް ޚިދުމަތްކުރެއްވި މުއްދަތުގައި ވަނީ އަދާކުރައްވާފައެވެ. އެތަނުގައި އޭނާ ވަޒީފާ އަދާކުރެއްވީ ތިން ވަރަކަށް އަހަރު ދުވަހެވެ. އަދި ހިންގުމުގެ ދާއިރާ އަށް ގުޅިވަޑައިގަތީ އުމުރުން އެންމެ 28 އަހަރުގައެވެ.

ނަވަރާސަތޭކަ އަށްޑިހަ އެއް ވަނަ އަހަރުން ފެށިގެން ހިންގުމުގެ ދާއިރާގައި ޚިދުމަތް ކުރެއްވި ޝަރީފަކީ ރަށުގެ ކަންކަމަށް ލޯބި ކުރައްވާ ވަތަނިއްޔަތަށް ހިތުގައި ޚާއްސަ ގަދަރެއް އޮތް ބޭފުޅެކެވެ. ކުޑަ ބަޖެޓަކާއެކު ރަށަށް ބޭނުންވި ކަންކަން ކޮށާ މެށުމުގެ ބުރަ ޒިންމާ އުފުލީ ރަށާ މެދު އޮތް ލޯތްބެއްގެ ސަބަބުންކަން ޔަގީނެވެ.

ކުރާ މަސައްކަތެއް ވަރަށް ފުރިހަމައަށް ކުރުމަށް ލޯބިކުރައްވާ ޝަރީފް އަކީ މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލެއްވި ހަރުދަނާ ބޭފުޅެކެވެ. އަދި ރަށުގެ ކުރިއެރުމަށްޓަކައި ކުރާ މަސައްކަތްތައް ވިލަރެސްކުރުމުގައި އަދާކުރެއްވި ދައުރުގެ އިތުރުން، އަމަލީ ގޮތުންވެސް އެކި މަސައްކަތްތަކުގައި ބައިވެރިވާކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

އޭރު ގިނަ ވަގުތުތަކެއް މަސައްކަތަށް ހުސްކުރަން ޖެހުނު ނަމަވެސް، ގިނަ މަސައްކަތްތައް ކުރިއަށް ގެންދަނީ ހިލޭސާބަހަށް ކަމަށާއި، ބައެއް ކަންކަން ނިންމަން އޭރު ވަރަށް ބުރަކޮށް އުޅުއްވަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެ ރަށުގެ ބަނދަރު ހުޅުވަން ކުރި މަސައްކަތަކީ ހަނދާނުން ކައްސާ ނުލާނެ ފަދަ މަސައްކަތެއްކަން ހުސެއިން ފާހަގަކުރެއްވިއެވެ.

" ރަށުގެ ޖަމާލުއްދީން ބޮޑުމަގުގައި ހުރި ބައްތިތައް ޖަހަން މަސައްކަތް ކުރީ ބަނދަރު ހެދި އިރު. އެ ބައްތިތައް ޖަަހަން އަޅުގަނޑުމެންނަށް ބައްތިތައް ލިބުނު އިރު ބަނދަރު ހުޅުވުމާ ދޭތެރޭ އޮތީ 12 ދުވަސް. އަޅުގަނޑުމެން ވެރިންގެ ބައްދަލުވުމެއް ބޭއްވިން. ވަރަށް ގިނަ ބޭފުޅުން ވިދާޅުވި 12 ދުވަސް ތެރޭގައި ބައްތި ނުޖެހޭނެ އޭ. އެހެންވީމައި ތިމަންނަމެންނަށް ފެންނަނީ ބަނދަރު ހުޅުވައިގެން ފަހުން ބައްތި ޖަހަންށޭ. އަޅުގަނޑު ދެންނެވިން ތީގަ ގޮތް ނިންމާނީ އަޅުގަނޑުމެންނޭ. ނިންމާ ގޮތަކަށް މަސައްކަތް ކުރާނަމޭ. ހެނދުނު އޮފީހަށް ގޮސް އޮފީހަށް ގޮސް ސޮއިކޮށްލާފައި ސޯޓު ބުރިއެއް ލައިގެން މަސައްކަތަށް ނުކުމެ އެކަން ކުރީ." އޭނާ ވިދާޅުވިއެވެ.

ނެވިކަމަށް ކުޅަދާނަ ޝަރީފް ޚިދުމަތުގައި އުޅުއްވި އިރު އާއްމުކޮށް މީހުންނާައި ދިމާ ނުވާ ޒާތުގެ ތަޖުރިބާތައް ވެސް ކުރައްވަން ޖެހިވަޑައިގަތެވެ. އޭނާ ނިންމަވަން ޖެހުނު ބައެއް ނިންމުންތަކަކީ ވަރަށް ހައްސާސް އަދި އެހާމެ އަވަހަށް ގޮތް ނިންމަންޖެހުނު ނިންމެވުންތަކެވެ.

އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅެއްގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ތެރޭގައި ލައިގަތް ކަމެއް މިހާރުވެސް އޭނާގެ ހަނދާނުގައި އިހަށް ދުވަހު ވީކަމެއްހެން ހުރެއެވެ. އެ ރަށަކީ ޒަމާނުއްސުރެ ލަފާ ފުރުން ދަތި ރަށަކަށް ވާއިރު ވީހާވެސް ތަރުތީބުކުރެވިފައިވާ އިންތިޒާމެއްގެ ދަށުން ރައީސް މައުމޫން އާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ރަށަށް އަރާ ފޭބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ބުރަ ޒިންމާ އެޅުނު އެކަކީ ޝަރީފެވެ.

"ވަރަށް ދެ ފަރާތުގައި ވެސް ރާޅު ހުރި ދުވަހެއް. ވަކި މޫސުމެއް އޮންނާނެ އެގޮތަށް އޮންނަ. އެކަހަލަ ދުވަސް ދުވަހު ރަށަށް ލަފަން ރަނގަޅުވާނީ އިރުމަތީ ފަރާތުން. އެކަމަކު ނިކުންނަން ރަނގަޅުވާނީ މާނެރު ފަރާތުން. އެތާ ވަރަށް ބޭރަށް އޮއި ހުރީމަ ބޭރަށް ނުކުންނަ ބަޔަކަށް ފަސޭހަވާނީ އެހެންތާ. ދެން އިލްޔާސް ދޯނިން ވަޑައިގެން ރާޅުފެނިގެން ވިދާޅުވި ޝަރީފު ކާކު ބުނެގެންހޭ މިހެން މިކަން ނިންމީ. އަޅުގަނޑު ދެންނެވިން އަޅުގަނޑޭ. މި ރަށުގެ ތަޖުރިބާކާރު މީހުންގެ ލަފާގެ މަތިންނޭ އެކަން ކުރީ. އެއީ ވަރަށް ހަނދާން ހުންނަ އެކަހަލަ ގަދަ ދުވަހެއް. " އޭނާ ވިދާޅުވިއެވެ.

ޝަރީފު ވަނީ އޭނާ އަތޮޅު އޮފީހުގައި ޚިދުމަތްކުރެއްވި އިރު ކުރެވިފައިވާ މަސައްކަތްތަކާއި މެދު ހިތްހަމަޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރަށުގެ މަގު ހެދުމާއި، ބަނދަރު ފަދަ ކަންކަން ފުރިހަމަ ކުރުމަށް ކަމާއި ބެހޭ ފަރާތްތަކާއި އެކު ކުރި މަސައްްކަތްތައް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުުރުން ޝަރީފް ފާހަގަކުރެވެނީ ރަށުގެ ތާރީޚަށް ލޯބިކުރައްވާ ތާރީޚީ މައުލޫމާތު އެއްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި މިހާރުވެސް ރަށުގެ ތާރީޚާއި ސަގާފަތާ ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދީ އޮޅުން ފިލުވައި ދިނުމުގައި އެ ކަމަށް އެދުނު ކޮންމެ ބަޔަކަށް އެ މައުލޫމާތު ވާސިލްކޮށްދެއްވުމުގައި އޭނާ ޝައުގުވެރިކަމާއި އެކު މަސައްކަތްކުރައްވައެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރި "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ވަރަށް ރަނގަޅު ލިޔުން ކޮޅެއް. އެކަމަކު ފާހަގަ ކޮށްލަން އެބަޖެހޭ ރަސްގެފަންނު ހަލާކުވެގެން ދިޔަ ހާދިޘާ އާއި އެދިމާލުން ރަށް ގިރެންފެށި ސަބަބު. ހުސެން ޝަރީފުގެ ބަސް އެނގެން އެބަޖެހޭ. އަދި މިއާއެކު ރަށުގައި އެފެންވަރުގެ ވަޒީފާ އަދާ ކުރެއްވިފަރާތްތައް އާދަޔާ ޚިލާފަށް ރަށުގެ ތާރީޚާ ބެހޭ މަޢުލޫމާތު ހުރިކަންވެސް ފާހަގަ ކުރެވޭ. އަދި އެބެއިފުޅުން އޮފީސް ހިންގުމުގެ ތެރޭގައި އުޅުއްވި ދުވަސްވަރު އޮފީހުގައި ހުރި ވަރަށް ތާރީޚީ އަގުހުރި ލިޔުންތަކެއް ގެއްލި ނުވަތަ ހަލާކުވެގެން ގޮސްފައިވާކަންވެސް ފާހަގަ ކުރެވޭ. މިކަމަކީ ތަޙުގީގީ ވިސްނުމަކުން އަލުން ހޯދަން ޖެހިފައިވާ ކަންތައްތަކެއް.

  2. މިތުރު

    ޝަރީފަކީ، ވަރަށް ހިތްޕުޅު ހެޔޮ ބޭފުޅެއް. ގާތްކަމާއި އެހީތެރިކަން ބަހައްޓަވާ ބޭފުޅެއް. ފުވައްމުލަކަށް ކުރެވުނު ދަތުރުތަކުގައި އެތައްފަހަރަކު ޝަރީފާ ބައްދަލުވެ އެ ތަޖުރިބާ ކުރެވުނު. ނަސީބު ދިމާ ކުރިގޮތުން ބަނދަރެއް ނެތް ދުވަސްވަރާއި ބަނދަރުހެދި ފަހުންނާއި އެއަރޕޯޓު ހެދިފަހުން ފުވައްމުލަކަށް ދެވުނު.