(ފުވައްމުލައް ސިޓީ) ރާއްޖޭގެ ހުރިހާ ރަށެއްގައި ހެން އެންމެ އާންމުކޮށް ހައްދާ އެއް މޭވާއަކީ އަނބެވެ. މި ރަށްތަކުގެ ތެރެއިން އެންމެ އަނބު "މުއްސަނދި" ރަށެއްގެ ގޮތުގައި ގިނަ ބަޔަކު އެއްބަސްވާ އެއް ރަށަކީ ރާއްޖޭގައި ހަމައެކަނި އެއްފަސް ރަށެއްގެ ގޮތުގައި އޮތް ފުވައްމުލަކެވެ. ކޮންމެ އަނބު މޫސުމަކާ ދިމާކޮށް މާލޭގެ މާރުކޭޓުތައް ފުރާލާ އެކައްޗަކީ ވެސް ފުވައްމުލަކު އަނބެވެ.

ފުވައްމުލަކަށް ގޮސްފި ނަމަ، "އަނބުކޮޅެއް ނުލާ" މާލެ އަންނަ މީހުން ނުތިބޭނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އެކަމަކު، ފުވައްމުލަކު އަނބު މީރު މީހުންނަށް މިއީ އަޑު އަހާލަން ފަސޭހަ ވާހަކައަކަށް ނުވާނެއެވެ. ފުވައްމުލަކު އަނބު ގަސްތައް މިހާރު ވަނީ ކުރިއާ އަޅާ ބަލާފައި ވަރަށް ބޮޑަށް މަދުވެފައެެވެ. އަދި ގަސްގަހުގައި އަނބު އަޅާ މިންވަރުވެސް އޭރާ އަޅާ ބަލާފައި މިހާރު ވަރަށް ބޮޑަށް މަދެވެ. ފުވައްމުލަކު އަނބާ މެދު ގިނަ ބައެއްގެ ލޯބި ޖެހިފައި ވަނީ އެ އަނބު "ފޮނިވެފައި" އަދި ރަހަ މީރު ކަމުންނެވެ.

ފުވައްމުލަކު އަނބު ހާއްސައީ ކީއްވެ؟

ފުވައްމުލަކުގައި ސާޅީހަށް ވުރެ ގިނަ އަހަރު ދަނޑުވެރިކަން ކުރި އަހުމަދު އަބްދުﷲ 58، "ވަގުތު" އަށް ބުނީ އެ ރަށުގެ އަނބާއި ރާއްޖޭގެ އެެހެން ރަށްރަށުގައި ހެދޭ އަނބާއި މާބޮޑު ތަފާތެއް ރަހައިގެ ގޮތުން ބަލާއިރު ނުހުންނަ ކަމަށެވެ. އަނބުގެ ރަހަ ތަފާތުވެފަ ފޮނި ކަމަށް ބައެއް މީހުން ބުނި ނަަމަވެސް އެހެން ރަށްރަށުގައި ވެެސް އަނބު ފޮނި ގަސް ގަސް ހުންނަ ކަމަށް އޭނާ ބުންޏެެވެ.

ފުވައްމުލަކު އަނބު ގަހެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އަސްލު މިރަށު އަނބު ތަފާތެއް ނޫން. އަޅުގަނޑަށް ހީވަނީ އެހެން ރަށްރަށުގައި ހެދޭ ވަރަށްވުރެ ރަނގަޅަށް މި ރަށުގައި އަނބު ހެެދެނީހެން. ނޫނީ ގަސްގަހުުގައި އަނބު އަޅާލެެއް ގިނައީހެން. ވަކި ތަފާތެއް ނޫން" އަހުމަދު ބުންޏެވެ.

އެހެން ރަށްރަށަށް ވުރެ ފުވައްމުލަކުގެ ބިމަކީ އަނބު ހެއްދުމަށް "ފައްކާ" ބިމެއް ކަމަށް ގިނަ ބަަޔަކު އެއްބަަސްވެއެވެ. ފުވައްމުލަކަކީ ބިންގަޑުގެ ފެެންތިލަ "ޓޮޕް ސޮއިލް ލޭޔަރ"އޭ މިކިޔާ ކަޅުވެލި ފަށަލަ ކާނާއިން ތިޔާގި ރަށެކެވެ. އެހެން ބާވަތްތަކަށް ވެސް ރަށުގެ ބިންގަނޑު "ފައްކަަލެވެ".

އެރަށުގެ އަނބު ގަސްތަކަކީ މޫސުމަށް އަނބު އަޅާ ބަރާވާ ވަރަށް އަނބު ލިބޭ ގަސްތަކެކެވެ. ކޮންމެ އަހަރެއްވެސް ފެށޭ ހިސާބުގައި ފުވައްމުލަކު ގަސްގަހުގައި އަނބު އަޅައެވެެ. އަދި އެ ދުވަސްވަރު އަނބު ދޮންވެ ގަސްތައް ފެންނާނީ ގަދަ ރީނދޫ ކުލައިން ޖަރީވަމުންދާ ތަނެވެެ.

އަނބު ގަސްތަކަށް ޖެހުނު ބަލި

ފުވައްމުލަކު އަނބު ގަސްތަކަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ގޮތް ނޭނގޭ ބައްޔެއް ޖެހުމެވެ. މީގެކުރިން ފުވައްމުލަކުގެ ކޮންމެ ގެއެއްގައި ހަތެއް ނުވަތަ އަށް ވަރަކަށް އަނބު ގަސް ހުރެއެވެ. އަނބު މޫސުންތަކާ ދިމާކޮށް އަނބު ނުބިނދެވި ގަސްތައް ދޮށުން 200 ނުވަތަ 300 އަނބު ހޮވުމަކީ ފަސޭހަކަމެއް ކަމަށް ރަޝީދު ވިދާޅުވިއެެވެ.

ނަމަވެސް ފަހުން ގަސްތަކަށް ޖެހެން ފެށި ބައްޔަކާ ހުރެ އަނބު ގަސްތައް ހަލާކުވާން ފެށި ކަމަށާއި، އެ ކަމާއި ގުޅިގެން މިނިސްޓްރީ އޮފް އެގްރިކަލްޗާއިން އެރަށަށް ދިޔަ ޓީމެއް ވެސް ރަށަށް އައި ކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި އަނބުގަސްތަކުން ސުންކު ނަގައި ގަހަށް ޖެހޭ ބަލި ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ދަނޑުވެރިކަމުގައި މިހާރު ވެސް އުޅެމުންދާ ރަޝީދު ކިޔައި ދިނެވެ.

ފުވައްމުލަކު ގަހެއްގައި އަނބު އަޅާފައި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެންމެ ފަހުން އެނގުނު ގޮތުގައި ފުވައްމުލަކު އަނބު ގަސްތައް ހަލާކުވީ އަނބު ގަހަށް ޖެހޭ ހަކުރު ބަލި ޖެހިގެން ކަމަށް ވެއެވެ.

"އަޅުގަނޑަށް އެނގުނީ މި ބައްޔަކީ މެންގޯ ލީފް ޕޮޕާ ކިޔާ މަހުލޫގެއްގެ ފަރާތުން ޖެހޭ ބައްޔެއްކަން. މީތި ހަދާގޮތަކީ އަނބުގަހުގެ މާކޯޅި ހަމަ ފޮޅޭ އިރަށް އޭގެ ހުންނަ ހުރިހާ ފޮންޏެއް ވިއްޔާ ބޮނީ. ދެން ގަހަށް ސީލީމަ އެ އެއްޗިހިތައް ތިރިޔަށް ފައިބަން ފެށީމަ މީހުން މިކިޔަނީ ހަކުރުބައްޔޭ" ރަޝީދު ކިޔައިދިނެވެ.

އޭނާ ބުނީ އެ ބައްޔަށް އަދިވެސް ފަރުވާއެއް ހޯދުމަށް ސަރުކާރުން ވެސް މަސައްކަތް ނުކުރާ ކަމަށެވެ.

ފުވައްމުލަކު އަނބުގެ މާކެޓު:

އަނބު މޫސުންތަކާއި ރޯދަ މަސް މަހުގައި ވެސް މާރުކޭޓުގެ މޭޒުތައް އޮންނަނީ އެ ރަށު އަނބުން ފުރިފައެވެ. ފުވައްމުލަކަކީ ގިނަ އަދަދަކަށް އަނބު ހައްދާ ރަށަކަށް ވުމުން އަނބު މޫސުންތަކުގައި މޭޒުތަކުން ގިނަވާނީ ވެސް ފުވައްމުލަކު އަނބެެވެ.

ކަނޑޫދޫ މިރުހާއި، ފީވަކު ކުއްޅަވަށް ފަދައިން ފުވައްމުލަކު އަނބަކީ އެރަށު މީހުުންގެ ފަހުރެެކެވެ. އަނބަށް ލިބިފައިވާ މަޝްހޫރުކަމާ އެކު ފުވައްމުލަކު އަނބު ވިއްކަން ފަސޭހަ ކަން އެ ރަށު ވިޔަފާރިވެރިން ފާހަގަ ކުރަނީ އުފަލާ އެކުގައެވެ.

ފުވައްމުލަކު ގަހެއްގައި އަނބު އަޅާފައި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރަޝީދު ބުުނީ މީގެެ ކުރިން އަނބު މޫސުންތަކުގައި އެރަށުގެ އަނބު ގަހަކުން 18000 އަނބު ބިނުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އަދި އަނބު ވިއްކައިގެން ބޮޑު އާމްދަނީއެއް އެރަށުގެ ގިނަ ރައްޔިތުންނަށް ލިބުނު ކަމަށް އޭނާ ބުންޏެވެ.

އެކަމަކު، އެއީ މާޒީއެވެ. ފުވައްމުލަކު ރައްޔިތުން ބޭނުން ވަނީ މި އަނބު ގަސްތައް އެއްކޮށް ނެތި ދިއުމުގެ ކުރިން މިކަމަށް ހައްލެކެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރި "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޖިރޭފި

    ބައެއްގެ ގަސްތަކަށް ބައްޔެއް ޖެހުނަސް، ބޮޑު ސަފާރީ އޮޑި ރަށަށް ވަންނަނިކޮށް ބީހުނީމާ ފަޅުފުންކުރުންވެސް، ދަރިފުޅު ހުންވަރިއެއްއައިމާ ބެންގަލޫރު ޑޮކްޓަރު ބުންޏޭ އެތަނުން ނޫނީ ރަނގަޅެއްނޫނޭ ކިޔަގެންވެސް....ރައްޔިތު އެންމެންގެ ލާރި ވަކި ބަޔަކަށް ހަރަދުކުރަން ޖެހޭ ކަމަށް ދެއްކުން......

    5
    1
  2. ލޮލްލޮލް

    އަބަދުވެސް ބިރު ހީވެފަ..ދިވެހިން މީ ހުވާ ޚުރާފާތުގެ ބަފައިން

    6
    1
  3. ދިވެހިލޭ

    ތިގަސް ތަށް ހަމަނެތިދާން ވީ

    1
    16
  4. ގަސް

    މާލެ ޕޮޓުގަ ޖަހާފަ ހުރި ގަސްވެސް މަރުވެއްޖެ! ތި ބަލި ކަމަށް މި ބަލަނީ

    8
    4
  5. ޝަރީފް

    ފުއަށްމުލަކު ހަބަރު އެކަނިތަ މިނޫހުން ގެންނަނީ

    5
    7
  6. ދޮންއަނބު އަންމަ

    ކިޔެއްކުރަން ހައްދާ އަނބެއްތިއީ.ރަނަށްވުރެ އަގުބޮޑުވެގެން މާލޭ ބާޒާރުގަ ފީވިޔަސް އަގުހެޔޮނުކޮށް ބަގުދިބައްދައިގެން ތިބެނީ.

    4
    1
  7. އިބްންސުލޭމް

    އަގުބޮޑީ އަނބުވިއްކޭލެތް. ހެޔޮގޮތުގައި މުދާ އަދި ﷲދެއްވާ ރިޛްގު އަށް ދަހިވެތިވެ މާބޮޑުއަގުގައި ވިއްކާންފެށުމުން އެކަލާނގެ ކުޅަދުންވަންތަ އެތަކެތި ފަނާކުރެއްވުންވެސް. ދެންވެސް އެހެންމިހުން އަތްފޯރަފަށަށް އަގުދައްކޮށް ދެން އަންނަ އަނބުމުސުމުގައި އަޅާ ހުރިހާއަނބެއް ސޮދަގާތްކޮށް ބަހާލަބަލަ. ގަސްތަތައް ރަނގަޅުވެ މަތިވަރު ރަނގަަޅުވެދާނެ.

    4
    2
  8. ގަދަކުޑޭ

    ކިނބިދޫ އަނބުގަސްތަށްވެސް ބައްޔެއް ޖެހި ނެތިދިއުމާ ގާތަށް ހިނގައްޖެ

  9. ބިގް މޭން

    ކިނބިދޫ އަނބުގަސްތަށް ނައްތާލާ