(ފުވައްމުލައް ސިޓީ) ކުރީ ޒަމާނުގައި މީހުން ދިރިއުޅުމަށް ގެ ބިނާކޮށް އުޅެނީ ވަރަށް ބުރަ މަސައްކަތުންނެވެ. އުވަގަލުން ގެ އަޅަން ދަލާއި ލޭ އޮހޮރުވައިގެން ކުރި އެ މަސައްކަތަކީ އެއް ބައެއްގެ ނަޒަރުގައި ދިވެހިންގެ ކާބަފައިން ކުރި ވަރަށް ބޮޑު މަސައްކަތެކެވެ. ފުވައްމުލަކޭ އެއްގޮތަށް ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް އުވަޔާއި ގަލުން އަޅާފައިވާ ކިތަންމެ ގެއެއް މިހާރު ވެސް ފެންނަން އެބަހުއްޓެވެ.

މި މަންޒަރު ފެންނަން ހުރީ ހަމައެކަނި ރާއްޖޭގައި އެކަންޏެއް ނޫނެވެ. މިއީ މާލޭގެ ބައެއް ގެތަކުން ވެސް ފެނުނު މަންޒަރެވެ.

މި ގެތަކުގެ ތެރެއިން ވެސް ފުވައްމުލަކު "ގަލްގެ" އަކީ އުވަޔާއި ގަލުން މި ރަށުގައި ފުރަތަމަ އެޅި ގެއެވެ. މިއަދު އެ ގެއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ވަރަށް ރީތިކޮށް ހަދާފައި ހުއްޓަސް، ގޭގެ ތެރޭގައި އުވަޔާއި ގަލުގެ ނިޝާންތައް އަދިވެސް ފެންނަން އެބަހުއްޓެވެ.

ގަލްގޭގެ ފެންޑާގައި ތަޅާނުލައި، އެ ހުރީ އުވަޔާއި ގަލުން ގެ ހަދާފައިވާ ކަން ދައްކާލުމުގެ ބޭނުމުގައެވެ. އެގޭގައި ބޭރުގައި ކަންމައްޗަށް ހުރި ކުރީގެ ބަދިގޭގެ ފާރުވެސް ހުރީ އުވަޔާއި ގަލުން ރޭވި ގޮތަށެވެ. އެ ތަން ފެނުނު ކިތަންމެ މީހަކަށް ވެސް ފުރިހަމަ ކަން ސިފަކޮށްލެވޭނެއެވެ.

އަހުމަދު ލަތީފް 80، ބުނީ ގޭގެ އެންމެ ހާއްސަ ކަމަކީ މި ގެއަކީ އެންމެ ފުރަތަމަ ގަލާއި އުވަ ބޭނުންކޮށްގެން ހެދި ގެއަށްވުން ކަމަށެވެ. އޭނާ ބުނި ގޮތުގައި އުވަޔާއި ގަލުން މި ގެ ފުރަތަމަ ރޭނީ މީގެ 200 އަށް ވުރެ ގިނަ އަހަރު ކުރިންނެވެ. އެގޮތަށް އެގެެ ހަދާފައި ހުރި އިރު އެއްވެސް ވަރަކަށް ހަލާކުވެގެން މަރާމާތު ކުރަން ނުޖެހުނު ކަމަށް އޭނާ ބުންޏެވެ. އަދި އެއްވެސް ގެއްލުމެއް ނުލިބި ގެ ހުރީ ވަރުގަދަކޮށް ކަމަށް އޭނާ ބުންޏެވެ.

އުވަޔާއި ގަލުން ހެދި ގޭގެ ތަންކޮޅެއް އާންމުންނަށް ދައްކާލަން ބަހައްޓާފައި.- -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އޭގެ ކުރިން ގެތައް ހުންނަނީ ދަނޑި ފަނުން ކަމަށް ވަނީ، އެންމެ މޮޅަށް އަޅާފައި ހުންނަ ގެ ހުންނާނީ ރުކު ފަތިން، ދެ ރުއް ކަނޑާފައި ޖަހާފައި މަތި ސަތަރިން ހިޔާކޮށްފައި،" ލަތީފް ބުންޏެވެ.

އޭނާ ބުނީ، މިގޭގެ ރޭނުން ގަނޑު ވަރަށް ރީތި ކަމަށެވެ. އެކަން މީގެ ކުރިން މި ގެ އަސްލަށް ފެނުނު މީހުންވެސް ފާހަގަކުރި ކަމަށް އޭނާ ބުންޏެވެ.

ފުވައްމުަލަކު ގަލްގޭގެ މިހާރުގެ ވެރިޔާ ލަތީފް - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ގެ ހަދާފައި ވަނީ، އޭނާގެ މަންމަގެ ފަރާތުގެ ކާފަގެ އިސްނެގުމުގެ ދަށުންނެވެ. އެއީ މިރަށު މާދަނޑުގޭ މުހައްމަދެވެ.

ލަތީފް ބުނީ، މިގެ އޭރު ހުންނަ ގޮތަށް ބަލާއިރު، ހަތަރު ފަރާތުގައި ފެންޑާ ހުރި ކަމަށެވެ. މިހާރު އެކަމަކު އެ ފެންޑާތަކެއް ފެންނަން ނެތެވެ.

"އެތަންތަން ތަޅާލައިފިން، އެކަމަކު މިގޭގެ ސިޓިން ރޫމް އެއީ މުޅި ގެ އިންވަރު،، އެތަނުގައި ސިމެންތި ޖެހިއިރު އަޅުގަނޑު ހުންނާނެ ގޮޅިވަރެއް ބަހައްޓާފައި ސިމެންތި ނުޖަހާ، އެ އަންނަ ބަޔަކަށް ދައްކާލަން،" ލަތީފް ބުންޏެވެ.

އޭނާ އަށް މީގެކުރިން ހެދި ގެ ވެސް ފެނިފައި ހުރި އިރު، ގެއަށް ބަދަލު ގެނެސް ގޭގެ ނަމަށް ބަދަލު ގެނައީވެސް ލަތީފެވެ.

ލަތީފް "ވަގުތަށް" އިންޓަވިއު ދެނީ. - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެގޭގައި ހަތަރު ފެންޑާ ހުރިއިރު، އޭނާވެސް އޭގެ ތެރެއިން ދެ ފެންޑާ ބޭނުން ކުރިކަން ފާހަގަކުރިއެވެ. އެ ދެ ފެންޑާ ބޭނުން ކުރީ އޭރު ނިދާ ކޮޓަރީގެ ގޮތުގައެވެ.

"އެއް ފެންޑާ ބޭނުން ކުރީ އުނދޯލި ގެއެއްގެ ގޮތުގައި، ދެން ހުންނާނީ ބަދިގެ، ބަދިގެ މިހާރުވެސް އެ ހުރީ އެ ރޭނުން ގަނޑު ހުންނާނެ ފެންނަން،" ލަތީފް ބުންޏެވެ.

ގަލްގޭގެ ވެރިޔާ ލަތީފް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިކަމުގެ ފެށުމަކީ ލަތީފްގެ ކާފައެވެ. އޭނާގެ ކާފަ އައްޑޫ ސިޓީ ހުޅުދޫއަށް ދިޔައީ އުވަޔާއި ގަލުން އެގެ ރާނާ ދޭނެ މީހަކު ހޯދުމަށެވެ. އޭރު އެރަށުގައި މިކަން ކޮށް އުޅުނު ކަމަށް ވެއެވެ.

މިގެ ރޭނުމަށް ގާތައް ހޯދާފައި ވަނީ އަތިރިމަތިންނެވެ. އަތިރިމަތިން ގާތައް ގެެނެސް ވަކި ތަރުތީބެއް ނެތް ގޮތަށް ތެޅީއެވެ. އެ ގާތައް ތަޅައިގެން ކުދި ގާތަކަށް ބަދަލު ކުރިއެވެ. އެ ގެ ރޭނުމަށް އުވަ ހަދަން ބޭނުންކޮށްފައި ވަނީ، ލަކުޑި ކަހަލަ އެއްޗިއްސެވެ. އެ އެއްޗެހި ފުންޏަކަށް ޖަހާފައި ބަހައްޓާފައި، ވަށައިގެންނާއި، މަތީގައިވެސް ޖަހަނީ ފަނެވެ. ދެން އޭގެ ތެރެއަށް އަޅަނީ އަކިރިއެވެ. އަކިރި އަޅާފައި އެއްޗެއް ބޭނުންކޮށްގެން ރޯކޮށްލާނީއެވެ. އެ އަނދާ ނިމުނީމަ އެހުރީ އުވަޔަށް ވެފައެވެ. އެ އުވަ ވަގުތުން ވަގުތަށް ބޭނުން ކުރެވޭނެއެވެ. ބައެއް މީހުން އުވައިގެ ތެރެއަށް ދިވެހި ހަކުރު އަޅައިގެންވެސް ބޭނުން ކުރާކަން އޭނާ ފާހަގަކުރިއެވެ.

ލަތީފަށް ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު، މިގެ ހެދުމަށް މާގިނަ ބަޔަކު އައިސްފައެއް ނުވެއެވެ. އައިސްފައި ވަނީ ދެތިން މީހެކެވެ. ނަމަވެސް އެގެ ރޭނުމުގައި ރަށުގައި ގިނަބަޔަކު އުޅުނު ކަމަށް ވެއެވެ.

އުވަޔާއި ގަލުން ފުވައްމުލަކުގައި އެޅި ފުރަތަމަ ގެ- -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ގޭގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ދެ މަހެއްހާ ދުވަސް ނެގި ކަމަށް އޭނާ ބުންޏެވެ. އެގެ މިރަށުގައި ހެދި ފަހުން، އިތުރު ގެތައް އުވަޔާއި ގަލުން ހެދިއެވެ.

ލަތީފް އޭނާގެ ގެއަށް ބަދަލު ގެންނަން ފެށީ ޒަމާނަށް އައީ ތަރައްގީއާ އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ރަދީފް

  ގަލްގެ. ލޮލް

  9
  4
 2. ހުރެސްސ

  މާލެގަވެސް ހިށި ތިޔަކަހަލަ ގެއެއް. އެގެޔަށް އޭރުކިޔަނީ ސީގަލްގެ

 3. ޣގ

  200 އަހަރެއް ނުވާނެ . 100%