(އައްޑޫ ސިޓީ) އައްޑޫ ސިޓީއަކީ ތާރީހީ ގޮތުން ފާހަގަކޮށްލެވޭ އެތައް ކަމެއް އެ ރަށްތަކުގެ ތެރޭގައި ހިމެނޭ މުއްސަނދި ސިޓީއެކެވެ. އައްޑޫގައި ހުންނަ ތަންތަނުގެ ތެރެއިން ވެސް މަރަދޫގައި ހުންނަ މަޝްހޫރު "ބޮނޑޮގެ" އަކީ ތާރީހީ ގޮތުން ފާހަގަކޮށްލެވޭ ބިނާއެކެެވެ. ނަވާރަ ސަތޭކަ ސާޅީސް ތިން ވަނަ އަހަރު ބިނާކޮށްފައިވާ ބޮނޑޮގެ އަސްލު ނުގެއްލޭ ގޮތަށް މިހާރު ވެސް ފެންނަން އެބަހުއްޓެވެ.

އައްޑޫގެެ ތާރީހީ ތަންތަނުގެ ތެރެއިން ބޮނޑޮގެއަކީ އެންމެ ގިނަ ބޭނުންތަކަަށް މިހާތަނަށް ބޭނުންކޮށްފައިވާ އެއް އިމާރާތެވެ. ބޮނޑޮގެ އެންމެ ފުރަތަމަ އިމާރާތްކޮށްފައި ވަނީ އައްޑޫގައި ކުރިން އޮތް އިނގިރޭސީންގެ ލަޝަކަރުގެ މުވާސަލާތީ މަރުކަޒެއްގެ ގޮތައެވެ. އޭގެ ފަހުން އިނގިރޭސީންްވެސް ވަނީ ބޮނޑޮގެ ތަފާތު ބޭނުންތަކަށް ބޭނުންކޮށްފައެވެ. އެއަށްފަހު ތާރީހުން ފެންނަން އޮތީ 1950 ވަނަ އަހަރުން ފެށިގެން ހަތް އަހަރުގެ މުއްދަތަށް "މަދަރުސަތުލް އަފީފިއްޔާ" މަރަދޫ ބޮނޑޮގޭގައި ހިންގާފައިވާކަމެވެ.

ބޮނޑޮގެކަން އަންގައިދިނުމަށް ކައުންސިލުން ހަރުކޮށްފައި ހުންނަ ނަން ބޯޑު - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެއަށް ފަހު ދެ އަހަރު ދުވަހު އެތަން އެއްވެސް ބޭނުމެއް ނުކޮށް ހުހަށް ބަހައްޓާފައި ހުރުމަށް ފަހު ބޮނޑޮގޭގެ ބޭނުންކޮށްްފައި ވަނީ 1959 ވަނަ އަހަރެވެ. އެ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން 1963 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ބޮނޑޮގެ ބޭނުންކޮށްފައި ވަނީ އޭރު އައްޑޫގައި އޮތް "އައްދައުލަތުލް ސުވާދީބިއްޔާ" ގެ ފާރުން ހިންގި ޓްރޭޑިން ސެންޓަރު އޭއީސީ (އައްޑޫ ޓްރޭޑިން ސެންޓަރު)ގެ ނަމުގައެވެ.

އެއަށްފަހު ދެެން މިތަން ބޭނުންކޮށްފައި ވަނީ 1964 ވަނަ އަހަރުއެވެ. އެއަހަރުގެ އޮގަސްޓު މަހުގެ ދެވަނަ ދުވަހު އައްޑޫ ހިތަދޫ އާރޭފް ހުސައިން "ޖަގަޑާ"ގެެ ނަމުގައި ހިންގި ދެކޮޅުވެރި ހަރަކާތުގައި ހައްޔަރުކުރި 80 އަށްވުރެ ގިނަ މީހުން ގައިިދުގައި ބޭތިއްބުމަށް ޖަލެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ ބޮނޑޮގެއެވެެ. މިކަމަށް ފަހު ހަމަ އެ އަހަރުގެ ތެރޭގައި މަރަދޫ ރަށު އޮފީސް ވެސް ވަނީ މި އިމާރާތުގައި ހިންގައިފައެވެ. ނަވާރަ ސަތޭކަ ފަސްދޮޅަސް ހަ ވަނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ބޮނޑޮގޭގައި އޮފީސް ހިންގިއެވެ.

ބޮނޑޮގޭގެެ އެތެރޭގައި އޮންނަ ހަނި މަގެއް - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ނަވާރަ ސަތޭކަ ހަތް ދިހަ ފަސް ވަނަ އަހަރުން ފެށިގެން 1979 ވަނަ އަހަރުގެ ނިޔަލަށް ބޮނޑޮގެ ބޭނުންކޮށްފައި ވަނީ "މަސްޓު ކުލަބު" ނުވަތަ މަރަދޫ ޔުނައިޓެޑް ސްޕޯޓްސް ޓްރޭނިންގ ކްލަބުގެ ބޭނުންތަކަށެެވެ. އޭގެ ތެރެއިން "ޓްރޮޕިކާ" ނަމަކަށް ރަޖިސްޓްރީ ކޮށްގެން ކުރިއަށް ގެންދިޔަ ބޭންޑުގެ ފަރިތަކުރުންތައްވެސް ކުރިޔަށް ގެެންގޮސްފައި ވަނީ މި އިމާރާތުގައެވެެ. އެއަށްފަހު ވަކި ތާރީޙެއް އެނގެން ނެތް "މަދަރުސަތުލް އިމްދާދިއްޔާ" ނަމަކަށް ކިޔާ މަދަރުސާއެއް ބޮނޑޮގޭގައި ވަނީ ހިންގައިފައެވެ.

އޭގެ ފަހުން 1982 ވަނަ އަހަރުން ފެށިގެން މިތަން ބޭނުންކޮށްފައި ވަނީ އެސްޓީއޯގެ ފަރާތުން ސިނަމާއެއް ހިންގުމަށެވެ. މިކަން ހަތެއް އޮކްޓޯބަރު އިން ފެށިގެން 11 އަހަރުގެ ދިިގު މުއްދަތަކަށް، 1993 ވަނަ އަހަރުގެެ ޖުލައި މަހުގެ ހަތް ވަނަ ދުވަހާއި ހަމަޔަށް ކުރިއަށް ގެެންދިޔައެވެ.

ބޮނޑޮގޭގެ ސިނަމާ ހިންގި ދުވަސްވަރުގެ ހަނދާންތައް އެގޮތުގައި - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ބޮނޑޮގެެ 1993 ގައި ބޭނުންކޮށްފައި ނުވާކަމަށް ވެެއެވެ. އޭގެ ފަހުން ދިގު މުއްދަތަކަށް ބޮނޑޮގެ ހުރީ އަޅާލާނެ އެއްވެެސް ފަރާތެއް ނެތި، ބޭނުންކުރާނެ މީހަކު ނެތުމުގެ ސަބަބުން ފަޅުތަނަކަށް ބަދަލުވެފައެވެ. "ވަގުތު"ން އައްޑޫ ސިިޓީއަށް ހޭރިޔާ ދަތުރެއް އެންމެ ފުރަތަމަ ކުރީ 2015 ވަނަ އަހަރުގެ ތެރޭގައެެވެ. އޭރު ފެންނަން ހުރި ބޮނޑޮގެ އާއި މިހާރުގެ ބޮނޑޮގެ ވަރަށް ތަފާތެވެ. އޭރު ހުރީ ކުށް ކުރުމުގެ އައްޑާއަކަށް ވެފައެވެ. އެތަނަށް އަޅާލާނެ ބަޔަކު ނުވެއެވެ. ނަމަވެެސް މުޅި އެތަން ފެންނަން ހުރި ގޮތް މިހާރު ވަރަށް ތަފާތެެވެ.

ބޮނޑޮގެ އާސާރީ ބިނާއެއްގެެ ގޮތުގައި ކަނޑައަޅަައި، އަސްލު ނުގެއްލޭ ގޮތަށް އާަބާތުރަ ފިލުވާފައި ވަނީ މަރަދޫ ކައުންސިލުން 2015 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށް ފަހު އިނގިރޭސީން އައްޑޫގައި އުޅުނު ދުވަސްވަރުގެ ހަނދާންތައް ގެނުވައިދޭ އެތައް ފޮޓޯތަކަކާއި، ލިއެކިއުންތަކެއް އަދި އެމީހުން ބޭނުންކުރި ބައެެއް ތަކެތި ދައްކުވައިދޭ މިއުޒިއަމެއްގެެ ގޮތުގައި ބޮނޑޮގެ ހުޅުވިގެން ގޮސްފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެެމްބަރު މަހުގެެ 11 ވަނަ ދުވަހުއެެވެ.

އައްޑޫ ސިޓީ މީދޫ ބޮނޑޮގޭ- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ކައުންސިލުން ގެނެެސްފައިވާ ބަދަލުތަކުގެެ ތެރޭގައި ބޮނޑޮގޭގެ ކުލަ ބަދަލުކޮށް، އެތަނުގެ ކުރިމަތީގައި ވަނީ ފާރެއް ރާނާ ދޮރުވައްޓެއް ގާއިމްކޮށްފައެެވެެ. އަދި މީގެެ ކުރިން ހަލާކުވެފައިވާ ބައެއް ތަންތަން މިހާރު ވަނީ އަސްލު ނުގެއްލޭނެހެން އާބާތުރަ ފިލުވައިފައެވެ.

މީގެ ހަ އަހަރު ކުރިން 2015 ވަނަ އަހަރުގެ ފަހުން ދެތިން ފަހަރެއްގެ މަތިން ކައިވެނި ޕާޓީ ބޭއްވުމަށް މިތަން ދޫކުރެވުނު ކަމަށް ވެއެވެ. ނަމަވެސް މިހާރު ބާއްވާ ޕާޓީތަކަށް ބޮނޑޮގޭގެ ހޯލު ތެރޭގައި އޮންނަ ޖާގައަކީ އެންމެެ އެކަށީގެންވާ ޖާގައަކަށް ނުވުމުން މިތަން ނަގަމުން ނުދާކަން ކައުންސިލުން ފާހަގަކުރިއެވެ.

މަރަދޫ ބޮނޑޮގެއަކީ އިނގިރޭސީންގެ ޒަމާނުގައި ވަރަށް ވަރުގަދައަށް އިމާރާތްކޮށްފައިވާ ތަނެކެވެެ. މިތަނުގެ ފާރެއްގެ ބޯމިނުގައި 18 އިންޗި ހުރެއެވެ. މިއީ އެހާ ދުވަހަށް ބޮނޑޮގެ ވީރާނާ ނުވެ ދެމިގެން ގޮސްފައިވާ އެންމެ ބޮޑު އެއް ސަބަބުން ކަމަށް ބެލެެވެއެވެ. ބޮނޑޮގޭގައި ބޮޑު ހޯލެއް ހަދާފައި އޮންނަ އިރު ދެ އަރި މަތީގައި ހަނި ފެންޑާތަކެއް ހަދާފައިހުރެއެވެ. މިހާރު ހޯލު ތެރެއިން ގޮސް މި ފެންޑާތަކަށް ވަދެވުނު ނަމަވެސް ކުރިން މި ފެންޑާތަކަށް ވަދެވޭ ދޮރެއް ނުހުރެއެވެ. އެތަނަށް ވަދެވެނީ ބޮނޑޮގޭގެ ބޭރުން ކުޑަ ދޮރަކުންނެވެ. މިހާރު އެ ފެންޑާތަކަށް ވަނުމަށް ހުންނަނީ ދޮރު ކަނޑާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޅަބޭ

  މާލޭގެ ވެރިން ދިރިތިބިހާ ހިނދަކު ރާއްޖެތެރޭ ތަރައްގީ ވިޔަކަނުދޭނެ. ރާއްޖެތެރޭ 7 ކުޅަނދު މަދު ކެނައިން ބޭނުންކޮއްލަނީ ވޯޓައް އެކަނި.

  20
  3
 2. ޑައިވަރޭ

  މިތާމަތީގައި ހެލިޕޭޑެއް އޮންނަކަމައް ކިޔާއުޅޭ، މިއީ ތެދެއްބާ؟؟

  2
  1