(އައްޑޫ ސިޓީ) މި ސިޓީގެ މަރަދޫގައި ދޯނި އެހެލަން ބޭނުން ކުރާ މި ސަރަހައްދު ހަމަ ބަލާލުމުން މިއީ ރާއްޖޭގެ ތާރީޚުގައި ކިހާ މުހިއްމު ސަރަހައްދެއް ކަން ނޭނގިދާނެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ދޯނި އެހެލަން ބޭނުން ކުރާ ސަރަހައްދުތައް އޮވެއެވެ. މަރަދޫގައި އޮންނަ މި ސަރަހައްދަކީ ވެސް އެ ރަށުގެ ސްލިޕްވޭ ނަމަކަށް ކިޔާ ކުންފުންޏަކުން މިހާރު ބޭނުން ކުރާ ސަރަހައްދެކެވެ. ކޮންމެ ވެސް ފީއަކަށް ރަށުގައި ދޯނި އެހެލައިގެން އެ ބިނާ ކުރުމުގެ ކަންކަން ކުރާ ބޭނުންވާ މީހުނަށް އެ ފުރުސަތު ދީގެން ކުރިއަށްދާ ކަމަށްވެއެވެ.

"ވަގުތު ހޭރިޔާ" ގެ ނޫސްވެރިންނަށް މަރަދޫގެ އާސާރީ އަދި ތާރީޚީ ބިނާތައް ދައްކައިދީ އެ ތަންތަނުގެ މައުލޫމާތު ދެއްވީ އައްޑޫ ސިޓީ ކައުންސިލްގެ މަރަދޫ އަވަށު އޮފީހުގެ ސީނިއާ އެޑްމިން އޮފިސަރު މުހައްމަދު ފައިސަލެވެ. މަރަދޫގައި ދޯނި އެހެލަން ބޭނުންވާ މި ސަރަހައްދު ދެއްކުމަށް ފަހު އައްޑޫއާއި މަރަދޫގެ ތާރީޚާއި އެ ސަރަހައްދާ އޮތް ގުޅުން ހާމަކޮށް ދެއްވިއެވެ. އެއީ އިނގިރޭސީން އައްޑޫގައި ގާއިމްވެ ތިބި ދުވަސްވަރު މަރަދޫގައި ދޯނި އެހެލަން ބޭނުންކުރި ސަރަހައްދެވެ.

އިނގިރޭސިން ޒަމާނުގައި ދޯނި އެހެލަން ބޭނުން ކުރި ސަރަހައްދުގައި މިއަދު ވެސް ދޯނިފަހަރު އެހެލަން ބޭނުން ކުރަނީ - ވަގުތު އިމެޖަސް- މުހައްމަދު އަފްޒަލް

މުހައްމަދު ފައިސަލް ކިޔައިދިން ގޮތުގައި އެ ދުވަސްވަރު އެ ތަން އޮތް ގޮތާއި މިހާރު އޮތް ގޮތާ ވަރަށް ބޮޑަށް ތަފާތެވެ. އޭގެ ފަހުން އެތައް އަހަރުތަކެއް ފާއިތުވެގެން ދިޔައިރު މިހާރު އަމިއްލަ ބަޔަކަށް އެ ސަރަހައްދު ދޫކޮށް ވިޔަފާރި އުސޫލުން ދޯނި އެހެލަން އެކި ފަރާތްތަކަށް ދޫކުރަމުންދާއިރު އެތައް ބަދަލެއް އަންނާނެ ކަން ގައިމެވެ. އެ ކުލަވަރު ފަނޑުވެ މި ތާރީޚީ ތަރިކަ މި އޮތީ ހަމަ ދޫކޮށްލެވިފައެވެ. އެހެންވިޔަސް މި ސަރަހައްދުގެ ސަބަބުން ބައެއްގެ ވިޔަފާރިއެއް ކުރިއަށް ގޮސް ރަށަށް ކުރިއެރުންތަކެއް ލިބޭތީވެ އެ ހިތްހަމަޖެހުން ވެސް އެބައޮތެވެ.

އިނގިރޭސިން ޒަމާނުގައި ދޯނި އެހެލަން ބޭނުން ކުރި ސަރަހައްދަށް "ވަގުތު ހޭރިޔާ" ނޫސްވެރިޔަކު ބަލާލަނީ - ވަގުތު އިމެޖަސް- މުހައްމަދު އަފްޒަލް

ފައިސަލް ވިދާޅުވި ގޮތުގައި އެ ދުވަސްވަރުގައި ހުރި ހަމައެކަނި ތަނަކަށް މިހާރު އެ ތަނުގައި އޮތް ކަމަށް ބުނަނީ ދޯނިފަހަރު އެހެލަން އެ ތަނަށް އެރުވުމަށް މޫދާ ގުޅޭ ގޮތަށް ބަނދަރެއް ގޮތުގައި ބޭނުން ކުރަން އޮތް ރޭލު ދަގަނޑު ފަދަ ސީވޭއެކެވެ. އެއަށް ބަލާލުމުން ދުވަސްވީ ބިނާއެއް ކަމަށް ބެލެވެއެވެ. އެހެންކަމުގައިވާނަމަ އެއީ ރާއްޖޭގެ ރަށެއްގައި ދޯނި އެހެލުމަށްޓަކައި ބިނާކޮށްފައި އޮތް މިފަދަ ފުރަތަމަ އެއް ތަނަކަށް ވާނެއެވެ. މިހާރު ބައެއް ރަށްރަށުގައި އޭގެ ލުއި ފަސޭހަކަމުގެ ބޭނުން ހޯދުމަށް ޓަކައި މިފަދަ ތަންތަން ހުރެއެވެ.

މަރަދޫގައި ދޯނި އެހެލަން ބޭނުން ކުރާ ސަރަހައްދުގައި ހުރި ރޭލުަދަގަނޑުން ހަދާފައިވާ ސީވޭ - ވަގުތު އިމެޖަސް- މުހައްމަދު އަފްޒަލް

އެ ސަރަހައްދުގައި ފުދޭވަރަކަށް ދޯނިފަހަރު އެހެލާފައި އޮތެވެ. އެ ސަރަހައްދު އޮތް ގޮތަށް ބަލާއިރު ދޯނި ފަހަރު ރަށު ގޮނޑުދޮށުން އަރުވައިގެން އެހެލުމަށް ޓަކައި ބިނާކޮށްފައި ހުންނަ މުޑިތަކަށް ގެންދަން ބޭނުން ކުރަނީ ހަމަ މޫދާ ގުޅޭ ގޮތަށް ބިނާ ކޮށްފައި ރޭލު ދަގަނޑު ކަމަށް ބެލެވެއެވެ.

މަރަދޫގައި ދޯނި އެހެލަން ބޭނުން ކުރާ ސަރަހައްދުގައި ހުރި ރޭލުަދަގަނޑުން ހަދާފައިވާ ސީވޭ - ވަގުތު އިމެޖަސް- މުހައްމަދު އަފްޒަލް

ދޯނި ފަހަރު އެ ދަގަނޑު އެހީގައި ގެންގޮސް ނަރު ބޭނުންކޮށްގެން ހިފަހައްޓާފައި ހުރި ތަން ފެނެއެވެ. އެ ނަރުތައް ގެންގޮސް އޮޅާފައި ހުރީ ވިންޗެއްގައެވެ. އެ ވިންޗު އޮތީ ނޫކުލައިގެ ދަވާދުން ހަދާފައި އޮތް ގެގަނޑެއްގެ ތެރޭގައެވެ. އެ ތަނުގެ ތެރޭގައި އެކި އެހެން ބާވަތްތަކުގެ މެޝިނަރީތައް ހުރި ތަން ފެނެއެވެ.

މަރަދޫގައި ދޯނި އެހެލަން ބޭނުން ކުރާ ސަރަހައްދުގައި ދޯނި އެހެލަން ބޭނުން ކުރާ ސާމާނުތައް - ވަގުތު އިމެޖަސް- މުހައްމަދު އަފްޒަލް

އިނގިރޭސިންގެ ދިރިއުޅުމުގެ ވައްޓަފާޅި ފެންނަ މިފަދަ ބިނާތަކާއި އިނގިރޭސިން އަައްޑޫގައި ގާއިމްވެ ތިބިއިރު ބިނާކޮށްފައިވާ މިފަދަ ކިތަންމެ ބިނާއެއް އައްޑޫގައި އެބަ ހުއްޓެވެ. ތާރީޚީ މިފަދަ މުހިއްމު ތަންތަން ފާހަގަކުރެވިފައި ހުންނަން އެބަ ޖެހެއެވެ. މަރަދޫގައި ދޯނި އެހެލަން ބޭނުން ކުރާ މި ސަރަހައްދަކީ އިނގިރޭސިން އައްޑޫގައި ތިބިއިރު ދޯނި އެހެލަން ބޭނުން ކުރި ސަރަހައްދެއް ކަމުގައި ބަޔާން ކުރާ ބޯޑެއް ކުޑަމިނުން ބެހެއްޓިދާނެއެވެ.

އިނގިރޭސިން ޒަމާނުގައި ދޯނި އެހެލަން ބޭނުން ކުރި ސަރަހައްދުގައި މިއަދު ވެސް ދޯނިފަހަރު އެހެލަން ބޭނުން ކުރަނީ - ވަގުތު އިމެޖަސް- މުހައްމަދު އަފްޒަލް

އޭގައި މި ބިނާގެ ތެދު މައުލޫމާތު ލިޔެ، އައްޑޫއަށް އަންނަ އިނގިރޭސި ފަތުރުވެރިންނަށް ދައްކައިގެން އާމްދަނީއެއް ވެސް ލިބިދާނެއެވެ. ކޮންމެއަކަސް ތާރީޚީ މިފަދަ ތަންތަން ރަށަށް ޒިޔާރަތް ކުރާ މީހުންނަށް އެނގޭނެ ގޮތަށް ބެހެއްޓުން މުހިއްމެވެ. ގައުމެއްގެ ތާރީޚަކީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނެ ގޮތަށް އޮންނަން ވާނެ މައުލޫމާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަރަދުޫ

    ފަިސަލު ވިދާޅުވިއަސް ތިޔަވާހަކައަކީ ރަގަޅުވާހަކެއް ނުން އިނގިރޭސިން ގެދުވަސް ވަރު ދޯނި އެހެލަން ބޭނުން ކުރިތަނެއް ނޫން :

    4
    1
  2. ޏާޅާ

    ޙަބީބުއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި!

  3. ޞާށާ

    ޙަބީބުއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި!

  4. ޖައްސާސާ

    އިގިރޭސި އިސްތިއުމާރު އެއީ އާސާރެއްނޫން

    2
    1
  5. ާދެވަނަ ބޮޑުހަނގުރާމަ ކަލޯ

    ތިތަނަކީ ކޮރަޕްޝަނައް މަގުފަހިވާގޮތައް މަރަދޫ އަދި މުޅި އައްޑުއައް ގެއްލުންވާ ގޮތައް ސިޔާސީ ބޭނުމައް ހިންގާފަހުރި ޖަރީމާއެއް! އެހެލާއިގެން ރައިޔަތުން އަތުން ބޮޑުކުލިނާގާ ތިތަނުން ދައުލަތައް ލިބެނީ ކިހާއެއްޗެއްތޯ ބައްލަވާ؟ މާލޭ ސެންޓްރަލް ހޮސްޕިޓަލް އާއި މަރަދޫ ސުލިޕްވޭ އަކީ އެއްކަހަލަ ގޮތަކައް ހިންގާފައިވާ ދެޖަރީމާ!
    ސުލިޕްވޭ ދަމަހައްތަން ވެގެން އައްޑޫ ލިންކްރޯޑްގެ ދިޒައިނައް ބޮޑެތި ބަދަލްތައްގެނެވުނު! މަރަދޫ ސުލިޕްވޭ އާއި ބޮނޑޮނގެ އަކީ ދެވަނަ ބޮނޑު ހަނގުރާމައިގެ ރަމްޒް ތަކެއް، އެއީ ފަނާކުރުވިޔަދީގެންނުވާނެ ދުނިޔޭގެ ތަރިކަ! ހަމައެކަނި އައްޑޫ ގެ ތަރިކައެއްނުން!

    5
    2
  6. ދޮށީ ބޭބެ

    އިނގިރޭސީންގެ ދުވަސްވަރު އެތަނަށް އެހެލީ "ދޯނިފަހަރެއް" ނޫނެވެ. އެ އިނގިރޭސީން އެތަންތާގައި އެހެ-ބާލާ ހެދީ އެމީހުންގެ ކޮޅުވެއްޓިއާއި ލޯންޗް ފަރެވެ. ދޯއްޏެއް ނޫނެވެ.ެމއިނގިރޭސީންގެ ދުވަސްވަރު އެމީހުންގެ ވަޒީފާހައި 17 އަހަރު އުޅުނު މީހެއްގެ ހަނދާން އައު ކޮއްލީއެވެ. والسلام