(ފުވައްމުލައް ސިޓީ) ރާއްޖޭގެ ހާލަތަށް ބަލާ އިރު ކޮންމެ ދިމާލެއްގައި ހެން ވައްކަމާއި ފޭރުމާއި މަސްތުވާތަކެތި ވިއްކުމާއި އެތަކެތި ބޭނުން ކުރުން މިއީ ހިނގާ ކަންކަމެވެ. މަދު ރަށެއް ނޫނީ ސަލާމަތުން އޮތް ތަނެއް ނުފެނެއެވެ.

ރާއްޖޭގައި މިހާތަނަށް ހިނގާފައި ހުރި ބޮޑެތި ޖަރީމާތަކަކީ ގިނަ ފަހަރަށް މަސްތުގެ އަވައިގައި ޖެހި ހަމައިން ނެއްޓިގެން ހިންގާފައިވާ ޖަރީމާތައްކަން އެނގެން އެބައޮތެވެ. އަދި އެ އަވައިގައި ޖެހި ވައްކަން ކުރުން ވެސް ވަނީ އާންމުވެފައެވެ.

ގާތްގަނޑަކަށް ބާރަހާސް މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ، ރައްޔިތުން އެކަމުގެ ސަބަބުން ހާސްކަން މަތީގައި ތިބޭ ކަމެކެވެ. ގޭގައި މީހަކު ނެތި ބޭރަށް ގޮސް ދެން އަނބުރާ އަންނަ އިރު، ގޭގައި ހުންނަ ތަކެތި ނެތުމާއި، ކަންކަން މަތީގައި މަސްތުވާތަކެތި ވިއްކަން ތިބުން އެއީ ރައްޔިތުން ނުހަނު ބިރުގަންނަ އަދި ޝަކުވާ ކުރާ ކަންކަމެވެ.

ފުވައްމުލަކުގައި މަސްތުގެ ނެޓްވޯކެއް!

ފުވައްމުލަކުގައި 08 އަވަށް އޮންނަ އިރު، މަދު އަވަށެއް ފިޔަވައި ހުރިހާ އަވަށެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރެއެވެ. އެތަކެތި ބޯ މީހުންނާއި ރައްކާ ކުރާ މީހުން ވެސް ހިމެނެއެވެ. މިއީ ހުސް އެއްބައެއް ކުރާ ކަމެއް ނޫނެވެ. އެކި ކަންކަމަށް އެކި ބަޔަކު ތިބެނީ ނަގައިފައެވެ.

ފުޅާ ދާއިރާއެއްގައި މި ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނައިރު މިތަކެއްޗަށް ދެވިހިފާފައި ތިބި މީހުންވެސް އިންތިހާއަށް ގިނައެވެ.

ގިނައިން މި ވަބާގައި ޖެހިފައިވަނީ ސްކޫލް ދައުރުގައި ލިބޭ ގޯނާއަކުން "ގަޓް" ހުރިކަން ދައްކާލުމަށެވެ. އެއީ ފަހުން އެކަން ކުރި މީހަކަށް ބަދަލު ދިނުމުގެ ގޮތުންނެވެ. އެގޮތުން ކޮންމެވެސް ގްރޫޕަކާ ގުޅި، އެންމެ ފަހުން ދަނީ ބޭނުން ކުރަނީ މަސްތުވާތަކެއްޗެވެ. ވައްކަން ކުރަނީ އިންތިހާއަށެވެ. މިއީ އެއްވެސް ގޮތަކަށް އެ ކުދިން ބޭނުންވާ ގޮތެއް ނޫނެވެ. އެކަމަކު އެ މަގަށް ދިއުމަށް މަޖުބޫރު ކުރުވަނީއެވެ.

ފުވައްމުލަކު މަގުމަތި- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"ކުދިން ވީމަ އަސްލު ބޭނުންވާނީ ރުފިޔާ. އެތަނުގައި ތިބޭ މީހުން އަތުގައި ލާރި ހުންނާނެ. ދެން އެހެން ކުއްޖަކު ފެނުނީމަ ގޮވާފައި ލާރި ދީ ހައްދާލަނީ. ދެން ފަހުން ލާރި ހޯދަން އެކުދިން ދިޔައީމަ އޮޅު މިކުރަނީ ރުފިޔާދީ މޮޅެތި ވާހަކަ ދައްކައިގެން" ފުވައްމުލަކުން މީހަކު ކިޔައިދިނެވެ.

އެގޮތަށް އެމީހުންނަށް ކަންތައް ކޮށްދިނުމުން ބައެއް ފަހަރު ރުފިޔާދެއެވެ. ބޭނުންވާ ކަންތައް ކޮށްދެއެވެ. ސައިކަލާއި އެހެން ތަކެތިވެސް ދެއެވެ. އެހެން ނަމަވެސް ގޯސްވާ ހިސާބަކީ ގެއިން ވައްކަން ކުރަން ފެށުމެވެ. މިއީ ވައްކަން ކުރަން ފެށުމުގެ އަސްލެވެ. ކުދިކުދި ތަކެތި ގެއިން ނެގުމެވެ. އޭގެ ފަހުން އެހެން ގޭގެތަކުންވެސް އިންތިހާއަށް ވައްކަން ކުރާ ވަރު ވަނީ ވެފައެވެ.

އެފަދަ ތަކެތި ރަށަށް ގެންނަ ގޮތާއި ރައްކާކުރުން!

ރާއްޖެއަށް މަސްތުވާތަކެތި ގެނައުމުގައި ގިނަ ބައެއްގެ ދައުރު އޮވެއެވެ. މީގެ ތެރޭގައި ނުފޫޒުގަދަ މީހުންނާއި ސިޔާސީ ބައެއް ފަރާތްތަކާއި ގޭންގުތައް ހިންގުމުގައި އިސްކޮށް އުޅޭ މީހުން ހަރަކާތްތެރި ވެއެވެ. ބޭރުގެ ގައުމުތަކުން މިތަކެތި "ބަލްކު" ކޮށް އެތެރެކުރުމަށް ފަހު ރާއްޖޭގެ އެކި ހިސާބުތަކަށް މިތަކެތި ބަހާލަނީ އެފަރާތްތަކުންނެވެ.

ހޯލްސޭލް ވިޔަފާރީގެ އުސޫލުން މިތަކެތި ރަށްރަށުން "ބޮޑުކޮށް" ގަންނަ ފަރާތްތަކަށް ޚާއްސަ އަގުތަކެއް އޮންނަނީ ކަނޑައަޅާފައެވެ. ރަށްރަށަށް ގެންދާ މީހުން މިތަކެތި "ކުޑަކޮށްގެން" ވިއްކަނީ އާންމުކޮށް މަގުމަތީގެ އަގުތަކުގައެވެ. ނުވީތާކަށް މިތަކެތި ގިނަ ފަހަރަށް ވިއްކަމުން އަންނަނީ ގަޑުބަޑުވެސް ކޮށްގެންނެވެ. މާނައަކީ ތަކެތި އިތުރަށް އަޅައިގެންނެވެ.

މަސްތުވާތަކެތި އެރަށަށް އެތެރެކުރުމަށް ކަނޑުގެ މަގުންނާއި ވައިގެ އެކި އެކި އުކުޅުތައް ބޭނުން ކުރެއެވެ.

ފުވައްމުލައް މަގުމަތި- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"ކެރީ ކުރަން" މީހަކު ހަމަޖެއްސުމަށްފަހު މާލެއަށް ފޮނުވައިގެން އޭރު ގިނަފަހަރަށް އެތަކެތި ވައިގެމަގުން ގެންނަނީ ހަށިގަނޑުގައި ހަރުކޮށްގެން ނުވަތަ ރައްކާކޮށްގެންނެވެ. އެފަދަ ތަކެތި މާލެއިން ހާއްސަ އަގެއްގައި "ކްރެޑިޓަށް"ވެސް ދޫ ކުރެއެވެ. އެއީ ފަހުން ފައިސާ ދޭނެ ކަމުގެ ޔަގީންކަން އޮންނާތީއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް އެތަކެތި ބަހާލުމުގައި ވެސް އުސޫލުތަކެއް އެފަރާތްތަކުން ގެންގުޅެއެވެ. މިގޮތުން މިތަކެތި ރައްކާކުރަން ވަކި ބަޔަކު ހަމަޖައްސާފައި ތިބެއެވެ. "ސޭފެއް" ގެ ގޮތުގައި ގިނަ ފަހަރަށް މިތަކެތި ރައްކާކުރުމަށް ޙަވާލުކުރަނީ ކުށުގެވެއްޓާއި ދުރު "ބަސްއަހާ" ކުދީންގެ އަތަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުން މިގޮތަށް ކަންތައް ކުރަނީ އެފަދަ ކަންކަމުގައި ބަޔަކު އެ ކުދީންނަށް ޝައްކު ނުކުރާނެކަން އެނގޭތީ އާއި، އެތަކެތި ފޮރުވައި ދިނުމުން އޭގެ ބަދަލުގައި ފައިސާގެ މާބޮޑު އަދަދެއް އެ ކުދީންނަށް ދޭން ނުޖެހޭނެކަން އެނގޭތީއެވެ.

އެ ތަކެތީގެ ހަގީގީ ވިޔަފާރި ފެށެނީ ކިހާ ހިސާބަކުން؟

މަސްތުވާތަކެތީގެ ވިޔަފާރީގައި ދެން އެންމެ މުހިންމު ކަމަކަށް އޮންނަނީ އެތަކެތި ބޭނުން ކުރާ މީހުންނާއި ހަމައަށް ފޯރުކޮށްދިނުމެވެ. މިއީ އަސްލު މި ވިޔަފާރި ފެށޭ ހިސާބެވެ. މިކަމަށް ޚާއްސަކޮށްގެން "ޑިއުޓީގައި" ތިބޭނެ މީހުންވެސް ކުރީބައިގައި އޮންނަނީ ހަމަޖައްސާފައެވެ.

މިފަދަ މީހުން އެކި ވަގުތުތަކުގައި ޚާއްސަ ކުރެވޭ އެކި ޕޮއިންޓުތަކުގައި ތަކެތި ވިއްކުމަށް ތިބޭނެއެވެ. ކަންމަތިތަކުގައި އާންމު ގޮތެއްގައި މަސްތުވާތަކެތި ވިއްކަން ހަމަޖައްސާފައި ތިބެނީވެސް މިތަކެއްޗަށް ދެވިހިފާފައި ތިބޭ މީހުންނެވެ. އެމީހުން މިވިޔަފާރި ކުރަނީ ވިއްކުމަށް ހަވާލުކުރެވޭ ތަކެތިން ބައެއް ހިލޭ ލިބޭގޮތަށެވެ. އެހެން ނޫނީ ދުވާލަކަށް އެމީހުންނަށް "ޕީސް" ކޮޅެއް ދިނުމުން އެކަންތައް ނިމުނީއެވެ.

މިއީ މިއަދު ފުވައްމުލަކުގެ ހާލަތެވެ.

ފުވައްމުލައް؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މި ރަށުގައި ވެސް އެފަދަ ކަންކަން ކުރާ މީހުން ފާހަގަވެއެވެ. އެއީ ކަމެއް ނުކުރިއަސް އަގު ބޮޑު މުދާ އެމީހުންގެ ހުންނާތީއެވެ.

"ރަށުގެ ވަކި ބަޔަކަށް ބަލާލުމުން އެނގޭނީ އަގު ބޮޑެތި އެކި ކަހަލަ ކާރުތަކާއި ސައިކަލުތައް އެމީހުންގެ އަތުގައި ހުންނާނެ. އެންމެންނަށް ވެސް އެކަން އެނގޭ ކަން އެމީހުން ގަބޫލުކުރޭ. ވަޒީފާއަކަށް ދަނީއެއް ނޫން، އެކަމަކު އަގުބޮޑު ތަކެތި ހުންނަނީ." އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ހައްލެއް ނެތް؟

ފުވައްމުލަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް އެ ސިޓީގެ އާންމު ރައްޔިތުން އަންނަނީ އަޑު އުފުލަމުންނެވެ. އެފަދަ ކަންކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެންގި ނަމަވެސް، އެކަށީގެންވާ ވަރަށް ހެކި ނެތުމުންނޭ ކިޔައި ކޮންމެ ފަހަރަކު އެފަދަ ކަންކަން ކުރާ ފަރާތްތަކުން މުޖުތަމައު ތެރެއަށް ދޫކޮށްލެވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފުވައްމުލަކުން ވަނީ ފުލުހަކު ރަށުން ބާލުވައިފައެވެ. މިކަމާ ގުޅިގެން ދެކެވޭ ވާހަކަ ވެސް ތަފާތެވެ. އޭނާ އެރަށުން ބޭރު ކޮށްފައިވަނީ އެ ރަށުގެ ޒުވާނުންނަށް އޭނާގެ "ދުއްޕާން" ބޮޑު ވެގެން ކަމަށް ބައެއް ބުންޏެވެ. އެ ފުލުސް މީހާއަކީ ކަންކަމުގައި ކެރޭ، ޔުނިފޯމުގައި ހުންނައިރު، ވަކި މީހަކަށް ނުބަލައި ކޮންމެ މީހަކާ ދިމާލަށްވެސް ބުނަން ޖެހޭ އެއްވެސް ފަހެއް ނުޖެހި ބުނަމުން ދިޔަ މީހެކެވެ.

އެކަމަކު، އެ ފުލުސް މީހާ ފެނުނީ މީހެއްގެ އަންބެއް ކައިރި އަށް ވަދެ އޮއްވައެވެ. އެއީ ބަޔަކު ކުރި ކަމެއް ކަން ނުވަތަ އޭނާގެ އަމިއްލަ އިހްތިޔާރުގައި ކުރި ކަމެއް ކަން އަދި ނޭނގެއެވެ.

އެރަށުގެ ބައެއް ފަރާތްތަކުން ބުނާ ގޮތުން ނަމަ "އެމީހާ ބޭރުކޮށްލީ ދޮގު ތުހުމަތެއްކޮށް، މަސްތުވާތަކެތި ވިއްކާ މީހުންނަށް އޭނާގެ އުނދަގޫ ޖެހޭތީ" އެވެ. އަނެއްބައި މީހުން ބުނަނީ އެ ފުލުސް މީހާއަކީ އެއީ "އެކަހަލަ" މީހެއް ކަމަށެވެ.

ވައްކަން އިތުރުވޭ، ރައްޔިތުންނަށް އުޅެން ދަތި!

ވައްކަން ކުރުމަކީ ރާއްޖޭގެ ހުރިހާ ހިސާބުތަކުގައިވެސް އާންމުވެފަ އޮންނަ ހައްލު ނުކުރެވި އޮންނަ މައްސަލައެކެވެ. ގިނަ ފަހަރު އެފަދަ ކަންކަން ކުރަމުން އަންނަނީ މަސްތުވާތަކެތި ބޭނުން ކުރަމުން އަންނަ މީހުންނެވެ. އެއީ އެތަކެތި ގަންނަން އަތުގައި ރުފިޔާ ނެތުމުން ރުފިޔާ ހޯދުމަށެވެ. އެގޮތުން ކޮންމެވެސް ތަނަކުން ވައްކަމެއް ކޮށްގެން އެތަކެތި ވިއްކާލުމުން އެދުވަހަށް ބޭނުންވާ އެތިކޮޅު ލިބެއެވެ.

އެފަދަ ކަންކަން ކުރާ މީހުން ރައްޔިތުން ބައެއް ފަހަރު ހިފަހައްޓައެވެ. ރައްޔިތުން ބޭނުންވަނީ ވައްކަން ކުރާ މީހުންނާއި ދޭތެރޭ އެމީހުން ފިޔަވަޅު އެޅުމަށެވެ. ނަމަވެސް ބައެއް ފަހަރު ރޮއެ އާދޭސް ކޮށްގެން އެކަން ތަކުރާރު ނުކުރާނެ ކަމަށް ބުނުމުން ބައެއް މީހުން ދޫކޮށްލައެވެ. އެކަމަކު އޭގެ ފަހު ދުވަހު ކޮންމެވެސް އެހެން ގެއަކުން ވައްކަން ކޮށްގެން ފުލުހުން ހަމަ އެމީހާ ހައްޔަރު ކުރެއެވެ.

މިފަދަ ވައްކަންތައް ފުވައްމުލަކުގައި އިތުރުވަމުން އަންނާތީ އެސިޓީގެ ރައްޔިތުން ނުހަނު ކަންބޮޑުވުން ފާޅު ކުރެއެވެ. އެގޮތުން ގެއިން ބޭރަށް ދަނީ ބިރެއްގެ މަތީ ތިބެ ކަމަށްވެސް ބައެއް ރައްޔިތުން ވަނީ ބުނެފައެވެ.

"މިސާލަކަށް ގޭގެ އެންމެން އެއްކޮށް ބޭރަށް ގޮއްސަ ދެން އަންނައިރު ބައެއް ތަކެތި ބައެއް ފަހަރު ނުހުރޭ. އެހެންވެ ގޭގެ އެންމެން އެކީ ބޭރަށް ވަރަށް ނުދަން" ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ރަށުގައި ތިބޭ އެފަދަ ކަންކަން ކުރާ ގިނަ މީހުންނަކީ މަސްތުވާ ތަކެތި ބޭނުން ކުރާ މީހުންނެވެ.

"ގޭގެއިން އެކަނި ނޫން ވައްކަން ކުރަނީ. ދޯނި ފަހަރުތަކަށްވެސް އަރަނީ. އެގޮތަށް އަރަނިކޮށް ބައެއް ފަހަރު އަތުލައިގަނެ ނަސޭހަތްވެސް ދީފައި އެބަހުރި،" ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.

މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާ މީހުންނާއި ވައްކަން ކުރާ މީހުންނާ ދޭތެރޭގައި ފުލުހުންނަށް ވެސް ފިޔަވަޅެއް ނޭޅެއެވެ. ވައްކަން ކުރި ކަމުގެ "ހެކި ނެތް" މިހެން ބުނެ އެފަދަ މީހުންވެސް އަނބުރާ މުޖުތަމައު އަށް ދޫކޮށްލައެވެ. ރައްޔިތުން އަބަދުވެސް ގަބޫލު ކުރާ އެއް ކަމަކީ ފުލުހުންނާއި ކަމާއި ބެހޭ އިދާރާތަކަށް އެދެވޭ ފިޔަވަޅު އެޅޭނަމަ، މިފަދަ ކުށްތައް ކުރާ މީހުން މުޖުތަމައު ތެރޭގައި މަދުވާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުންގެ ގޮތަށް ފުވައްމުލަކު ރައްޔިތުންވެސް ބޭނުންވަނީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލައަށް އަވަސް ހައްލެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    ފުއައްމުލައް ނަންކުރާނެކަމެއްނެތް! ތި ބަލާވެރިކަން ނެތް ރަށެއް ވަރަށް މަދުވާނެ! ޤާނޫނުތައް ހަދާމީހުން އަބަދުވެސް އުޅެނީ ތި،ާމެންގެ އަންބޮނޑި ބޮޑުކުރަން. މިކަންކަން ހުއްޓުވުމަކަށް އެމީހުން މަސައްކަތެއް ނުކުރޭ! ނުވިތާކަށް ތި ވިޔަފާރީގެ އަޑީގައި ތިބޭނީވެސް ސަރުކާރުގެ ބޮޑުން!

    41
    1
  2. ފިޒާނި

    ތިރަށުމީހުންނަކީ ތިމާމެންވަރު ބަޔަކު ނެތޭވަރު ބައެއް

    14
    29
    • އިބިލީސް

      ރާއްޖޭގައި އޮތް ރަށަށް އަރާ މެޙުމާނުންނަށް އެންމެ ކަމޭހިތާ މީހުން އުޅޭ ރަށް. ލޮލް

      20
      9
      • ލޮލް

        ތިބުނީ އަންހެން ވެރިން ދޯ. ހެހެހެހެ

        2
        2
    • ޑައިވަރޭ

      ޖޭ ވިޔަސް ހަމަ މިރަށުމީހުން ވަރެއް ނޯންނާނެ

      19
      3
  3. މޭޔަރު ފަލާހު

    ނަސީބެއް ނުނެ މަ ހަކުރު ބޯ ވާހަކަ ނެތްކަން

    12
    4
  4. ކަޅު ސޮރު

    ތީ ހަމަ ހިނގާ ކަމެއް.. އެމީހުނާ ކުރިމަތިލި ފުލުސް މިހާ ވަރަށް ވެސް ހިތްވަރު ގަދަ.. އެފަދަ ފުލުހުން ބޭނުންވަނީ.. ތިޔަ ގޭންގު އެއީ އެ ރަށުގެ ހަލާކު

    11
  5. ފޯކުލޭންޑު

    ކީއްކުރަން ފުވައްމުލަކުގެ ވާހަކަ ނަންކޮށް ތިލިޔަނީ އަޅެ ވަގުތު ކުދިންނަށް ކެރެންޏާ ގދ ތިނަދޫގައި އޮތް ނެޓުވޯކުގެ ވާހަކަ ލިޔެބަލަ.. އަތޮޅު ތެރޭ އޮއްހާ ފަޅުރަށްތަކުގައި ފޮރުވައިގެން ގެންގުޅޭ ނެޓުވޯކުގެ ވާހަކަ ލިޔެބަލަ ކެރެންޏާ ފޮއްމުލަކާއި ނުބެހި

    14