(އައްޑޫ ސިޓީ) އައްޑޫ ސިޓީގެ މީދޫއަކީ މަސައްކަތްތެރި މުރާލި ރައްޔިތަކު ދިރިއުޅެމުން އަންނަ ރަށެކެވެ. ވަޑާންކުރުމާއި އަތްތެރި މަސައްކަތަކުގެ ފަންނުވެރި އެތައް ބަޔަކު ފެނިގެން ދިޔަ މި ރަށަކީ ހިވާގި ބަޔަކު ދިރިއުޅޭ ރަށެކެވެ. ޒަމާނަށް އައި ބަދަލާއެކު އެ މަސައްކަތް ކުރާ މީހުންގެ ނިސްބަތް ބޮޑު ތަނުން ދަށްވި ކަމުގައިވީ ނަމަވެސް މިހާރު ވެސް ޝައުގުވެރިކަމާއި ލޯތްބާއެކު މި މަސައްކަތް ކުރާ މީހުން މިހާރު ވެސް އެ ރަށުގައި އެބަތިއްބެވެ.

އައްޑޫ މީދޫ އަށް އުފަން 56 އަހަރުގެ އިބްރާހިމް ނިޒާމްއަކީ މިފަދަ ހުނަރުވެރި އަތްތެރި މަސައްކަތްތެރިއެއްގެ އިތުރުން ހީވާގި މީހެކެވެ. އަތްތެރި މަސައްކަތަށް ޝައުގުވެރިކަން އުފެދުނު ގޮތް ކިޔައި ދެމުން އޭނާ ބުނީ އެ މަސައްކަތަށް އޭނާގެ ޝައުގުވެރިކަން އައިި ގޮތް ވަރަށް ކުޑަ އިރު ދެނެގަނެވުނު ކަމަށެވެ. ކުޑައިރުއްސުރެ މަސައްކަތްތެރި ކަންކަމަށް ޝައުގުވެރިކަން ހުރުމާއެކު ސްކޫލް ނިންމާފައި ގެއަށް ގޮސް ލިބޭ ހުސް ވަގުތުގައި، ކޮންމެވެސް ތަފާތު އުފެއްދުމެއް އުފެއްދުމެއް އުފެއްދޭތޯ މަސައްކަތް ކުރިކަން އޭނާ ފާހަގަ ކުރިއެވެ.

ނިޒާމް ވަކަރުން ހަދާފައިވަ ބައެއް އެއްޗެހި : ފޮޓޯ ވަގުތު - އަނަސް

އެހާ ހަގު އުމުރުގައި ތަފާތު ކަވި އުފެއްދުންތަކަށް ލޯބި ޖެހުމުގެ ނަތީޖާ އަކަށްވީ އަމިއްލަ އުފެއްދުންތަކަށް ލޯބި ކުރާ އަމިއްލަވަންތަ ޚިޔާލުގެ ވެރި މަސައްކަތްތެރިއެއްގެ ގޮތުގައި އޭނާ ބޮޑުވެގެން އައުމެވެެ. އުމުރުން 10-11 ވަރަަކަށް އަހަރުން ފެށިގެން ތަފާތު އެކިކަހަލަ މަސައްކަތްތަކުގައި މަސްއޫލުވާން ފެށި ކަމަށާއި، އެ މަސައްކަތް ކުރަން ފެށީ އަމިއްލަ އަށް އެކަމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

" ވަކި މަސައްކަތެއް ބަލާފައެއް ނޫން ކުރަނީކީ ކޮންމެ މަސައްކަތެއް ވެސް ކުރަން ބޭނުންވީމަ ފަށަނީ. ސްކޫލުން އަންނަ ގޮތަށް މަޑުވެސް ނުކޮށް ނަގަނީ އެ ހަދަން ބޭނުންވާ އެއްޗަކަށް ބޭނުންވާ އެއްޗެހި. ވަަރާއި، ކުދި ކުދި އެކަހަލަ އެއްޗެހިން އަމިއްލަ އެއްޗެއް އުފެއްދޭތޯ އަބަދުވެސް ބަލަނީ. ހަނދާން ހުންނަން ފެށީއްސުރެ ވެސް އެކަހަލަ ކަންކަން ވަރަށް ކުރާ ހިތްވޭ." އޭނާ ބުންޏެވެ.

ނިޒާމް ހަދާފައިވާ ފޯއްވަޅިއެއް : ފޮޓޯ ވަގުތު - އަނަސް

ދަނގަޑާއި، ލަކުޑީގެ މަސައްކަތާއި ލިޔެލާޖެހުން ފަދަ ތަފާތު އެތައް މަސައްކަތެއް ކުރަމުން އަންނަ ހުނަރުވެރި ނިޒާމް މިހުރިހާ މަސައްކަތެއް ވެސް ދަސް ކުރީ އެ މަސައްކަތް އެހެން މީހުން ކުރާ ތަން ބަލައިގެންނެވެ. މަސައްކަތްތެރި ފަންނުވެރިން ގިނަ އާއިލާއަކަށް އުފަން ނިޒާމް ބުނާގޮތުން އަތްތެރި މަސައްކަތަށް އޭނާގެ ޝައުގުވެރިކަން އުފެދުނު އެއް ސަބަބަކީ އެއީއެވެ.

"މުނިކާފަ ހިސާބުން ފަށައިގެން ތިބީ ހަމަ މަސައްކަތްތެރިން. އެ އެންމެންވެސް އެކި ކަހަލަ މަސައްކަތް ކުރޭ." އޭނާ ބުންޏެވެ.

އެހެންކަމުން މަސައްކަތްތެރިކަމުގެ ކުަލަވަރަކީ އޭނާ އަށް އާއިލީ ގޮތުންވެސް އާ ކުލަވަރެއް ނޫނެވެ. ނަމަވެސް އެ ކުލަވަރު ހެޔޮވަރުކޮށް، އޭނާގެ ހުނަރު ދިރުވާ އާލާކުރުމަށް އޭނާ އައީ އަބަދުވެސް މަސައްކަތްކުރަމުންކަން ނިޒާމްގެ ވާހަކަތަކުން ހާމަވެއެވެ.

ނިޒާމްއަކީ އާއްމު ދިރިއުޅުމުގެ އެކި ބޭނުންތަކަށް އަމިއްލަ މެޝިން ފަދަ ތަކެތި އުފައްދާ މީހަކަށް ވާއިރު އޭނާގެ މިފަދަ ފުރަތަމަ އުފެއްދުމަކީ ހުނި ގާނާ މެޝިނެކެވެ. އޭނާ އުފައްދާފައިވާ އިތުރު އުފެއްދުންތަކުގެ ތެރޭގައި ލަކުޑި ވަށި ފަަދަ ތަކެއްޗާއި ފޯއްވަޅި ކަހަލަ ތަފާތު އެތައް އުފެއްދުމެއް ލިސްޓުކޮށްލެވިދާނެއެވެ.

ނިޒާމް ވަގުތު އަަށް އިންޓަރވިއު ދެނީ: ފޮޓޯ ވަގުތު - އަަަނަސް

ނިޒާމް ބުނާ ގޮތުން އޭނާގެ އެއްވެސް މަސައްކަތަކީ ކުޑަ މަސައްކަތެއްގެ ގޮތުގައި ނުބަލައެެވެ. ކޮންމެ މަސައްކަތެއް ވެސް ފެށުނީއްސުރެ ނިމެންދެން އޭނާ ކުރަނީ ލޯތްބާއި ޝައުގުވެރިކަމާ އެކުގައެވެ. އެހެންކަމުން އަމިއްލަ އުފެއްދުމެއް އުފައްދަން ބޭނުންވާ ހިސާބުން ފެށިގެން އެ މަސައްކަތް ނިމެންދެން އެ އުފެއްދުމެއްގެ ހުރިހާ ކަމެއް ވީހާ ވެސް ރަނގަޅު އިންތިޒާމެއްގެ ދަށުން ތަރުތީބުކޮށްގެން ކުރުމަކީ ނިޒާމް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ.

ނިޒާމް ބުނީ އެންމެ ފުރަތަމަ އޭނާ އެއްޗެއް އުފައްދަން ބޭނުން ވުމުން ކުރާ ކަމަކީ އެ އެއްޗެއް ކުރަހާލުން ކަމަށެވެ. ކަރުދާހުގައި އާދައިގެ ގޮތަކަށް އެ އުފެއްދުން ކުރެހުމަށް ފަހު، ދެން އޮންނަ މަރުހަލާއަކީ އެ އުފެއްދުމަކާ އެކަށީގެންވާ ގޮތަށް މިންތަކެއް ކަނޑައެޅުމެވެ. އެ މަރުހަލާ ނިމުމުން އަނެއްކާވެސް ކުރަހަނީ ދެ ވަނަ ކުރެހުމެކެެވެ. އެ ކުރެހުމަކީ އިހު ކުރެހި ކުރެހުމަށް ވުރެ ތަފްސީލްކޮށް އުފެއްދުން ސިފަ ވާނެހެން ކުރަހާ ކުރެހުމެކެވެ.

" އެ ކުރެހުމަށް ބަލާފައި ދެން އުފައްދަން ފަށަނީ. ތަޅުދަނޑި ހަދާ މެޝިނެއް ބޭރުން ގެނެސް ރެެކް އެއް ހުންނާނެ އަމިއްލަ އަށް ހަދާފައި. ސައްލި ނޮޅާ އެއްޗެއް ހުންނާނެ. އޭގެވެސް ކަރުދާހުގެ ނަކަލެއް ފުރަތަމަ ހެދީ. ދެން އެ މަސައްކަތް ކުރޭތޯ އެނބުރެނީ ކިހިނެއްތޯ ބެލީ. އެއް ވަކިގަނޑުން އަނެއް ވަކިގަނޑުން ދާގޮތް އަޅާކީ. ދެން ހުންނަންވާ މިނަށް ކުރަހައިގެން ހެދީ" އޭނާ ބުންޏެވެ.

ނިޒާމް ހަދާފައިވާ މާވަށި ހަރެއްގެ ކުޑަ ނަކަލެއް: ފޮޓޯ ވަގުތު - އަނަސް

ނިޒާމް އެންމެ ގިނަ ދުވަސް އެ މަސައްކަތަކަށް ހޭދަ ކުރި އެއް މަސައްކަތަކީ މާގަސްތައް ބަހައްޓަން ދަގަނޑުން ހަދާފައިވާ ހަރެކެވެ. ތަފާތު އަމިއްލަ ޑިޒައިނަކަށް ތައްޔާރުކޮށްފައިވާ މި ހަރަކީ އޭނާ 14 ދުވަސް ވަންދެން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ.

ގާތްގަނޑަކަށް 10 ފޫޓު ބޮޑު މިނުގެ މި ހަރަކީ އޭނާގެ އަނބިމީހާ އަށް އޭނާ ތައްޔާރުކޮށްދިން މާ ހަރެކެވެ.

"އެންމެ ފުރަތަމަ އެ ވެސް 8 އިންޗި ވަރަކަށް ކުރެހީ. ކުރަހާފައި އެ ހުންނަ ގޮތް ޒިޔާދާ އަށް ދައްކަން ވެގެން ހެދީ އޭގެ ކުޑަ މޮޑެލް އެއް. އޭގެ ނަކަލެއް. އެ އޭނާ އަށް ކަމުދިޔައީމަ މިންތައް ހަދާފައި އެ މިނަށް ތައްޔާރު ކުރީ އެ ހަރު." ނިޒާމް ބުންޏެވެ.

ނިޒާމްގެ ތަފާތު މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ކަަމަކީ ތަފާތު ޑިޒައިންތަކަށް އޭނާ ތައްުޔާރުކޮށްފައިވާ ސީލިންތަކެވެ. އޭނާގެ ގޭގެ ސިޓީން ރޫމާއި ބަދިގެއިން ވެސް ފެންނަނީ އޭނާގެ ހުނަރުވެރި މަސައްކަތްތަކެވެ.

ނިޒާމް އަމިއްލަ އަށް ޑިޒައިންކޮށް ކޮށްފައިވާ ސީލިންގގެ މަސައްކަތެއް: ފޮޓޯ ވަގުތު - އަނަސް

ނިޒާމް އަކީ ތަފާތު އެތައް އަތްތެރި މަސައްކަތްތަކެއް އެނގޭ ހުނަރުވެރި މީހަކަށްވީ ނަމަވެސް އޭނާ އަދާ ކުރާ ވަޒީފާގެ ގޮތުން އެންމެ އެކަށީގެންވާ ގޮތުގައި އަތްތެރި މަސައްކަތަށް ވަގުތު ހުސްކުރުމަކީ އޭނާ އަށް ވަރަށް އުނދަގޫ ކަމެކެވެ. އަދި އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫ އަކީ ވަކިން އޮންނަ ދެ ރަށް ކަމަށް ވުމާއެކު އެފަދަ މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދޭނެ މަގު ފަހިވެފައި ނެތްކަން އޭނާ ފާހަގަކުރެއެވެ.

ނަމަވެސް ކުރިއަށް އޮތް ތަނުގައި އެފަދަ ފުރުސަތެއް ފަހިވެއްޖެ ނަމަ އަތްތެރި މަސައްކަތަށް ވަގުތު ހުސްކޮށް، އެ މަސައްކަތް ޝައުގުވެރިކަމާއެކު ކުރަން ތައްޔާރަށް ހުރިކަން އޭނާ ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވާދޫ

    ވަރަށް ފުރިހަމަ

  2. ރަދީފް

    ސާބަހޭ ނިޒާމް.

    11
    2
  3. ހޭންޑްވޯކާރ

    މަށަކީ ވެސް އަތްތެރިކަމަށް ވަރަށް ކުޅަދާނަ މީހެއް. މިދައްކަނީ އުފަން ހުނަރެއް (ބޯން ޓެލެންޓް) އެއްގެ ވާހަކަ. އެވާހަކަ ވެސް ލިޔެދޭންވީ އެއްނު؟

  4. ކީކޭ ބުނާނީ...

    ޥަރަށް ރަނގަޅު. . . ގިނަގިނައިން މިކަހަލަ މީހިންގެ ވާހަކަ ގެނެސްދީ، އަގުވަޒަންވެސް ކުރަންވީ. ާކުޑަ އާބާދިއަކަސް ދިވެހިންނަކީ ވ ކެރޭ، ހުނަރުވެރި ބައެއް.

  5. ސައީދު

    ވަރައް ރަނގަޅު މަސައްކަތްތަކެއް. ދިވެހި ވަންތަ.