(އައްޑޫ ސިޓީ) ރާއްޖޭގެ ފަރުތަކާއި ފަޅުތަކުގެ ފުރިހަމަކަމުގެ ތަސްވީރު ވިއްކައިގެން ބިނާކޮށްފައިވާ ފަތުރުވެރިކަމަކީ މި ރާއްޖޭގެ މުޅި ނާރެސް އޭގެ މައްޗަށް ބަރޯސާވާ މައި ސިނާއަތެވެ. އަދި އެ ސިނާއަތަކީ އެންމެ ގިނަ ދިވެހި މަސައްކަތްތެރިން އުޅޭ އެންމެ ބޮޑު ސިނާއަތެވެ.

ފަތުރުވެރިކަމުގެ ސިނާއަތަކީ ވަޒީފާގެ އިތުބާރާއި ޔަގީންކަން ވެސް އޮތް ސިނާއަތެވެ. އެ ސިނާއަތަކީ ދުވަހުގެ މަސައްކަތަށް ފަހު އާއިލާ އަށް ބަނޑުފުރާނަ މުއްތި ކުރަން އެންމެ އެކަށޭނެ މުސާރައެއް ނިސްބަތުން ބަލާނަމަ ލިބޭ ސިނާއަތެވެ. އާއިލާއާ ދުރުގައި ތިބެގެން ރިސޯޓް ވަޒީފާ އަށް ދިވެހިންގެ ވަގުތުތައް ހުސްކުރީ އެ ސިނާއަތަށް ލޮޅުން އަރާ، ކާން ބޯން ކުރި މަސައްކަތް ހުއްޓާލަން ޖެހިދާނެ ދުވަހެއް އަންނާނެ ކަމަށް ފަހަރެއްގައި ވެސް އުންމީދުކޮށްގެން ނޫނެވެ.

ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތޫފާން ރާއްޖެ އަށް އަރައި އިގްތިސާދީ މައި ނާރެސްކަމުގައިވާ ފަތުރުވެރިކަން ބޮޑު އަނދަވަޅަކަށް ވެއްޓުނެވެ. ރިސޯޓް މުވައްޒަފުންގެ ވަޒީފާ ގެއްލި އިސާހިތަކު އަތްމަތި ދަތިވާން ފެށިއެވެ. ވަޒީފާ ގެއްލުމުގެ އިތުރުން އާމްދަނީ ހޯދަން ކުރާނެ އިތުރު މަސައްކަތެއް ވެސް ނުފެންނަ ހާލު އެތައް ބަޔަކު ހަތަރު އުދަރެސް ފެނު ޖެހޭ ހިސާބަށް ދިޔައެވެ. ކޮވިޑް-19 އިން ރާއްކާތެރި ކުރުމަށް ރާއްޖޭގެ މައި ދޮރޯށި ބަންދު ކުރި ހިސާބުން ރިސޯޓް މަސައްކަތްތެރިންގެ ދިރިއުޅުން އެ ފުށް މިފުށަށް ޖެހުނެވެ. ރިސޯޓް މަސައްކަތްތެރިންގެ އާއިލާތަކުގެ ދިރިއުޅުން ބިކަ ދިރިއުޅުމަކަށް ބަދަލުވީ ބަލަބަލާ ތިއްބައެވެ.

އައްޑޫ ސިޓީ އަށް އުފަން އަހުމަދު ބޫލާގް އަލީ "ވަގުތު" އާ ވާހަކަ ދައްކަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އައްޑޫ ސިޓީ އަށް އުފަން އަހުމަދު ބޫލާގް އަލީ 47، އާއި އޭނާގެ އާައިލާއަކީ ރާއްޖެ އަށް އައި އިގްތިސާދީ ލޮޅުމުގެ އިހުސާސްކުރަން ޖެހުނު އެއް އާއިލާއެވެ. ރިސޯޓް މުވައްޒަފުން ކޮވިޑް އާއެކު މަގުމަތިވެ އަނގަޔާއި އަތާއި ދިމާ ނުވާ ހިސާބަށް އަތް މަތި ދަތިވި އެތައް ބަޔަކުވެސް ރާއްޖޭގައި އެބަތިއްބެވެ. ނަމަވެސް މި އާއިލާގެ ގިނަ ބަޔަކު ރިސޯޓު ވަޒީފާތަކުގައި އުޅެނިކޮށް އެމީހުންގެ ވަޒީފާތައް ގެއްލި ދިރިއުޅުމަށް ކުއްލިއަކަށް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ.

"ވަރަށް ދަށުގެ މަގާމްތަކުން މަސައްކަތް ފެށީ ރިސޯޓް މަސައްކަތް. ތަފާތު 12 ވަރަކަށް މެނޭޖްމެންޓުގެ ދަށުގައި މަސައްކަތް ކުރެވިއްޖެ. ދެން އައްޑޫ އަށް އަޅުގަނޑު އައީ ޝަންގްރިއްލާ ހުޅުވިގެން ރަަށުގައި ހުރެގެން މަސައްކަތް ކުރަން. އެތަނުން ކެނޑުނީ އޭރު އަމިއްލަ ބިޒްނަސްއެއް ފަށަން ވެގެން. ދެން ސައުތްމާޕް އަށް ގޮސްފައި ހުއްޓާ ކޮވިޑް އައީ. ކޮވިޑް އަށް ބަންދު ކުރީމަ ރިސޯޓްތަކުގައި މަސައްކަތް ކުރާ އެންމެން ރަށަށް އައީ." ބޫލާގް ބުންޏެވެ.

އެ ހިސާބުން އާމްދަނީ ނުލިބި އެ އާއިލާގައި ރިސޯޓް ދާއިރާގައި މަސައްކަތް ކުރި ހައެއްކަ މީހުން ތިބި އިރު އޭގެ ތެރޭގައި ބޫލާގްގެ ދެބެއިންގެ ދެދަރި މީހުންނާއި އެއްބަނޑު އެއްބަފާ މީހުންވެސް ހިިމެނެއެވެ. އޭގެ ފަހުން އައި ދުވަސްތަކަކީ ބޫލާގް އަށް ވެސް އަދި އޭނާގެ އާއިލާގައި ރިސޯޓްގައި މަސައްކަތް ކުރި އެހެން މީހުންނަށް ވެސް ދަތި އުނދަގޫ ދުވަސްތަކެެވެ. އަށާވީސް އަހަރު ދުވަހު ރިސޯޓް ދާއިރާގައި މެދު ނުކެނޑި ފަޚުރުވެރިކަމާއެކު ޚިދުމަތް ކުރި ބޫލާގް ބުނީ ރިސޯޓް ވިޔަފާރި ހުއްޓުމަކަށް އައިސްފި ނަމަ ދިރިއުޅުމަށް ވެގެންދާނެ ގޮތް ތަސައްވުރު ކުރެވުނު ހިސާބަކީ ކޮވިޑް-19 ކަމަށެވެ. ރާއްޖެ ފަދަ ފަތުރުވެރިކަން މުއްސަނދި ގައުމެއްގައި ފަތުރުވެރިކަން މި ހާލަތަށް އިނދަޖެހިދާނެ ކަމަށް އޭނާ ހީކުރެވިފައެއް ނެތެެވެ.

ވަޒީފާ ގެއްލުމުގެ އިތުރުން ވަޒީފާ އަނބުރާ ލިބޭނެ ކަމުގެ ތަސައްލީ އެއް ނެތި ތިބެން ޖެހުމުން ރިސޯޓް ހަޔާތަށް އެއް އާއިލާއެއްގެ ގިނަ ބަޔަކު ބަރޯސާވުމުގެ ނައްސި އަސަރު އެ އާއިލާ އަށް ތަސައްވުރުކުރެވުނެވެ. ރާއްޖޭގެ ފަތުރުވެރިކަން ބަރޯސާ ވަނީ ބައިނަލްއަގްވާމީ މަސްރަހަށް ކަމަށް ވެފައި ކޮވިޑްގެ ބަލިމަޑުކަން އެއްކޮށް ފޮހެވޭނެ ދުވަހެއް ބުނެދޭން އެނގޭ މީހަކު ނެތުމުން ރިސޯޓް ވަޒީފާ އިއާދަވާނެ ކަމުގެ އުންމީދުގައި އަތްއުރާލައިގެން ތިބުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަކަށް ބޫލާގް އާއި އޭނާގެ އާއިލާގެ މީހުންނަށް ގަބޫލެއް ނުކުރެވުނެވެ.

ބޫލާގްއެކޭ އެއްފަދައިން އެ އާއިލާގައި އުމުރުގެ ބޮޑު ބައެއް ރިސޯޓް މަސައްކަތުގައި ހޭދަކުރި ބަޔަކު ތިއްބެވެ. އެހެންކަމުން ލޯތްބާއެކު ރިސޯޓްތަކުގައި ކުރި މަސައްކަތް ރަށާ ހަމައަށް ގެނައުމުގެ ފައްސި ޚިޔާލު އައީ އޭރު ކުރެވުނު ސައްލާގެ މަތިން ކަމަށް ބޫލާގް ބުނެއެވެ. އާއިލާގެ މީހަކު ރެސްޓޯރެންޓެއް އުފެއްދުމަށް ގެންގުޅުނު ޚިޔާލާއެކު ރިސޯޓްގެ ވައްޓަފާޅި ރަށާއި ހަމައަށް ގެނެސްދިނުމަށް ބޫލާގް އަށް ވެސް ލިބުނީ ރަނގަޅު ފުރުސަތެކެވެ. ރެސްޓޯރެންޓް ހިންގުމަށް އާއިލާ އިން ނެގި އިސްނެގުމުގައި އަމަލީ ސިފަ ޖެއްސުމަށް އެތަން ހިންގަން ހަވާލުވި ސަބަބު ކިޔައި ދެމުން ބޫލާގް ބުނީ އޭނާ އާއި އާއިލާގެ އެހެން މީހުންވެސް އެ މަސައްކަތް ފެށީ ވަރަށް އުންމީދާ އެކުގައި ކަމަށެވެ.

ރިސޯޓުގެ ރަހަ އަށް ހާއްސަކޮށް އައްޑޫގައި ހުޅުވި ރެސްޓޯރަންޓު. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"އެ ހިސާބުން މި ޚިޔާލު އައީ. އާއިލާގައި އެބަ ތިބި ވެއިޓަރުކަން ކުރާ މީހުން. ކައްކާ މީހުން. މެނޭޖިން ދާއިރާގެ މީހުން. އަދި ފައިނޭންޝަލް މީހުން. ލަގްޒަރީ ބްރޭންޑުތަކުގައި މަސައްކަތް ކުރި މީހުން އެބަތިބި. އަޅުގަނޑު ވެސް މަސައްކަތް ކޮށްފިން ޝަންގްރިއްލާގައިވެސް 10 އަހަރު. ބޭނުންވީ ރެސްޓޯރެންޓެއް ހަދަން. އަނެއްކާ ބޭނުންވީ އާއިލާގެ މީހުން މިކަން ކުރަން. އެއީ ތަފާތު ކަމަކަށްވާނެ ކަމަށް ވިސްނުނީ." އޭނާ ބުންޏެވެ.

ނަމަވެސް އެ މަސައްކަތުގެ ޚިޔާލު ކިތަންމެ ފޮނި ނަމަވެސް އެ މަސައްކަތުގައި އަމަލީ ކުލަ ޖެއްސުމުގައި އޭނާ އަށް ދަތިތަކެއް ދިމާވެއެވެ. އެންމެ ފުރަތަމަ ވިސްނީ އަމިއްލަ ގޭގައި ތަނެއް ހަދައިގެން ޚިދުމަތް ދިނުމަށެވެ. ނަމަވެސް ފަހުން އެ ވިސްނުން ބަދަލުވެ ކުއްޔަށް ތަނެއް ނަގައިގެން އެ މަސައްކަތާއެކު ކުރިއަށް ދިޔައެވެ. އެއް އައިލާ އަށް ނިސްބަތްވާ ހަ ވަރަކަށް މީހުންނާއެކު "ލެކެފޭ"ގެ ނަމުގައި ފެށި ރެސްޓޯރެންޓަކީ ބޫލާގުގެ އާއިލާ މީހަކު ހިންގާ ތަނެކެވެ.

އެ ރެސްޓޯރެންޓުގައި އެއް އާއިލާއެއްގެ ބަޔަކު އެއް ވާނަކަށް މަސައްކަތް ފެށީ އައްޑޫ އަށް ރިސޯޓުގެ ރަހަ ގެނެސް ދިނުމަށެވެ.

"ވަރަށް ކުރާ ހިތުން ކުރި މަސައްކަތެއް އެއީ. ކުއްލިއަކަށް އެ މަސައްކަތް ގެއްލުނީމަ އެންމެންނަށް ވެސް އައި ވަރަށް ބޮޑު އިމްޕެކްޓެއް. އެއަށް ފަހު ބޭނުންވީ ރިސޯޓަށް ނުދާ މީހުންނަށް އެ ސާވިސް ދައްކަދޭން. އެ ރަހަތައް ގެނެސްދޭން." އޭނާ ބުންޏެވެ.

އެ ރެސްޓޯރެންޓުގައި މަސައްކަތް ކުރާ ބޫލާގް ނޫން އެހެން މީހުން ވެސް ތިބީ ރިސޯޓުގެ އިހުސާސްތައް އާއްމު މީހުންނާ ހަމައަށް ގެނެސްދިނުމުގެ ފޮނި އުންމީދާ އެކުގައެވެެ. އެގޮތުން އަދުޝީރު އަލީ 43 އަކީ 20 ވަރަކަށް އަަހަރު ރިސޯޓްގައި މަސައްކަތް ކުރި މީހެކެވެ. ފުޑް އެންޑް ބެވަރޭޖް ދާއިރާގައި މައިގަނޑު ގޮތެއްގައި މަސައްކަތް ކުރި ބޫލާގް އާއެކު މަސައްކަތް ފެށީ "ރިސޯޓް ސްޓައިލް" ރަށްވެހި ތަނަކުން ގެނެސްދިނުމުގެ އުންމީދާ އެކުގައި ކަމަށް އޭނާ ބުންޏެވެ.

ތަންވީރު "ވަގުތު" އާ ވާހަކަ ދައްކަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ރިސޯޓުގެ އުސްލޫބު އައްޑޫގެ ރައްޔިތުންނަށް ހަމައަށް ގެނެސްދިނުމުގައި އެ އާއިލާ އިން ފެށި މަސައްކަތުގެ އިތުރު ބައިވެރިން ކަމަށްވާ އަހުމަދު ސައީދު ނޫރައްދީން އާއި އިބްރާހިމް ތަންވީރު އަހުމަދު 31، ގެ މޮޓޯ އަކީވެސް ހަމައެއީއެވެ. ތަންވީރު ބުނީ ރަށުގައި ރަނގަޅު ފެންވަރަކަށް ޚިދުމަތެއް ދޭން ކުރާ މަސައްކަތަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ އެއްޗެހި ލިބުމުގައި ދިމާވާ އުނދަގޫ ކަމަށެވެ. ނަމަވެސް އެ އުނދަގުލާ އެކުގައި ވެސް ރިސޯޓްތަކުން ތަޖުރިބާކޮށްލަން ލިބޭ ފަދަ ރަނގަޅު މެހެމާންދާރީ އެއް ރަށުގައި ދިރިއުޅޭ މީހުންނަށް ފޯރުކޮށްދޭން މަސައްކަތް ކުރާކަން އޭނާ ފާހަގަކުރެއެވެ.

ރެސްޓޯރަންޓުން ލިބެން ހުންނެ ބުއިމެއް. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"2006-2008 އަށް މަސައްކަތް ކޮށްފައި ހުއްޓާލާފައި ހުރެފައި ދެން ފެށީ 2010 ގައި. ދެން ވަރަށް ގިނައިން ރެސްޓޯރެންޓްތަކަށް ދަން. އެކަމަކު ސާވިސް ވަރަށް ތަފާތު. މި ރަށުގައި ރިސޯޓްގެ އެ މެހެމާންދާރީ ދައްކަން ބޭނުން ވަނީ. އެ ރިސޯޓަށް ވަނީމަ ފެންނަ ހޮސްޕިޓަލިޓީ ދައްކަން. ދެން އަމިއްލަ ޑްރިންކް މެނޫއެއް ހެދީ. ހުސް ފްރެޝް ޖޫސްތައް ހެދީ. 17 ޑްރިންކް އަމިއްލަ. ދެން ސްމޫތީ ހަދާފައި ހުންނާނީ ބޭބެ." އޭނާ ކިޔާދިނެވެ.

ރިސޯޓް ދާއިރާގައި އުޅުމަށް ފަހު މި ރެސްޓޯރެންޓުގައި މަސައްކަތް ކުރާ އެންމެ ހަގު އެކަކީ މުތައްހަރު އިބްރާހިމް 24،އެވެ. އޭނާ ބުނާގޮތުން ރަށުގައި މިގޮތަށް އާއްމުންނަށް ޚިދުމަތް ދިނުމަކީ އޭނާ އަށް ކުރެވޭ ތަފާތު ތަޖުރިބާއެކެވެ. ނަމަވެސް މި ޚިދުމަތުގެ ތެރެއިން އޭނާ އަށް ގިނަ ކަންތައްތަކެއް ދަސްވާކަމަށް އޭނާ ބުނެއެވެ.

މުތައްހަރު "ވަގުތު" އާ ވާހަކަ ދައްކަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"ކުރެއްދޫގައި އެއް އަހަރު އުޅެފައި ރިޒައިން ލާފައި އައިތަނާ ކޮވިޑް އައީ. ދެން ކިޔެވި އިރު ބޭސިކް ނޮލެޖް ހުރި ކުކިންގެ. އެކްޒެކިއުޓިވް ޝެފެއްގެ ދަށުން މަސައްކަތް ފެށީ. ޗެލެންޖަކީ އެކްސްޕީރިއެންސް. ކުކިން ސްކިލްސް ދަސްކޮށްގެން ކުރިއަށް ދެވޭތޯ މިބަލަނީ. ރިސޯޓް ޝެފެއްގެ ރެސިޕީތަކަށް ރަނގަޅު ރެސިޕީތަކެއް ގެނެސްދެވޭތީ ވަރަށް އުފާވޭ. އެ ރިސޯޓް ސްޓައިލް ލޯކަލް ތަނަކުން ގެނެސްދެވޭތީ." އޭނާ ބުންޏެވެ.

މިއީ ރިސޯޓް ދާއިރާގައި ލޯތްބާއެކު ކުރި މަސައްކަތް ރަށާ ހަމައަށް ގެނެސްދިނުމަށް ފެށި ދަތުރުގެ ނަތީޖާއެވެ. މިތަނުގައި ހޭދަކުރާ ވަގުތަކީ ރިސޯޓް މާހައުލުގެ ކެއުމުގެ ރަހަތަކުގެ އިތުރުން، އެ މެހެމާންދާރީ އާއެކު ހިއްސާ ކުރެވޭ ހިތްގައިމު ޚިދުމަތަކަށް ހެދުމަށް މި އާއިލާގެ ކޮންމެ މީހަކުވެސް މަސައްކަތް ކުރާކަން އެ އާއިލާ އިން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރާންތި

    އަސްލު ރަހަވެސް ވަރަށް ރަނގަޅު ، ޑްރިންކސްވއސް އެހާ ރަނގޅު. ކާ އެ އްޗެހި ވަރަށް މީރު.
    ޢެ އްމެ މަ އްސަލަ އެއ އް. ތަންކޮޅު ކުޑަ އީ.

    5
    2
  2. ރަދީފް

    ގުޑްލަކް ކަލޯމެން.ވަރަށް އުފާވެގެ ތެވެރިންގެ މަސައްކައްފެނިފެއި. ހިތްވަރަކޮއްލައު.ކާމިޔާބް ވޭހެއް.

    7
    2