(ފުވައްމުލައް ސިޓީ) ހިތްހެޔޮވުމާއި މެހެމާންދާރީ އަދާ ކުރުމާއި އަނެކުންނަށް އެހީތެރިވުމަކީ ދިވެހިންގެ ސަގާފަތެކެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ދިވެހިރާއްޖެ މަގްބޫލް މަންޒިކަލަށް ވެގެން އައީ ވެސް މި އާދަކާދަ ދުނިޔެއަށް ފެނި ހާމަވެގެންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ 80 އަށް ވުރެ ގިނަ ރަށް އޮންނައިރު މި އާދަކާދަ ދެމެހެއްޓުމުގައި ނަމޫނާ ރަށްތަކެއް އޮވެއެވެ. އޭގެ ތެރެއިން އެންމެ ޚާއްސަ އެއް ރަށަކީ ފުވައްމުލަކެވެ.

މި ރަށަށް އުފަން އެކުވެރިން މާލެ އިން ދިމާވީމަ ފާހަގަ ކުރާނީ މިކަމެވެ؛ "ފުވައްމުލައް ސިޓީގެ ސަގާފަތަކީ މެހެމާންދާރީ" ކަމަށް ފަޚުވެރިކަމާ އެކު މި ގޮތަށް ބުނެލާނެއެވެ. "ބީރައްޓެއްސެއް ވުމުގެ އިހްސާސް ކުރަން ނުޖެހޭނެ،" ކަމަށް ވެސް ބުނަނީ ހިނިތުންވުމާ އެކުއެވެ. ފުވައްމުލަކަށް އުފަން، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފާހަގަކުރެވޭ އަދި އިސް މާގަމުތައް ފުރުއްވާފައިވާ ބައެއް ބޭފުޅުންނާ ބައްދަލުވި ފަހަރުތަކުގައި ވެސް އެ ސިޓީއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މި އާދަކާދައަށް އަލި އަޅުވާލައްވާފައިވާ ކަން ހަނދާންވެއެވެ.

މިއީ ފުވައްމުލައް ސިޓީއަށް "ވަގުތު ހޭރިޔާ" ދަތުރުގައި އައުމުގެ ކުރިން ނޯޓު ފޮތުގައި ނޯޓު ކޮށްފައިވާ ޕޮއިންޓްތަކެވެ.

ފުވައްމުލައް ސިޓީގައި "ވަގުތު ހޭރިޔާ" ގެ ދިރާސާ ކުރިއަށް ގެންދިއުމުގެ ތެރެއިން - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"ވަގުތު ހޭރިޔާ" ނޫސްވެރިން ރަށުގެ އެކި މައުލޫމާތު ހޯދުމަށް ކުރި މަސައްކަތަށް ލިބުނު އެންމެ ބޮޑު ފަސޭހަކަމަކީ ވެސް ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމެވެ. މި ސިޓީގައި އިޖްތިމާއީ ހަރަކާތްތައް ހިންގުމުގައި އިސްކޮށް އުޅޭ އެކި އުމުރުފުރާގެ ބޭފުޅުންގެ ފަރާތުން ސިޓީއާ ގުޅުން ހުރި ތާރީޚީ މައުލޫމާތާއި ސިޓީގައި ހުރި ތާރީޚީ ތަންތަން ހޯދުމުގައި އެހީތެރިކަން ލިބުނެވެ.

ފުވައްމުލަކުގެ ކަތީބު ކަން ކުރި ބައެއް ބޭފުޅުންނާއި ސިޓީ ކައުންސިލްގެ އިސް ބައެއް މުވައްޒަފުންނާއި "ރަށު ލީޑަރުން" ގޮތުގައި ފާހަގަކުރެވޭ ބައެއް ބޭފުޅުންނާ ބައްދަލުވުމުން ވެސް އެ އެންމެންގެ ފަރާތުން ވެސް ފުރިހަމަ މެހެމާންދާރީއެއް ލިބުނެވެ. އަދި ސިޓީއަށް ޚާއްސަ ސަގާފަތްތަކަކީ ކޮބައިތޯ ސުވާލު ކުރުމުން މިއިން ގިނަ ބޭފުޅުންގެ ޖަވާބަކަށް ވެސް އޮންނަނީ އެ ސިޓީގެ ސަގާފަތަކީ މެހެމާންދާރީ އަދާ ކުރުން ކަމުގައެވެ. ހިނިތުންވުމަކުން މުޚާތަބު ކުރުން ކަމުގައެވެ.

ފުވައްމުލަކުގައި ކަތީބެއްގެ ގޮތުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅަކާ "ވަގުތު ހޭރިޔާ" އިން ބައްދަލު ކުރަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މި ތަޖުރިބާ އެންމެ ބޮޑަށް ފެނި އައީ "ވަގުތު ހޭރިޔާ" ދަތުރު ކުރާ ކޮންމެ ރަށެއްގައި ވެސް ކުރުމަށް ނޫސްވެރިން ނިންމާފައިވާ "އިންތިޚާބީ ދިރާސާ" ގެ ތެރެއިންނެވެ. އެއީ ކުރިއަށް ކައުންސިލް އިންތިޚާބެއް އޮތުމުން އެ އިންތިޚާބަށް ގިނަ ރައްޔިތުން ދެކޭ ގޮތެއް ހޯދުމަށް ކުރުމަށް ނިންމި ދިރާސާއެކެވެ. މި ދިރާސާ ކުރިއަށް ގެންދިއުމަށް ފުވައްމުލައް ސިޓީގެ ގިނަ ގޭގެއަށް ޒިޔާރަތް ކުރީމެވެ.

ޒިޔާރަތް ކުރެވުނު ކޮންމެ ގެއަކުން ހެން ދިރާސާއަށް އެއްބާރުލުން ދިނެވެ. ބޭރުގައި މަޑުކޮށްގެން ނިންމާލެވޭ ވަރުގެ ދިރާސާއަކަށް ވެސް ގިނަ ރައްޔިތުން އެދެނީ އެ ވަގުތު ކޮޅަށް ވެސް ގޭގެ ތަނެއްގައި ހަމަޖެހިލައިގެން އިށީނދެ ތިބެ ކުރިއަށް ގެންދިއުމަށެވެ. މެހެމާނަކު ކޮޅަށް ހުންނަން ނޭދޭތީއެވެ. ޒިޔާރަތް ކުރި ކޮންމެ ގެއަކުން ހެން ކެއުމަށް ނޫނީ ބުއިމަކަށް ދައުވަތު ދޭނެއެވެ.

ފުވައްމުލައް ސިޓީގައި "ވަގުތު ހޭރިޔާ" ގެ ދިރާސާ ކުރިއަށް ގެންދިއުމުގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"ވަގުތު ހޭރިޔާ" ގެ ނޫސްވެރިން ފެނުމުން ކުރާ އެއް ސުވާލަކީ ކިހާ މައުލޫމާތެއް ހޯދާފައިވޭތޯއެވެ. ދިރާސާއަށް މިހާތަނަށް ކިތައް މީހުނާ ސުވާލު ކުރެވިއްޖެތޯ ސާފުކޮށްލައެވެ. ރަށުގެ ހުރި ބައެއް އިޖްތިމާއީ މައްސަލަތައް ބުނެދީ އެއިން ކަމެއް ކަވަރު ކުރެވިއްޖެތޯ ބަލައެވެ. އަޅުގަނޑުމެން ނޫސްވެރިންގެ ހާލަތު ވެސް ބަލައި އޮޅުން ފިލުވައެވެ. އެ ވަގުތު ހުރީ ކައިގެންތޯ ވެސް ބަލައެވެ.

ފުވައްމުލައް ސިޓީގައި "ވަގުތު ހޭރިޔާ" އިން ސާވޭ ކުރިއަށް ގެންދަނީ - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ފުވައްމުލަކުގައި ހޭދަކުރި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސާފުވި ކަމަކީ އެކުވެރިން ފަޚުރުވެރިކަމާއެކު ފާހަގަކުރާ ކަމަކީ ހަމަ ހަގީގަތެއް ކަމެވެ. ފުވައްމުލަކުގެ ސަގާފަތަކީ ހިނިތުންވުމަކާއެކު މެހެމާނުންނަށް ވެސް ހިނިތުންވުމެއް ދިނުމެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރި "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތުއްތާ

    އަޞްލުވެސް ފުވައްމުލައް މީހުންނަކީ ވަރަށް ހިތްހެޔޮ މެހުމާނުދާރީ ބައެއް! އަންހެންކުދިންވެސް މާ ފޮނިބޮޑުވެގެން ނޫޅޭނެ! ޒުވާންކުދިންވެސް އެހާ އެހީތެރި! މުސްކުޅިން ވަރަށް ރައްޓެހި! ނުދަަންނަ މީހަކު ފުވައްމިލަކަށް އަރައިފިނަމަވެސް މިކަން އެނގޭނެ!

    14
    3
  2. ވަޤްތް

    މެހެމާންދާރި އިސްތިހާރުކުރަން ނޫޅޭ. މަވެސް ދިޔައިން ދިޔަރަށަށް.

    4
    8
  3. ރަދީފް

    ފުވައްމުލައް އެއީ ހަމަ ބެސްޓް.

    4
    1