(ޏ. ފުވައްމުލައް ސިޓީ) ބިޔާ ކަނޑުތަކުގެ ވާށާލެވިފައިވާ ފުވައްމުލަކު ސިޓީއަކީ އެހެން ރަށަކަށް ލިބިފައި ނުވާ ފަދަ ހުދު ތުނޑިއަކުން ޖަރީވެވިފައިވާ، ހިތްގައިމު ރީތި މަންޒިލެކެވެ. ހިތްފަހި ޖަޒީރާ ރަށެކެވެ. އެ ރަށު ތުނޑީގެ ރީތި ހުދު އަދި އޮމާން ވެލިގަނޑުގައި ފައިތިލަ ބީއްސާލަން ދުނިޔޭގެ ކޮންމެ މީހަކުވެސް ބޭނުން ވާނެއެވެ. އެހެން ރަށްތަކާ ޚިލާފަށް ފުވައްމުލަކު ތުނޑިއަކީ ޚާއްސަ ސިފަތަކެއް ލިބިގެންވާ ތުނޑިއެކެވެ. އެއީ އެހެން ތުނޑިތަކުގެ ވެލީގައި ނުހުންނަ އޮފް ކަމަކާއި އޮމާންކަމެއް އެ ވެލިގަނޑުގައި ހުންނާތީއެވެ.

އެގޮތުން ރަށުގެ އުތުރުކޮޅުގައި ވަރަށް ރީތި އޮފް އަރާ ވެލިގަނޑެއް އޮވެއެވެ. މިވެއްޔަށް ކިޔަނީ ތުނޑީވެއްޔެވެ. މިވެލިގަނޑު އޮންނަނީ މާއެޅެކިޔާ ތަނުން ފެށިގެން ގާގޯނި ކިޔާތަނާކާ ދެމެދުގައެވެ. މިހިސާބުގައި، ފުއްޓަރެއް ނޯވެއެވެ. ފުއްޓަރު ނޯންނަ ހިސާބުގައި އޮންނަ ވެއްޔަށް ކިޔަނީ ކަނޑު ބީއްސާވެއްޔެވެ. އެންމެ ފަހުން ކަނޑު ބީއްސާވެއްޔެއްވީ 1929 ވަނަ އަހަރުގައި ކަމަށް ރަށުގެ ކުރީގެ ބޮޑު ކަތީބު، މުނީރު ހަސަން "ވަގުތު" އަށް ވިދާޅުވިއެވެ.

މުނީރު ވިދާޅުވި ގޮތުގައި ތުނޑީވެލިގަނޑު ދެ މޫސުމުގައި ދެކޮޅަށް ދަމައެވެ. ވެލިގަނޑު މިގޮތަށް ދަމާއިރު ބައެއްފަހަރު ވެލިގަނޑާ ރަށާ ދޭތެރޭ ކަނޑެއް އޮންނަ ކަމުގައި އޭނާ ވިދާޅުވިއެވެ. މިހެން އޮންނަ ތަނަށް ކިޔަނީ ބީއްސާވެލި ކަމަށާއި ތޮށިމަތީގައި އޮންނަ ނަމަ ކިޔަނީ ފަރު ބީއްސާވެލި ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ފުވައްމުލަކު ތުނޑި؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މި ވެލިގަނޑާ ގުޅިގެން މުނީރު ވިދާޅުވީ މީގެ ހަތްދިހަ ވަރަކަށް އަހަރުގެ ކުރީގައި އެ ވެލީގައި ހުރި އޮފުކަމާއި އޮމާންކަން މިހާރަކު އެވަރަކަށް ނެތް ކަމަށެވެ. އަދި ނެރު ކޮނުނު ފަހުން އެ ވެލިގަނޑު ވަރަށް ބޮޑަށް ގިރިއްޖެ ކަމުގައި ވިދާޅުވިއެވެ.

ތުންތުންމަތިން ފެތުރެމުންދާ އިހުގެ ވާހަކައެއް ކިޔައި ދެމުން މުނީރު ވިދާޅުވީ ކަނޑު ބިއްސާވެލީގެ ބޭރުވެލިގަނޑުގެ މައްޗަށް ނުދާން އުމުރުން ދުވަސްވީ މީހުން ބުނެ އުޅޭ ކަމަށެވެ.

"މުސްުޅިން ބުނެ އުޅޭ އެ ވެލިގަނޑު މައްޗަަށް ނުދާށޭ ނަމަ ނަމަ. އެއީ ހަމަ ކުއްލިއަކަށް ވެސް އެ ވެލިގަނޑު ގިރައިގެން ހިނގައިދާނެތީ ކަމަށް އެ ޒަމާނުގެ މީހުން ބުނެ އުޅޭ. ކުރީގެ ދުވަސްވަރެއްގައި އުކުނުމަނާ ކިޔާ މީހަކާއި ދީމަނާކިޔާ މީހަކާއި ދެމީހެއް އުޅުނު ކަމަށް އަޅުގަނޑުމެންގެ ބައްޕަމެން ކާފަމެން ކިޔައި އުޅުނު. އެ ދެމީހުން ކަނޑު ބިއްސާވެލިގަނޑުގެ ބޭރުވެލިގަނޑު މަތީ އުކުނު ހޮވަން ތިއްބާ ކުއްލިއަކަށް ވެލިގަނޑު ގިރައިގެންގޮސް އެދެމީހުންނަށް ވީގޮތެއް އަދި އަދަށް ނޭނގި ގެއްލުނު ކަމަށްވޭ. އެއީ ރަށުތެރޭގައި މިހާރުވެސް ވަރަށް މަޝްހޫރު ވާހަކައެއް" މުނީރު ކިޔައިދިނެވެ.

ފުވައްމުލަކު ތުނޑި؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ބައްއްމީހުން ދެކޭ ގޮތުގައި ތުނޑީގެ ވެލީގައި އޮފް ހުންނަނީ، ރާޅާއެކު ވެލިގޮނޑުދޮށުގައި ޕޮލިސްވަމުން ދިޔުމުން ކަމަށް މުނީރު ވިދާޅުވިއެވެ. އެހެން ނަމަވެސް އޭނާގެ ނަޒަރުގައި، އެއީ، އުފެދޭ ތަނުގެ ގޮތުން އެވެލި އުފެދޭއިރު ހުންނަ ތަފާތު ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ބިއްސާވެއްޔަކީ ކުރީގެ ދުވަސްތަކުގައި ގިނައިން ފުވައްމުލަކު ތުނޑީން ފެނުނު މަންޒަރެއްކަމަށް ވެއެވެ. ބިއްސާވެލި ލަނީ ތުނޑީގެ ބޮޑު ދޮންވެލިގަނޑުގެ މެދުން އަޑިވެ މޫދު ލޮނު އެހިސާބުން ތިލަމުންނެވެ. ފުވައްމުލަކު މީހުން ބިއްސާވެލި ސިފަކުރަނީ މޫދު ލޮނުގެ ސުވިމިން ޕޫލެއްގެ ގޮތުގައެވެ. ބިއްސާވެލީގެ ލޮނުގަނޑު އެކި ހިސާބުގައި ފުންމިން ތަފާތުވެފައި ވުމުން ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ފެތުމަށް ބިއްސާވެލި ބޭނުންކުރެވެއެވެ. އަދި މޫދާ ޚިލާފަށް ރާޅުގެ އަސަރު ނެތުމުން ވަރަށް ހިތްގައިމުކޮށް އެ ފެންގަނޑުގައި ފަތާލެވެއެވެ.

ފަހުގެ ތާރީހެއްގައި އެންމެ ބޮޑަށް ބިއްސާވެލި ލާފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މިފަހުން ދުވަހަކު ވެސް ބޮޑު ނުވާވަރަށް ތުނޑީގެ ދޮންވެލިގަނޑު އެފަހަރު ބޮޑުވެފައިވެއެވެ. އަދި ބިއްސާވެލީގެ ރީތިކަން އިތުރުވެގެން ގޮސްފައިވެއެވެ. އެއީ ކިިރުކޮޅެއް ފަދަ ހުދު ވެލިގަނޑުގެ ސަބަބުންނެވެ.

މިގޮތަށް ލާ ބިއްސާވެލި ގިނަފަހަރާ އެހާ ގިނަ ދުވަހަކަށް ދެމިގެން ނުދެއެވެ. ދެތިން ދުވަހުގެ ތެރޭގައި ދޮންވެލިގަނޑަށް ބަދަލު އައިސް ބިއްސާވެލި ހިނދިގެން ދެއެވެ. އެހެންކަމުން ބިއްސާވެލީގެ ޚަބަރާއެކު އެ ހިތްގައިމުކަން ތަޖުރިބާކޮށްލުމަށް ފުވައްމުލަކުގެ ގިނަ ރައްޔިތުން އެ ދިމާލަށް ޖަމާވެއެވެ.

-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރުގެ ބީއްސާވެލި އެންމެ ފުރަތަމަ ލާފައި އޮގަސްޓް މަހުގެ 12 ވަނަ ދުވަހުއެވެ. އޯގަސްޓް މަހުގެ ބިއްސާވެލި ލީ ގިނަ އަހަރުތަކަށް ބިއްސާވެއްޔެގެ ހިލަމެއް ވެސް ނުވެ ދިއުމަށްފަހުއެވެ. ބިއްސާވެއްޔަކީ ކުރީގެ ދުވަސްތަކުގައި ގިނައިން ފުވައްމުލަކު ތުނޑީން ފެނުނު މަންޒަރެއްކަމަށް ވެއެވެ.

"ވަގުތު" ހޭރިޔާ ޓީމުން މި އަހަރުގެ ޖެނުއަރީ މަހު އެ ތުނޑިއަށް ޒިޔާރާތްކުރި އިރު އެ ވެލިގަނޑު ވަނީ ވަރަށް ކުޑަވެފައެވެ. ނަމަވެސް އެ ހިތްގައިމުކަމަކީ ރާއްޖޭގެ އެހެން އެއްވެސް ތުނޑިއެއްގައި ނުލިބޭނެ ވަރުގެ ހިތްހަމަޖެހުމެވެ.

ދެހާސް އެގާރަ ވަނަ އަހަރު ފުވައްމުލަކުގައި އެއާޕޯޓެއް ގާއިމް ކުރުމާއި ގުޅިގެން، ފުވައްމުލަކުގެ ޗާލު ކަން ދެކިލަން، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރު ވަމުން ދާއިރު އެ ރަށަށް ޒިޔާރަށް ކުރާ 90 އިންސައްތަ މީހުންނަކީ ތުނޑީގެ ރީތި ހުދު ދޮންވެލި ގަނޑާއި އޮމާން ވެލިގަނޑުގައި ފައިތިލަ ބީއްސާލަން ބޭނުންވާ މީހުންނެވެ.

އެތައް ބަޔަކު ފުވައްމުލަކު ތުނޑީގެ ޖާދުވީ ރީތިކަމުގެ ވާހަކަ ދައްކަމުން ދާއިރު، އިނގިރޭސިވިލާތުގެ ޓްރެވެލް މެގަޒިނެއް ކަމަށްވާ ވޮންޑަލަސްޓުން ހޮވި، އެޝިއާ ސަރަހައްދުގައި މީހުންނަށް ނޭނގި ހުރި، އެންމެ ހިތްގައިމު "ސިއްރު" 19 ގޮނޑުދޮށުގެ ތެރެއިން 9 ވަނަ އަށް, ފުވައްމުލަކު މި ހިތްގައިމު ތުނޑި ވަނީ ހިމެނިފައެވެ. މި ލިސްޓުގެ ތެރޭގައި ފުވައްމުލަކު ތުނޑި ހިމެނުމަކީ، އެރަށަށް ޒިޔާރަތް ކުރަން ބޭނުންވާ ރާއްޖެ އާއި ބޭރު މީހުން، އިތުރަށް ފުވައްމުލަކާއި މެދު ޝައުގުވެރި ކުރުވާނެ ކަމެކެވެ. މިއީ ވަޅުޖެހިފައިވާ ފުވައްމުލަކުގެ އިގްތިސޯދު ކޮޅަށް ޖެހޭނެ ކަމުގެ އުންމީދު އާވެގެން ދާނެ ކަމެކެވެ.