(ހއ.ދިއްދޫ) ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ނުވަތަ ހއ ދިއްދޫ އަކީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އާއްމުކޮށް އަތޮޅުގެ ވެރިކަން ކުރާ ރަށްތަކުގައި އާބާދީ ބޮޑުވެފައި އަތޮޅުގެ އެހެން ރަށްތަކާއި އަޅާ ކިޔާއިރު ކުށްތައް ވެސް ގިނަ ވާނެއެވެ. ނަމަވެސް ދިއްދޫ ހާއްސަވެފައި ވަނީ މިއާއި މުޅިން ޙިލާފަށް ކަންތައް އޮތުމުންނެވެ. އެރަށުގެ އާބާދީ އަކީ އަތޮޅުގެ އެންމެ ބޮޑު އާބާދީ ނަމަވެސް، ރަށުގެ ރައްޔިތުން ކުށް ކުރާ އަދަދު ހައިރާން ކުރުވާހައި ވަރަށްވެސް މަދެވެ.

5،000 ވަރަކަށް މީހުންގެ އާބާދީ އެއް އޮންނަ ދިއްދޫ އަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު 10 ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ދިއްދޫ ރައްޔިތުންނަކީ ހިތްހެޔޮ، ވަރަށް މަސައްކަތްތެރި ބަޔަކު އުޅޭ ރަށެއްކަން ފާހަގަ ކުރެވޭއިރު ފާއިތުވެދިޔަ އަހަރު ރާއްޖޭގެ އެންމެ އާބާދީ ބޮޑެތި ރަށްތަކުގައި ކުށްތަކަށް އަރައިގެންފައިވާ އަދަދު "ވަގުތު ހޭރިޔާ"ގެ ޓީމުން ސާފު ކޮށްލިއިރު ދިއްދޫ އޮތީ އެންމެ ކުށް މަދު ރަށުގެ ގޮތުގައި ލިސްޓުގެ އެއް ވަނާގައެވެ.

ހއ. ދިއްދޫ - މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ލިސްޓަށް ބަލައިލުމަށް ފަހުގައި ދިއްދޫ އަކީ އެންމެ ކުށްމަދު ރަށްކަން ގަބޫލުކުރަން މާ އުނދަގުލެއް ނުވިއެވެ. އަޅުގަނޑުމެން ރަށު ތެރޭގައި ހަރަކާތްތެރިވާ އިރުގައިވެސް ރަށް އޮންނަނީ ވަރަށް އަމާންކޮށެވެ. ރަށުގެ ރައްޔިތުން އަޅުގަނޑުމެންނާއި ކުރިމަތިލަނީ ހިތްހެޔޮކަމާއި އެކު ހިނިތުންވަމުންނެވެ. ރޭގަނޑު ރަށުގެ ގިނަ ގެތައް ހުންނަނީ ތަޅު ނުލައެވެ. ފިހާރަތަކުން ދޮންކެޔޮ ފިހާރަ ދޮރުމަތީ އެލުވާފައި ހުންނައިރު ކެޔޮތައް ހަލާކުވިއަސް އެތަކެތީގައި އަތްލާނެ މީހަކު ނުވެއެވެ. ބަައެއް މީހުން އަގުބޮޑެތި މުދާތައް ގުދަންތަކަށް ލައި، ތަޅުލާފައި ބެހެއްޓުމުގެ ބަދަލުގައި ކުޑަ ވަށާފާރެއްގެ ތެރޭގައި މާބޮޑަށް ނުފޮރުވައި ބަހައްޓަނީ އެގޮތަށް ބެހެއްޓިއަސް މުދާތައް ނުގެއްލޭނެ ކަމުގެ ޔަގީންކަން އޮންނާތީއެވެ. މި ރަށަކީ މަސްތުވާތަކެއްޗާއި ވަރަށް ދުރު ރަށެއްކަން ރައްޔިތުންނާއި ޒުވާނުންނާއި ވާހަކަ ދައްކާލުމުން ސާފުވިއެވެ. މިސްކިތްތަކުގައި އުމުރުން ދުވަސްވީ މީހުންނެކޭ އެއްވަރަށް ކުޑަކުދިންނާއި ޒުވާނުންވެސް ފެނެއެވެ. މިއީ އަހްލާގު ރަނގަޅު މުޖްތަމައު އަކުން ފެންނާނޭ ފަދަ ސިފަތަކެއްކަން ގައިމެވެ.

ވޭތުވެދިޔަ 2020 ވަނަ އަހަރު ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދިއްދޫ އިން ރިޕޯޓު ކުރެވިފައި ވަނީ އެންމެ 83 މައްސަލައެވެ. މީގެ ތެރޭގައި މަސްތުވާތަކެތީގެ 3 މައްސަލަ އަކާއި، ޓްރެފިކްގެ 9 މައްސަލަ އަކާއި، ޖިންސީ ފުރައްސާރަ އާއި ގެވެށި އަނިޔާގެ 1 މައްސަލައިގެ އިތުރުން ހަމަނުޖެހުމުގެ 4 މައްސަލަ ރިޕޯޓު ކުރެވިފައިވެއެވެ. މީގެ އިތުރުން ދެން ހިމެނެނީ ވައްކަމުގެ 13 ކޭސް އާއި ތަކެއްޗައް ގެއްލުން ދިނުމުގެ 11 ކޭސްގެ އިތުރުން، އެހެނިހެން 41 މައްސަލައެކެވެ. މިއީ އެހެން އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކާއި އާބާދީ ބޮޑެތި އެހެން ރަށްތަކާއި އަޅާކިޔާއިރު ވަރަށް މަދު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.

ހއ. ދިއްދޫ މަގުމަތިން ކުޅުންތެރިންތަކެއް ހިނގާފައި ދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިކަމާއި ގުޅޭގޮތުން ހއ. އަތޮޅު ކައުންސިލްގެ ދިއްދޫ މެމްބަރު އަދި އެމްޑީޕީ ޓިކެޓުގައި އެރަށު ކައުންސިލް ރައީސް ކަމަށް ވާދަ ކުރައްވާ އަބްދުﷲ ސިރާޖް ވިދާޅުވެފައި ވަނީ ދިއްދޫގައި ކުށްތައް މަދީ އެންމެ ކުރީންސުރެ ރަށުގެ ރައްޔިތުން ނުބައި މަގުން ދާން ބޭނުން ނުވާތީ ކަމަށާއި، މަސްތުވާތަކެތި ފަދަ ކަންކަން ރަށު ތެރޭގައި ކުރާކަން އެނގިއްޖެނަމަ ރައްޔިތުން ނިކުމެ އެފަދަ ބަޔަކު ފުލުހުންނާއި ހަވާލު ކުރާނެ ކަމަށެވެ.

”ކޮންމެ ތަނެއްގައިވެސް ހުރިހާ ކަމެއްވެސް އޮންނާނެ. ތަފާތު ވަނީ އޭގެ މިންވަރު. އެކަމަކު މިރަށުގައި މަސްތުވާތަކެތި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ. ދިއްދޫ މެދުވެރިކޮށް ޓްރެފިކް އެބަކުރޭ އެއްރަށުން އަނެއް ރަށަށް. މިރަށަކީ އަތޮޅުގެ ސެންޓަރަލް ޕޮއިންޓްކަމުން ހުރިހާ ދިމާލަކުން ފެރީތައް އާދޭ ދިއްދޫ އަށް. މިގޮތަށް އެންމެ ފަހުންވެސް މިދިޔަ އަހަރު ފުލުހުން އަތުލައިގަތީ ދިއްދޫ މެދުވެރިކޮށް ދަތުރުކުރާ ފެރީއެއްގެ ކޭޝިއަރަކު. އޭނާ އެންމެ އިސްކޮށް އެކަން ކުރަން އުޅުނީ“ ސިރާޖް ވިދާޅުވިއެވެ.

ހއ. ދިއްދޫ އަތޮޅު ކައުންސިލް މެމްބަރު އަބްދުﷲ ސިރާޖް - ވަގުތު އިމޭޖަސް: އަހްމަދު މަމްދޫޙް

އެބޭފުޅާ އިތުރަށް ވިދާޅުވީ މަގުމަތިން ކަންތައް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ނޫން ނަމަވެސް، ރަށުގައި އެފަދަ ކަމެއް ހިނގާނަމަ ރައްޔިތުން ނިކުމެ އެފަދަ ބަޔަކު ފުލުހުންނާއި ހަވާލުކުރާނެ ކަމަށާއި ރަށު ތެރެއިން އެފަދަ ކަމެއް ކުރުމުގެ އެއްވެސް ފުރުސަތެއް ރައްޔިތުން ނުދޭނެ ކަމަށެވެ.

މި ލިސްޓުގެ އެހެން ރަށްތަކަށް ބަލާއިރު ކުޅުދުއްފުށިން ޖުމްލަ 735 ކޭސް، އޭދަފުށިން 97 ކޭސް، ނައިފަރާއި ކުޑަހުވަދޫ އިން 244 ކޭސް އަދި ތިނަދޫ އިން 405 ކޭސް ފާއިތުވެދިޔަ އަހަރު ވަނީ ހުށަހަޅާފައެވެ. ފުވައްމުލަކުން 1،419 ކޭސް ހުށަހަޅާފައި ވާއިރު އައްޑޫގެ ހިތަދޫ އިން ވަނީ 1،400 ކޭސް ހުށަހަޅާފައިކަން ފާހަގަކޮށްލެވެއެވެ.

ދިއްދޫގައި ކުށްތަކަށް އަރައިގަންނަ މިންވަރު އާބާދީ ބޮޑު ރަށަކާއި އަޅާކިޔާއިރު ނިސްބަތުން ދަށް ނަމަވެސް އެރަށުގައި ކުރާ ކުށްތަކަށް ބޮޑު ސަމާލުކަމެއް ލިބޭކަމީ އެންމެންނަށްވެސް އިނގޭ ހަގީގަތެކެވެ. މިގޮތުން މީގެ އަހަރުތަކެއް ކުރިން އެރަށުގެ ދަނޑުތަކުގެ ޓާފްތައް ނަގައި އުކާލުމާއި، ލޯންޗުތައް ގޮއްވުންފަދަ ކުށްތަކަކީ މުޅި ރާއްޖެ އަށް ސަމާލުކަން ލިބުނު ކަންކަމެވެ.

ހއ. ދިއްދޫއަށް ކުރި ވަގުތި ހޭރިޔާ ދަތުރުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަމާން ވެށިތަކުގައި އެންމެންވެސް ދިރިއުޅެން ބޭނުންވާއިރު ދިއްދޫ އަކީ ތަރައްގީވެ، އަމާންކަން މަތީގައި އޮތް ވެއްޓެއްކަމުން އަތޮޅުގެ އެހެނިހެން ރަށްތަކުންވެސް އާއިލާ އާއިއެކު ދިއްދޫ އަށް ހިޖުރަވެސް ކޮށް ހަދައެވެ. ދިއްދޫ އަކީ ކުށްމަދު، އަހްލާގު ރަނގަޅު ރައްޔިތަކު ދިރިއުޅޭ ރަށެއް ކަމުގައިވާއިރު، ހުރިހާ ރަށަކުންވެސް ކުށްމަދު މުޖުތަމައު އެއް ބިނާކުރުމަށް ދިއްދޫ މިސާލެއްގެ ގޮތުން ނެގުން ރަނގަޅެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ތެދެއް

  އަހަންނަކީ ވަށަފަރު މީހެއް. ވިސްނުން އެބަހުރި ދިއްދޫ އަށް ހިޖުރަަކުރަން. މުސްތަގުބަލު އެބައޮތް. އިރާދަކުރެއްވިޔާ މާތްﷲ މިކަމުގައި އަހަންނަ އަލި މަގެއް ދައްކަވާނެ

  88
  1
  • ޒާލްސްބެރީ

   އާމީން

   49
   1
 2. Hajam kolla

  މިކަމާ ވަރަށް ނުރުހޭނެ އިހަވަންދޫ މީހުން. އެމީހުން އެއީ އަތޮަޅުގެ 3ވަނަ އެކަމަކު އަބަދުވެސް ދިއްދޫ އާ ހޯރަފުއްޓަ ޖެހިގަނެެން އުޅޭނި. ވަރަށް ފޫހިވާ ބައިގަޑެއް އެއީ

  132
  3
 3. ޕްރައުޑް ބޯތަށިއަން

  ކުށްމަދުވީމަ މީގެ ގަރުނެއް ކުރިން ހިނގި ކަންކަމުގެ ވާހަކަ ދައްކަ ދައްކަ ތިބެން ޖެހެނީ. ހަގީގަތް މިއޮތީ ފެންނަން. ދިއްދޫ ދނީ ބާރަށް ކުރިއަށް!

  83