ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ރާއްޖެއަކީ ބިންކުޑަ، އާބާދީވެސް ކުޑަ ޤައުމެކެވެ. ނަމަވެސް މި ކުޑަކުޑަ ރާއްޖެއަކީވެސް އަމިއްލަވަންތަ، ފަޚުރުވެރި ބަޔަކު އުޅެމުންދާ، ދިގު ތާރީޚެއް އޮތްތަނެކެވެ. ދިވެހި ތާރީޚަކީ ދުނިޔެ ދަންނަ މަޝްހޫރު، މުއްސަނދި ތާރީޚެއް ކަމުގައި ވީނަމަވެސް، ތާރީޚީ ވާހަކަތަކާއި ތަރިކައަކީ އެންމެ އެދެވޭ ގޮތެއްގައި މިޤައުމުގައި ރައްކާކުރެވިފައި ހުރި ވާހަކަތަކެއް ނޫންކަމީ ހިތާމައެކެވެ.

މިއަދު ތާރީޚުގެ ވާހަކަ ދައްކާއިރު ޒަމާން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ޒަމާން ބަދަލުވެދާ ދިއުމާއެކު މީހުންގެ އާދަކާދައާއި ވިސްނުން ވެސް ބަދަލު ވެއްޖެއެވެ. އިހުގައި ހިނގާފައިހުރި މުޙިންމު ބައެއް ހާދިސާތައް ހަނދާނުން ފޮހެވި ފުލޯކަށް ވެއްޖެއެވެ. ނަމަވެސް ތާރީޚުން އެފަދަ ބައެއް ކަންކަން އަދިވެސް ގެއްލިނުގޮސް ހުރީ ނަސީބަކުންނެވެ. ފަތްފުއްތަކުގައި ރައްކާކުރެވިފައި ނެތެއްކަމަކު މިއަދާއި ހަމައަށް ފެންނާންހުރި ޒަމާންވީ ރަމްޒުތައް ވެސް ރާއްޖޭގައި ގިނައެވެ.

ތާރީޚީ ގޮތުން ރާއްޖޭގެ ކޮންމެ ރަށަކީވެސް މުޙިންމު ރަށެކެވެ. އެގޮތުން އެންމެ ދެކުނުގައި އޮންނަ އައްޑޫ އަތޮޅަކީވެސް މިފަދަ ޚާއްސަ ރަށްތަކެއްގެ މައްޗަށް އެކުލެވިފައި އޮންނަ އަތޮޅެކެވެ. މީގެ ޒަމާންތަކެއް ކުރީން ރާއްޖޭގެ އެންމެ "އެކްޓިވް" އެއް ހިސާބަކީ މިއަދު ފެންނާން މިއޮތް އައްޑޫ ސިޓީއޭ ބުނެވިދާނެއެވެ. ހަމައެއާއެކު އެންމެ ފުރަތަމަ ރާއްޖޭގައި މީހުން އާބާދުވި ސަރަޙައްދުތަކުގެ ތެރޭގައި އައްޑޫ ހިމެނިދާކަން ތާރީޚު ހެކިދެއެވެ.

އައްޑޫ ކޯއްޓޭ ސަރަޙައްދު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އައްޑޫގައި ވެރިކަންކުރާ ހިތަދޫ އަކީ ގިނަ ބަޔަކު އޭރުގެ ވިސްނުންތަކާއި އެއްގޮތަށް ވަރަށް ކަމޭހިތައި ބަލަހައްޓަމުން އައި ޒިޔާރަތްތަކާއި ތާރީޚީ ގިނަ ތަންތަން ހުރި ރަށެކެވެ. ނެތިފަނާވެ ގެއްލިދާން ކައިރިވެފައި ވީނަމަވެސް މިއިން ބައެއް ތަންތަން ފެންނާން ނުވަތަ ހުރިކަމުގެ ހެކި މިއަދާއި ހަމައަށްވެސް މިރަށުގައި އެބަހުއްޓެވެ. އޭގެތެރެއިން ހިތަދޫގެ ކޯއްޓޭ ސަރަޙައްދުގައި ހުންނަ އާދަޔާއި ޚިލާފު މަހާނައެއްގެ ވާހަކަ މީގެ ކުރިންވެސް ބައެއް މީހުން އަހާފައި ވެއެވެ.

ކޯއްޓޭގައި ހުރި މަހާނަ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއީ މަރުވެގެން ހިތަދޫ ގޮނޑުދޮށަށް ލެއްގި އޭރުގެ ވަރަށް ޤަދަރުވެރި މީހެއްގެ މަހާނައެއް ކަމަށް ތުންތުންމަތިން ބުނާތީ އިވެއެވެ. އޭނާގެ ހަށިގަނޑު ވަޅުލާފައި ވަނީ ސީދާ ހަށިގަނޑު ލެއްގި ދިމާލުން އެއްގަމުގައެވެ. މޫދާއި ދުރުނޫން ހިސާބަކުން އެއްގަމުގައި ހުރި ގަސްބޯ ސަރަޙައްދެއްގައި އޭނާ ވަޅުލާފައި ވަނީ، އޭރުގައި މީހުން ވަޅުލައި އުޅުނު އާދަކާދައިގެ ތެރެއިން ހިރިގަލުން ހަދާފައިވާ މަހާނައެއްގައެވެ.

މިހާރު ބިމާއި ދާދި އެއްހަމައެއްގައި ހުރިނަމަވެސް މިތަނަކީ މީގެ ކުރިން ފަސް ވަރަކަށް ފޫޓޫ އުހަށް ހަދާފައި ހުރި ތަނެއް ކަމަށް ބެލެވެއެވެ. އަދި އެ މަހާނައިގެ އެއްކައިރީގައި އަތުރާފައި ހުރި ހިރިގަލުގެ މަތީ ފަށަލަތައް އަދިވެސް އެގޮތުގައި އެބަހުއްޓެވެ. އަބަދުވެސް ވަރަށް ސާފުކޮށްފައި އޮންނަ އެ ސަރަޙައްދަކީ ގަސްތައް ގިނަ އެ ސަރަޙައްދުން ހުސްބިމެއްގެ ގޮތުގައި ފެންނާން އޮތް ހަމައެކަނި ތަންކޮޅެވެ. މިތަން އާދަޔާއި ޚިލާފު ކަމަކަށްވާ ސަބަބަކީ ވެސް މިއީ އެވެ.

ކޯއްޓޭގައި ހުރި މަހާނަ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މީގެ ކުރީން އާންމުންނަށް ހުޅުވާލާފައި އޮންނަ ކޯއްޓޭ ސަރަޙައްދަކީ އޭރު އެކި ބޭނުންތަކުގައި ގިނަ ބަޔަކު ވަދެނިކުމެ އުޅުނު ސަރަޙައްދެކެވެ. ރުއްރުކާއި ދަނޑުބިންތައް ގިނަ މި ސަރަޙައްދަށް އޭރު އާދަވެ އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ވަދެއުޅެއެވެ. ނަމަވެސް ކޯއްޓޭގެ ހުޅަނގު ފަޅީގައި މި މަހާނަ އަބަދުވެސް ހުންނަނީ އެގޮތުގައި ރީތިކޮށް ކަމަށް މީގެ ކުރިން މަހާނަ ދުށް މީހުންވެސް ބުނެއުޅެއެވެ.

މިއަދު އައްޑޫ ކައުންސިލުން ބަލަހައްޓަމުން އަންނަ ކޯއްޓޭގެ މި މަހާނަ ހުންނަ ސަރަޙައްދަކީ އެއްވެސް އިރެއްގައި ކުނިކަހައި ސާފުކުރާ ތަނެއް ނޫން ކަމަށް އެތަނުގައި މަސައްކަތްކުރާ މީހުން ބުނެއެވެ. އެހެންކަމުން އެންމެ އަޖައިބުކުރުވަނިވި ކަމަކީ މި މަހާނަ މަތީގައި އާއި އޭގެ ކައިރީގައި ހިކި ފަތްކޮޅެއްހާ މިންވަރުވެސް ފެންނާން ނެތުމެވެ. ކުނިއެޅޭ ގިނަ ގަސްތަކާއި ވިނަ އޮތް އެ ސަރަޙައްދުން މަހާނަ ކައިރިޔަށް ވިނަތައް އަރާފައެއްވެސް ނުވެއެވެ. ނަމަވެސް މަހާނައިގެ ބޭރުން ވަކި ހިސާބެއްގައި ވަށައިގެން ކުންޏާއި ވިނަ ބޯކޮށް އޮވެއެވެ.

ކޯއްޓޭގައި ހުރި މަހާނަ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއީ ކިހިނެއް ހިނގާ ކަމެއްކަން ނޭނގުނު ނަމަވެސް އެތަނަކީ، ތަފާތު އަދި ޚާއްސަ ތަނެއްކަން އެ ސަރަޙައްދު އަބަދުވެސް ދެކޭ މީހުން ޤަބޫލު ކުރެއެވެ. ބައެއް މީހުން ބުނާގޮތުން މި މަހާނައަކީ ރާއްޖޭގައި ވެރިކަން ކުރި ރަސްކަލެއްގެ މަހާނައެވެ. ނަމަވެސް މަހާނަ ގަލުގައި އެފަދަ އެއްވެސް ވާހަކައެއް އެނގޭނެފަދަ ލިޔުމެއްވެސް ލިޔެފައެއް ނުވެއެވެ. އެހެންކަމުން އާދަޔާއި ޚިލާފު މި ސަރަޙައްދުގެ ހަޤީޤަތް އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ.

ކޯއްޓޭ ސަރަޙައްދަކީ ވަރަށް ކުރީން ހިތަދޫގައި މީހުން ދިރިއުޅުނު ސަރަޙައްދެއްކަން އެތަނުގެ ތެރެއިން ފެންނާން ހުރި ތާރީޚީ ހެކިތަކުން ހާމަވެއެވެ. ދިވެހީން އެކި ބޭނުންތަކުގައި ބޭނުންކުރަމުންދިޔަ މިފަދަ ދުވަސްވީ ގިނަ ޒިޔާރަތްތައްވެސް ކޯއްޓޭގައި އެބަހުއްޓެވެ. މިހާތަނަށް 7 ޒިޔާރަތެއް ކޯއްޓޭއިން ފެނިފައި ވެއެވެ. މީގެ ތެރެއިން ތިން ޒިޔާރަތެއް ފެނިފައި ވަނީ މީގެ ތިން ވަރަކަށް އަހަރު ކުރީންނެވެ.

އައްޑޫ ނޭޗަރ ޕާކް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އައްޑޫގެ ބައެއް މީހުން ޤަބޫލުކުރާ ގޮތުން ކޯއްޓޭ ސަރަޙައްދަކީ މިނޫންވެސް ތާރީޚީ ގިނަ ރަމްޒުތަކެއް ހުންނާނޭ ތަނެކެވެ. މިގޮތުން އެ ސަރަޙައްދު ރަނގަޅަށް ބަލައި ދިރާސާކޮށްފިނަމަ ތާރީޚާއި ގުޅުންހުރި ގިނަ ހޯދުންތައް އެއްތަނަކުން ފެންނާނެ އެންމެ ބޮޑު އެއް ސަރަޙައްދުތަކުގެ ތެރޭގައި ކޯއްޓޭ ހިމެނޭނެ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ކޯއްޓޭގައި މީހުން ދިރިއުޅެން ފެށިފަހުން އެ ސަރަޙައްދު ފަޅުވެސް ވިއެވެ. އޭގެ ފަހުން ކޯއްޓޭގައި އުޅުނީ އޭރު އައްޑޫގައި ތިބި އިނގިރޭސި ސިފައިންނެވެ. އިނގިރޭސިން އެ ސަރަޙައްދު އަސްކަރީ ހަރަކާތްތަކާއި ތަމްރީނުތައް ކުރިޔަށް ގެންދިއުމަށް ބޭނުން ކުރިއެވެ. މިގޮތުން އިނގިރޭސިން ހަދާފައިވާ ކޯޒްވޭ އަކާއި، އެމީހުން ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ އިމާރާތެއްގެ ބައިތަކެއް ވެސް ކޯއްޓޭ ތެރެއިން ފެންނާން އެބަހުއްޓެވެ.

ކޯއްޓޭގައި އިނގިރޭސިން ބޭނުންކުރި އިމާރާތެއް ހުރި ސަރަޙައްދު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އައްޑޫގެ އެންމެ ތަފާތު އަދި ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ އެންމެ ބޮޑު އެއް ކުޅި ކަމަށްވާ "އީދިގަލި ކިޅި" ވެސް އޮންނަނީ ކޯއްޓޭގައެވެ. މި ކުޅިއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި މޫސުންތަކާއި ދިމާކޮށް ތަފާތު އެކި ވައްތަރުގެ ދޫނިސޫފާސޫފި ޒިޔާރަތްކުރާ ރީތި ކުޅިއެކެވެ. އައްޑޫގެ މަޝްހޫރު "ރަނިން ހަނާ" ފެންގަނޑުވެސް އޮންނަނީ ހަމަ މި ސަރަޙައްދުގައެވެ.

އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ވެސް އެންމެ މަޤުބޫލު ތާރީޚީ ގިނަ ކަންކަން އެއްތަނަކުން ފެންނާން ހުރި ކޯއްޓޭއަކީ މިހާރު ޙިމާޔަތްކުރެވިފައިވާ ސަރަޙައްދެކެވެ. ނަމަވެސް ތަނަށް ވަދެނިކުމެ އުޅުން ކޮންޓްރޯލް ކުރެވިފައި ވީނަމަވެސް މިތަނުގައި ހުރި ތާރީޚީ ބިނާތަކާއި ތަންތަން އެންމެ އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓި ވީރާނާވެ ނެތިދާ ދިއުމަކީ ކަންބޮޑުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސްކިޕަރ2323

    ރަށުގެ ޓެރެއިން ހުންނަ ގޮތުން މިސަރަޙައްދުގައި ވަކި ގޮތަކަށް ވައި ދައުރުވާނަމަ މިހެން ވުން އެކަށީގެންވޭ. މިއީކީ މީހުން ހައިރާންވެ އެކަކު އަނެކަކަށް ގޮވާ ހޭރި ބޯތަޅަން ޖެހޭ ކަމެއް ނޫނެވެ.

    69
    9
  2. އައިޝާ

    ވާގޮތް ބަލާލަން ތިތަނަށް ބޮޑު ހިކިފަތް އެއްޗެއް އޮއްސާލަބަލަ.އޭރުން އެނގޭނެ އާދަޔާ ހިލާފު ތިވާ ސަބަބެއް.

    27
  3. ކީކޭ ބުނާނީ...

    ސްކިޕާރ.
    ކަލެއަށް މާބޮޑަށް އެނގެނީ. ޢެންމެގިނައިން އެ ތަނަށް ގޮސް ބަލާ ދިރާސާ ކޮށްފައި ހުރަި ކަަލޭ ވިއްޔާ.

    15
    6
  4. ނިޒާމު

    ތިޔައީ ހުސް ހޮޅި މިހާރު ވޯޓު ކާރިވާތީ ދައްކާވާހަކަ ތިޔަތަނަކޯ ތިތާ އުފަންމީހުންވެސް އުޅޭހިއްނުވާތަނެއް މީހިން ނުލަފާ ކަމުން އަ މިއްލަރަށު މީހުންވެސް ރައްދޫކކޮށް ދިރި އުޅެނީ މާލޭގަ ދެންކޮން ގަ މެއް އައްޑޫއެއް ތިޔަތަން ޔޫކޭއަށް ވިއްކާލަބަލަ ކޮންފަދަ ކަ މެއްތީ...ބޭކާރު އަނގަ އަރުވަނީ...

    11
    4
  5. ބެއްޔާ

    މީގެ 25އަހަރުކުރިން ގދ ތިނަދޫއަށް ދިޔައިރު ރާޅުޖަހާ ހިސާބުގައި ހުރި މަހާނައެއްގައި ހުދު ދިދަޖަހާ ބޮލިވެސް ހުރި! އޭގެ އެއްހަފްތާފަހުން ދިޔައިރު އެމަހާނަ ހުރީ އެއްގަމުގައި! ދެން މީހެއް ކައިރީގައި އަހާލީމާ ބުނީ ރާޅުޖަހާތީ އެމަހާނަ އެއްގަމަށް ލީއޯ! މަބުނީ އެމަހާނައިގަ އޮތް މީހާއާއި އެކުގަހޭ ލީ! އޭނާ ބުނީ ފަސްކޮޅު ނަގައިގެން ގެންގޮސް އެތާ ބެހެއްޓީއޭ! ލޮލް!

  6. ކުނބު

    ވަލީވެރިންގެ ކަރާމާތަށް ޖޯކުޖަހާމީހުންނަށް ހަގީގަތް އެނގޭދުވަހެއް އަންނާނެ.

    1
    1
  7. މިތުރާ

    ވަގުތުކުދިން ނަށް މިހާރު ކޯއްޓޭ ފެންނައިރު، ކޯއްޓޭ ގެ ރީތި ގޮނޑު ދޯށް ވަނީ ކަންޑު މެދުގައި.