(ހއ. ދިއްދޫ) ރަށް ގިރުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ދިމާވަމުން އަންނަ ބިޔަ، އަދި ހައްލު ކުރުން ދަތި ތިމާވެށީގެ މައްސަލައެކެވެ. މިކަން އިންތިހާ އަށް ރަށްރަށުގައި ބޮޑުވެފައިވާ އިރު މިކަމަށް ދާއިމީ ހައްލެއް ހޯދުމަކީވެސް އުނދަގޫ ކަމެކެވެެ. މީހުން ދިރިއުޅެމުންދާ ސަަރަހައްދުތަކާ ކައިރިންނާއި، ގުދުރަތީގޮތުން ރީތި ގޮނޑުދޮޮށްތައް ގިރަމުންދާ ނަމަ، އެއީ އެ ރަށެއްގައި ތިބި ބަޔަކު މާޔޫސްވާނެ ކަމެކެވެ.

ރާއްޖޭގެ އެންމެެ އުތުރުން ހއ. ދިއްދޫއަކީ މި އަތޮޅުގެ ވެެރިކަން ކުރާ ރަށެވެ. ދިއްދޫއަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރަށްގިރުމުގެ މައްސަލައެވެ. އެގޮތުން 1985 ވަނަ އަހަރުން ފެށިގެން މި މައްސަލަ އަންނަނީ ދިމާވަމުންނެވެ. މީގެ 36 އަހަރު ކުރިން ދިމާވާން ފެށި މި މައްސަލަ އަށް ހަރުދަނާ ހައްލުތަކެއް ހޯދިފައެއް ނެތެވެެ.

ހއ. އަތޮޅަށް "ވަގުތު" އިން ކުރަމުން އަންނަ "ހޭރިޔާ" ދަތުރުގެ ތެރެއިން ދިއްދޫ ގިރާ ސަރަހައްދު ބަލާލުމުގެ ފުރުސަތު ލިބުނެވެ. ރަށް ގިރުމުގެ ސަބަބުން ރަށުގެ ރީތި ގޮނޑުދޮށްތައް ވަނީ ހަލާކުވާން ފަށައިފައެވެ. އެރަށުގެ އުތުރު ފަރާތު އަތިރިމަތިންވެސް ބޮޑު ސަރަހައްދެެއް ގިރައިގެެން ގޮސް މީހުން އުޅޭ ސަރަހައްދާ ދާދި ކައިރިއަށް ވަނީ ގިރާފައެވެ. ގިރާފައި އޮތް ހިސާބުން ފެށިގެން މީހުންގެ ގެތައް ހުރި ސަރަހައްދާއި ހަމައަށް އޮންނާނީ ގާތްގަނގަނޑަކަށް 60 ފޫޓުގެ ސަރަހައްދެކެވެ.

ހއ. ދިއްދޫ ގިރަމުންދާ ސަރަހައްދު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިރަށް ފުރަތަމަ ގިރަން ފެށި އިރު ރަށުގެ އުތުރު ފަރާތުގައި އޮންނަ ބަނދަރު ވެސް ނުހަދައެވެ. ގިނަ ބަޔަކު މިހާރު ގަބޫލުކުރާ ގޮތުގައި ރަށްރަށުގެ ގޮނޑުދޮށްތައް ގިރަމުން އަންނަނީ ބަނދަރު ހެދުމުގައި އެހާ ވަރަށް ނުވިސްނާ ގޮތް ނިންމާލާތީ ނުވަތަ، ބަނދަރު ހެދުމުގެ ސަބަބުން ރަށުގެ ވަށައިގެންވާ ތިމާވެއްޓަށް ލިބޭ ގެއްލުމެއްގެ ސަބަބުންނެވެ. މިއީ ދިއްދޫއަށް ރަށް ގިރުމުގެ މައްސަލަ ފުރަތަމަ ދިމާވާން މެދުވެރިވި ސަބަބުކަމަށް އެރަށުގެ ރައްޔިތުން ގަބޫލެއް ނުކުރެއެވެ.

ދިއްދޫ ބަނދަރު ގާއިމް ކުރުމަށް ފަހު އެންމެ ފުރަތަމަ ގިރަމުން ދިޔަ ސަރަހައްދަށްވުރެ ބޮޑު ތަނެއް ގިރަން މެދުވެރިވި ކަމަށް އެރަށުގެ ކައުންސިލް ރައީސް އަލީ ހާޝިމް ވިދާޅުވިއެވެެ. އެންމެ ފުުރަތަމަ ބަނދަރު ގާއިމްކުރުުމަށް ފަހު މި މައްސަލަ ދިމާވާން ފެށި އިރު ގިރަމުންދާ ސަރަހައްދު އެކި މޫސުންތަކާ ދިމާކޮށް އިއާދަވާކަމަށް ހާޝިމް ވިދާޅުވިއެވެ. މި ރަށަކީ ތޮށި ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުންވެސް އުޅޭ ރަށަކަށް ވުމުން ރައްޔިތުން ނުކުމެ ރަށުގެ ގިރާ ސަރަހައްދުގައި ތޮއްޓެއް ލިއެވެ. ނަތީޖާއަކަށްވީ ތޮށި އިން ދިމާ ނޫން އެހެން ފަރާތަކުން ރަށް ގިރަން ފެށުމެވެ. އެެތަނުން މިހާތަނަށް ވަނީ 150 ވަރަކަށް ފޫޓުގެ ބިމުގެ ސަރަހައްދެއް ގިރައިގެން ގޮސްފައެވެ.

ހއ. ދިއްދޫ ގިރަމުންދާ ސަރަހައްދު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ވާ ގޮތަކީ ރަށް މި އޮންނަނީ ދިގުކޮށް. އޮންނައިރު ވަކި ހިސާބަކުން އެބަ އިނދޭ ހިލަ ޖަހާލެވެެން. ދެން ހިލަ ޖަހާލީމަ އެެހެން ސަރަހައްދެއް ގިރަން ފަށާނެކަމުުގެ ބިރު އެބަ އޮތް." ހާޝިމް ވިދާޅުވިއެވެ.

މި ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނެފައިވާ ގޮތުގައި އޭރު ރަށްގިރުމުގެ މައްސަލަ ދިމާވާން ފެށުމުން ކުރާ ކަމަކީ އެެކި ކަހަލަ ގާ، ގެންގޮސް ގިރާ ތަނަކަށް އެޅުމެވެ. މިއީ މިހާރުވެސް މިކަން ހައްލުކުރުމަށް ބައެއް ރަށްރަށުގައި ކުރަމުން އަންނަ ކަމެކެވެ. ގާ އެޅި ނަމަވެސް އެއީ މޫދުން އަންނަ ބިޔަ ރާޅުތައް ހިފެހެެއްޓޭނެހާ ބާރު ހުންނަ އެއްޗަކަށް ނުވުމުން ވެލިގަނޑާއެކު ގާތައްވެސް މޫދަށް ދަމައިގަންނަނީއެވެ.

"އޭރު މިހެން ގެތައް ތަޅާފައި ހުންނަ ގާތައް ވެސް ގެންގޮސް ގިރާ ސަހަރަހައްދަށް އަޅާ. މިއީ ރަށްގިރުން ކޮންޓްރޯލް ކުރެެވޭނެ ކަމަށް އޭރު ވިސްނިފަ އޮންނަ ގޮތް އަސްލު. މިހެން ހެދިޔަސް ދުވަސްކޮޅަކު ހުރެފަ އަނެއްކާވެސް ފެންނާނެެ ގިރަން ފަށާތަން" މުހައްމަދު އަލީ 58، ބުންޏެވެ.

މި މައްސަލަ ހައްލުކުރުމަށް އެރަށުގެ ރައްޔިތުން ބޭނުންވެފައި ތިބި މިންވަރު އެމީހުންގެ ޝަކުވާތަކުން އެނގެއެވެ. އެންމެ ބޮޑު ކަމަކަށް އެންމެންވެސް ފާހަގަކުރީ މިއޮށްހާ ދުވަހު ރަށްގިރުމުގެ މައްސަލަ ދިމާވި އިރުވެސް އެކަމަށް ސަރުކާރުތަކުން މާބޮޑު އަޅާލުމެއް ނުބެހެއްޓިކަމެވެ. ނަތީޖާއަކަށްވީ ރަށުގެ ބޮޑު ސަރަހައްދެއް ގިރައިގެން ގޮސް ރީތި ގޮނޑުދޮށްތައް ހަލާކުވާން ފެށުމެވެ.

ހއ. ދިއްދޫ ގިރާފައިވާ ސަރަހައްދު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެރަށުގެ ގެސްޓުހައުސްތައް ހިންގާ ބައެއް ފަރާތްތަކުގެވެސް އެންމެ ބޮޑު އެއް ޝަކުވާއަކީ ރަށްގިރުމެވެ. ރަށްގިރުމުގެ ސަބަބުން، ފަތުރުވެރިން އެރަށަށް ގޮސް އުޅެލާނެ ރީތި ގޮނޑުދޮށެއް ނޯންނާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ދިއްދޫ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ދާދި ފަހުން މަޝްރޫއެއް ފެށުމަށް ނިންމައިފައެވެ. މި މަޝްރޫއަކީ ދިއްދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ އިން ކުންފުންޏަކާ ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ. މި މަޝްރޫގެ ދަށުން ގިރާ ސަރަހައްދުގައި ބޮޑު ހިލަ ޖެހުމާއި ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއަށް މިއަހަރަށް ސަރުކާރުން ފާސްކުރި ބަޖެޓުން 5.16 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތަރައްގީ

    އޯކޭ ވާނެ. ސެޓެލައިޓެެއް ޖައްވަށް ފޮނުވަން މިސަރުކާރުން އުޅެނީ.

    4
    1
  2. ސާދު

    36 އަހަރު ތިމައްސަލާގައި އުޅުނުއިރު ކޮބާހޭ ދާއިރާގެ މެމްބަރުން، ދައުލަތުގެ ބަޖެޓްތެރެއިން ކޮބާހޭ ކުރެވުނު މަސައްކަތަކީ ތިކަން ޙައްލުކޮށްދޭން.