(ހއ.ވަށަފަރު) ލޯތްބަކީ އިންސާނާގެ ނަފްސުގައިވާ އެންމެ ވަރުގަދަ އެއް އިޙްސާސޭ ބުނެވިދާނެއެވެ. އެއީ ދެމީހަކު އުފާވެރި އެތައް ހުވަފެންތަކާއި އެކު ބިނާކުރާ ޙަޔާތެއްގެ ބިންގަލަކީ ލޯބި ކަމަށް ވާތީއެވެ. އެ ލޯބި ބިނާވަނީ އިތުބާރާއި ތެދުވެރިކަމާއި ވަފާތެރިކަމާއި އިޚްތިރާމާއި އަޅާލުމުގެ މައްޗަށެވެ. ކިތަންމެ ޒަމާނެއް ފާއިތުވެދިޔަޔަސް އެފަދަ ލޯތްބެއްގެ ފޮނިމީރުކަން ޙަޔާތުން ކެނޑިގެން ނުދާނެއެވެ. ހަޤީޤީ ލޯތްބަކީ ހޯދަން އުނދަގޫ އެއްޗެކޭ ބުނެވެނީ އެހެންވެގެންނެވެ.

ތިލަދުންމަތީ އުތުރުބުރީގައި އޮންނަ ވަށަފަރު، އުމުރުން 85 އަހަރުގެ މުޙައްމަދު ހަސަނާއި އާއި އޭނާގެ އަނބިމީހާ އާއިޝަތު އާދަމް (77އ.) އަކީ އިސްވެ ދެންނެވިފަދަ ވަރުގަދަ ލޯބީގެ ގުލްހަޒާރެއްގައި ދިގު ޙަޔާތެއް ވޭތުކޮށްފައިވާ ބައެކެވެ. އިއްތިފާޤުން ދިމާވި ދިމާވުމަކުން ދެގޮތެއްނުވާ ބައިވެރީންގެ ގޮތުގައި އެދެމަފިރީން މިހާރު އުޅޭތާ ކިތަންމެ ޒަމާނެކެވެ. އުމުރުން ދުވަސްވެ ބަލިވިހިނދުވެސް ހަޤީޤީ ލޯބީގެ މިސާލު ދައްކައި، އެކަކު އަނެކަކަށްޓަކައި ފަހު ވަގުތާއި ޖެހެންދެންވެސް މި ދެމަފިރިން އުޅެނީ ލޯބިންނެވެ.

ކުރީން މުޙައްމަދު ޙަސަނަކީ ހީވާގި މަސްވެރިއެކެވެ. އެންމެ ޒުވާން އުމުރުން ފަށައިގެންވެސް މަހަށް ގޮސް އުޅުނު ހަސަނަކީ އާއިޝަތު އާއި ކައިވެނި ކުރުމުގެ ކުރީން އިތުރު ކައިވެންޏެއް ކޮށްފައިވާ މީހެކެވެ. ނަމަވެސް އެ ކައިވެންޏަށް މާގިނަ ދުވަހެއް ނުވެއެވެ. މަދު ދުވަސްކޮޅަކަށް ވޭތުކުރި އެ ކައިވެންޏަފަހު، ޙަސަނަށް އޭނާގެ ޙަޔާތުގެ ހަޤީޤީ ބައިވެރިޔާ އާއި ދިމާވީ އޭގެ ފަހުން މާގިނަ ދުވަހެއް ނުވަނީހެވެ.

ޙަސަނާއި އާއިޝަތު ދިމާވި ގޮތުގެ ވާހަކައަކީވެސް ޝަޢުޤުވެރި ވާހަކައެކެވެ. އޭނާ ބުނާގޮތުން އާއިޝަތު އާއި އޭނާ ދިމާވީ ރަޙުމަތްތެރީންތަކަކާ އެކު ކެލާގައި ހުންނަ އާއިޝަތުގެ ގެޔަށް ދިޔަ ފަހަރެއްގައި ކަމަށެވެ. އެދުވަހުން ދުވަހަށް ދެމީހުން ދެވަން ނިންމީވެސް އެކުގައި ދިޔަ ރަޙުމަތްތެރީން ކަމަށް ޙަސަނު ބުންޏެވެ. އެހެންކަމުން ޙަސަނަށް އާއިޝަތު ކައިރިން ކައިވެންޏަށް ހުށަހެޅުމުގެ ފުރުސަތެއްވެސް ނުލިބެއެވެ.

"އަހަންނާއި ޙަސަނު ދެވަން ނިންމުމުން އަހަރެން އެދުނީ އެންމެ ކަމަކު. އެއީ ކައިވެނި ކުރިޔަސް އޭނާ ހުންނަން ޖެހޭނީ އަހަރެންގެ ރަށުގައޭ. އެއީ އޭރު މަންމަ ބަލިވެ އުޅޭތީ މަންމަ ދޫކޮށްފައި ދާން ބޭނުން ނުވާތީ،" އާއިޝަތު ބުންޏެވެ.

އާއިޝަތު އާދަމް - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

"މިރަށުން ވަރަށް ގިނަ މީހުން އަހަރެން ކައިރީ އިންނަން އެހި. އަހަރެން އެ އެންމެން ކައިރީވެސް ބުނީ އަހަރެންގެ މަންމަ ބަލިވެ އުޅޭތީ، މީހަކާ އިނދެގެން އެހެން ރަށަކަށް ދެވޭ ގޮތަކަށް ނޫނޭ އަހަރެން ހުރީ. އެހެންވެ އެ ހުރިހާ މީހުން ބޯމަތިން ކަޓާލައިގެން ދިޔައީ." އާއިޝަތު ބުންޏެވެ.

ކައިވެނިކޮށްގެން ޙަސަނާއި އާއިޝަތު ފުރަތަމަ ދިރިއުޅެމުން އައީ ކެލާގައެވެ. ދެމަފިރިން އެކުގައި މަސައްކަތް ކޮށްގެން ފުދިގެން އުޅުނު ދިރިއުޅުމެއްގައި އުފާވެރި ދުވަސްތަކެއް ހޭދަކުރަމުންނެވެ. އޭގެ ފަހުން އާއިޝަތުގެ މަންމަ ނިޔާވިފަހުން ދިރިއުޅުން ވަށަފަރަށް ބަދަލުކުރަން ނިންމިއެވެ. ވަށަފަރަށް މި ދެމަފިރިން ބަދަލުވީ ރަށުގައި އަމިއްލަ ގެއެއް އަޅައިގެންނެވެ. އެއީ ކުރީގެ ތަޖުރިބާތަކާއެކު އާއިޝަތު އަބަދުވެސް ބޭނުންވީ ވަކި ދިރިއުޅުމެއްގައި އުޅުމަށް ކަމަށް ވާތީއެވެ.

ލޯބިވާ އަނބިމީހާގެ ހުވަފެން ހަޤީޤަތަކަށް ހަދައިދީ ޙަސަނު އާއިޝަތު ވަށަފަރަށް ގެންދިއުމަށް ގެ އަޅާނެ ސާމާނު އެއްކުރީ ކެލާއިންނެވެ. ދަނޑިފަނުން އޭރު ގެހަދައި ނިންމީ އެންމެ ތިން ވަރަކަށް ދުވަސްތެރޭ ޙަސަނާއި އޭނާގެ ރަޙުމަތްތެރީންނެވެ.

"އިނދެގެން އުޅެނިކޮށް މީނާގެ މަންމަ މަރުވީމަ މީނާ ބުނީ ދެން ދާންވީއޭ ވަށަފަރަށް. ދެން ކެލާ ކަނޑޫފަލު ވެރިން ކައިރީ ބުނެގެން ވަގުތުން ރަށުން މީހުން ގޮވައިގެން ގޮސް ކަނޑޫފަލަށް ވަދެ ގެޔެއް ހިފައިގެން ނިކުތީ. ތިން ދުވަސް ތެރޭ ގެ އަޅާ ނިމުނީ. މިހާރު މިއީ ތިންވަނަ ގެ އަޅާފަ މި އިނީ. އެއްގެ ދަނޑިފަނުން އަނެއްގެ ތެޅިގަލާ އުވައިން ރާނާފަ. އެގެ ތަޅާލާފަ އަނެއްގެ ރާނާފަ މި އިނީ،" ޙަސަނު ކިޔައިދިނެވެ.

އާއިޝަތު ބުނިގޮތުން އަމިއްލަ ވަޒަނުގައި އުމުރު ދުވަސް ހޭދަކުރުމަށްފަހު ކެލާއަށް ފިރިމީހާއާއެކު ބަދަލުވެގެން އުޅުނު ފުރަތަމަ ދުވަސްކޮޅު "ވަރަށް އުނދަގޫވި" ކަމަށެވެ. ނަމަވެސް ވަކީން ދިރިއުޅުމެއްގައި އުޅުމަށް މަގުފަހިވެގެން ދިއުމަކީ ދިރިއުޅުން ބިނާކުރުމަށް ލިބުނު ހިއްވަރެއް ކަމަށާއި، އެއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އާއިޝަތު ބުންޏެވެ.

އާއިޝަތު އާއި ޙަސަނުގެ ކައިވެންޏަށް ހަތަރު ދަރީން ލިބުނެވެ. އޭގެތެރެއިން ފުރަތަމަ ދަރިފުޅު ނިޔާވީއެވެ. އަސަރާއެކު އާއިޝަތު ކިޔައިދިން ގޮތުން އޭނާގެ ދެމަފިރިންނަށް ލިބުނު ފުރަތަމަ އަންހެން ދަރިފުޅު މި ދުނިޔެއާއި ވަކިވެދިޔައީ އުމުރުން އެންމެ ދިހަ މަސްވިތަނާހެން އެތެރެހަށީގެ ބައްޔެއްގައި ވަރަށް ބަލިކޮށް އުޅެފައެވެ.

އާއިޝަތު ބުނިގޮތުން އޭނާ އެންމެ ހަނދާނުން ނުފިލާ ޙާދިސާއަކީވެސް ދަރިފުޅުގެ ވަކިވެދިޔުމެވެ. އެދުވަހަކީ އެންމެ ދެރަވި ދުވަސް ކަމަށާއި، މަންމަ ނިޔާވި ދުވަހަށްވުރެ އެދުވަހު ހިތާމަކުރި ކަމަށް އާއިޝަތު ބުންޏެވެ.

"އޭރު ފިރިމީހާވެސް މަހަށް ގޮސް ރަށުން ބޭރުގައި ހުރީ. ދަރިފުޅު ނިޔާވި ޚަބަރު ފިރިމީހާއަށްވެސް ދެވޭނެ ގޮތެއް ނެތި އެ ހިތާމައިގައި އެތައް ދުވަހެއް އުޅުނިން،" އަސަރާއެކު އާއިޝަތު ކިޔައިދިނެވެ.

ކައިވެނިކުރިތާ އަހަރެއް ވަނިކޮށް ލިބުނު އަންހެން ދަރިފުޅު ނިޔާވިފަހުން އާއިޝަތާއި ޙަސަނަށް އިތުރު ތިން ކުދިން ލިބިފައި ވެއެވެ. އެއީ ދެ އަންހެން ކުދީންނާއި ފިރިހެން ކުއްޖެކެވެ. ފަޚުރުވެރިކަމާއެކު އާއިޝަތު ބުނާގޮތުން އެ ތިން ކުދިންނަކީ އޭނާ އާއި "އެއްވަރަށް މަސައްކަތް ކުރާ ހީވާގި"، ނަމޫނާ ކުދިންތަކެވެ.

"މިހާރު ތިބި ތިން ދަރިންނަކީ އަހަރެންނާ އެއްވަރަށް މަސައްކަތް ކުރާ ހީވާގި ތިން ކުދިން. ބުނުމެއް ނޯންނާނެ އެއްވެސް ކަމެއްގައި،" އާއިޝަތު ކިޔައިދިނެވެ.

އާއިޝަތު އާއި ޙަސަން ލޯބިން އެކުގައި ހޭދަކޮށްފައިވާ ދިގު ޙަޔާތަކީ މިއަދުގެ ޒުވާނުންނަށް ވެސް ނަމޫނާއެކެވެ. އަލަށް ދިމާވި ދުވަހުން ފެށިގެން ދެގޮތެއްނުވެ ދެމީހުން އުޅެނީ އުފަލުގައި، ލޯބިންނެވެ. އަދި އެގޮތުގައި މުޅި ޙަޔާތް ހޭދަކޮށް އުމުރުގެ ފަހު ދުވަސްތައް މިހާރު ގުނަމުން އަންނަ ހިނދުވެސް ކުރާ އުންމީދަކީ "އުފަލުގައި އެކުގައި ފަހުވަގުތާއި ހަމައަށްވެސް ލޯބިން" އުޅުމެވެ.

އާއިޝަތު ބުނެފައިވާ ގޮތުން އޭނާ ފިރިމީހާ އާއިމެދު އަބަދުވެސް އެންމެ ބޮޑަށް ފަޚުރުވެރިވަނީ އޯގާތެރިކަން އިސްކުރާތީއެވެ. ބީރައްޓެއްސެއް ފަދައިން ބީރައްޓެރި ރަށަކަށް ދިރިއުޅުން ބަދަލުކުރި ދުވަހުން ފެށިގެން ވެސް ފިރިމީހާގެ ފަރާތުން ލިބުނު އަޅާލުމަކީ އަބަދުވެސް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް އާއިޝަތު ބުނެއެވެ.

ޙަސަން ބުނެފައިވަނީ، އާއިޝަތު އާއި މެދު އެންމެ ހިތްހަމަޖެހޭ ސިފައަކީ އޭނާގެ ހިތްހެޔޮކަން ކަމަށެވެ. ކައިވެނީގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ދެގޮތެއްނުވެ އެއްވެސް ކަމެއްގައި އިހުމާލެއްނެތި ދެމުންދާ އަޅާލުމަކީ ޙަސަންގެ ހިތުން ދުވަހަކުވެސް ފިލައިނުދާނެ އުފާވެރި އިޙްސާސެކެވެ.

"ބޭބެމެން އުޅުނުހެން އުޅުނު އެހެން ބަޔަކު ނޫޅޭނެ މިރަށުގަވެސް. އެހާވެސް ލޯބިން އުޅުނީ. އެކީގަ މިއުޅެނީ ހަމަ ފެށުނީއްސުރެ. އަތު ހިފައިގެން،" ޙަސަނު ބުންޏެވެ.

ޒަމާން ބަދަލުވެ ތަރައްޤީވަމުން ދިޔަ ވަރަކަށް ދިވެހީންގެ ތެރެއިން މިފަދަ ނަމޫނާތައް އަންނަނީ ގެއްލެމުންނެވެ. ނުލާހިކު ލޯބިން ފަށާ ކައިވެނީގެ ޙަޔާތް ދެމެހެއްޓުމަށް މިއަދުގެ ޒުވާނުންގެ މާބޮޑު އަހަންމިއްޔަތުކަމެއް ނެތްކަމާއި، އަބަދުވެސް ފެންނަނީ "ދެމީހުން ދެމީހުންނަށް ލިބެންޖެހޭ އަޅާލުމާ އޯގާތެރިކަން ނުލިބިގެން ޙަޔާތް ރޫޅިދާތަން" ކަން އާއިޝަތު އާއި ޙަސަން ވެސް ފާހަގަކުރެއެވެ. އެފަދަ ކަންކަން މިއަދު ލޯ ކުރިމަތިން ހިނގާތަން ފެނުމުން އެއީ ދެރަވެ ހިތަށް އަސަރުކުރުވާ ކަންކަން ކަމުގައި މި ދެމަފިރިން ބުނެއެވެ.