(ހއ. ހޯރަފުށި) ހއ. ހޯރަފުށްޓަކީ ދިވެހި ރާއްޖޭގެ ވެރިކަން ކުރާ މާލެގެ އުތުރުން 317.57 ކިލޯމީޓަރު ދުރުގައި އޮންނަ ތިލަދުންމަތީގައި މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. ހއ. އަތޮޅުގެ ވެރިކަން ކުރާރަށް ދިއްދޫގެ ހުޅަނގު އުތުރުން 25 ކިލޯމީޓަރު ބޭރުގައި އޮންނަ ހޯރަފުއްޓަކީ ދިއްދޫ އަށް ފަހުގައި އަތޮޅުގެ އެންމެ ބޮޑު އާބާދީ އެއް އޮންނަ ރަށްކަން ފާހަގަކޮށްލެވެއެވެ. 3559 މީހުން މިިރަށަށް ރަޖިސްޓާރ ކުރެވިފައި ވާއިރު ރަށުގައި ދިރިއުޅެމުންދާ މީހުންގެ އަދަދު 2000ށް ވުރެން ގިނަވާނެކަމަށް އެރަށު ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

ހއ. އަތޮޅުގެ ރަށްތަކަށް "ވަގުތު ހޭރިޔާ" އިން ކުރަމުންދާ ދަތުރުގައި 13 ވަނަ މަންޒިލެއްގެ ގޮތުގައި ޒިޔާރަތް ކުރި ހޯރަފުށްޓަކީ އަތޮޅުގެ ރަށްތަށް ތަރުތީބު ކުރެވިފައި އޮންނަ ގޮތުން މި އަތޮޅުގެ ހަތަރުވަނައަށް އޮންނަ ރަށެވެ.

ހޯރަފުށްޓަކީ 63.5 ހެކްޓަރުގެ ބޮޑުމިނުގެ ރަށެކެވެ. މި ރަށާއި އެއްފަޅެއްގައި ގިނަ އަދަދެއްގެ ފަޅު ރަށްތައް އޮތްނަ އިރު، މިރަށަކީ ވަރަށް ބޮޑު ތިލަ ފަޅެއްގެ ތެރޭގައި އޮތް ރަށެއްކަން ފާހަގަކޮށްލެވެއެވެ. އަދި މިރަށަކީ ޤުދުރަތީ ގޮތުން ދޮންވެލިން މުއްސަނދިވެފައިވާ ގޮނޑުދޮށެއް އޮންނަ ހިތްގައިމު ރަށެކެވެ.

ހއ. ހޯރަފުއްޓާއި އެރަށު އެއާޕޯޓު މަތިން ނަގާފައިވާ ފޮޓޯއެއް - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހއ. އަތޮޅުގެ ގިނަ ރަށްތަކަށް ހާއްސަ ވަނަމެއް އޮންނައިރު މިރަށު މީހުންނަށް ވެސް އެފަދަ ވަނަމެއް ދެވިފައި އޮވެއެވެ. މިރަށު މީހުންނަށް ކިޔާ އުޅެނީ "ހޯރަފުށީ ފަންކާ" މިފަދައިންނެވެ. މިވާހަކަ މީހުންގެ ތެރޭގައި ދެކެވެމުން އަންނަނީ ތަފާތު ގޮތް ގޮތަށެވެ. މި ވަނަން ދެވުނު ވަކި ތާރީހެއް ފެންނަން ނެތް ނަަމަވެސް ތުން ތުން މަތިން ވާހަކަ ދެކެވޭ ގޮތުގައި ވަނަން ދެވުނީ ފާމުދޭރިކަލޭފާނު މި ރަށަށް ކުރި ޒިޔާރަތެއްގެ ތެރެއިން ހިނގި ހާދިސާ އަކާ ގުޅިގެންނެވެ. މިރަށު މީހުންނަށް ”ފަންކާ“އޭ ކިޔާފައި އަތޮޅުގެ އެހެން ރަށްތަކުގެ މީހުން މުހާތަބު ކުރުމަކީ މިރަށު މީހުން ނުހަނު ފަހުރުވެރިވާ ކަމެއްވެސް މެއެވެ.

މިރަށުގައި ތާރީހީ ތަންތަނުގެ ގޮތުގައި 100އަށް ވުރެ ގިނަ އަހަރު ވެފައިވާ ކުޑަ މިސްކިތެއް ވެއެވެ. މި މިސްކިތަކީ 1912 ވަނަ އަހަރު ދަނޑި ފަނުން އެޅި މިސް ކިތެކެވެ. 1920 ވަނަ އަހަރު އިތުރަށް މި މިސްކިތް މަރާމާތުކޮށް މިހާރު މިސްކިތް ފެންނަން ހުރި ގޮތަށް ބިނާކޮށްފައިވެއެވެ. އަދި މީގެ އިތުރުން ރާއްޖެއަށް އުފަން މަޝްހޫރު ޅެންވެރިއެެއް ކަަމަށްވާ ހުތް އަލި ދީދީ ގެ މަގްބަރާ ވެސް ހިމެނެއެވެ.

ހއ. ހޯރަފުށި މަތިން ނަގާފައިވާ ފޮޓޯއެއް - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިރަށަކީ އިހަވަންދިއްޕޮޅުން އެންމެ ގިނަ ހިދުމަތްތައް ވެސް ލިބެން ހުންނަ އެއް ރަަށްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ބައެއް ކަންކަމަށް ބަލައިލާއިރު، ފުލުހުންގެ ހިދުމަތާއި، އެއާޕޯޓުގެ އިތުރުން، ވަރަށް އަވަހަށް މި ރަށުގައި ހޮސްޕިޓަލެއް އެޅުމަށްވެސް ހަމަޖެހިފައިވެއެވެ.

ހޯރަފުށްޓަކީ އެންމެ ފުރަތަމަ މީހުން އާބާދުވުމުގެ ކުރިން ހޯރަ ދޫންޏާއި، އެހެން ބާވަތްތަކުގެ ގިނަ ދޫނިތައް އަރައި އުޅުނު ފަޅުރަށެއް ކަމަށް ތާރީހީ ފަތްފުށްތަކުންނާއި ރަށުގެ އިސް ރަށްވެހިންގެ ފަރާތުން މައުލޫމާތު ލިބެއެެވެ. މިރަށުގައި ފުރަތަމަ މީހުން އާބާދުވެފައި ވަނީ މީގެ 400 ވަރަކަށް އަހަރު ކުރިން ހއ. ހުވަހަންދޫގައި ދިރިއުޅުނު މީހުންނެވެ. ހުވަހަންދޫގެ މީހުން ހޯރަފުށްޓަށް ބަދަލުވާންޖެހުނު ސަބަބަކީ ހުވަހަންދޫގައި މިނި ރޯނުވެ، އާބާދީ ދަށްވެ، ތަފާތު ރޯގާތަކުގައި ގިނަ އަދަދަކަަށް މީހުން މަރުވުން އިތުރުވާން ފެށުމުންނެވެ.

ހުވަހަންދޫ އިން އެެންމެ ފުރަތަމަ ހޯރަފުއްޓަށް ބަދަލުވީ 3 އާއިލާއެކެވެ. ހޯރަފުއްޓަށް ބަދަލުވި މީހުން ރޯގާތަކުގައި މަރުވާ މިންވަރު ދަށްކަން ފާހަގަވުމުން ހުވަހަންދޫގެ ހުރިހާ އާއިލާތަކެއް ފަހުން ވަނީ ހޯރަފުއްޓަށް ހިޖުރަ ކޮށްފައެވެ. އަދި މި ފަހުގެ އަހަރުތަކުގައި ރަށުގެ އާބާދީ އިތުރު ކުރުމަށްޓަކައި ހއ. ބެރިންމަދޫ މީހުންވެސް ވަނީ މިރަށަށް ބަދަލުކޮށްފައެވެ.

ހއ. ހޯރަފުށި މަތިން ނަގާފައިވާ ފޮޓޯއެއް - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހޯރަފުށްޓަކީ ވެސް އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރާ ހީވާގި ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. އެގޮތުން ރަށުގެ މީހުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތްތަކީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރުމެވެ. އަދި މީގެ އިތުރުން ވެސް ބައެއް މީހުން އެކި އެކި ވަޒީފާ ތައް އަދާކުރަމުންދެއެވެ.

ހޯރަފުށީގައި ދައުލަތުގެ މުއައްސަސާތަކުގެ ގޮތުގައި 07 މުއައްސަސާހުރެއެވެ. އެއީ، ހޯރަފުށީ ކައުންސިލްގެ އިދާރާ، މެޖިސްޓްރޭޓް ކޯޓު، ހއ. އަތޮޅު މަދަރުސާ، ޕޮލިސް ސްޓޭޝަން، ޞިއްޙީ މަރުކަޒު، އިންޖީނުގެ އަދި އެސްޓީއޯ ފިހާރައެވެ. ހޯރަފުށްޓަކީ ލަފާ ފުރުމުގައި އެއްވެސް ދަތިކަމެއް ނެތް ޒަމާނީފެންވަރަށް ހަދާފައިވާ ބަނދަރެއް އޮންނަ ރަށެކެވެ.

ހޯރަފުށީގައި ހއ.އަތޮޅު މަދަރުސާގެ ނަމުގައި މެދުމަދަރުސީ ތަޢުލީމާއި، ޘާނަވީ ތަޢުލީމާއި، މަތިޘާނަވީ ތަޢުލީމް ފުޅާދާއިރާއެއްގައި ދެމުން ގެންދެއެވެ. އަދި ހޯރަފުށީގެ ތަޢުލީމީ ދަންމަރަށް ކަޅި ހިންގާލާއިރު ކީރިތި ޤުރްއާނުގެ ތަޢުލީމަކީ ވެސް އަމިއްލަ ފަރާތަކުން ވަރަށް އެދެވޭ ގޮތެއްގައި ކާމިޔާބުކަމާއެކު ދެމުން އަންނަ ޢިލްމެކެވެ. ޕްރީ ސްކޫލާ އެކު ގްރޭޑް 12 އަށް މި ރަށުން ކިޔެވެ އެވެ. މިވަގުތު ޖުމްލަ 419 ދަރިވަރުން ކިޔަވަމުންދާ ހއ. އަތޮޅު މަދަރުސާ އަކީ ރާއްޖޭގެ ނިސްބަތުން ވެސް ނަތީޖާ ރަނގަޅު ސްކޫލެކެވެ. މި ސްކޫލްގައި 16 ބިދޭސީ ޓީޗަރުންނާއި 31 ދިވެހި މުދައްރިސުން އަދި އިދާރީ މަސައްކަތް ކުރުމަށް 18 މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ. މި ސްކޫލުގެ ދަރިވަރުންނަކީ ވޭތުވެދިޔަ އެކި އަހަރުތަކުގައި ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ދަރިވަރުން ތަކެއްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މީގެ އަހަރުތަކެއް ކުރިން ހޯރަފުށީ ސްކޫލްގެ ދަރިވަރަކު ވަނީ އާޓްސް އިން ދުނިޔޭގެ ފެންވަރުގައި ވަނައެއް ނަގާފައެވެ.

ހއ. ހޯރަފުށި އެއާޕޯޓު މަތިން ނަގާފައިވާ ފޮޓޯއެއް - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިރަށަކީ ސިއްޚީ ޢާންމު ޚިދުމަތްތައްވެސް ލިބެންހުރި ރަށެކެވެ. މިރަށު ސިއްހީ މަރުކަޒުން 24 ގަޑިއިރަށް ހިދުމަތް ދެމުން ގެންދާއިރު، މިހާރު މަސައްކަތް ކުރަމުން ގެންދަނި 44 މުއައްޒަފުންނެވެ. މީގެ ތެރޭގައި ދެ ސްޕެޝަލިސްޓުންނާއި އަންހެނުންނަށް ހާއްސަ ޑޮކްޓަރަކާއި 14 ނަރުހުން ވެސް މިރަށު ސިއްހީ މަރުކަޒުގެ އިމަރާތުގެ ދަތިކަން ހުރުމުގެ ސަބަބުން މިވަގުުތު އުނދަގޫ ތަކެއް ހުރިކަމަށް އެރަށު ސިއްހީ މަރުކަޒުން ވަނީ މައުލޫމާތު ދީފައެވެ. މިތަނުން އެސްޓީއޯގެ ބޭސްފިހާރައިގެ ހިދުމަތްވެސް އަންނަނީ ދެމުންނެވެ.

އެހެން ރަށްތަކެކޭ ވެސް އެއްފަދައިން ހޯރަފުއްޓަކީ 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ރަށެކެވެ. މިރަށަކީ ހއ އަތޮޅުގެ ރަށްތަކުގެ ނިސްބަތުން މަސްތުވާތަކެތީގެ މައްސަލަތައް ގިނަ ރަށެކެވެ. ރަށު ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ އަކީ މިހާރު އެރަށަށް ދިމާވެފައިވާ ކަންބޮޑުވާން ޖެހޭ ވަރުގެ ބޮޑު މައްސަލައެއް ކަމަށެވެ. ޒަމާނީ ފެންވަރުގެ ފުލުހުންގެ މަރުކަޒެއް ގާއިމު ކުރެވިފައިވާ މިރަށުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުންދެ އެވެ. މަސްތުވާތީކެ މައްސަލަ ރަށުގައި އޮތް ނަމަވެސް، އެއާއި ގުޅިގެން އަންނަ ވައްކަމާއި މާރާމާރީފަދަ އެހެނިހެން ކުށްތައް ރަށުގައި މަދުކަމަށްވެސް ކައުންސިލުން މައުލޫމާތު ދިނެވެ.

ހޯރަފުށްޓަކީ ނޫސްވެރިކަމާއި މީޑިއާއިން ވަރަށް ގިނަ ފަންނުވެރިން އައިސްފައިވާ ރަށެއްކަން ވެސް ފާހަނގަ ކޮށްލެވެއެވެ. މިގޮތުން ހޯރަފުށި މުހައްމަދު ސަލީމް، މުދުލު މުހައްމަދު ވަހީދު އަދި ހޯރަފުށި އިބްރަހިމް ހަލީލް ފަދަ ބޭފުޅުންނަކީ މުޅި ރާއްޖެއިން ފާހަގަ ކޮށްލެވޭ ބޭފުޅުންނެވެ. މިރަށަކީ ޅެންވެރި ކަމާއި އަދަބިއްޔާތުގެ މީހުންވެސް ގިނަ ރަށެކެވެ. އަދި މީގެ އިތުރުން މިރަށަކީ ބަސްމޮށުން ތެރި ކަމަށްވެސް ލޯބި ކުރާ މީހުންތަކެއް ގިނަ ރަށެއް ކަމުގައި ފާހަނގަ ކުރެއެވެ.

ހއ. ހޯރަފުށި މަތިން ނަގާފައިވާ ފޮޓޯއެއް - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

 

މި ރަށަކީ ކުރީ ޒަމާނުންސުރެ އަތްތެރި މަސައްކަތް ކުރުމުގައި ފާހަގަ ކޮށްލެވޭ ރަށެކެވެ. މަޑު މަޑުން މި މަސައްކަތް ފަނޑުވަމުން ދިޔަ ކަމުގައި ވީ ނަމަވެސް ފަންނުވެރިން ތަކެއް އަދި ވެސް މަދުން ނަމަވެސް މިރަށުގައި ތިބިކަން ފާހަނގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމިގިލީ މީހާ

    ހޯރަފުށީ ފަންކާ.

    3
    2
    • ނޫސްވެރިޔާ

      ކަޑަވޭދޯ؟؟ އެއީ އިންވެންޝަންއެއް.. ފިޒިކްސްގެ މޮމެންޓަމް ތިއަރީ އެޕްލައިކޮށްގެން ހެދި އެއްޗެއް އޭރު ފަންކާ އެއް ދުށް މީހަކުވެސް މިރާއްޖޭގަ ނެތް.. އެއިން ވައިޖައްސައިގެން އަމީންދީދީ މާލެ ވަޑައިގަތީ.. ދިރާސާކޮށްލާ ތޯތޯ ވާހަކަ ނުކިޔާ.. ވަގުތުން ޖަހާނެ ތަފްސީލީ ރިޕޯޓެއް މަޑުކޮށްލާ ކިޔާލަން..

      3
      1
  2. ދިއްދޫސޮރު

    63.4 ހެކްޓަރުގެ ތެރެއަށް އެއަރޕޯޓަށް ހިއްކި 34 ހެކްޓަރާއި ގުދުރަތީ ގޮތުން ގުޅިފަ އޮތް އެހެންރަށެއް ވައްދާފަ ބޮޑުކޮށްދީފަ އޮތީ މިސަރުކާރުން.. ތިޔަ ރަށު މީހުން ސަރުކާރަށް ކައުންސިލު މެޖޯރިޓީ ނުދީފިއްޔާ ދެން އެއްކަމެއްވެސް ކޮށްދޭނެކަމެއް ނެތް.

    5
    6
  3. ފަންކާ

    މެމްބަރު ސަލީމް

    3
    4
  4. ދިވެހިން

    ކޮބާ ފަރީދާ