(ހއ. ދިއްދޫ) އެއީ ތިން ކޮޓަރި އާއި ބަދިގެއަކާއި ސިޓިން ރޫމް ހުންނަ ހައުސިން ޔުނިޓެކެވެ. ފަސް މީހުންގެ އާއިލާއަކަށް ހަމަޖެހިލައިގެން ދިރިއުޅޭ ފެންވަރަށް ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން އެއް ޔުނިޓެވެ. އެ ހައުސިން ޔުނިޓްތައް ހުންނަ ސަރަހައްދު ވަރަށް ހިތްގައިމެވެ.
ބަލާލަން ކިތަންމެ ހިތްގައިމު ކަމުގައި ވިޔަސް، އެ ތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާއެއް އެބައޮތެވެ.
"އެ ސަރަހައްދަށް ވަދެގެން ގޮސް އެއް ބްލޮކް ވަށައިގެން ސައިކަލުގައި ބުރެއް ޖަހާލާފައި އަނެއް ބްލޮކަށް ދެވުނު ތަނާ އެންމެން ތިބީ ބޭރުގައި. އަޅުގަނޑަށް ސިފަވީ މީޑިއާ ބަޔަކު އެތަނަށް ގޮސް އުޅޭތީ އެމީހުން އެ މަންޒަރު ބަލާލަން ނުކުތީ ކަމަށް. ނަމަވެސް ފަހުން އެނގުނީ އެއީ ޝަކުވާ ކުރަން ތިބި މީހުންކަން" ހައުސިން ޔުނިޓް ހުރި ސަރަހައްދަށް ދިޔަ ނޫސްވެރިޔަކު އެ ސަރަހައްދު ސިފަކޮށްދިނެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ހަދަން ފަށައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމައި ހަވާލު ކުރި ދިއްދޫ 250 ހައުސިން ޔުނިޓްތަކުގައި މީހުން ދިރިއުޅެން ފެށިތާ ގާތްގަނޑަކަށް 3-4 އަހަރު ވެދާނެއެވެ. އެތަނަށް މީހުން ބަދަލުވިއިރު، ތަނުގައި ގިނަ މައްސަލަތަކެއް ހުއްޓެވެ.
އޭރު ރައީސް ޔާމީންގެ ސަރުކާރުން މެއިންޓެނެންސް އަށް ފައިސާ ނުދޭތީ މި ސަރުކާރުން ވެރިކަމަށް އައިސް ކޮންމެ ފެލްޓަކަށް މަރާމާތު ކުރުމަށް ވަނީ ފައިސާ ދީފައެވެ. ބައެއް ފްލެޓުވެރިންނަށް 75،000 ރުފިޔާ ދިން އިރު ބޮޑެތި ގެއްލުންތައް ވެފައި ހުރި ފްލެޓުތަކަށް 110،000 ރުފިޔާ ވަރު ދީފައިވެއެވެ.
ފްލެޓްތަކަށް މީހުން ބަދަލުވިތާ ގާތްގަނޑަކަށް 3-4 އަހަރު ވެފައިވާއިރު، އެ ސަރަހައްދަށް ވަދެގެން ދިޔައިރު އެމީހުންގެ ޝަކުވާތައް ވަނީ އަޑުއިވިފައެވެ. އެކަންކަން ހައްލު ކުރުމަށް ކަމާބެހޭ އިދާރާތަކުގައި އެދުނު ނަމަވެސް އެކަމަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.
ފްލެޓްވެރިންގެ ޝަކުވާތައް!
"ބޭރުން އަސްލު ބަލާލި އިރު، ފެނިގެން ދިޔައީ ރީތި މަންޒަރެއް. ބަލާ ބެލުމަށް އެތަނުގައި ދިރިއުޅޭ މީހުންވެސް ތިބޭނީ ހިތް ހަމަ ޖެހިގެން އުފަލުގައި ކަމަށް ހީވި. އެކަމަކު ގޮސް ވާހަކަ ދައްކާލުމުން ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހިފަ ތިބި ކަން އެނގުނު" ނޫސްވެރިއަކު ކިޔައި ދިނެވެ.
ސަރުކާރުން އެތަނުގައި ދިރިއުޅޭ މީހުންނަށް ފްލެޓް ހަވާލު ކޮށްފައިވަނީ 20 އަހަރަށް ކޮންމެ މަހެއްގައި މެއިންޓެނެންސް ފީ އާއި އެކު 2،500 ރުފިޔާ ދައްކާ ހަލާސް ކުރާ ގޮތަށެވެ. ނަމަވެސް ބައެއް ކަހަލަ މައްސަލަތައް ހުރުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ 2،500 ރުފިޔާއަކީ ވެސް ބޮޑު އަދަދެއް ކަމަށް ބުނެފައެވެ.
އެ ސަރަހައްދަކީ މީހުން ދިރިއުޅޭ ސަރަހައްދާއި ފިހާރަތަކާއި މިސްކިތްތަކާއި ދުރު ހިސާބެއްގައި އޮންނަ ސަރަހައްދެއް ކަމުން އެންމެ ގިނަ މީހުން ޝަކުވާ ކުރަމުން އަންނަނީ މިސްކިތެއް ނެތުމުންނެވެ.
އެ ފަރާތްތަކުން ވަނީ އެ ސަރަހައްދުގައި މިސްކިތެއް އެޅުމަށް ކައުންސިލްގެ ބޭފުޅުންގެ ކައިރީ ވަރަށް ގިނައިން އެދިފައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން ކޮށްދެވިފައި ނުވާތީ ރައްޔިތުން އަންނަނީ ސަރުކާރަށާއި ކައުންސިލަށް ފާޑު ކިޔަމުންނެވެ.
"ބުނި ވަގުތީ މިސްކިތެއް އަޅާނަމޭ. ހަމަ އެކަނި މިހާރަކު ނޫން ކުރިންވެސް ބުނި.، މި ފްލެޓްތަކަށް އައިތާ ދެ ވަނަ އަހަރު. ބުނެލައިގެން މިއުޅެނީ. އަދި އެމީހުން ނުވެގެން އެ އުޅެނީ. ވަގުތީ މިސްކިތް އަޅާ ވާހަކަ ބުނީ" ފްލެޓްގައި ދިރިއުޅޭތާ ތިން އަހަރު ވެފައިވާ މީހަކު ބުންޏެވެ.
އެ ސަރައްދުގައި މިސްކިތެއް ނެތުމުން މީގެކުރީ ރަމަޟާން މަސްތަކުގައި ބަންގި ގޮވައިފިތޯ ބަލަނީ އެހެން މީހުންނަށް ގުޅައިގެން ކަމަށް އޭނާ ބުންޏެވެ. މިފަހަރުގެ ރަމަޟާން މަސް ވެސް ބައްދަލު ކުރިއިރު، އަމަލު ކުރަން ޖެހިފައި ވަނީ ކުރިން ހަމަ ކަންތައް ކުރި ގޮތަށެވެ.
ބައެއް ފްލެޓްތަކުގައި ހަމައެކަނި އާއިލާއެއް ދިރިއުޅޭ އިރު، ކުދިން ސްކޫލަށް ފޮނުވާ ގޮތަށް ދަތުރުފަތުރުގެ ނިޒާމެއް ނެތުމަކީ ވެސް އާންމުންގެ ޝަކުވާއެކެވެ.
"ތަނެއްގަ ވެއްޖެއްޔާ މައްސަލަ ހުންނާނެ. އެކަމަކު ބައެއް ކަހަލަ ހިދުމަތް ހޯދާ ތަންތަނާއި ދުރުގައި މިކަހަލަ ތަނެއް އަޅާއިރު، މިތަނުގައި ތިބޭ މީހުންނަށް ފަސޭހަވާނެ ގޮތެއް ވޭތޯ ބަލަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ" ފްލެޓުން ދިމާވި މީހަކު ބުންޏެވެ.
ދެން މި ތަންތަނުގައި ތިބޭ މީހުން ކުރަމުން އަންނަ އަނެއް ޝަކުވާއަކީ އައްޑޫސިޓީ ހިތަދޫ ފްލެޓްއާއި ފުވައްމުލަކު ފްލެޓްތަކުގައި އުޅެމުން އަންނަ މީހުން ވެސް ކުރަމުން އަންނަ ފެނުގެ ޝަކުވާއެވެ. އެތަނުން ގިނަ މީހުން ބޭނުން ކުރަމުން އަންނަނީ ސަޕްލައި ފެނެއެވެ. އެއީ ވަޅު ފެނުގައި ނުބައި ވަހެއް ހުރުމުންނެވެ.
ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ މިމައްސަލައަށް ހައްލެއް ލިބިފައި ނެތީމައެވެ.
ކައުންސިލުން އަންނަނީ އެކަންކަން ކައިރިން ބަލަމުން!؟
ފްލެޓްތަކުގައި މައްސަލަ އުޅޭ ވާހަކަ އަކީ ކައުންސިލަށް ވެސް އިވިފައިވާ ޝަކުވާއެއް ކަމަށް ދިއްދޫ ކައުންސިލުން ވަނީ ހާމަ ކޮށްފައެވެ. އެގޮތުން ދިއްދޫ ކައުންސިލަރު ޒުހުރާ ވަނީ ފްލެޓްތައް ރައްޔިތުންނާ ހަވާލު ކުރިއިރު، ބައެއް ތަންތަނުގައި މައްސަލަތަކެއް ހުރެގެން ޝަކުވާތައް ހުށަހެޅުނު ކަމަށް ވިދާޅުވެފައެވެ. އަދި އެކަންކަން ކައުންސިލުން ބަލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޝަކުވާއެއް ގޮތަށް މިހާރު އެ ބޭފުޅުންނަށް އެންމެ ދަތިވާ ކަމަކަށް މިހާރު މި އޮންނަނީ ފްލެޓްތަކުގެ މަގުތައް. އެއީ ފަސްބޯ ވުމުގެ ސަބަބުން. އެކަން ހައްލު ކުރުމަށް ސަރުކާރުން ވަނީ ޕްލޭނެއް ކޮށްފައި" ޒުހުރާ ވިދާޅުވިއެވެ.
އެންމެ ބޮޑު ޝަކުވާއަކަށް އަންނަނީ އެ ސަރަހައްދުގައި މިސްކިތެއް ނެތުންކަން ޒުހުރާ ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ. އެގޮތުން މަގުމަތިން ފެންނައިރު، މަޑު ކުރުވާފައި ވަގުތީ މިސްކިތެއް ނަމަވެސް އަޅައިދޭން ބައެއް މީހުން އެދެމުންދާ ކަމަށް ވިދާޅުވިއެވެ. ޒުހުރާގެ ވެސް އުންމީދަކީ ކައިރި މުސްތަގުބަލެއްގައި ވަގުތީ މިސްކިތެއް އެތަނުގައި އެޅުމެވެ.
ރައްޔިތުންގެ އުއްމީދު!
ފޮނި އުއްމީދަކާ އެކީ ފްލެޓްތަކަށް ވަންނަ އިރު، މިފަދަ ކަންކަން ހައްލުނުވެ ހުރުމަކީ ރައްޔިތުން ނުހަނު ދެރަވާ ކަމެކެވެ. ކޮންމެ ރައްޔިތަކު ވެސް ބޭނުން ވާނީ ހިތްހަމަ ޖެހިގެން އެފަދަ މައްސަލައެއް ކުރިމަތި ނުވެ އުޅެވޭނެ ކަހަލަ މާހައުލެކެވެ. ނަމަވެސް މިއަދު ފެނިގެން މިދަނީ އެ ހުރިހާ ރައްޔިތުންގެ މޫނުމަތިން މާޔޫސްކަމެވެ.
"އުއްމީދަކީ މިތަންތަނުގައި ފިހާރަ އެޅިގެން ދިއުމާއި މިސްކިތް އެޅިގެން ދިއުމާއި މަގުތަކުގައި ތާރު އެޅުން. ދައްތަމެންގެ އުއްމީދު ވަރަށް އެބައޮތް. ސަރުކާރުން މިތަނުގައި ބޮޑެތި ހިޔާ ހޯދުމަށް ގަސްތައް އިންދަންވެސް ބޭނުން. މިއީ ވަރަށް ހޫނު ގަދަ ތަނެއް" ފްލެޓުން ދިމާވި މީހަކު ބުންޏެވެ.
މިސްކިތްތަކަކީ، މިބިމުގައިވާ ސުވަރުގެތަކެވެ. ޖަމާޢަތުގައި ކުރާ ނަމާދުގެ ދަރުމަ 27 ގުނައިތުރެވެ. އެހެން އުންމަތަތަކާއި ޚިލާފަށް މިއުންމަތުގައި އެމީހަކު ހުރިތަނެއްގައި ނަމާދުކުރެވެއެވެ. މިސްކިތެއް ނެތަސް ނަމާދުނުކޮށް ނުތިބެވޭނެއެވެ.
ބޯހިޔާވަހި ކަމަކީ ސަރުކާރުން "ހިލޭ" ފޯރުކޮށްދޭން ޖެހޭ އަސާސީ ޙައްޤެއް.. ރާއްޖެތެރެ ވިޔަސް މާލެ ވިޔަސް ކަން އޮންނަން ޖެހެނީ މިގޮތަށް.. މި ޤައުމަކީ 4 ލައްކަ އާބާދީއެއް އޮތް ޤައުމެއް.. ރައްޔިތުން ފެލައިގެން ޤައުމު ހިންގާކަށް ނުޖެހޭ.. ހިންގަން ނޭނގޭންޏާ އެނގޭ ބަޔަކާ ޙަވާލުކުރަންވީ..
ހިތް ފުރޭ ބަޔެއް ނޫންކަން އިނގިއްޖެ.. އަހަންނަކީ ވެސް ހއ އަތޮޅުގެ މީހެއް.. އެހެންވީމާ ތިބައިބައިގަނޑުގެ ފޮނިވަރު އިނގޭ..
2500 ރުފިޔާ އެއީ ބޮޑުއެއްޗެއް ނޫން ބޮޑު މަހަލެއް ވަރު ފްލެޓަކަށް!