ތިލަދުންމަތީ އުތުރުބުރީގައި މީހުން ދިރިއުޅެމުންދާ ގުދުރަތީ ރީތި ބޮޑެތި ރަށްރަށުގެ ތެރެއިން ފިއްލަދޫއަކީ ފާހަގަކުރެވޭ ރަށެކެވެ. ފެންތިލަ، ކަނޑޫފަލާއި ޗަސްބިންތައް ވަށައިގެން އޮތް މި ރަށަކީ ތަފާތު ރަށެކެވެ. ގުދުރަތީ އެތައް ވަސީލަތެއް އޮތަސް އޭގެ އިގްތިސާދީ ފައިދާއެއް މި ރަށު ރައްޔިތުންނަށް ނުލިބެއެވެ. މި ކަން ނުވެ އޮތީ އެ ކަން ކުރާނެ ގޮތުގެ ވިސްނުމުގެ ބަޔަކު ނެތީމަ ހެއްޔެވެ؟
އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމް އާއި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އިރުޝާދު ގަބޫލު ކުރައްވާ ގޮތުގައި މި ކަންކަން ނުވެ އޮތީ އެ ކަމަށް ސަރުކާރަކަށް އެއްބާރުލުން ދޭނެ ބަޔަކު ރަށު ހިންގުމާ ހަވާލުވެ ނެތުމުންނެވެ.
ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރާ ކޮމިޓީތައް ނުވަތަ ރ.ކ ކޮމިޓީތައް ރަށްރަށުގައި އޮތް ދުވަސްވަރުން ފެށިގެން ރަށަށް އިޖްތިމާއީ ގޮތުން އެކި ޙަރަކާތްތައް ހިންގެވުމުގައި އިސްކޮށް އުޅުއްވި އިރުޝާދު އަބަދުވެސް ފިއްލަދޫގެ ތަރައްގީ އަށް ތަސައްވުރެއް ގެންގުޅުއްވައެވެ. ފިއްލަދޫއަކީ މިއަށްވުރެ މާ ފާގަތި އިގްތިސާދަކާއި ދުޅަހެޔޮ މުޖުތަމައެއް ގެނެވޭނެ ރަށެއް ކަމަށް އިރުޝާދު ގަބޫލު ކުރައްވައެވެ.
ދަނޑުވެރިކަން ފުޅާ ކުރުން؛ ފިއްލަދޫ ފަޅޯ މާކެޓް ކުރުން
އާމްދަނީ ހޯދުމަށްޓަކައި ފިއްލަދޫގެ ރައްޔިތުން އާންމު ގޮތެއްގައި ކުރާ މަސައްކަތަކީ ދަނޑުވެރިކަމެވެ. އެކަމަކު ދަނޑުވެރިންގެ ކަންބޮޑުވުންތައް އެތައް ކަމެއްގައި އެބަ އޮތެވެ. އިރުޝާދު ގަބޫލު ކުރައްވާ ގޮތުގައި އެއީ މާ ގިނަ މަސަައްކަތްތަކެއް ނުކޮށް ވެސް ޙައްލު ކުރެވިދާނެ ކަންކަމެވެ.
ދަނޑު ބިންތަކުގެ ފެން ލޮނު ވުމުގެ މައްސަލައަކީ ދަނޑުވެރިންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. މި މައްސަލަ ޙައްލު ކުރުމަށް ޓަކައި ބޭނުންވާ މެޝިންތަކަކީ މާ އަގު ބޮޑު މެޝިންތަކެއް ނޫނެވެ. ކައުންސިލަށް ލިބޭ ބަޖެޓުން ވެސް އެ ތަކެތި ހޯދައި ފެނުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އިރުޝާދު ވިދާޅުވެއެވެ.
ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތަކުގެ އިތުރުން ކުކުޅާއި ހާ އާލާކޮށް ގެންގުޅެ އެއިން އާމްދަނީ ލިބޭނެ މަގުތަކެއް ހަމަޖައްސައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދަނޑުވެރިންނަށް ފެނުގެ ޚިދުމަތް ވެސް ފޯރުކޮށްދެވޭނެ، ކަރަންޓުގެ ޚިދުމަތް ވެސް ފޯރުކޮށްދެވޭނެ، ސައުވީސް ގަޑިއިރު ތެރޭ ކޮންމެ ވަގުތެއްގައި ވެސް ދަނޑުވެރިންނަށް މަސައްކަތް ކުރެވެން ޖެހޭނެ،" އިރުޝާދު ވިދާޅުވިއެވެ.

ފިއްލަދޫ ދަނޑުވެރިންގެ އުފެއްދުން މާކެޓްކޮށް ވިއްކުމަށްޓަކައި އެންމެ ފަސޭހައިން އުފެއްދޭ ތަކެތި ރާއްޖެއަށް މާކެޓް ކުރަން ޖެހޭ ކަމަށް އިރުޝާދު ގަބޫލު ކުރައްވައެވެ. މި ގޮތުން "ފިއްލަދޫ ފަޅޯ" މާކެޓް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި ފަދަ ރަށްރަށާއި، ކައިރި ރިސޯޓްތަކަށް ވެސް ފަޅޯ މާކެޓު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު ދަނޑުވެރިއަކަށް ދޫކުރާ 5،000 އަކަ ފޫޓުގެ ބިމަކީ ކުޑަ ސަރަހައްދެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޕީޕީއެމްގެ މެޖޯރިޓީ ކައުންސިލެއްގައި ދަނޑުވެރިއަކަށް އެންމެ ކުޑަ މިނުން 10،000 އަކަ ފޫޓު ލިބޭ ގޮތަށް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަތުރުވެރިކަން ގެނެވޭނެ؛ އަންނަން ޖެހޭ ސަބަބުތައް އެބަ ހުރި
އިރުޝާދު ގަބޫލު ކުރައްވާ ގޮތުގައި ފިއްލަދޫއަށް ފަތުރުވެރިކަން ނައިސް އޮތީ މީގެކުރިން އޮތް ކައުންސިލްތަކުގެ އިހުމާލުންނެވެ. ސަރުކާރަކުން މަސައްކަތް ކުރި ނަމަވެސް އެކަމަށް އެކަށޭނަ އެއްބާރުލުން ވެސް ނުލިބެއެވެ. ފިއްލަދޫއާ ކައިރީގައި އޮންނަ "ޝިޕް ރެކް" ގެ އިގްތިސާދީ ފައިދާ ވެސް އެ ރަށު ރައްޔިތުންނަށް ވުރެ ބޮޑަށް އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުން ބޭނުން ކުރާ ކަމުގައި އިރުޝާދު ވިދާޅުވިއެވެ.
ފިއްލަދޫއަށް ފަތުރުވެރިކަން ގެނެވޭނެ ކަމުގައި އިރުޝާދު ދެކެވަޑައިގަންނަވައެވެ. އެ ކަން ކުރާނެ ގޮތުގެ ވިސްނުމެއް ވެސް އެބަ އޮތެވެ. އިރުޝާދު ވިދާޅުވާ ގޮތުގައި "ޝިޕްރެކް" ގެ އިތުރުން ފިއްލަދޫއިން ދައްޕަރަށް ދެވެން އޮންނަ މަގުގެ ދޮންވެލިގަނޑަކީ ރީތި ދޮންވެލިގަނޑެކެވެ. ފަތުރުވެރިންނަށް މި މާކެޓް ކުރަން ޖެހެއެވެ. އަދި މޫދު ކުޅިވަރު ފަދަ ހަރަކާތްތައް އިތުުރުކޮށް ފަތުރުވެރިކަމުގެ ވިޔަފާރި ފިއްލަދޫގައި ވެސް ފުޅާ ކުރެވޭނެ ކަމަށް އިރުޝާދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވިސްނުމެއް އެބަ އޮތް ފިއްލަދޫގައި ގެސްޓް ހައުސް ވިލެޖެއް ތަރައްގީ ކުރެވޭނެ ކަމަށް، މި ސަރަޙައްދުގައި ގެސްޓް ހައުސް ވިޔަފާރިތައް ފަށާ އެ ވިލެޖް ވާނީ ހަމަ ކުޑަކުޑަ ރިސޯޓްއަކަށް، އެ ރިސޯޓް ވިޔަފާރި އަޅުގަނޑުމެން ފަށާނީ ފިއްލަދޫ ރައްޔިތުންގެ ޚިއްސާ އޭގައި އޮންނަ ގޮތަށް،" އިރުޝާދު ވިދާޅުވިއެވެ.

ރަނގަޅު ގޮތުގައި ރަށުގެ ބިންތައް ޕްލޭން ކުރުން
ޕީޕީއެމް އާއި ޕީއެންސީގެ ސްޓިއަރިން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިރުޝާދު ވިދާޅުވި ގޮތުގައި ފިއްލަދޫގެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމެއް ވެސް މިހާތަނަށް އައި ކައުންސިލްތަކުގައި ނެތް ކަމަށެވެ. ރަށް ރަށުގައި ސިނާއީ މަސައްކަތްތައް މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކުރިއަށް ގެންދާ ގޮތުގެ ވިސްނުމަކީ ޕީޕީއެމްގެ ސަރުކާރުގެ ވިސްނުމެއް ކަން ފާހަގަކުރައްވައި ފިއްލަދޫގައި ސިނާއީ މަސައްކަތް ކުރަން ޚާއްސަ ސަރަހައްދުތައް ކަނޑައެޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ފިއްލަދޫގައި އެންމެނަށް ވެސް ފާހަގަކުރެވޭ ގޮތަށް ރުށް ކީހައިގެން އޭގެ ލަކުޑި ވިއްކުމުގެ ވިޔަފާރި ކޮށް އުޅުނު، މިހާރު ވެސް ރަށުގައި އެ މަސައްކަތް ބަޔަކު ވެގެން އެބަ ކުރޭ، ބަޔަކު ގުޅިގެން އެއް ފަރާތަކުން އޭގަ އިސްކޮށް މި އުޅެނީ، މި ވިޔަފާރިތައް ވެސް އިތުރަށް ފުޅާކޮށް، ރަށުގެ ބިން ޕްލޭން ކުރެވޭއިރު، އެ ކަމަށް ވެސް ޚާއްސަ ސަރަޙައްދުތަކެއް ކަނޑައެޅޭނެ،" އިރުޝާދު ވިދާޅުވިއެވެ.

ދައްޕަރަކީ ފިއްލަދޫގެ ބަޔަކަށް އަލުން އަނބުރާ ހަދާނަން
ހއ. ފިއްލަދޫއަކީ ގުދުރަތީ ގޮތުން އުފެދިފައި އޮންނަ ތަފާތު ރަށެކެވެ. ގުދުރަތީ ގޮތުން އުފެދިފައި އޮންނަ ގޮތުން މެދުތެރޭގައި އޮންނަނީ ހަނި ދިގު މަގެކެވެ. އެ މަގުން ގޮސް ރަށުގެ އުތުރަށް އޮންނަނީ "ދައްޕަރު" ކިޔާ މީހުން ދިރިނޫޅޭ ފުޅާ ސަަރަޙައްދެކެވެ. ފެށުނީއްސުރެން ވަކި ރަށެއްގެ ގޮތުގައި އެ ރަށް ކިޔައި އުޅޭއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރިސޯޓެއްގެ ގޮތުގައި ބޭނުން ކުރަން އެ ރަށް ކަނޑައެޅިއެވެ.
އިރުޝާދު ވިދާޅުވި ގޮތުގައި ދައްޕަރަކީ ހަމަ ފިއްލަދޫގެ ބައެކެވެ. މިއީ އެއް ފަސްގަނޑެކެވެ. އެއީ ވަކި ރަށަކަށް ވާން ޖެހޭނެ ހަމައެއް ނެތެވެ. އެ ރަށުގައިވާ ތާރީޚީ ބިނާތަކާއި ރަށުގެ ގުދުރަތީ ވަސީލަތްތަކާ މެދު ގޮތެއް ނިންމާނީ ފިއްލަދޫގެ ރައްޔިތުންނެވެ. އޭގެ ފައިދާ ފުރަތަމަ ލިބޭ ބަޔަކަށް ވެސް ވާން ޖެހޭނީ ފިއްލަދޫގެ ރައްޔިތުންނެވެ. އެ ރަށް އޮންނަން ވާނީ ފިއްލަދޫގެ އިޙްތިސާސްގެ ތެރޭގައި ކަމަށް އިރުޝާދު ގަބޫލު ކުރައްވައެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ގެނެސް ރަށްރަށުގެ އިޙްތިސާސްގައި ކައިރި ރަށްރަށް ކަނޑައަޅައިނަމަ ގާނޫނު އެ ދަންނަ ރޫޙާ އެއް ގޮތަށް އަމަލު ކުރުމަށް ޓަކައި ވެސް ފިއްލަދޫގެ ބަޔަކަށް ދައްޕަރު ހަމަޖައްސަން ޖެހޭނެ ކަމަށް އިރުޝާދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެ ފަހު ވަގުތާ ހަމައަށް ވެސް ވަކާލާތު ކުރާނީ، އަޑު އުފުލާނީ، މަސައްކަތް ކުރާނީ، އަލުން އަނބުރާ، ދައްޕަރަކީ ފިއްލަދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅަން،" އިރުޝާދު ވިދާޅުވިއެވެ.