ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމަކުން ހިންގުމުގެ ޤާނޫނު ވުޖޫދަށް އައިސް އަތޮޅު ސަރުކާރާއި ރަށު ސަރުކާރުގެ ނިޒާމު ތަންފީޒު ކުރާނެ މޮޑެލްތައް ގެނައުމުގައި އިސް ދައުރެއް އަދާކުރިއެވެ. ރަށްރަށުގައި ލާމަރުކަޒީ ނިޒާމާއިމެދު ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމުގައި ވެސް އޭރު އިސްކޮށް އުޅުނު ޙަސަން ރިޒާއަކީ ވެރިރަށް މާލެއަށް ބަރޯސާވުމުގެ ސަޤާފަތް ނިމުމަކަށް ގެނައުމުގެ އުއްމީދެއްގައި ހުންނެވި ބޭފުޅެކެވެ.

2011 ވަނަ އަހަރު އެލްޖީއޭ މެދުވެރިކޮށް ރަށްރަށުގެ ކައުންސިލްތަކަށް ހިންގި ޕްރޮގްރާމްތަކުގައި އިސްކޮށް އުޅުއްވުމުގެ އިތުރުން އޭރު މާރަންދޫ ކައުންސިލްގެ ރައީސްގެ މަޤާމު ފުރުއްވި ރިޒާ އަނެއްކާ ވެސް ކައުންސިލްގެ ރައީސްގެ މަޤާމަށް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށެވެ. އެ މަޤާމަށް އަނެއްކާ ވެސް ކުރިމަތިލާން ނިންމީ އަސާސީ ޚިދުމަތްތަކަށް ވެރިރަށް މާލެއަށް ބަރޯސާވުމުގެ ސަޤާފަތް ނިމުމަކަށް ގެނައުމަށެވެ.

ރަށު ސަރުކާރުގެ ނަމޫނާއެއް މާރަންދޫގައި ތަންފީޒު ކުރާނެ!

ޝަރުއީ އަދި ޤާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީއާ ހަމައަށް ތައުލީމް ހާސިލް ކުރައްވާފައިވާ ރިޒާ ވިދާޅުވީ، މާރަންދޫގައި މީގެ ކުރިން ވެސް ޤާއިމް ކުރެވުނު އެމްޑީޕީ ކައުންސިލަކީ ރަށު ސަރުކާރެކެވެ. އެމްޑީޕީއިން އިސްވެ އޭރު ރަށްރަށުގައި އެކަން ތަންފީޒު ކުރާނެ ގޮތުގެ އެކި ޕްރޮގްރާމް ވެސް ހިންގިއެވެ. އަނެއްކާ ވެސް އެ ޕާޓީއިން ނުކުތީ އެ މަސައްކަތް ކުރުމަށެވެ. އަދި ކެންޑިޑޭޓުންނަކީ ތަޖުރިބާއާއި ތައުލީމު ހުރި ބޭފުޅުން ކަމަށް ވިދާޅުވިއެވެ.

މި ގޮތުން ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލާ އަޙްމަދު ރަމީޒަކީ އިސްލާމީ އަދި އިޖްތިމާއީ ކަންކަމަށް ޚާއްސަ ކައުންސިލަރު ކަމަށް ރިޒާ ވިދާޅުވިއެވެ. މެންބަރު ކަމަށް ވާދަކުރައްވާ ޒީނިޔާ ވާނީ ފިނޭންސްގެ ކަންކަމަށް ޚާއްސަ ކައުންސިލަރަށެވެ. ޢަފީފާ ޚާލިދުއަކީ ތަޢުލީމާއި ޞިއްޚީ ކަންކަމަށް ޚާއްސަ ކައުންސިލަރު ކަމަށް ވިދާޅުވިއެވެ. އަދި ރަށު ކައުންސިލްގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުޙައްމަދު އިބްރާޙިމްއަކީ މުނިސިޕަލް ޚިދުމަތްތަކަށް ޚާއްސަ ކުރާނެ ކައުންސިލަރެވެ.

މާރަންދޫ ކައުންސިލް ރައީސް ކަމަސް ކުރިމަތިލި ކެންޑިޑޭޓް؛- ވަގުތު އިމޭޖަސް؛- މުހައްމަދު އަފްޒަލް

މި ވިސްނުމުގައި ލާމަރުކަޒީ ނިޒާމު މާރަންދޫގައި ތަންފީޒު ކުރެވޭނީ އެމްޑީޕީއަށް ކަމަށް ރިޒާ ވިދާޅުވިއެވެ. ދެން ތިބި ކެންޑިޑޭޓުންނަށް މި ނިޒާމު ހިންގާނެ ވިސްނުމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ނޫނީ ފުރުސަތު ދޭން ޖެހޭ ސަބަބެއް ނެތް ކަމުގައި ރިޒާ ވިދާޅުވިއެވެ.

"ކޮންމެ އަސާސީ ޚިދުމަތަކަށް މި ބަރޯސާ ވާން ޖެހެނީ މާލެއަށް، މިއީ އަޅުގަނޑުމެންނަށް އޮތް ހަމައެކަނި އިޚްތިޔާރު ކަމުގައި ޤަބޫލެއް ނުކުރަން، އަޅުގަނޑުމެން މާރަންދޫގައި ތިބެގެން ވެސް މަތީ ތައުލީމު ލިބެން ޖެހޭނެ، އެކަން ވާން އޮންނާނީ ރަށު ސަރުކާރެއް މި މާރަންދޫގައި އޮވެގެން، އެ އިންތިޒާމު ދަންނަނީ އަޅުގަނޑުމެން، އެ ކަން ވާނީ ވެސް އަޅުގަނޑުމެންނަށް،" ރިޒާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވި ގޮތުގައި ރަށު ސަރުކާރެއް އުފެދުމުން މާރަންދޫ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ރަށް ނޫނީ ރަށް ކައިރިން ލިބޭނެ ގޮތްތައް ހަމަޖެހޭނެއެވެ. މި ގޮތުން ތައުލީމާއި ސިއްޚީ ޚިދުމަތުގެ އެންމެ އަސާސީ ޚިދުމަތްތައް ގެނެވޭނެ ކަމަށެވެ. އަދި ބޮޑު ޚިދުމަތްތައް ވެސް ފަސޭހައިން ރަށު ރައްޔިތުންނަށް ލިބޭނެ އިންތިޒާމުތައް ގެނެވޭނެއެވެ.

އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުން

ރިޒާ ވިދާޅުވީ މާރަންދޫގައި ޙާސިލް ކުރަން ބޭނުންވާ ވަރަށް ގިނަ ކަންކަން އެބަ ހުރި ކަމަށެވެ. ދިހަ ދާއިރާއަކަށް އަމާޒު ކުރެވިގެން ދިގު މުއްދަތަކަށް މާރަންދޫ ތަރައްޤީ ކުރުމުގެ ތަޞައްވުރެެއް އެބަ އޮތް ކަމަށެވެ. އެކަމަކު މި ވަގުތަށް ކުރަން އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ރިޒާ ފާހަގަކުރައްވަނީ މާރަންދޫގައި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމެވެ.

މި ގޮތުން މާރަންދޫގެ ރައްޔިތުންނަށް އަމާޒުކޮށް ލައިފް ސްކިލް އާއި ޕޭރެންޓިން ސްކިލްގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ. މީގެ ބޭނުމަކީ މާރަންދޫ ރައްޔިތުންނަށް ދިރިއުޅުމުގެ އާދަކާދަތައް ބަހައްޓަންވީ ގޮތާއި ޒިންމާދާރު ޖީލެއް ބިނާ ކުރުން ކަމުގައި ރިޒާ ވިދާޅުވެއެވެ. އޭގެ ސަބަބުން އާމްދަނީއެއް ހޯދުމާއި އާއިލާއެއް ބިނާ ކުރުމުގެ މުޙިއްމުކަން ޒުވާނުންނަށް ވިސްނިގެން އަންނާނެއެވެ.

މާރަންދޫއަކީ ކުޅިވަރުގެ ހަރަކާތްތަކަށް ވެސް ލޯބި ކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމުގައި ރިޒާ ފާހަގަކުރެއްވިއެވެ. މީގެ ކުރީގައި ވެސް ރަށުގެ ޒުވާނުންނަށް ކުޅިވަރު ވެސް ކުޅެވޭ ގޮތަށް ޒުވާނުންގެ މަރުކަޒެއް ޤާއިމް ކުރުން ފަދަ މަސައްކަތްތައް ކުރެވުނީ އެމްޑީޕީ މެޖޯރިޓީ ކައުންސިލެއްގައި ކަމަށް ވިދާޅުވިއެވެ. ސްޕޯޓްސް ކޯޗިން ކޭމްޕްތައް އިތުރުކޮށް އެ ދާއިރާއިން ރަށު ޒުވާނުން ކުރިއަށް ދިއުމުގެ ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.

މާރަންދޫ ކައުންސިލް ރައީސް ކަމަސް ކުރިމަތިލި ކެންޑިޑޭޓް؛- ވަގުތު އިމޭޖަސް؛- މުހައްމަދު އަފްޒަލް

މާތްވެގެންވާ އިސްލާމް ދީނުގެ އަޅުކަންތަކާއި ޢިލްމު ކުރިއެރުވުމަށް ވެސް މަސައްކަތްތަކެއް ކުރައްވާނެ ކަމުގައި ރިޒާ ވިދާޅުވިއެވެ. ރަށުގައި ޤުރްއާން ހިތުދަސް ހާފިޒުންނާއި ޤާރީން ތަމްރީން ކުރުމުގެ ގޮތުން ޤުރްއާން ކްލާސްތައް ފުޅާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ހުއްޓުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރަންދޫގައި އިޤްތިޞާދީ ޙަރަކާތްތައް ކުރިއަށް ގެންދެވެން ޖެހޭ ކަން ފާހަގަކުރެއްވިއެވެ. މާރަންދޫގެ އިޤްތިޞާދުގެ ތެރެއަށް ފައިސާ ވަންނަން ޖެހޭނެ ވިސްނުންތަކެއް ރާވަން ޖެހޭ ކަމަށެވެ. އެންމެ މުހިއްމު އެއް މަސައްކަތެއްގެ ގޮތުގައި މާރަންދޫގައި ތަރައްޤީ ކުރެވެން އޮތީ ދަނޑުވެރިކަން ކަން ފާހަގަކުރައްވައި، ދަނޑުވެރިކަމުގެ ކޯސްތައް ވެސް މާރަންދޫގައި ކުރިއަށް ގެންދިއުމަކީ އެއް އަމާޒު ކަމަށް ރިޒާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަރުކާރަށް ފަހު، ވާދަވެރި ފަރާތްތަކުގެ ސަރުކާރުގައި އަޅުގަނޑު އެ ފަރާތްތަކަށް ފުރުސަތު ދީފައި ވަރަށް ސައިލެންޓްކޮށް ހުރިން، އޭގެ ހަތް އަހަރު ފަހުން އަނެއްކާ ވެސް މި އޮތީ އަޅުގަނޑުމެންގެ ސަރުކާރު، ވާދަވެރިންނަށް ނަތީޖާއެއް ނުނެރެދެވުން، ރަށު ސަރުކާރެއް ގެނެސް ނަތީޖާ ނެރެވޭނީ އަޅުގަނޑުމެނަށް،" ރިޒާ ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގެ ވޯޓް ނެގުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސީނު

    އަޖައިބު ރަށު ސަރުކާރެއް ޤާއިމުކުރަން ބުނާއިރު ރަށުގައި ރަގަޅު ތައުލީމެއް ނެތް ސިއްހީ މަރުކަޒެއް ނެތް ސަރުކާރު ހަދައިގެން ބަޑަށް ޖެހޭނީ އިންސާނީ ވަޞީލަތް ކުރިއަރުވަން ތިބުނި ޕްލޭން ތިއޮތީ އެކޮޅު ކޮޅުން ތިބުނާ ގޮތުން ތިރަށު ސަރުކާރުގެ ރައީސަކީ ތިރިޒާ ދެން ހުރީ ފައިނޭންސް މިނިސްޓަރަކާއި ތައުލީމީ މިނިސްޓަރަކާއި އިސްލާމީ އަދި މުނިސިޕަލް އަދި ތިގޮތަށް ކަލޯ ފޮނިކެޑިއަސް ތިކަމެއް ނުވާނެ ބައެއްފަހަރު ހީވޭ ކަލޯ މެން ސަރުކާރު އައީ މިއަދު ހެން ވެސް މިދިޔަ ދެއަހަރު ތިބުނާ ސަރުކާރެއް ނެހެދީ ކީއްވެބާ ގުބޯ ހަމަ ހައްދަންވީ ދެން ތިބީ ޤަމާރުންކަމަށް ވަންޏާ ހީހީ ހަލާކު

    22
    5
  2. ފްލޮޕީޑިސްކް

    ތިޔައޮތީ ލާމަރްކަޒީ ނިޒާމް ރަނގަޅަށް އެނގިފަ. ރީނދޫ ފެނުން ފެންވަރައިގެން ކިޔޭނުކިޔޭ ހާލުގާ ތިބޭ މީހުން ކައުންސިލަށް ކުރިމަތިލީމާ ވާނެގޮތްދެންވިސްނާ ދިވެހިރައްޔިތުން

    19
    3
  3. މޯޑް

    އަދި ކިހާ ދުވަހެއްވާނެބާ ސިޓީ ކަައުންސިލްތަކުންނާއި އަތޮޅު ކައުންސިލްތަކުންނާއި އަދި ރަށު ކައުންސިލްތަކުން ބުނަންފަށަން ނުވަތަ ޑިމާންޑް ކުރަން ފަށަން ނުވަތަ އެއިރަކު އޮންނަ ސަރުކާރަކުން ބުނަންފަށަން ނުވަތަ ޤާނޫނު ހަދާ މަޖިލީހުން ބުނަން މުސްތަޤުބަލް ގައި ދެން ކިޔާނީ ސިޓީ ސަރުކާރޭ، އަތޮޅު ސަރޫކާރޭ އަދި ރަށު ސަރުކާރޭ: އެހެންވީމާ ޤާނޫނު އަސާސީއަށް އިސްލާހު ކުރަން ޖެހެޔޭ މިބަދަލު ގެންނަން. މަގޭ ހިތް ބުނަނީ މާދުރުނޫން މުސްތަޤްބަލެއްގައި ދެން އޮންނާނީ ޤަައުމުގެ މައި ސަރުކާރަކާއި ދެން ކުދި ސަރުކާރުތަކެއް މިތާ.

    10
    3
  4. އާދަނު

    ވޭތުވެދިޔަ 7 އަހަރު ތިބި ކައުންސިލް މެމެބަރުންނަށް މާރަންދޫ އަށް އެދެވޭނެ އެއްވެސް ތަރައްޤީއެއް ގެނެސްދެވިފައި ނުވުމަކީ އަލުން އަނބުރާ އެމް.ޑީ.ޕީ ގެ ކައުންސިލް އަކަށް ވޯޓް ދޭންޖެހޭ އެއް ސަބަބު.
    އަމިއްލަ ފަރާތަކުން ތަކެތި އަދި އަގު ދީގެން ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމަށް މިހާރު އޮތް ކައުންސިލްއާއި ހަވާލުކޮށްފައިވާތާ މިހާރު 4 އަހަރާއި ގާތްކުރަނީ އަދިވެސް ޕާކް ނިންމާލެވޭ ވަރު ނުވޭ.
    މިއީ ރައްޔިތުން ނިކުމެ ރައްވެހި ފަތިހަކަށް މާރަންދޫ އަލިވިލުވާލުމަށް ލިބޭ ރަނުގެ ފުރުޟަތެއް.

    8
    12
  5. އަހްމަދު

    އަހަރެންހިތައްއަރާ އެމްޑީޕީން ކައުންސިލްތަކަށް މިވާދަކުރަނީކީއްކުރަންބާއޭ މިމީހުންހޮވުމަކުން އެއްވެސްދާއިރާއަކުން ރައްޔިތުންނައް ކޮށްދޭކަމެއްއޮންނަނީކީނޫން ރަށަކަށްކުރިއެރުމެއްލިބެނީކީނޫން އެކަމުމިމީހުންހޮވަންއެބަޖެހޭ މީއަޅެއަރަތެއްނު މީގެއެންމެބޮޑުމިސާލަކީ މާލެސިޓީ ކައުންސިލާ އައްޑޫ ސިޓީކައުންސިލް މިދެތަނައްބަލާލިއަސް ރައްޔިތުންނައް ވޯޓްދޭންވީގޮތްސާފުކޮށް މިއޮތީފެންނައް

    10
    1
  6. ޚިޔާލު 3

    ތި ވިސްނުން ރަގަޅު

    6
    4
  7. މަސްވެރިއެއް

    ހުސް ހޮޅިވާހަކަ. ކޮންމެ ބަޔަކު ހުއްޓަސް ކަންވާނީ ސަރުކާރުން ބަޖެޓް ހަމަޖައްސައިދެއްވީމާ

    11
    1
  8. ހަސަން

    ވަގުތު ނޫހުން ވެސް މިހާރު އެމްޑީޕި ޕްރޮމޯޓް ކުރަނީ މި ދިވެހި ދައުލަތް ފަނާވާ މިންވަރު ކުޑަކަމުންތޯއެވެ.

    10
    1
  9. ޔާމީން

    މާލެ އަށް ބަރޯސާކުރުވާ ސަރުކާރަށް ތާއީދު ކުރާ ފިކުރުގެ މީހުންނަށް ކިތަންމެ ވަރަށް ކިޔައި ދިނަސް ނޭނގޭނެ.

  10. ނަޝީދު

    ކަލޭ ޖަނގިޔަލުގަ ރައްވެހި ފަތިސް ޖަހާގެން އިނަސް މިފަހަރު ސަލާމަތް ނުވާނެ...

  11. ކަރީމް

    ތަކަންދޫ މާރަންދޫ ފަދަ ރައްރަށުން އެރައްރަށް ލާމަރުކަޒީ ކުރާވާހަކަ މިދައްކަނީ ލާމަރުކަޒީ ކުރުމުން ދެންއަންނާނެ ބަދަލުތަށް އެނގިތިބެ ބާވައޭ ހިތައްއަރައެވެ.އަތޮޅެއް ނުވަތަ ރަށެއް ލާމަރުކަޒީ އުސޫލުން ހިންގުމަކީ އެތަނަކުން ލިބޭ އެއްޗަކަށް ބަރޯސާވެގެން އެތަނެއް ތަރައްގީކޮށް ހިންގުމެވެ.މިގޮތަށް ހިންގާއިރު އެރަށެއްގެ ރައްޔިތުން ބޭނުންވާ އެބައެއްގެ އަމިއްލަ ގަވާއިދުތަކެއްވެސް ހަދާ ހިންގިދާނެއެވެ.ވަޒީފާތަށް އުފެއްދުމާ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމާއި ތައުލީމާ ސިއްހީ ހިދުމަތްފަދަ ކަންކަމަކީ އެތަނަކުން ލިބޭ އެއްޗަކުން ތަރައްގީކުރާނެ ކަންކަމެވެ.އެހެންނޫނީ ޖެހޭނީ ކޮންމެ އަހަރަކުވެސް ރައްރަށުގާ ކުރަންހުރި ކަންކަން ހިމަނައިގެން ޕްރޮޕޯސަލްހަދައިގެން މައިސަރުކާރުގެ ބަޖެޓަގައި ޖަހައިދޭތޯ އާދެސްކުރާށެވެ.މިފަދަ ކަންކަމުގާވެސް އާބާދީ ބޮޑު ނުފޫޒު ގަދަ ރައްރަށަށް ކަންކަން ފަހިވާލެއް މިހާރަށްވުރެ ލާމަރުކަޒީ ނިޒާމްގައި ބޮޑުވާނެއެވެ.ހޯރަފުއްޓަށް ލިބޭ އެއްޗަކުން ބައިއަޅައިގެން ތަކަންދޫ ނުވަތަ މާރަންދޫ ތަރައްގީކޮށްދޭން ހޯރަފުށީ ރައްޔަތުން ރުހޭނެތޯއެވެ. ރައްޔިތުންގެ އަތުން އެކިއެކި ގޮތްގޮތަށް ނެގޭ ޓެކްސް އާއި އަތޮޅުގާހުރި ފަޅުރަށްރަށް ރިސޯޓް ހިންގަން ދީގެން ނަފާހޯދިދާނެއެވެ. މަސްވެރިކަން ކޮށްގެންވެސް ނަފާ ހޯދިދާނެއެވެ. އެކަމަކު ޏ.އަތޮޅު މީހުން ހަދާނީ ކިހިނެއްބާއެވެ. މިދެންނެވި ކަންކަމުން ލިބޭ އެއްޗަކުން ބައެއް މައިސަރުކާރަށް ދިނުމައްފަހު ބާކީހުރި އެއްޗަކުން ރައްޔިތުންގެ އަސާސީ ހިދުމަތް ފުޅާކޮށް ވަޒީފާތަށް އިތުރުކޮށް ތަރައްގީ ކުރެވިދާނެތޯ އަމިއްލައަށް ވިސްނާލުން ބުއްދިވެރިވާނެއެވެ.