(ހއ. މާރަންދޫ) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޯމަތިވެފައިވާއިރު މި ރަށުގެ ސިޔާސީ މަސްރަހު އޮތީ ތަފާތު ފަންތިއެއްގައެވެ. ރަށުގެ ބަނދަރުން ފެށިގެން މަގުމަތީގައި ވެސް ފެންނަނީ އެންމެ ޕާޓީއެއްގެ ކުލައެވެ. ވެރިކަން ކުރާ އެމްޑީޕީގެ ރަން ރީނދޫ ކުލައިގެ ދިދަ ތަކާއި ޕޯސްޓަރުތަކާއި ފޮތިތައް ދަމާލާފައި އޮތް އިރު، ދެން އޮތް ޕީޕީއެމްއާއި އަމިއްލަ ކެންޑިޑޭޓުން ތިބީ "ސައިލެންޓް" ކެމްޕޭނެއްގައި ކަހަލައެވެ.

ރަށު ކައުންސިލްގެ ގޮނޑިތަކަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓުން ވެސް މަދެވެ. ކައުންސިލްގެ ހަތަރު މެންބަރުން އިންތިޚާބު ކުރާއިރު ޕީޕީއެމްއިން ވާދަކުރަނީ ދެ ކެންޑިޑޭޓުންނެވެ. އެމްޑީޕީގެ ހަތަރު ކެންޑިޑޭޓަކު އެ ހަތަރު ގޮނޑިއަށް ވާދަކުރެއެވެ. އަމިއްލަ ފަސް ކެންޑިޑޭޓަކު އެ ހަތަރު ގޮނޑިއަށް ވާދަކުރެއެވެ. ރަށު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަނީ އެމްޑީޕީގެ ކެންޑިޑޭޓަކާއި އަމިއްލަ ދެ ކެންޑިޑޭޓެކެވެ.

މާރަންދޫ ގައި އެމްޑީޕީގެ ކެމްޕޭން ދިދަ ފަތިތައް ފުރާލާފައި ؛- ވަގުތު ެިމޭޖަސް- މުހައްމަދު އަފްޒަލް

"މީގެ ކުރީގަ ވެސް މާރަންދޫއިން ނަތީޖާ ނެރުނީ އެންމެ ޤާބިލް މީހާއަށް ބަލާފަ. އެހެންވެ އަމިއްލަ ކެންޑިޑޭޓުން ވެސް، ޕާޓީތަކުގެ ކެންޑިޑޭޓުން ވެސް މި ރަށުގެ ގޮނޑިތައް ކާމިޔާބު ކޮށްފަ ހުރޭ، މި ވަގުތަށް ބަލާއިރު ރަށުގަ އޮތީ ސަރުކާރުތަކާ މެދު އޮތް ހިތްހަމަނުޖެހުމެއް، ކުރީ ސަރުކާރާ މެދު ވަރަށް ބޮޑަށް، ވެގެން ދާނެ ގޮތެއް އެނގޭނީ ހަމަ ވޯޓު ކަރުދާސްތައް ގުނައި ނިމުނީމަ،" މާރަންދޫއިން ދިމާވި މީހަކު ކިޔައިދިނެވެ.

މާރަންދޫ ގައި ކުރިޔަށް ގެނދިޔަ "ސާރވޭ" ގެ ތެރެއިން؛- ވަގުތު ެިމޭޖަސް- މުހައްމަދު އަފްޒަލް

"ވަގުތު ހޭރިޔާ" އިން މާރަންދޫއަށް ޒިޔާރަތްކޮށް އެ ރަށުގައި ކުރި ދިރާސާއަށް ބެލިއިރު އެކި ގޮނޑިތައް ކާމިޔާބު ކުރެވެން އަންނަނީ އެކި ޕާޓީތަކަށެވެ. އަދި އަމިއްލަ ކެންޑިޑޭޓުން ވަރުގަދަކޮށް އުޅޭ ގޮނޑިތައް ވެސް ހިމެނެއެވެ. އެހެންކަމުން މާރަންދޫއިން ފެންނަނީ އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން އަމިއްލަ ކެންޑިޑޭޓުން ތިބޭނެ ކައުންސިލެއް އިންތިޚާބުވުން ގާތް މަންޒަރެކެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގައި މާރަންދޫގެ 696 ރަށްވެހިންނަށް ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާއިރު މާރަންދޫގައި ކުރިއަށް ގެންދިޔަ މި ދިރާސާގައި 125 މީހަކު ބައިވެރިވިއެވެ. އެއީ ވޯޓްލާ އާބާދީގެ 18 އިންސައްތަ މީހުނެވެ. ރަށުގައި ތިބި ވޯޓް ލެވޭ އާބާދީއަކީ 406 އެކެވެ. މި ދިރާސާގައި ރަށުގައި ތިބި ވޯޓް ލެވޭ އާބާދީގެ 31 އިންސައްތަ ވަނީ ބައިވެރިވެފައެވެ.

ޒުވާނުން ތިބީ އަމިއްލަ ކެންޑިޑޭޓުންގެ ފަހަތުގައި

މާރަންދޫގައި ކުރިއަށް ދިޔަ ދިރާސާގައި އަލަށް ވޯޓް ލެވޭ ދެ ޒުވާނަކު ބައިވެރިވިއެވެ. އެއީ އުމުރުން 17 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ 22 ޒުވާނަކު ބައިވެރިވިއެވެ. މި ޒުވާނުންގެ ތެރެއިން ގިނަ ޒުވާނުން ބުނެފައިވަނީ އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށެވެ.

އަލަށް ވޯޓްލާ އާބާދީގެ ދެ ޒުވާނުންގެ ތެރެއިން އެއް ޒުވާނަކު ބުނެފައިވަނީ ވޯޓް ދޭނީ ޕީޕީއެމްގެ ކެންޑިޑޭޓުންނާއި އަމިއްލަ ކެންޑިޑޭޓުންނަށް ކަމަށެވެ. އަދި އޭނާއަށް ކަމުދަނީ ކުރީގެ ސަރުކާރު ކަމަށެވެ. ދެން ބައިވެރިވި ޒުވާނާ ބުނެފައިވަނީ އޭނާއަށް ދެ ސަރުކާރު ވެސް ކަމުދާ ކަމަށެވެ. އެކަމަކު މި އިންތިޚާބުގައި ވޯޓް ލާން ނުދާނެ ކަމަށެވެ.

އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންނަށް ބަލާއިރު، ރަށު ކައުންސިލް މެންބަރުންގެ ވޯޓުގައި އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ނުވަ މީހަކު ބުނެފައިވެއެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ބުނީ ފަސް މީހެކެވެ. ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ހަ މީހަކު ބުނެފައިވެއެވެ. ވޯޓް ލާނެ ގޮތް މިހާތަނަށް ނުނިންމާ ކަމަށް ދެ މީހަކު ބުނެފައިވާއިރު ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ކަމަށް އެއް މީހަކު ބުނެފައިވެއެވެ.

ރަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި އަމިއްލަ ދެ ކެންޑިޑޭޓުން ކުރެ އެއް ކެންޑިޑޭޓަކަށް ވޯޓް ދޭނެ ކަމަށް 11 މީހަކު ބުނެފައިވެއެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނަނީ ފަސް މީހެކެވެ. ވޯޓް ލާނެ ވަކި ގޮތެއް ނުނިންމާ ކަމަށް ހަތަރު މީހަކު ބުނެފައިވެއެވެ. އަދި ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ އެކަކު ވެސް ދިރާސާގައި ބައިވެރިވިއެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑިއަށް އަމިއްލަ ކެންޑިޑޭޓަކު ވާދައެއް ނުކުރެއެވެ. އެ ގޮނޑިއަށް ވާދަކުރާ ދިއްދޫއަށް އުފަން ދެ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓަކާއި ޕީޕީއެމްގެ ކެންޑިޑޭޓެކެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ހަ މީހަކު ބުނެފައިވާއިރު ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 10 މީހަކު ބުނެފައިވެއެވެ. ވޯޓް ލާނެ ގޮތް ނުނިންމާ ނުވަތަ ހާމަ ކުރަން ބޭނުން ނުވާ ހަ މީހަކު ތިއްބެވެ.

މެދު އުމުރުފުރާއާއި އިސް ރަށްވެހިންގެ ތެރޭ ޕާޓީ ކެންޑިޑޭޓުން

އުމުރުނ 65 އަހަރުން މަތީގެ 22 މީހަކު މާރަންދޫއިން މި ދިރާސާގައި ބައިވެރިވެފައިވެއެވެ.

މި އުމުރު ފުރާއަށް ބަލާއިރު ރަށު ކައުންސިލް މެންބަރުންގެ ވޯޓުގައި ދެ މީހަކު ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނާއި އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ބުނެފައެވެ. މި ދެ މީހުން ހިމެނޭ ގޮތަށް އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް ހަ މީހަކު ބުނެފައިވެއެވެ. އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ ހަތަރު މީހެކެވެ. ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދޭނެ ކަމަށް ހަ މީހަކު ބުނެފައިވެއެވެ.

އުމުރުން 30 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރުފުރާގެ 86 މީހަކު ވަނީ މާރަންދޫގައި ކުރިއަށް ދިޔަ ދިރާސާގައި ބައިވެރިވެފައެވެ.

ރަށު ކައުންސިލް މެންބަރުންގެ ވޯޓުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދޭނެ ކަމަށް މި އުމުރުފުރާގެ 28 މީހަކު ބުނެފައިވެއެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 24 މީހަކު ބުނެފައިވެއެވެ. އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް 19 މީހަކު ބުނެފައިވެއެވެ. ވޯޓް ލާނެ ގޮތެއް އަދި ނުނިންމާ ކަމަށް ހަތް މީހަކު ބުނެފައިވާއިރު ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ހަ މީހަކު ތިއްބެވެ. ވޯޓް ލާން ނުދާނެ ކަމަށް ދެ މީހަކު ބުންޏެވެ.

އަތޮޅު ރައީސްއަށް ޕީޕީއެމް އިޚްތިޔާރު ކުރަނީ

ރަށު ކައުންސިލްގެ މެންބަރުންގެ ގޮނޑިއާއި ރަށު ކައުންސިލްގެ ރައީސްގެ ގޮނޑި ޕާޓީތަކާއި އަމިއްލަ ކެންޑިޑޭޓުންގެ މެދުގައި އެއް ވާނެއްގައި ފެންނަން އޮތް ނަމަވެސް އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑިއަށް އެމްޑީޕީއާއި ޕީޕީއެމްގެ ތެރެއިން އެއް ކެންޑިޑޭޓަކު އިޚްތިޔާރު ކުރަން އޮތުމުން ގިނަ ބަޔަކު ވަނީ ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެއެވެ.

މާރަންދޫއިން "ވަގުތު ހޭރިޔާ" ގެ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 66 މީހަކު ބުންޏެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 37 މީހުންނެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް 12 މީހަކު ބުންޏެވެ. ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ކަމަށް 7 މީހަކު ބުންޏެވެ. އަދި ވޯޓް ލާން ނުދާނެ ކަމަށް ދެ މީހަކު ބުނެފައިވެއެވެ.

މާރަންދޫގައި ކުރިއަށް ގެނދިޔަ "ވަގުތު ހޭރިޔާ ދިރާސާ" ގެ ތެރެއިން؛ އާންމުންނާ ނޫސްވެރިން ސުވާލު ކުރަނީ - ވަގުތު ެިމޭޖަސް- މުހައްމަދު އަފްޒަލް

ވަގުތު ހޭރިޔާ ދިރާސާގެ ޖުމުލަ ނަތީޖާ

އަތޮޅު ރައީސްގެ ނަތީޖާ

ރަށު ރައީސްގެ ނަތީޖާ

ރަށު ކައުންސިލްގެ ނަތީޖާ

އެންމެ ކަމުދަނީ ކޮން ސަރުކާރެއް؟

މާރަންދޫގައި އަމިއްލަ ކެންޑިޑޭޓުންނަށް ފުރުސަތު ބޮޑުވާ އެއް ސަބަބެއްގެ ގޮތުގައި ރަށުގެ ގިނަ ބަޔަކު ޤަބޫލު ވެސް ކުރަނީ ސަރުކާރުތަކާ މެދު ރައްޔިތުންގެ އޮތް ހިތްހަމަނުޖެހުންތަކުގެ ސަބަބުންނެވެ. އެހެން ނަމަވެސް ވަގުތު ހޭރިޔާ އިން ކުރި އެންމެ ކަމުދަނީ ކޮން ސަރުކާރެއްގެ ސުވާލުގެ ޖަވާބުގައި ދިރާސާގައި ބައިވެރިވި ގިނަ ބަޔަކު ބުނެފައިވަނީ ކުރީގެ ސަރުކާރު ކަމަށެވެ.

ކުރީގެ ސަރުކާރު ރަނގަޅު ކަމަށް ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 66 މީހަކު ބުންޏެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 45.1 އިންސައްތައެވެ. މި ސަރުކާރު ރަނގަޅު ކަމަށް ބުނީ 33 މީހުންނެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 24.8 އިންސައްތައެވެ. އެއްވެސް ސަރުކާރެއް ކަމު ނުދާ ކަމަށް 15 މީހަކު ބުނެފައިވެއެވެ. އެއީ 11.3 އިންސައްތައެވެ. ދެ ސަރުކާރު ވެސް ރަނގަޅު ކަމަށް 25 މީހަކު ބުންޏެވެ. އެއީ 18.8 އިންސައްތައެވެ.

މާދަމާ ރިޔާސީ އިންތިޚާބެއް ބާއްވާނަމަ މި ސަރުކާރަށް ވޯޓް ދޭނަންތަ؟

"ވަގުތު ހޭރިޔާ" ދިރާސާގައި އާންމުންނަށް އަމާޒު ކުރާ ވަރަށް މުހިއްމު ސުވާލެއް އޮވެއެވެ. އެއީ މާދަމާ ރިޔާސީ އިންތިހާބެއް ބާއްވާ ނަމަ، ޤައުމުގެ މިހާރު މި ހުރި ހާލަތަށް ވިސްނާފައި މި ސަރުކާރަށް ވޯޓު ދޭނަން ހެއްޔެވެ؟ މި ސުވާލު ކުރުމުގެ މަޤްޞަދަކީ ސަރުކާރުން ދެމުންދާ ޚިދުމަތާއި މިހާތަނަށް ނެރެފައިވާ ނަތީޖާއާއި، މަޝްރޫއުތަކުގެ ދުވެލި ހުރި މިންވަރާ މެދު ރައްޔިތުން ހިތްހަމަޖެހޭތޯ ބެލުމެވެ.

މާރަންދޫގައި މި ދިރާސާގައި ބައިވެރިވި މީހުންގެ ޖަވާބުތަކަށް ބަލާއިރު ފާހަގަކުރެވެން އޮތީ ގިނަ ރައްޔިތުން މި ސަރުކާރާ މެދު ވެސް ހިތްހަމަނުޖެހުން އޮތް ކަމެވެ. ސަރުކާރަށް ނަތީޖާ ނެރެވޭ ކަމަކަށް ގިނަ ރައްޔިތުން ޤަބޫލެއް ނުކުރެއެވެ. ދިރާސާގައި ބައިވެރިވި 76 މީހަކު ވަނީ މި ސަރުކާރަށް ވޯޓް ނުދޭނެ ކަމަށް ބުނެފައެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 61.3 އިންސައްތައެވެ. މި ސަރުކާރަށް ވޯޓް ދޭނެ ކަމަށް ބުނީ 36 މީހެކެވެ. އެއީ 29 އިންސައްތައެވެ. ވޯޓް ދޭނެ ގޮތެއް ނިންމަން އެނގޭނީ އެ ހާލަތަށް އައިސް މެދުވެރިވުމުން ކަމަށް 12 މީހަކު ބުންޏެވެ. އެއީ 9.7 އިންސައްތައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ދިވެހި ރައްޔިތުން

  ހެހެ ރާއްޖޭގެ ތި ނޫން ރަަަށެށް ނެތީތަ. ޅޮލް . މެޖޯރިޓީ އޮތީ އެމް ޑީ ޕީ އަަށް

 2. އިބްރާހިމް

  ރައްޔިތުން މިފަހަރު ވޯޓް ދެއްވަންވީ އިންޑިއާގެ އަޅުވެތިކަމާއި ދެކޮޅަށެވެ. ކޮންމެ ދިވެހި ދަރިއަކު ކައުންސިލަށް ހޮވުނަސް ރައްޔިތުންނަށްޓަކައި ޚިދުމަތްކުރާނެއެވެ. ނަމަވެސް އިންޑިއާގެ ބަލާއިން ރާޢްޖެ ސަލާމަތްވާން އޮތީ ކޮންގޮތަކަށްތޯ ވިސްނައި ފިޔަވަޅުއެޅުމަކީ ހަމަ ކޮންމެ ދިވެހި ދަރިއެއްގެ ޒިންމާއެކެވެ.

  3
  1
 3. ރަގީބު

  އެހެން.. އެއީ އެމްޑީއަށް ހުރިހާ އަތޮޅުކައުންސިލްތައް ލިބޭގޮތައް..އޭރުން އާ ކައުސިލްތަކުގެ ގާނޫނުގެ ދަށުން ރިސޯޓުތައް ކުއްޔައް ދިނުމަކީ ކައުންސިލްގެ ބާރުގެ ދަށައް އަންނަ ކަމަކައް ހަދާފަ އޮތީމަ. ދެން މިކަމުން ނިކުންނާނެ ނަތީޖާއާއި މެދު ރައްޔިތަކު ފިކުރުކޮއްބަލަ. ސަހަރޯއޭ ހިތައް ނާރާތޯ. ރާއްޖޭގެ ދެން ހަލާކު ނުވެ އޮތް ޓޫރިޒަމް އިންޑަސްޓުރީވެސް ދެން މި ހަލާކުވީނޫންތޯ.