(ހއ. ދިއްދޫ) އެމްޑީޕީގެ އެހެން މެންބަރުންނާ އެއް ގޮތަށް މޫސާ ޝަފީގްގެ ވިސްނެވުމަކީ ވެސް ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރުމެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް މިނިވަންކަމާ އެކު ހިނގުމެވެ. އަތޮޅުތައް ފަޅުވަމުން ދިއުން ހުއްޓުމަކަށް ގެނެވެން އޮތް ހަމައެކަނި ސިޔާސަތަކީ މި ލާމަރުކަޒީ ނިޒާމެވެ.

ހއ. އަތޮޅު ވެރިރަށް ދިއްދުއަށް އުފަން މޫސާ ޝަފީގް، އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ޝައުގުވެރިކަން އުފެދުނި އެއް ސަބަބަކީ "އަތޮޅު ސަރުކާރެއް" ގާއިމް ކުރެވޭނެ އެންމެ ފަހި ފުރުސަތު ކަމުގައި ވިސްނިވަޑައިގަތުމުންނެވެ. މުޅި އަތޮޅު ރައްޔިތުންގެ ވޯޓުން އަތޮޅު ރައީސެއް އިންތިޚާބު ކުރުމާއި، އަތޮޅު ކައުންސިލްގައި ހުރިހާ ރަށެއް ތަމްސީލް ކުރެވުމަކީ ހެޔޮ ފާލެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

"އަބަދުވެސް އިސްލާހަށް މަސައްކަތް ކުރިން، އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި، ކެމްޕޭންތަކުގަ ވެސް، މި ފަހަރު އެމްޑީޕީ އިސްވެގެން ކައުންސިލްތަކަށް މި ދެވުނު ބާރާ އެކީ އަތޮޅުތައް ބާރުވެރިވެގެން ދާނެ، އެހެންވެ އަބަދުވެސް ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް ނުކުތީ،" ޝަފީގް ވިދާޅުވިއެވެ.

އަތޮޅުގައި ވަރުގަދަ ކުންފުނި / ވިޔަފާރި އުފެއްދުން

އަތޮޅު ކައުންސިލް ހިންގާނެ ގޮތް "ވަގުތު ހޭރިޔާ" އަށް ޚިއްސާ ކުރައްވަމުން ޝަފީގް ފުރަތަމަ ފާހަގަކުރެއްވީ ފަސް މިލިއަން ރުފިޔާއަށް ވުރެ އަގު ކުޑަ މަޝްރޫއުތައް ހިންގަން ބިޑް މަރުހަލާ ގެންދިއުމުގެ ބާރު ކައުންސިލްތަކަށް ދިނުމެވެ.

މިއީ އަތޮޅުގައި އިމާރާތް ކުރުމުގެ ކުންފުނިތައް ގެނައުމަށް ރަނގަޅު ފުރުސަތެއް ކަމުގައި ޝަފީގް ވިދާޅުވިއެވެ. މި މަޝްރޫއުތައް ހިންގަން ހަވާލު ކުރުމުގައި އިސްކަން ދޭނީ އަތޮޅުގެ ކުންފުނިތަކަށް ކަމަށް ވެސް ވިދާޅުވިއެވެ. އޭރުން އަތޮޅުގައި ކުންފުނިތައް އުފެއްދި، އަތޮޅުގެ އިގްތިސާދުގެ ތެރޭގައި ފައިސާ ހިފެހެއްޓި ދައުރުވާ މިންވަރު އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓްތައް ހަވާލު ކުރުމުގައި އަޅުގަނޑުމެން އިސްކަން ދޭނީ މި އަތޮޅުގެ ޕާޓީތަކަށް، އެއީ ލާމަރުކަޒީ ނިޒާމު، އެ ކުންފުނިތައް އުފެދުމުން ވަޒީފާތައް ވެސް އުފެދިގެން އަންނާނެ، ދިވެހިންނަށް ވަޒީފާ ފުރުސަތު ވެސް ލިބޭނެ، އާމްދަނީ އިތުރު ކުރެވި ވިޔަފާރިތައް އެ އުފެދެނީ،" ޝަފީގް ވިދާޅުވިއެވެ.

މިގޮތުން ޓޫރިޒަމް ރިސޯޓްތައް ތަރައްގީ ކުރުމަށާއި ދަނޑުވެރިކަން ކުރަން ރަށްރަށް ކައިރީ ހުރި ފަޅުރަށްތައް ދޫކުރުމުގައި ވެސް އަތޮޅުގެ ކުންފުނިތަކަށް އިސްކަން ދިނުމުގެ ވިސްނުމެއް އޭނާ ގެންގުޅުއްވައެވެ. ހއ. ހޯރަފުށި ކައިރީ އޮންނަ އުނގުލިފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަން ހަވާލު ކުރަން ވެސް ވިސްނާފައި އޮތީ ހޯރަފުށި މީހެއްގެ ކުންފުންޏަކަށް ކަމަށްވެއެވެ.

ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މޫސާ ޝަފީޤް - ވަގުތު އިމޭޖަސް: އަހްމަދު މަމްދޫހް

ރަށު ކައުންސިލްތައް ބާރުވެރިކުރުން

މޫސާ ޝަފީގް ދެކެވަޑައިގަންނަވާ ގޮތުގައި އަތޮޅު ކައުންސިލްގެ ބޭނުމަކީ ރަށު ކައުންސިލްތައް ބާރުވެރިކުރުމެވެ. އެ ރަށްރަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަން ކުރުމުގެ ބާރުވެރިކަން އެ ރަށްރަށުގެ ކައުންސިލަށް ލިބިގެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީއިން އިސްވެ ކައުންސިލްތަކަށް ދީފައިވާ އާ ބާރުވެރިކަމުގެ ތެރެއިން މޫސާ ޝަފީގް ވެސް ފާހަގަކުރައްވާ އެއް ކަމަކީ ރަށްރަށުގެ އިހްތިސާސްއެއް ކަނޑައެޅުމެވެ. އެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ފަޅުރަށްރަށާއި ފަޅުތައް އެ ރަށުގެ މިލްކެއްގެ ގޮތުގައި ކަނޑައެޅުމެވެ. އަދި ރަށާއި ރަށުގެ އިޙްތިސާސްގައި ހިމެނޭ ސަރަހައްދުގެ ބެލެނިވެރިކަން ރަށުގެ ކައުންސިލަށް ދިނުމެވެ.

"މީގެ ސަބަބުން ރަށު ކައުންސިލަށް އާމްދަނީ ހޯދެން އެބަ އޮތް، ބިމު ކުލީގެ ފައިސާ ރަށު ކައުންސިލަށް ހޯދެން އެބަ އޮތް، އެ ފައިސާއިން ރަށުގެ ހުރި މައްސަލަތައް ހައްލު ކުރަން، ރަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަން ހަމަޖައްސަން،" މޫސާ ޝަފީގް ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ހއ. އަތޮޅުގެ ރަށު ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ ވިސްނުންތަކެއް އެމްޑީޕީގައި އެބަ އޮތް ކަމަށެވެ. ރަށްރަށުގައި ޓޫރިޒަމް ވިޔަފާރި ފުޅާ ކުރުމާއި ރަށްރަށުގެ ގުދުރަތީ ގޮތުން ރީތި ބައެއް ސަރަހައްދުތައް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރެވި ކައުންސިލަށް ލިބޭ އާމްދަނީއިން އެ ނަތީޖާ ނެރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މޫސާ ޝަފީގް ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ތިލަދުންމައްޗަށް ނޫ އިގްތިސާދުގެ ސިޔާސަތުގެ ނަފާ

ހއ. އަތޮޅުގެ ރަށްރަށަކީ، މޫސާ ޝަފީގް ގަބޫލު ކުރައްވާ ގޮތުގައި، އެމްޑީޕީއިން ފާހަގަކުރާ "ނޫ އިގްތިސާދު" ގެ ސިޔާސަތުތައް އެންމެ ރަނގަޅަށް ތަންފީޒު ވާން އޮތް ސަރަހައްދެވެ. މި ގޮތުން މި ސަރަހައްދުގެ ރަށްރަށުގައި ކަނޑޫފަލާއި ޗަސްބިންތަކާއި ކުޅިތައް އޮތް ރަށްރަށް ގިނަ ކަން އޭނާ ފާހަގަކުރެއްވިއެވެ. މި ސަރަހައްދުތައް ހިމާޔަތްކޮށް އެ ސަރަހައްދުތަކުގައި މަސް އާލާ ކުރުން ފަދަ އިގްތިސާދީ ހަރަކާތްތައް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

"މި ސަރަހައްދުތައް ބޭނުން ކުރާނެ ގޮތެއް އަޅުގަނޑުމެން ހޯދާނަން، އެ ކަން އަޅުގަނޑުމެން ކުރާނީ އެ ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދައިގެން، އަދި އަތޮޅު ކައުންސިލްގައި އޭގެ މަޝްވަރާ ކޮށްގެން، އަތޮޅު ކައުންސިލްގައި މި އަތޮޅުގެ ކޮންމެ ރަށެއް ތަމްސީލް ކުރާނެ، ލާމަރުކަޒީ ނިޒާމު ވަރުގަދަ ކޮށްފަ މި އޮތް ހިސާބުން އަތޮޅުގެ ގުދުރަތީ ރީތި ކަމުގެ ނަފާ އަތޮޅުގެ ރައްޔިތުންނަށް ހޯދައިދެވޭނެ،" މޫސާ ޝަފީގް ވިދާޅުވިއެވެ.

އޭނާ ދެން ފާހަގަކުރެއްވީ ހއ. އިހަވަންދޫގައި ގާއިމް ކުރުމަށް މި ސަރުކާރުން ނިންމާފައިވާ 500 ޓަނުގެ މަސް ރައްކާ ކުރެވޭ ކާރުޚާނާއެވެ. މީގެ ސަބަބުން އިހަވަންދިއްޕޮޅުގެ މަސްވެރިންނަށް ފަސޭހަވެ އެ ސަރަހައްދުގައި މަސްވެރިކަމުގެ ސިނާއަތް މިހާރަށް ވުރެ ފުޅާ ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިއްދޫގައި ބޭއްވި ރަށްވެހި ފަތިސް ޖަލްސާ - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"ލާމަރުކަޒީ ވިސްނުމަކަށް ފުރުސަތުދީ"

އަސާސީ ޚިދުމަތްތަކަށާއި އިގްތިސާދީ މަސައްކަތްތަކަށް ވެރިރަށް މާލެއަށް ބަރޯސާވާން ޖެހޭ ސަގާފަތް ނިމުމަކަށް އަންނަން އޮތީ ލާމަރުކަޒީ ވިސްނުމަކަށް ފުރުސަތު ދީގެން ކަމަށް އޭނާ ވިދާޅުވިއެވެ. ރަށު ސަރުކާރުތަކާއި އަތޮޅު ސަރުކާރުތަކުގެ ވިސްނުން ތަންފީޒު ކުރެވިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ވިސްނުން އޮތީ މޫސާ ޝަފީގާއި އޭނާގެ ތަމްސީލް ކުރައްވާ އެމްޑީޕީގައި ކަމަށް ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމު މި ފެންނަ ގޮތަށް ތައާރަފް ވެގެން އައީ އެމްޑީޕީގެ ސަރުކާރެއްގައި، މި ނިޒާމު ފުނޑުފުނޑު ކޮށްލީ އަޅުގަނޑުމެންގެ ވާދަވެރިންގެ ސަރުކާރުގައި، އަލުން އަނބުރާ މި ނިޒާމު ހަރުދަނާކޮށް މީގެ ކުރިން ބާރުވެރިނުކުރާ ވަރަށް ކައުންސިލްތައް ބާރުވެރިވާނެ ގޮތަށް ގާނޫނު ބައްޓަން ކުރީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހެއްގައި އެމްޑީޕީއިން އިސްވެ އޮވެ،" މޫސާ ޝަފީގް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލި

    އަހަރެންގެ ވޯޓް ހަމަ ގައިމުވެސް ކަލެއަކަށް ނުލިބޭނެ... ހަރާމް.. ރީނދޫ ހުން ޖެހިފަ ތިބި މީހުން ކަލެއަށް ވޯޓްލާނީ...

  2. ނިހާނު

    ރީނދޫ ޓައީ އަޅާފަ ރީނދޫ ގޮނޑީގަ އިނީމަ ތިއޮތީ ސަރުކާރު ހިންގިފައި.

    11
  3. ހުސެން

    ޤާނޫނުއަސާސީ އެނގޭބާ؟މީ ޔުނިޓަރީ ދައުލަތެއް! .

  4. ގައުމީ ލޯބި

    މި މަގާމު ތަކަށް ކުރިމަތިލާން ހަމަ ލިޔަން ކިޔަން އެގުނީމަ މިހާރުވެސް ފުދޭބާ؟

    ކީއްވެ ކާތިބުކަމާއި، ޕިޔޯނުންގެ ފެންވަރު އެއަށްވުރެ މަތިވަނީ.. ސެޓްފިކެޓް + ދާއިރާގެ ހުނަރު+ ކުރީގެ މަސަތްކަތް ކުރިކަމުގެ ލިޔުން.. މީ އެންމެ އާދައިގެ ވަޒީފާއަށް ވެސް ބޭނުންވާ މިންވަރު..

    ގައުމު ހިންގައި މުސްތަގުބަލު ތަސައްވުރުކޮށް ބައްޓަން ކުރަން މިއަންނަނީ ގަމާރު+ގްރޭޑް5ގެ ފެންވަރުގެ ކާހިނުން..

    ދެްންގައުމަށްވާނެ ގޮތްވިސްނަވާ..

  5. ނަސީ

    މާތް ކަލާކޯ ހއ އެއްކިޔާނެކަމެއް ނެތް އެއްގޮޑިއެއްވެސް ދޭނެކަމެއް ނެތް މޑޕީ އައުޓް އިންޑިޔާ އްއުޓް

  6. އަބްދޫ

    ސަރުކާރެއްގެ ގޮތުގަ ކައުންސިލް ހިންގޭނީ ގާނޫނުއަސާސީން އެބާރު ލިބިދިނީމަ.އަދި އޭގެ އިތުރުން ކައުނސިލް ތަކަށް ލިބިގެންދާ އާމްދަނީ އިން ކައުންސިލްތަކުގެ ހަރަދާއި ކައުންސިލް ތަކުގެ ދާއިރާ ތަރައްގީ ކުރެވޭވަރަށް އާމްދަނީ ލިބެންފެށި ދުވަހަކުން.އެހިސާބަށްދާއިރު އަތޮޅުކައުންސިލްގެ އިހްތިސާސްގެތެރޭ ހިމެނޭ ހުރިހާރަށެއްގެ ސްކޫލް މަދްރަސާ ހެލްތުސެންޓަރު ހޮސްޕިޓަލް ކޯޓް ފަދަ އެންމެހާތަނެއް ހުންނަނީ ކައުންސިލްގެ ބެލުމުގެ ދަށުގަ މިހުރިހާކަމެއް ޑިވޮލޮޕް ކުރުމަށާއި މިހުރިހާކަމަކަށް ހަދަރު ކުރެވޭހާ ފައިސާ ކައުންސިލްތަކުގެ އާމްދަނިއަށްލިބެމުންދާނެ. ހަގީގަތަށް ބުރަވާނަމަ ބުނެވޭނީ ކައުންސިލްއުފެދެން މިގައުމުގަ އަދި ކައިރިވެސް ނުވޭ. މިކިަމުގެސަބަބުން ދައުލަތަށް ލިބޭއަމްދަނީން 1 ބިލިއަންރުފިޔާ ބޭކާރުވެގެން އެބަދޭ.