(ހއ. އުތީމު) ރާއްޖޭގެ މިނިވަންކަން ދިފާއުކުރެއްވި އަބްތޯލުން ނިސްބަތްވާ ފަސްގަނޑު ކަމަށްވާ ހއ. އުތީމުން ފެނިގެން ދިޔައީ ސިޔާސީ ވާދަވެރިކަމުގެ އަޑުތައް ކެނޑިފައިވާ މަންޒަރެވެ. އިންތިހާބަށް ކުޑަތަންވެފައިވާއިރު ކުޑަމިނުން ލަވައެއް ޖަހާލާ އަޑުވެސް ނީވެއެވެ. އެރަށުގައި ކުރަމުން ދަނީ ހަމަހިމޭން ކެމްޕެއިންއެކެވެ. އިންތިހާބެއްގެ ފޯރި އެއްވެސް ވަރަކަށް ނެތެވެ. އެހެންވިޔަސް މިއީ އަބަދުވެސް ޕީޕީއެމްއަށް ނަތީޖާ ނެރެދޭ ރަށެއްގެ ގޮތުގައި ބުނެ އުޅެއެވެ. އެހެންވީތީ ވެސް އަޑުގަދަ ކެމްޕޭނެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ބެލެވިދާނެއެވެ.

967 މީހުންގެ އާބާދީއެއް އޮންނަ އުތީމުގެ މަލަމަތީގައި އެއްވެސް ދިދައެއް ނުވަތަ ޕޯސްޓަރެއް ފެންނާކަށް ނެތެވެ. އެމްޑީޕީއާއި ޕީޕީއެމްގެ ޖަގަހައެއް ހުރި ނަމަވެސް އެޖަގަހަތައް ކައިރީގައި މީހުން އުޅޭ މަންޒަރެއް ނުފެނެއެވެ. ރަށުގެ ޖުމްލަ އާބާދީގެ ތެރެއިން މި ހަފްތާގެ ހޮނިހިރު ދުވަހު ބާއްވަން ތާވަލްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދެވެނީ އާބާދީގެ 70 އިންސައްތައަށެވެ. އެއީ 682 މީހަކަށެވެ. އޭގެ ތެރެއިން މިވަގުތު ރަށުގައި ތިބީ 387 މީހުންނެވެ. އެއީ ވޯޓު ދެވޭ އާބާދީގެ 40 އިންސައްތަ މީހުންނެވެ.

ހއ. އުތީމު ގައި ކުރިއަށް ގެންދިޔަ ސާރވޭ؛- ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

ހުރިހާ އުމުރުފުރާއަކަށް ވެސް ކަމުދަނީ ޕީޕީއެމް

ހއ. އުތީމުގައި "ވަގުތު ހޭރިޔާ" އިން ކުރި ދަތުރުގައި ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓް ދޭން ވިސްނާފައި އޮތް ގޮތާއި ސަރުކާރުތަކާއި މެދު ގިނަ ރައްޔިތުންގެ ހުރި ވިސްނުން ހޯދުމަށް "ހޭރިޔާގެ އިންތިޚާބީ ދިރާސާ" ކުރިއަށް ގެންދިޔައީމެވެ. މި ދިރާސާގައި އުތީމުން 141 މީހުން ބައިވެރިވިއެވެ. އެއީ 45 ފިރިހެނުންނާއި 95 އަންހެނުންނެވެ. މިއީ އުތީމުގައި ރަށްވެހިވެފައިވާ ރައްޔިތުންގެ ތެރެއިން ވޯޓްލާ އާބާދީގެ 20.7 އިންސައްތައެވެ. ރަށުގައި މިވަގުތު ތިބި ވޯޓުލެވޭ އާބާދީގެ 36.4 އިންސައްތައެވެ. އެމީހުންގެ ތެރެއިން ބޮޑު ފަރަގަކާއި އެކު މެޖޯރިޓީ މީހުން ބުނަނީ އިންތިހާބުގައި ޕީޕީއެމް ކެންޑިޑޭޓުންނަށް ވޯޓު ދޭނެ ކަމަށެވެ.

ދިރާސާގައި ބައިވެރިވި 141 މީހުންގެ ތެރެއިން އަލަށް ވޯޓްލާ އުމުރުފުރާއިން ދިރާސާގައި ބައިވެރިވެފައިވަނީ އެންމެ މީހެކެވެ. އެއީ 17 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާއެވެ. އެ ޒުވާނާ ބުނީ އޭނާއަށް ކަމުދަނީ ކުރީ ސަރުކާރު ކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވޯޓުދޭނީ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ކަމަށް އޭނާ ބުނިއެވެ.

އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ 17 މީހުން ދިރާސާގައި ބައިވެރިވިއެވެ. މި އުމުރުފުރާގެ މީހުންގެ ތެރެއިން ވެސް ގިނަ ބަޔަކަށް ކަމުދާ ކަމަށް ބުނަނީ ޕީޕީއެމްގެ ކުރީގެ ސަރުކާރެވެ. އެގޮތުން ކުރީ ސަރުކާރު ކަމުދާ ކަމަށް 7 މީހަކު ބުނެފައިވާއިރު، އެމްޑީޕީގެ މި ސަރުކާރު ކަމުދާ ކަމަށް ބުނަނީ 5 މީހުނެވެ. ދެ ސަރުކާރު ކަމުދާ ކަމަށް 2 މީހަކު ބުނެފައިވެއެވެ. އަދި އެއްވެސް ސަރުކާރެއް ކަމުނުދާ ކަމަށް 3 މީހަކު ބުނެފައިވެއެވެ.

މީގެ ތެރެއިން ރަށު ކައުންސިލްގެ އިންތިހާބުގައި ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް 10 މީހަކު ބުނެފައިވެއެވެ. އަތޮޅު ކައުންސިލަށް ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް ބުނީ 8 މީހުންނެވެ. ރަށު ކައުންސިލަށް އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް 6 މީހަކު ބުނެފައިވާއިރު، އަތޮޅު ކައުންސިލްގައި އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް ބުނަނީ 5 މީހެކެވެ. އަމިއްލަ ނުވަތަ އެހެން ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް އެކަކު ބުނިއިރު، ވޯޓް ދޭ ގޮތް ހާމަ ކުރަން ބޭނުން ނުވާ މީހަކާއި، ވޯޓް ދޭނެ ގޮތް ނުނިންމާ މީހަކު ހުރިއެވެ. އަތޮޅު ކައުންސިލަށްވެސް ވޯޓް ދޭނެ ގޮތް ނުނިންމާ މީހަކު ހުރިއިރު ވޯޓް ދޭ ގޮތް ހާމަ ކުރަން ބޭނުން ނުވާ 3 މީހުން ތިއްބެވެ.

އުމުރުން 30 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރުފުރާއަށް ބަލާއިރުވެސް، އެންމެ ގިނަ ބަޔަކު ބުނަނީ ކުރީގެ ސަރުކާރު ކަމުދާ ކަމަށެވެ. އެ އުމުރުފުރާއިން ސާވޭގައި ބައިވެރިވީ 107 މީހެކެވެ. އޭގެ ތެރެއިން ކުރީ ސަރުކާރު ކަމުދާ ކަމަށް ބުނެފައިވަނީ 73 މީހެކެވެ. އެއީ 68 އިންސައްތަ މީހުންނެވެ. މި ސަރުކާރު ކަމުދަނީ އެންމެ 14 މީހުންނަށެވެ. އެއްވެސް ސަރުކާރެއް ކަމު ނުދާ ކަމަށް 7 މީހަކު ބުނެފައިވާއިރު، ދެ ސަރުކާރު ވެސް ކަމުދާ ކަމަށް 13 މީހަކު ބުނެފައިވެއެވެ.

މީގެ ތެރެއިން ރަށު ކައުންސިލަށް އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް 23 މީހަކު ބުނާއިރު، އަތޮޅު ކައުންސިލަށް އެމްޑީޕީއަށް ވޯޓް ދޭން ބުނީ 15 މީހެކެވެ. ރަށު ކައުންސިލަށް ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް 77 މީހަކު ބުނާއިރު، އަތޮޅު ކައުންސިލަށް ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް ބުނަނީ 71 މީހެކެވެ. ރަށު ކައުންސިލަށް ވޯޓް ދޭނެ ގޮތެއް ނުނިންމާ 9 މީހުން ތިބިއިރު، އަތޮޅު ކައުންސިލަށް ވޯޓް ދޭނެ ގޮތެއް ނުނިންމާ 11 މީހުން އެބަ ތިއްބެވެ. ވޯޓް ދޭ ގޮތް ހާމަ ކުރަން ބޭނުން ނުވާ 3 މީހެއް ރަށު ކައުންސިލުން ފާހަގަކުރެވިފައިވާއިރު، އަތޮޅު ކައުންސިލަށް ވޯޓު ދޭނެ ގޮތް ހާމަނުކުރަން ބޭނުން ނުވީ 5 މީހުންނެވެ.

65 އަހަރުން މަތީގެ އުމުރު ފުރާގެ މީހުނަށް ބަލާއިރު، 5 މީހުން ފިޔަވާ އެންމެން ބުނީ ކުރީގެ ސަރުކާރު ރަނގަޅު ކަމަށެވެ. އެއީ 11 މީހެކެވެ. އޭގެ ތެރެއިން މި ސަރުކާރު ރަނގަޅު ކަމަށް ބުނަނީ 4 މީހެކެވެ. ދެ ސަރުކާރު ވެސް ރަނގަޅު ކަމަށް ބުނާ މީހަކު ނެތެވެ.

މި އުމުރުފުރާގެ މީހުންގެ ތެރެއިން އިންތިޚާބުގައި ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް ބުނަނީ ކުރީ ސަރުކާރު ކަމުދާ ކަމަށް ބުނާ 11 މީހުނެވެ. މި ސަރުކާރު ކަމުދިޔަ ނަމަވެސް ވޯޓު ދޭނީ އެހެން ޕާޓީއެއްގެ ބޭފުޅުކަށް ކަމަށް ބުނާ 2 މީހުން ތިބިއިރު ގޮތެއް ނުނިންމާ ހުރީ އެންމެ މީހެކެވެ. މި ސަރުކާރަށް ތާއީދު ކުރައްވާކަމަށް ބުނާ ދެ މީހުން ބުނީ ކައުންސިލަށާއި އަތޮޅު ކައުންސިލަށްވެސް ވޯޓު ދޭނީ އެމްޑީޕީއަށް ކަމަށެވެ.

ވަގުތު ހޭރިޔާގެ ޖުމުލަ ނަތީޖާ

ވަގުތު "ހޭރިޔާ" ގެ މި ދިރާސާއިން ހުރިހާ ގޮތަކުން ވެސް ހއ. އުތީމުގެ ކައުންސިލް އިންތިޚާބުގައި ކުރި ހޯދަނީ ޕީޕީއެމްއެވެ. ރަށު ކައުންސިލްގައި ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް ސާވޭގައި ބައިވެރިވި 70.9 އިންސައްތަ މީހުން ބުނާއިރު، އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް ބުނަނީ 35 އިންސައްތަ މީހުނެވެ. ގޮތް ނުނިންމާ 10 އިންސައްތަ މިހުންނާއި ސިއްރެއް ކަމަށް ބުނާ 3.5 އިންސައްތަ މީހުންގެ ވޯޓް ލިބިގެންވެސް ލޯކަލް ކައުންސިލް އިންތިހާބުތަކުގެ ގޮނޑިތައް އެމްޑީޕީއަށް ކާމިޔާބު ވާނެ އެއްވެސް ފުރުސަތެއް ނެތްކަން ސާވޭއިން ވަނީ ހާމަވެފައެވެ. އެހެންނަމަވެސް ސާވޭގައި ބައިވެރި ނުވާ ވޯޓު ލެވޭ އާބާދީގެ 79.3 އިންސައްތަ މީހުންގެ ތާއީދު ހޯދައިގެން އެމްޑީޕީއަށް އެ ނަތީޖާ ފުޅާ ކުރުމުގެ ފުރުސަތު އެބައޮތެވެ.

ރަށު ކައުންސިލްގެ ރައީސް އާއި އަތޮޅު ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމުގެ ވޯޓްގައި ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ސާވޭގައި ބައިވެރިވި 64.5 އިންސައްތަ މީހުން ބުނާއިރު، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ބުނަނީ އެވްރެޖް 15 އިންސައްތަ މީހުންނެވެ. އެއީ ރަށު ކައުންސިލަށް ވޯޓު ދޭނެ ކަމަށް ބުނި 35 އިންސައްތަ މީހުންނާއި އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވޯޓު ދޭނެ ކަމަށް ބުނި 17 އިންސައްތަ މީހުންނެވެ.

ރަށު ކައުންސިލްގެ ނަތީޖާ

ރަށު ރައީސްގެ ނަތީޖާ

އަތޮޅު ރައީސްގެ ނަތީޖާ

އެންމެ ކަމުދަނީ ކޮން ސަރުކާރެއްތަ؟

މާދަމާ ރިޔާސީ އިންތިޚާބު ބާއްވާނަމަ، ސަރުކާރަށް ވޯޓް ދޭނަންތަ؟

"ވަގުތު ހޭރިޔާ" ދިރާސާގައި އާންމުންނަށް އަމާޒު ކުރާ ވަރަށް މުހިއްމު ސުވާލެއް އޮވެއެވެ. އެއީ މާދަމާ ރިޔާސީ އިންތިހާބެއް ބާއްވާ ނަމަ، ޤައުމުގެ މިހާރު މި ހުރި ހާލަތަށް ވިސްނާފައި މި ސަރުކާރަށް ވޯޓު ދޭނަން ހެއްޔެވެ؟ މި ސުވާލު ކުރުމުގެ މަޤްޞަދަކީ ސަރުކާރުން ދެމުންދާ ޚިދުމަތާއި މިހާތަނަށް ނެރެފައިވާ ނަތީޖާއާއި، މަޝްރޫއުތަކުގެ ދުވެލި ހުރި މިންވަރާ މެދު ރައްޔިތުން ހިތްހަމަޖެހޭތޯ ބެލުމެވެ.

އުތީމުގައި މި ސުވާލަށް ޖަވާބު ދިން ގިނަ ބަޔަކު ބުނަނީ މި ސަރުކާރަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށެވެ. އެއީ ދިރާސާގައި ބައިވެރިވި 141 މީހުންގެ ތެރެއިން 103 މީހުނެވެ. އެއީ ސާވޭގައި ބައިވެރިވި މީހުންގެ 73 އިންސައްތަ މީހުނެވެ. ސަރުކާރަށް އިތުރު ފުރުސަތެއް ދޭނެ ކަމަށް ބުނަނީ 23 މީހުނެވެ. އެއީ ސާވޭގައި ބައިވެރިވި މީހުންގެ 16 އިންސައްތައެވެ. ވޯޓް ދޭނެ ގޮތެއް އަދި ނޭނގޭ ކަމަށާއި އެ ގޮތް ނިންމާނީ ވޯޓް ލާން ޖެހުނީމަ ކަމަށް 11 މީހަކު ބުނެފައިވެއެވެ.

އުތީމުގައި ފެށުނީއްސުރެ ވެސް ތާއީދު އޮންނަނީ ޕީޕީއެމްއަށްކަން ފާހަގަކުރެވެއެވެ. އެގޮތުން ފާއިތުވެ ދިޔަ އިންތިހާބުތަކުގައި އެރަށުން ބޮޑު ތަފާތަކާ އެކު މެޖޯރިޓީ ނަގާފައި ވަނީ ޕީޕީއެމް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މުޅިރާއްޖޭގެ އެއްމެންވެސް ވޯޓުދޭންވީ ރުކަށް އެއީ ދިވެހިންގެ ކުރިމަގު އުޖާލާކޮށްދޭނީ ފިޔާތޮށި ކުލައިން ، އިސްލާމްދީނަން ނަސްރުދީ ދިފާއުކުރާނީ ޕީ ޕީ އެމް އިން ތިލަފަތަށް ވޯޓު ނުދޭނަން

    32
    1
  2. ދިވެހި ތާރީހުން

    އުތީމުގެ އަގުލަބިއްޔަތު އެމް ޑީ ޕީ އައްލިބޭ ދުވަހަކީ މިގައުމުގެ މިނިވަންކަމާ މިގައުމުގައި ފެތުރިފައިވާ އިސްލާމް ދީން މިގައުމުން ނެތިގެންދާނެ ދުވަސް.

    8
    2
  3. އަލީ

    މިއީ ހަމަ ހިތަށް އެރިގޮތަކަށް ޢަދަދު ތަކެއް ޖަހާލާފަ ޕީޕީއެމްއަށް ކޮށްދީފައޮތް ކެމްޕެއިން އެއް

  4. ހާނާ

    ތީ ތެދެއް އުތީމު އަދިވެސް އޮތީ ޕީޕީއެމް އާ އެއްކޮޅަށް އެމްޑީޕީ އަށް ގިނަމީހުން ގޮސްތިބީ ބަހާލި ލާރި ގަޑެއްގެ ސަބަބުން