(ހއ.ކެލާ) އުއްމީދު ދޫނުކޮށް، އަމިއްލަ ފަސްގަނޑުގައި އާމްދަނީ ހޯދައިގެން ތާހިރު ދިރިއުޅުމަކަށް މަސައްކަތް ކުރާ ނަމޫނާ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. ތަރައްޤީއަށް ތަސައްވުރެއް އޮތް ބަޔެކެވެ. ޤުދުރަތީ ގޮތުން ރީތި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ބޮޑުތިލަދުންމަތީ އުތުރު ބުރީގައި އޮންނަ މި ރަށަކީ ރީތި ދޮންވެލި ގޮނޑުދޮށަކާއި، ރުކާއި ކަނޑޫފާ ފަދަ ގަސްތަކުން ފެހިކަން ގަދަ ރަށެކެވެ. މި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ކެލާގައި ޓޫރިޒަމް ފުޅާކޮށް ފުދުންތެރި ޖީލެއް ބިނާ ކުރުމަކީ މި ރަށުގެ ރައްޔިތުން އަބަދުވެސް ދެކެމުން އައި ބޮޑު ހުވަފެނެކެވެ. ރަށަށް ލިބިދީފައިވާ ޤުދުރަތީ ރީތިކަމުގެ ނިޢުމަތާ މެދު ރަށު ރައްޔިތުން ފަޚުރުވެރިވެއެވެ.

ހއ. އަތޮޅުގެ ރަށްތަކަށް "ވަގުތު ހޭރިޔާ" އިން ކުރަމުންދާ ދަތުރުގައި ގިނަ ރަށްރަށެކޭ އެއް ގޮތަށް ކެލާގައި ވެސް ފެނުނީ ވަށައިގެން އިންތިޚާބުގެ ފޯރިއެވެ. އެކަމަކު ތަފާތެއް ފާހަގަވިއެވެ. ވާދަވެރި ދެ ޕާޓީގެ ވެސް ބޮޑެތި ކެމްޕޭން ބޯޑުތައް ހުއްޓެވެ. އޭގައި ކޮންމެ ޕާޓީއެެއްގެ ވެސް ބޮޑެތި ހުށަހެޅުންތައް ލިޔެފައި ހުއްޓެވެ. ކެލާ ތަރައްގީ ކުރާނެ ގޮތުގެ ތަސައްވުރެެއް ލިޔެފައިވެއެވެ.

"މިއިން ވެސް މި ފެންނަނީ މި ރަށުގެ ރައްޔިތުންގެ އަޣުލަބިއްޔަތު ތާއީދު ހޯދުމަށް ރަށް ތަރައްޤީ ކުރާނެ ގޮތުގެ ވިސްނުމެއް ހުށަހަޅައިގެން އެ ކަންކަން ކުރެވޭނެ ކަމުގެ ޔަޤީން ކަން ދީގެން ނޫނީ ތާއީދު ނުލިބޭނެ ކަން، މި ރަށުގެ ރައްޔިތުންނަކީ އަބަދުވެސް ތަރައްޤީއާއި ތަނަވަސް ދިރިއުޅުމެއްގެ އުއްމީދެއްގައި ތިބި ރައްޔިތުން،" ނޫސްވެރިންނާ ދިމާވި ކެލާ ރައްޔިތަކު ބުންޏެވެ.

ހއ. ކެލާގައި ވަގުތު ހޭރިޔާއިން ދިރާސާ ކުރިއަށް ގެންދަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ހއ. ކެލާއަށް "ވަގުތު ހޭރިޔާ" އިން ކުރިއަށް ގެންދިޔަ އިންތީޚާބީ ދިރާސާގައި 343 މީހުން ބައިވެރިވިއެވެ. ކެލާގެ 1658 ރަށްވެހިންނަށް ވޯޓް ލުމުގެ ހައްޤު ލިބިފައިވާ އިރު، "ވަގުތު ހޭރިޔާ" ދިރާސާގައި ބައިވެރިވެފައިވަނީ އޭގެ ގާތްގަނޑަކަށް 21 އިންސައްތަ މީހުނެވެ. މީގެ ތެރެއިން ކެލާގައި ދިރިއުޅޭ 714 ރަށްވެހިންނަށް ވޯޓް ލުމުގެ ހައްޤު ލިބިފައިވާއިރު ދިރާސާގައި ވަނީ މި އާބާދީގެ 48 އިންސައްތަ ބައިވެރިވެފައެވެ.

މިހާތަނަށް އިންތިޚާބުތަކުގައި ކެލާއިން އަޣުލަބިއްޔަތު ލިބިފައިވަނީ ޕީޕީއެމްއަށެވެ. އެހެން ނަމަވެސް އެއީ ހަނި ގޮތަކުން އިންތިޚާބު ކާމިޔާބުކޮށްގެނެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ކައުންސިލް އިންތިޚާބު ކެލާއިން ހޯދީ އެމްޑީޕީއިންނެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގައި އެމްޑީޕީއިން ކުރިން ހޯދި ކާމިޔާބީ ދިފާއު ކުރެވޭނެ ހެއްޔެވެ؟ ގިނަ ބަޔަކު ތިބީ އަލުން އަނބުރާ ޕީޕީއެމްއަށް ފުރުސަތު ދޭން ކަމަށް ފެނެއެވެ.

ހއ. ކެލާގެ މަގެއްގައި ސިޔާސީ ޕާޓީތަކުގެ ދިދަ ފަތިތައް ދަމާފައި؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ޒުވާނުންގެ ތެރޭ ދެ ޕާޓީގެ ވާދަވެރިކަން

ހއ. ކެލާއިން މި ދިރާސާގައި އަލަށް ވޯޓް ލެވޭ އުމުރުފުރާގެ ތިން ޒުވާނުން ބައިވެރިވިއެވެ. އެއީ 17 އަހަރާއި 19 އަހަރާއި ދެމެދުގެ އުމުރުފުރާއެވެ. އަދި 20 އަހަރާއި 29 އަހަރާ ދެމެދުގެ އުމުރު ފުރާގެ 31 މީހުން ބައިވެރިވިއެވެ.

މީގެ ތެރެއިން އަލަށް ވޯޓް ލެވޭ ތިން ޒުވާނުން ދީފައިވާ ޖަވާބަށް ބަލާއިރު އޭގެ ތެރެއިން ދެ ޒުވާނުންގެ ޖަވާބަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށެވެ. ތިންވަނަ ޒުވާނާގެ ޖަވާބަކީ ވޯޓް ލާން ނުދާނެ ކަމަށެވެ. އަދި އެ ޒުވާނާއަށް އެއްވެސް ސަރުކާރެއް ކަމަކު ނުދާ ކަމަށް ޖަވާބު ދިނެވެ.

20 އަހަރާއި 29 އަހަރުގެ އުމުރުފުރާއަށް ބަލާއިރު އެމްޑީޕީއަށް ވޯޓް ދޭ މީހުނަށް ވުރެ ޕީޕީއެމްއަށް ވޯޓް ދޭ މީހުން ގިނައެވެ. މި ގޮތުން ރަށު ކައުންސިލް ރައީސްގެ ވޯޓުގައި ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 17 މީހަކު ބުނެފައިވާއިރު އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި ވެސް ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 17 މީހަކު ބުނެފައިވެއެވެ. ރަށު ރައީސްގެ ވޯޓުގައި އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް ނުވަ މީހަކު ބުނެފައިވާއިރު އަތޮޅު ރައީސްގެ ވޯޓުގައި އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 10 މީހެކެވެ. ރަށު ރައީސްގެ ވޯޓުގައި ވޯޓް ލާނެ ގޮތް ނުނިންމާ ނުވަތަ ހާމަ ކުރަން ބޭނުން ނުވާ ފަސް މީހަކު ތިބިއިރު އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި ވެސް ގޮތެއް ނުނިންމޭ ކަމަށް ހަތަރު މީހަކު ބުނެފައިވެއެވެ.

މެދު އުމުރުފުރާއާއި ދޮށީ ރަށްވެހިންގެ ތެރޭ ޕީޕީއެމްއަށް ފުޅާ ކުރިއެރުމެއް

އެހެން ރަށްރަށެކޭ އެއް ގޮތަށް ކެލާގައި ވެސް މި ދިރާސާގައި އެންމެ ބޮޑަށް ބައިވެރިވެފައިވަނީ މި އުމުރުފުރާތަކުގެ މީހުނެވެ. މި ގޮތުން އުމުރުން 30 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރުފުރާގެ 242 މީހުން ބައިވެރިވިއިރު، އުމުރުން 65 އަހަރުން މަތީގެ 66 މީހަކު ދިރާސާގައި ބައިވެރިވިއެވެ.

30 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރުފުރާއަށް ބަލާއިރު، ރަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 116 މީހަކު ބުނެފައިވާއިރު އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 113 މީހަކު ބުނެފައިވެއެވެ. ރަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް 92 މީހަކު ބުނެފައިވާއިރު އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި 93 މީހަކު ވަނީ އެ ޕާޓީއަށް ވޯޓް ދޭނެ ކަމަށް ބުނެފައެވެ.

މި އުމުރުފުރާގެ ހަތް މީހަކު ވޯޓް ލާން ނުދާނެ ކަމަށް ބުނެފައިވެއެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި 29 މީހަކު ވަނީ ވޯޓް ލާނެ ގޮތެއް އަދި ނުނިންމާ ކަމަށް ނުވަތަ ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ކަމަށް ބުނެފައެވެ. އަދި ރަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި 27 މީހަކު ވަނީ ވޯޓް ލާނެ ގޮތެއް އަދި ނުނިންމާ ކަމަށް ނުވަތަ ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

65 އަހަރުން މަތީގެ އުމުރުފުރާއަށް ބަލާއިރު، ރަށު ކައުންސިލްގެ ރައީސްއާއި އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 33 މީހަކު ބުނެފައިވެއެވެ. މި ދެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 26 މީހަކު ބުނެފައިވެއެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް ފަސް މީހަކު ބުނެފައިވާއިރު އެކަކު ވަނީ ވޯޓް ލާން ނުދާނެ ކަމަށް ބުނެފައެވެ.

ރަށު ކައުންސިލަށް ދެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓްދޭ 18 މީހެއް

ކެލާ ރަށު ކައުންސިލަށް ފަސް މެންބަރަކު އިންތިޚާބު ކުރާނެއެވެ. ކައުންސިލްގެ ރައީސް އިންތިޚާބު ކުރާނީ މުޅި ރަށު ރައްޔިތުން ލާ ވޯޓަކުންނެވެ. އޭގެ އިތުރަށް ކައުންސިލަށް ހަތަރު މެންބަރަކު އިންތިޚާބު ކުރާނެއެވެ. އޭގެ ތެރޭގައި އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ދެ ގޮނޑި ހިމެނެއެވެ. މި ހަތަރު ގޮނޑިއަށް ވޯޓް ދޭއިރުގައި އެއް ޕާޓީއަށް ވުރެ ގިނައިން ވެސް ވޯޓު ދިނުމުގެ އިޚްތިޔާރު ވޯޓްލާ ފަރާތަށް ލިބޭނެއެވެ.

މި ގޮތުން ކެލާއިން "ވަގުތު ހޭރިޔާ" ދިރާސާގައި ބައިވެރިވި 343 މީހުންގެ ތެރެއިން 18 މީހަކު ބުނެފައިވަނީ ރަށު ކައުންސިލް އިންތިޚާބުގައި އެމްޑީޕީއާއި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވެސް ވޯޓް ދޭނެ ކަމަށެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ ގާތްގަނޑަކަށް 5 އިންސައްތައެވެ. ވޯޓްލާ އާބާދީގެ ތެރެއިން ވޯޓްލާން ނުކުންނަ މީހުންގެ ތެރޭގައި މި އިންސައްތަ މިއަށް ވުރެ ވެސް އިތުރު ވެދާނެ ކަމަށް ބެލެވެއެވެ.

އެމްޑީޕީއާއި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވެސް ވޯޓް ދޭނެ ކަމަށް ބުނެފައިވާ މީހުންގެ ތެރޭގައި ގިނައީ 30 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރު ފުރާގެ މީހުނެވެ. މި އުމުރު ފުރާގެ 16 މީހަކު ވަނީ ދެ ޕާޓީއަށް ވޯޓް ދޭނެ ކަމަށް ބުނެފައެވެ. 65 އަހަރުން މަތީގެ ދެ މީހަކު ވެސް ވަނީ ދެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ބުނެފައެވެ. އެހެން އުމުރުފުރާތަކުގެ މީހުންގެ ތެރެއިން މި ގޮތަށް ވޯޓް ދޭނެ ކަމަށް ބުނާ މީހަކު ދިރާސާގައި ބައިވެރިއެއް ނުވެއެވެ.

ހޭރިޔާ ދިރާސާގެ ޖުމުލަ ނަތީޖާ

ރަށު ކައުންސިލްގެ ރައީސް ވޯޓްގައި ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 166 މީހަކު ބުނެފައިވެއެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 48 އިންސައްތައެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 129 މީހުންނެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 38 އިންސައްތައެވެ. ވޯޓް ނުލާނެ ކަމަށް ނުވަ މީހަކު ބުންޏެވެ. އެއީ ދެ އިންސައްތައެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް 20 މީހަކު ބުނެފައިވާއިރު އެއީ ހަ އިންސައްތައެވެ. ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ 17 މީހަކު ތިބިއިރު، އެއީ ފަސް އިންސައްތައެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓްގައި ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 163 މީހަކު ބުނެފައިވެއެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 48 އިންސައްތައެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 131 މީހުނެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 38 އިންސައްތައެވެ. ވޯޓް ލާނެ ގޮތް ނުނިންމާ 23 މީހަކު ތިބިއިރު އެއީ ހަތް އިންސައްތައެވެ. ވޯޓް ނުލާނެ ކަމަށް ނުވަ މީހަކު ބުނެފައިވާއިރު އެއީ ދެ އިންސައްތައެވެ. ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ 16 މީހަކު ތިއްބެވެ. އެއީ ފަސް އިންސައްތައެވެ.

ރަށު ކައުންސިލްގެ ވޯޓްގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް 172 މީހަކު ބުނެފައިވެއެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 50 އިންސައްތައެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 130 މީހުނެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 38 އިންސައްތައެވެ. ވޯޓް ލާނެ ގޮތް ނުނިންމާ 16 މީހަކު ތިބިއިރު އެއީ ފަސް އިންސައްތައެވެ. ވޯޓް ނުލާނެ ކަމަށް ނުވަ މީހަކު ބުނެފައިވާއިރު އެއީ ދެ އިންސައްތައެވެ. ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ 16 މީހަކު ތިއްބެވެ. އެއީ ފަސް އިންސައްތައެވެ.

އަތޮޅު ރައީސްގެ ވޯޓް

ރަށު ރައީސްގެ ވޯޓް

ރަށު ކައުންސިލްގެ ވޯޓް

އެއްވެސް ސަރުކާރެއް ކަމުދޭ ތަ؟

ކެލާ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ބެލި ނަމަވެސް މާ ގިނަ އިޚްތިޔާރުތަކެއް އޮތް ކަމަކަށް ނުބެލެވެއެވެ. ސަޕޯޓް ވެސް އޮތީ އެމްޑީޕީއާއި ޕީޕީއެމްއާ ދެމެދު އެކަނި ކަމަށް ވުމުން ވެފައިވާ ގޮތަކަށް ވެސް ބެލެވެއެވެ. އެހެންކަމުން "ވަގުތު ހޭރިޔާ" ގެ އިންތިޚާބީ މި ދިރާސާގައި ސަރުކާރުތަކާ މެދު ދެކޭ ގޮތެއް ވެސް ބަލާލީމެވެ.

ދިރާސާގައި ބައިވެރިވި 343 މީހުންގެ ތެރެއިން 153 މީހަކު ވަނީ ކުރީގެ ސަރުކާރު ކަމުދާ ކަމަށް ބުނެފައެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 44.6 އިންސައްތައެވެ. މި ސަރުކާރު ކަމުދާ ކަމަށް 133 ބުނެފައިވާއިރު އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 38.8 އިންސައްތައެވެ. އެއްވެސް ސަރުކާރެއް ކަމު ނުދާ ކަމަށް 25 މީހަކު ބުނިއިރު އެއީ 7.3 އިންސައްތައެވެ. ދެ ސަރުކާރު ވެސް ކަމުދާ ކަމަށް 32 މީހަކު ބުނިއިރު އެއީ 9.3 އިންސައްތައެވެ.

މާދަމާ ރިޔާސީ އިންތިޚާބެއް ބާއްވާނަމަ މި ސަރުކާރަށް ވޯޓް ދޭނަންތަ؟

"ވަގުތު ހޭރިޔާ" ދިރާސާގައި އާންމުންނަށް އަމާޒު ކުރާ ވަރަށް މުހިއްމު ސުވާލެއް އޮވެއެވެ. އެއީ މާދަމާ ރިޔާސީ އިންތިހާބެއް ބާއްވާ ނަމަ، ޤައުމުގެ މިހާރު މި ހުރި ހާލަތަށް ވިސްނާފައި މި ސަރުކާރަށް ވޯޓު ދޭނަން ހެއްޔެވެ؟ މި ސުވާލު ކުރުމުގެ މަޤްޞަދަކީ ސަރުކާރުން ދެމުންދާ ޚިދުމަތާއި މިހާތަނަށް ނެރެފައިވާ ނަތީޖާއާއި، މަޝްރޫއުތަކުގެ ދުވެލި ހުރި މިންވަރާ މެދު ރައްޔިތުން ހިތްހަމަޖެހޭތޯ ބެލުމެވެ.

ކެލާގެ ގިނަ ބަޔަކު ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި، މީގެ ކުރީގެ ބައެއް އިންތިޚާބުތަކުގައި ވެސް އަޣުލަބިއްޔަތު ދިން ޕީޕީއެމްއަށް ފުރުސަތު ދޭން ނިންމީ ވެސް މި ސަރުކާރާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން އޮތުމުން ކަމުގައި ބެލެވެއެވެ. ދިރާސާގައި ބައިވެރިވި 179 މީހަކު މި ސަރުކާރަށް ވޯޓް ނުދޭނެ ކަމަށް ބުނެފައެވެ. އެއީ 52.2 އިންސައްތައެވެ. ސަރުކާރަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 126 މީހެކެވެ. އެއީ 36.7 އިންސައްތައެވެ. ވޯޓް ދޭނެ ގޮތެއް ނިންމާނީ އެ ވަގުތެއް އައިސް ޖެހުމުން ކަމަށް 37 މީހަކު ބުނެފައިވެއެވެ. އެއީ 10.8 އިންސައްތައެވެ.

"ވަގުތު ހޭރިޔާ" އިން ކުރި ދިރާސާގައި ބައިވެރިވެފައިވަނީ ވޯޓްލާ އާބާދީގެ ގާތްގަނޑަކަށް 21 އިންސައްތަ މީހުން ކަމުގައިވީއިރު، ދިރާސާގައި ބައިވެރިނުވާ މި އާބާދީގެ 70 އިންސައްތަ މީހުންގެ ވޯޓް އަންނަ ގޮތުން މި ނަތީޖާއަށް ބަދަލެއް އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި މާލޭގައި ހުންނަ ކެލާ ރައްޔިތުން ވޯޓް ލާ ފޮށީީގެ ނަތީޖާއިން ވެސް މި ނަތީޖާ ހަމަ ބަދަލުވެދާނެއެވެ. އެހެން ވިޔަސް މި ވާދަވެރި ރޭހުގައި ރަށުގައި ތިބި މީހުންގެ ތެރޭގައި ޕީޕީއެމްގެ މަޤްބޫލް ކަން އަނެއްކާ ވެސް އިތުރުވާ މަންޒަރު ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުމަރު

    ތީ ވަރަށް ފޭކު އެއްޗެއް.. ކެލާ މީހުންނަކީ ތިހާ ބޮލަށް ފިތިފަ ތިބޭ ބައެއްނޫން.. ހެޔޮ ނުބައި ވަކިކުރަން ދަންނަބައެއް ކިޔަވައިގެން ތިބި ބައެއް.. ތަރައްޤީގެ ޕްލޭން ތަކާ .. އިންސާނިއްޔަތުކަން ހުރި ޢަމަލްތައް ކުރާ މީހުންނާ އެނޫން މީހުން ކެލާ މީހުންނަށް ނިކަންރަނގަޅަށް އެނގޭ.. ނުދާނެ ކެލާގެ ވޯޓެއް.

    1
    1
  2. ނޯ

    އެމްޑީޕީ ވެރިކަމުގައި ރަތްޔަތުމީހާ މިހާރުހުރީ ކަރުތާފެނުގައި. ތަނެއްދުރެއްއަންގާ ނުލާ އެގްރީމަންޓުތަކުގައި ސޮއިކޮށް ގައުމުވިއްކާހުސްކުރަނީ. ދިވެހިންތިބީ ބިރުން. ފަރަންޒީ ސަރުކާރެެއްހެންހީވާކަހަލަ. ފަރަންޒީނަށް ރަގަޅުގޮތްތަށް ހޯދައިދެވޭތޯ ހޭބޯނާރާ މަސައްކަތްކުރަނީ

    3
    1