(ހއ. މޮޅަދޫ) މޮޅަދޫގެ މަސްރަހަށް ބަދަލެއް ނެތެވެ. އަންނަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭން ފޯރި މި ރަށުގައި ކުޑައެވެ. އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ދެ ގޮނޑި މިހާރު ވެސް ދެ ކެންޑިޑޭޓަކު ކަށަވަރުކޮށްފިއެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓަކާއި އަމިއްލަ ކެންޑިޑޭޓެކެވެ.

އިންތިޚާބުގައި ދެން ގޮތެއް ނިންމަން އޮތީ ވެސް ކައުންސިލްގެ ދެ ގޮނޑިއާއި ކައުންސިލްގެ ރައީސްގެ ގޮނޑިއަށެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑިއަށް މި ރަށުން ވޯޓް ދޭނެ ގޮތަކާ މެދުގައެވެ.

މީގެ ތެރެއިން ވެސް ރަށު ކައުންސިލްގެ ދެ ގޮނޑިއަށް ތިން ކެންޑިޑޭޓުން ވާދަކުރާތީ އިތުރު މިނިވަން ކެންޑިޑޭޓަކަށް ވެސް ގޮނޑި ކާމިޔާބު ކުރެވޭނެއެވެ. އެހެންކަމުން އެމްޑީޕީއަށް އެއް ގޮނޑި އަދި އަމިއްލަ ކެންޑިޑޭޓުންނަށް ދެ ގޮނޑި ލިބޭނެއެވެ.

އެމްޑީޕީގެ ގިނަ ކެންޑިޑޭޓުން ނެތުމުން އެމްޑީޕީއަށް އަޣުލަބިއްޔަތު ގެއްލުމަކީ ވެސް ގާތް ކަމެއްގެ ގޮތުގައި ބެލެވުނެވެ. ރަށު ކައުންސިލްގެ ދެ ގޮނޑިއަށް ވާދަކުރަނީ އެމްޑީޕީގެ ކެންޑިޑޭޓަކާއި އަމިއްލަ ދެ ކެންޑިޑޭޓުންނެވެ. ރަށު ކައުންސިލްގެ ރައީސްގެ ގޮނޑިއަށް ވާދަކުރަނީ އެމްޑީޕީގެ ކެންޑިޑޭޓަކާއި އަމިއްލަ ކެންޑިޑޭޓެކެވެ. އެމްޑީޕީއަށް މި ކައުންސިލްގެ އަޣުލަބިއްޔަތު ލިބެން އަންނަނީ މިހާރު ވާދަކުރާ ދެ ކެންޑިޑޭޓުން ވެސް އިންތިޚާބު ކާމިޔާބުކޮށްގެނެވެ.

ހިމޭން ކެމްޕޭނެއް ވެސް އޮތް ހެން ނުފެންނަ އަދި އާބާދީގެ ގޮތުން މީސްކޮޅު މަދު މި މޮޅަދޫއިން "ވަގުތު ހޭރިޔާ" އިން ކުރިއަށް ގެންދިޔަ "އިންތިޚާބީ ދިރާސާ" ގައި 98 މީހަކު ބައިވެރިވިއެވެ. މޮޅަދޫގެ 295 ރަށްވެހިންނަށް އިންތިޚާބުގައި ވޯޓް ލުމުގެ ޙައްޤު ލިބިފައިވާއިރު، މި ދިރާސާގައި އޭގެ 33 އިންސައްތަ މީހުން ބައިވެރިވިއެވެ. ރަށުގައި ވޯޓް ލުމުގެ ޙައްގު ލިބިފައިވާ 180 މީހުން ތިބި ކަމަށް ބެލެވޭއިރު، އޭގެ 54 އިންސައްތަ މީހުން މި ވަނީ މި ދިރާސާގައި ބައިވެރިވެފައެވެ. މި ދިރާސާގައި ބައިވެރިވި ގިނަ މީހުންގެ ޖަވާބުން ވެސް މިއީ "ރަން ރީނދޫ" ޕާޓީގެ ސަހަރެއްގެ ގޮތުގައި ބެލެވުނެވެ.

ހއ. މޮޅަދޫގައި ވަގުތު ހޭރިޔާއިން އިންތިޚާބީ ދިރާސާ ކުރިއަށް ގެންދަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ދޮށީ ރަށްވެހިންގެ ތެރޭގައި އެމްޑީޕީގެ ތާއީދު ކުޑަ

"ވަގުތު ހޭރިޔާ" މި ދިރާސާގައި މޮޅަދޫއިން ބައިވެރިވި 98 މީހުންގެ ތެރޭގައި 65 އަހަރުން މަތީގެ 13 މީހަކު ބައިވެރިވިއެވެ. ރަށު ކައުންސިލްއާއި ރަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް މީގެ ތެރެއިން ބުނެފައިވަނީ 7 މީހުންނެވެ. އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓު ދޭނެ ކަމަށް ހަ މީހަކު ބުނެފައިވެއެވެ. އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 8 މީހަކު ބުނެފައިވާއިރު ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ ފަސް މީހެކެވެ. މި އުމުރުފުރާއިން ބައިވެރިވި އެންމެން ވެސް ވަނީ ވޯޓު ލާނެ ގޮތެއް ނިންމައިފައެވެ.

މެދު އުމުރުފުރާއާއި ޒުވާނުންގެ ތެރޭ އެމްޑީޕީގެ ތާއީދު ބޮޑު

މި ދިރާސާގައި މޮޅަދޫއިން ބައިވެރިވެފައިވަނީ އަލަށް ވޯޓް ލެވޭ އުމުރުފުރާގެ އެންމެ މީހެކެވެ. އަލަށް ވޯޓު ލެވޭ ކަމަށް މި ބަލަނީ އުމުރުން 17 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާއަށެވެ. މި އުމުރުފުރާގެ ތެރެއިން ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓް ލުމުގެ ޙައްގު ލިބިފައިވާ މި ޒުވާނާ ބުނި ގޮތުގައި ވެސް ވޯޓް ދެނީ އެމްޑީޕީއަށެވެ.

ހއ. މޮޅަދޫގައި ވަގުތު ހޭރިޔާއިން އިންތިޚާބީ ދިރާސާ ކުރިއަށް ގެންދަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ އުމުރުފުރާއަށް ބަލާއިރު ރަށު ކައުންސިލްގެ ރައީސްއާއި އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދޭނެ ކަމަށް 10 މީހަކު ބުނެފައިވެއެވެ. ރަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި އަމިއްލަ ކެންޑިޑޭޓަށް ވޯޓު ދޭނެ ކަމަށް ހަތަރު މީހަކު ބުނެފައިވާއިރު އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި ޕީޕީއެމްގެ ކެންޑިޑޭޓްއަށް ވޯޓު ދޭނެ ކަމަށް ބުނެފައިވަނީ ތިން މީހެކެވެ.

ރަށު ކައުންސިލްގެ ރައީސްގެ ވޯޓު ނުދޭނެ ކަމަށް އެކަކު ބުނިއިރު އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓު ނުދޭނެ ކަމަށް ދެ މީހަކު ބުނެފައިވެއެވެ. އަދި މި އުމުރުފުރާއިން ބައިވެރިވި އެކަކު ވަނީ ވޯޓު ލާން ނިންމާފައިވާ ގޮތް ހާމަ ކުރަން ބޭނުން ނުވާ ކަމަށް ބުނެފައެވެ. މި އުމުރުފުރާއިން 16 މީހަކު ދިރާސާގައި ބައިވެރިވެފައިވެއެވެ.

އުމުރުން 30 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރުފުރާއަށް ބަލާއިރު 68 މީހަކު ދިރާސާގައި ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިން ރަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 48 މީހަކު ބުނެފައިވާއިރު އަމިއްލަ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 17 މީހެކެވެ. އަދި ވޯޓް ލާނެ ވަކި ގޮތެއް ނުނިންމާ ކަމަށް 17 މީހަކު ބުނެފައިވެއެވެ.

މި އުމުރުފުރާގެ މީހުންގެ ތެރެއިން އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 50 މީހެކެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 18 މީހެކެވެ. ރަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި ގޮތެއް ނުނިންމާ ތިބި މީހުން ވެސް އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި ގޮތެއް ނިންމާފައިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން އެކަކު ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް ބުނިއިރު ދެ މީހަކު ބުނެފައިވަނީ އެމްޑިޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށެވެ.

ހޭރިޔާ ދިރާސާގެ ޖުމުލަ ނަތީޖާ

ރަށު ކައުންސިލްގެ ރައީސް ވޯޓްގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 66 މީހަކު ބުނެފައިވެއެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 67 އިންސައްތައެވެ. އަމިއްލަ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 30 މީހުންނެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 28 އިންސައްތައެވެ. ވޯޓް ނުލާނެ ކަމަށް އެކަކު ބުންޏެވެ. އެއީ އެއް އިންސައްތައެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް ތިން މީހަކު ބުނެފައިވާއިރު އެއީ ދޭއް އިންސައްތައެވެ. ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ އެކަކު ހުރިއިރު، އެއީ އެއް އިންސައްތައެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓްގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 69 މީހަކު ބުނެފައިވެއެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 70 އިންސައްތައެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 27 މީހެކެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 26 އިންސައްތައެވެ. ވޯޓް ނުލާނެ ކަމަށް ދެ މީހަކު ބުނެފައިވާއިރު އެއީ ދެ އިންސައްތައެވެ. ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ އެކަކު ހުއްޓެވެ. އެއީ އެއް އިންސައްތައެވެ.

ރަށު ކައުންސިލްގެ ވޯޓްގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް 68 މީހަކު ބުނެފައިވެއެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 67 އިންސައްތައެވެ. އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 30 މީހެކެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 29 އިންސައްތައެވެ. ވޯޓް ލާނެ ގޮތް ނުނިންމާ ދެ މީހަކު ތިބިއިރު އެއީ ދެ އިންސައްތައެވެ. ވޯޓް ނުލާނެ ކަމަށް އެކަކު ބުނެފައިވާއިރު އެއީ އެއް އިންސައްތައެވެ. ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ އެކަކު ހުއްޓެވެ. އެއީ އެއް އިންސައްތައެވެ.

އަތޮޅު ރައީސްގެ ވޯޓް

ރަށު ރައީސްގެ ވޯޓް

ރަށު ކައުންސިލްގެ ވޯޓް

މޮޅަދޫއަށް މި ސަރުކާރު ކަމުދޭތަ؟

މޮޅަދޫގެ ގިނަ ބަޔަކު ތާއީދު ކުރަނީ އެމްޑީޕީއަށެވެ. މޮޅަދޫއިން ބައްދަލުވި ގިނަ މީހުންގެ ވާހަކައިން ވެސް އެކަން އެނގުނެވެ. އެކަކު އެއީ ކުރީގެ ސަރުކާރާ އަޅާ ބަލާއިރު މި ސަރުކާރު ކަމުދަނީ ހެއްޔެވެ؟ ނޫނީ އެއްވެސް ސަރުކާރެއް މޮޅަދޫގެ ގިނަ ބަޔަކު ކަމު ނުގޮސްދާނެ ހެއްޔެވެ؟ ސަރުކާރުތަކާ މެދު މޮޅަދޫގެ ރައްޔިތުން ދެކޭ ގޮތް ވެސް ބަލައިލީމެވެ.

މޮޅަދޫއިން ދިރާސާގައި ބައިވެރިވި 98 މީހުންގެ ތެރެއިން 70 މީހަކު ބުނެފައިވަނީ ކަމުދަނީ މި ސަރުކާރު ކަމަށެވެ. އެއީ ދިރާސާގައި ބައިވެރިވި މީޙުންގެ 72 އިންސައްތައެވެ. ކުރީގެ ސަރުކާރު ކަމުދާ ކަމަށް ބުނެފައިވަނީ 16 މީހެކެވެ. އެއީ 16 އިންސައްތައެވެ. އެއްވެސް ސަރުކާރެއް ކަމު ނުދާ ކަމަށް ތިން މީހަކު ބުނެފައިވާއިރު އެއީ ތިން އިންސައްތައެވެ. ދެ ސަރުކާރު ވެސް ކަމުދާ ކަމަށް ނުވަ މީހަކު ބުނެފައިވެއެވެ. އެއީ ނުވަ އިންސައްތައެވެ.

މާދަމާ ރިޔާސީ އިންތިޚާބެއް ބާއްވާނަމަ މި ސަރުކާރަށް ވޯޓް ދޭނަންތަ؟

"ވަގުތު ހޭރިޔާ" ދިރާސާގައި އާންމުންނަށް އަމާޒު ކުރާ ވަރަށް މުހިއްމު ސުވާލެއް އޮވެއެވެ. އެއީ މާދަމާ ރިޔާސީ އިންތިހާބެއް ބާއްވާ ނަމަ، ޤައުމުގެ މިހާރު މި ހުރި ހާލަތަށް ވިސްނާފައި މި ސަރުކާރަށް ވޯޓު ދޭނަން ހެއްޔެވެ؟ މި ސުވާލު ކުރުމުގެ މަޤްޞަދަކީ ސަރުކާރުން ދެމުންދާ ޚިދުމަތާއި މިހާތަނަށް ނެރެފައިވާ ނަތީޖާއާއި، މަޝްރޫއުތަކުގެ ދުވެލި ހުރި މިންވަރާ މެދު ރައްޔިތުން ހިތްހަމަޖެހޭތޯ ބެލުމެވެ.

ދިރާސާގައި ބައިވެރިވި 98 މީހުންގެ ތެރެއިން މި ސަރުކާރަށް ވޯޓް ދޭނެ ކަމަށް 70 މީހަކު ބުންޏެވެ. އެއީ 71 އިންސައްތައެވެ. ސަރުކާރަށް ވޯޓް ނުދޭނެ ކަމަށް ބުނެފައިވަނީ 25 މީހެކެވެ. އެއީ 24 އިންސައްތައެވެ. ވޯޓް ދޭނެ ގޮތެއް ނިންމާނީ އެ ވަގުތެއް އައިސް ޖެހުމުން ކަމަށް ހަތަރު މީހަކު ބުނެފައިވެއެވެ. އެއީ ހަަތަރު އިންސައްތައެވެ.

މޮޅަދޫގެ ދިރާސާގައި ބައިވެރިވެފައިވަނީ ވޯޓް ލެވޭ އާބާދީގެ 30 އިންސައްތަ ކަމުން ބާކީ 70 އިންސައްތަ މީހުންގެ ވޯޓުން މި ނަތީޖާއަށް ބަދަލު ވެސް އައިސްދާނެއެވެ. އެކަމަކު މޮޅަދޫގެ މަލަމަތިން އަދިވެސް ފެންނަނީ ރަން ރީނދޫ ކުލައިގެ ފިކުރު ބަދަލެއް ނެތި ރަސްކަން ކުރާ މަންޒަރެވެ. މި މަންޒަރަށް ބަދަލެއް އައިސްދާނެތޯގެ ޖަވާބު ލިބެން އޮތީ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހަންމަދު

    ކަޑައެޅިގެން އިސްލާމް ދީނަށް، އަދި ގައުމަށް ހެޔޮއެދޭ ބަޔެއްނޫންތީ.

  2. ޙަސަން

    ތީ ހަލާކުގެ ތެރެއަށް ދާނެ ރަށްތައް. ދީނަށް ފުރައްސާރަކުރުން ގިނަވާނީ

  3. މަކުލަތު

    އެހެން ރަށްކަށް ބަދަލުކޮށްލާ...