(ހއ. ބާރަށް) ބާރަށަކީ މާލެ އާއި 295.9 ކިލޯމީޓަރު ދުރުގައި އޮންނަ ތިލަދުންމަތީ އުތުރުބުރިއަށް ނިސްބަތްވާ ހއ.އަތޮޅުގެ މީހުން ދިރިއުޅޭ 14 ވަނަ ރަށެވެ. އަތޮޅުގެ ވެރިކަން ކުރާ ދިއްދޫގެ ހުޅަނގު ދެކުނުން 12 ކިލޯމީޓަރު ދުރުގައި އޮންނަ ބާރަށަކީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ހިތްގައިމު، ރީތި މަންޒިލެކެވެ. ބޮޑުމިނުގައި 256.7 ހެކްޓަރު ހުންނަ މި ރަށަށް 2،010 މީހަކު ނިސްބަތްވާއިރު މީގެ ތެރޭގައި ހިމެނެނީ 1033 ފިރިހެނުންނާއި 977 އަންހެނުންނެވެ. އެހެންނަމަވެސް ތަފާތު އެކި ސަބަބުތަކާއި ގުޅިގެން އާބާދީގެ 25 އިންސައްތަ ދިރިއުޅެމުންދަނީ ރަށުން ބޭރުގައެވެ. ބާރަށު ކައުންސިލުން އަންދާޒާ ކުރާ ގޮތުގައި މިހާރު ރަށުގައި ދިރިއުޅެމުންދަނީ 1500 އެއްހައު މީހުންނެވެ.

ހއ. ބާރަށު ކުޅި މަތިން ނަގާފައިވާ ފޮޓޯއެއް. މިއީ ޗަސްބިން ބޮޑު ރަށެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިރަށާއި އެންމެ ކައިރިއަށް މީހުން ދިރިއުޅޭ ރަށަކީ ރަށުގެ އުތުރުން ހއ. ފިއްލަދޫ އެވެ. ދެކުނުނުން ހދ. ހަނިމާދުއެވެ. ރަށުގެ ހުޅަނގު ފަރާތުން ހއ. މުރައިދުއެވެ. ރަށާއި އެންމެ ކައިރީގައި އޮންނަ ފަޅުރަށަކީ ހއ. މާފައްސެވެ.

އަރަބި ބަހުގެ "ބާ" އަކުރުގެ ބައްޓަމަށް އުފެދިފައިވާ ބާރަށަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވިޔަޒޯރު އަތޮޅުވެރިކަން ކުރެއްވި ރަށަށެވެ. މިއީ މުއްސަނދި ތާރީހެއް އޮތް ރަށެކެވެ. ތާރީހީ އަދި ގަދީމީ މުހިންމު ތަންތަން މިރަށުގައި މިހާރުވެސް ފެންނަން އެބަހުއްޓެވެ. އެގޮތުން މިހާރު ފެންނަން ހުރީ ހެރިޓޭޖް މިނިސްޓްރީއިން ގަދީމީ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ 9 ތަނެކެވެ.

ހއ.ބާރަށް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ބައު ހުކުރު މިސްކިތް

މި މިސްކިތަކީ ވެލިގަލާއި، އުވަ ބޭނުންކޮށްގެން ހަދާފައިވާ ޒަމާންވީ މިސްކިތެކެވެ. މި މިސްކިތުގެ އުތުރު ފަރާތު ފެންޑާގެ ހުޅަނގުގައި މުހައްމަދު ތަކުރުފާނު ނަމާދުކުރެއްވުމަށް ހާއްސަ ކުރެވިފައިވާ ތަނެއް އެބަހުއްޓެއެވެ. މިތަނުގެ މަތީގައި އެޒަމާނުގައި ވަނީ ސަނދުވާ ދަމާ ޒީނަތްތެރި ކޮށްފައެވެ. މިމިސްކިތުގެ އުތުރު ފަރާތުގައި ވެލިގަލާ އުވަ ބޭނުންކޮށްގެން ހަދާފައިވާ 15 ފޫޓުގެ އުސްމިނުގެ މުންނާރެއް ހުރެއެވެ. އަދި އިރު އުތުރުގައި ވެލިގަލުގެ ޒަމާންވީ ވަޅެއް ހުރެއެވެ. މިސްކިތުގެ އުތުރު ފަރާތުގައި ފޮރުވާލެވިފައިވާ ފެންވަރާ ވެވެއްވެސް އެތަނުގައި އެބައޮތެވެ.

މިމިސްކިތް މިގޮތަށް ބެހެއްޓުމަށްޓަކާ އެރަށި ރައްޔިތު ފެންވަރުގައި އެކިފަހަރު މަތިން ވަނީ ޓިނު ބަދަލުކުރެއްވިފައެވެ. އަދި މިހާރުވަނީ ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން މިމިސްކިތުގެ އަސްލު ނުގެއްލޭ ގޮތަށް މޮޅު ޓިނުޖަހާ މަތިވަޑާންގަނޑު ބަދަލުކޮށް ރީތިކޮށް ހަދާފައެވެ. އަދި މުންނާރާއި، ޒަމާންވީ ވަޅުވެސް ވަނީ މަރާމަތުކޮށް ރަނގަޅުކުރެވިފައެވެ.

ހއ.ބާރަށް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ހއ.ބާރަށް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ކަޅުއޮއްފުންމި ބެންނެވިތަން

އުތީމު މުހައްމަދު ތަކުރުފާނު ޕޯޗުގީޒު ލަސްކަރާ ޖިހާދު ކުރެއްވުމަށް ބެންނެވި އޮޑިކޮޅު (ކަޅުއޮށްފުންމި) ބަންނަވާފައިވަނީ މި ރަށުގައެވެ. މިއޮޑިކޮޅު ބެންނެވި އޮޑިވަޅާއި، ހަރުގެ އެޅުއްވުމަށް ޖެއްސެވި ނިކަމުޑިތައް ރޯވެ މިހާރުވެސް އެތަނުގައި ފެންނަށް އެބަހުއްޓެވެ. އަދި އެބޭފުޅުން މިއޮޑި ކޮޅު ބެންނެވުމަށް ހަރުގެ އެޅުއްވެވިއިރު މާތްﷲގެ ވާގިފުޅުން އެބޭފުޅުންނަށް ދެއްވި ބަރަކާތެއް ކަމަށް ބުނެވޭ އަރިފަނުން ވާރޭ ހިޔާވުން ހަމައެކަނި ލިބިފައިވާ ރަށަކީވެސް މިރަށަށްވުން ޚާއްޞަ ގޮތެއްގައި މިހާރުވެސް ފާހަގަ ކުރެވެއެވެ.

ކަޅުއޮށްފުންމި ބެންނެވި މަގާއި ދެ ވަޅު މިދެވަޅުކޮޅު

ބާރަށުގައި ހުރި ކަޅުއޮށްފުންމި ބެންނެވި މަގާއި، އެމަގުގައިހުރި 2 ވަޅު މިދެވަޅުކޮޅަކީ ކަޅުއޮށްފުންމި ބެންނެވިއިރު ދެލިއުނބަށް ފެންޖެއްސެވުމަށާއި، އަދިވެސް އެކަމާއި ގުޅޭ ކަންކަމަށް ފެންބޭނުންކުރެއްވި ދެ ވަޅުކޮޅެއެވެ. މިދެވަޅުކޮޅު ހަދާފައިވަނީ ވެލިގަލާއި، އުވަ ބޭނުންކޮށް، ފެނާ ހަމާގައި ޅޮސް (ލަކުޑިއެއް) ބޭނުންކޮށްގެންނެވެ. މިދެވަޅުންކުރެ އިރުމަތީގައި ހުރި ވަޅުގައި ކަޅުއޮށްފުންމިއަށް ބޭނުންވާ މަދަނާ، ދެލި ފުނޑުއްވި ކަޅުހިލަދައި މިހާރުވެސް އެބައޮތެވެ. މިމަގުގެ ދެފަރާތުގައި ކަޅުއޮށްފުންމި ބެންނެވިއިރު ހަރުގެ އެޅުމަށް ދެފަރާތުގައި ޖެއްސެވި ނިކަމުޑިތައް ރޯވެ ބޮޑެތި ގަސްގަހަށްވެ އަދިވެސް އެގަސްތައް އެމަގުގެ ދެފަރާތުގައި މިހާރުވެސް އެބަހުއްޓެވެ. އަދި ކަޅުއޮށްފުންމި ބެންނެވިއިރު ވަޅުލެއްވުމަށް ކޮންނަވާ ނެންގެވި ފަސްގަނޑު މަގުގެ އުތުރު ފަރާތުގައި އެބައޮތެވެ.

ހއ.ބާރަށް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ހއ.ބާރަށު ފާލަން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ކަމަނާމަގު

ބާރަށުގައި އޮންނަ ކަމަނާމަަގަކީ ޢީދު ކުޅިވަރު ކުޅުނު ދުވަހު މުޙަންމަދު ތަކުރުފާނު ބޮލަށް ގޮންޖެއްސެވި ބާރަށު ބޯށިވަލު ބުޅާފާޠިމާގެ ރެހެންދި ގޮއްޔެ ގޮވައިގެން އިރުމަތި ފުއްޓަރު ފަރާތަށް ގެންދިއަ މަގެވެ. (މިފުއްޓަރު ފަރާތުން އެކަކު އަނެކަކަށް ލޯބިވެ ކައިވެނި ކުރުމަށް އެއްބަސްވެވުނެވެ.) އަދި މި މަގަކީ ސިއްތިމާވާ ރަނިކިލެގެފާނު ބަލިވެގެން ކިޔަވާ ގެއެއް އަޅާ ކިޔެވެލި ކިޔެވި މަގެވެ. މިކިޔެވެލި ކިޔެވިއިރު ފެން ނެންގެވުމަށް ބޭނުންކުރެއްވި ވަޅުކޮޅުވެސް މިމަގުގެ ދެކުނު ފަރާތު ފުއްޓަރާ ކައިރީގައި ފޮރުވާލެވިފައި އެބަހުއްޓެވެ.

ކަމަނާމަގުގެ ދެކުނު ފަރާތުގައި ހުންނަ ވަޅު

ބާރަށު ކަމަނާމަގުގެ ދެކުނު ފަރާތުގައި ހުންނަ ވަޅަކީ މުޙަންމަދު ތަކުރުފާނުގެ އަނބި ކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނަށް ވަރަށް ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގެން އެކަމުން ސަލާމަތް ކުރައްވާތޯ ފުއްޓަރު ފަރާތުގައި ކިޔެވެލި ކިޔެވިއިރު ފެންބޭނުން ކުރެއްވުމަށް ކޮންނެވި ވަޅެވެ.

ބާރަށުގައި އޮންނަ ކަމަނާއޮޅު

މިކަމަނާ އޮޅަކީ އުތީމު މުޙަންމަދު ތަކުރުފާނުގެ ބޮލަށް ޢީދު ގޮންޖެހި ދުވަހު ބާރަށު ބުޅާފާޠިމާ (ރެހެންދި ގޮއްޔެ) މުޙަންމަދު ތަކުރުފާނު ކޮނޑަށް ލައިގެން މިރަށު ފުއްޓަރު ފަރާތަށްގޮސް ވާހަކަ ދައްކަން ރާޅުގަނޑު ތެރެއަށް އެރިހުރި ދިމާލެވެ. މިތަން މިހާރުވެސް އޮޅެއްގެ ސިފާގައި އަބަދުވެސް ރާޅާއި، އޮއިވަރު މަޑުތަނެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.

ބާރަށުގައި އޮންނަ ޢީދުކުޅޭ މަގު

މިމަގަކީ ޕޯޗުގީޒު ވެރިކަމުގައި ބާރަށުގައި ވިޔަޒޯރު އަތޮޅުވެރިކަން ކުރިއިރު ޢީދު ކުޅިވަރުގެ އެންމެހާ ކަންތައްތައް ބާއްވަވާ މަގެވެ. މިމަގުގެ މިގޮތަށް ބޭއްވުމަށްޓަކާ ރައްޔިތު ފެންވަރުގައި ކުނިކަހާ ސާފުކުރަމުން ގެންދެއެވެ. މި މިގު މިހާރުވެސް ފެންނަށް އެބައޮތެވެ.

ބާރަށު އިރުމަތި ފުއްޓަރު ފަރާތުގައި ހުރި ތިންބެރެބެދި

މި ތިންބެރެބެއްޖަކީ އުތީމު ޙަސަން ތަކުރުފާނުގެ ފަހަވެރި ކަމަނާ (ބާރަށު ރެހެންދި ގޮއްޔެ) މަލިކަށް ގެންދެވުމަށް ރޭގަނޑު ދަންވަރު ކަޅުއޮށްފުންމީގައި ޙަސަންތަކުރުފާނު އައިސް ފުއްޓަރު ފަރާތު އިރު ދެކުނުގައި މަޑުކުރައްވާ ފަހަވެރި ކަމަނާ ގޮވައިގެން ފުރި ދިމާލެވެ. މިތިންބެރެބެދި ހުރިތަނަކީ ރަށުގެ މީހުން އުޅޭ ހިސާބާ ވަރަށް ދުރުގައިވާ ތަނެކެވެ. މި ތިން ގަސް މިހާރުވެސް އެތަނުގައި ފެންނަން އެބަހުއްޓެވެ.

ކަނބާ ޢާއިޝާގެ މަހާނަ

މި ކަމާފާނަކީ ޢަލީ ރަސްގެފާނުގެ ދޮށީ އަނބިކަނބަލުން އަދި ސިއްތިމާވާ ރަނިކިލެގެފާނުގެ މަންމާފުޅެވެ. އަދި މުޙަންމަދު ތަކުރުފާނުގެ މައިދައިތާފުޅެވެ. މިކަމަނާ ޝަހީދުކޮށްލެއްވީ ބާރަށުގައި ކަމަށްވާތީ، ބާރަށު އަޘާރީ މިސްކިތު ގަބުރުސްތާނުގެ ހުޅަނގު އުތުރު ފަރާތުގައި ވަޅުލައްވާފައިވާ މަހާނަ މިހާރުވެސް ފެންނަން އެބައޮތެވެ. ކުރީޒަމާނުގައި އެމަހާނާގައި ޒިޔާރަތްހެދި މަތިހިޔާކޮށްފައިވެއެވެ. އެތަން ހަދާފައިހުރީ ވެލިގައު ބޭނުންކޮށް މަތީގައި އީޓު ޖަހާފައެވެ.

ހއ.ބާރަށް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ހއ.ބާރަށް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ރަށުގެ އިގްތިޞާދު

ބާރަށަކީ ސަގާފީގޮތުންނާއި ގުދުރަތީ ގޮތުން ފާހަގަކޮށްލެވޭ ރަށެކެވެ. ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ ރީތި ކުޅި އޮންނަ ރަށެވެ. ރަށުގެ އިގްތިސޯދު ބޮޑަށް ބިނާވެފައި ވަނީ ދަނޑުވެރި ކަމަށެވެ. ރަށަކީ ބޮޑު ރަށަކަށް ވުމާއި އެކު އިހުންސުރެ ދަނޑުވެރިކަން ކޮށް އުޅެއެވެ. އެއާއިލާތަކުން އަދިވެސް އަންނަނީ އެ ބިންތަކުގައި ދަނޑުގޮވާން އިންދަމުންނެވެ. އިހުގައި ބާރަށަކީ މަސްވެެރި ރަށެއް ކަމުގައި ވީނަމަވެސް މިހާރު މަސްވެރިކަމެއް އެރަށުގައެއް ނޯވެއެވެ. މަހަށް ދާ ދެ ދޯނި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން އޮތް ނަމަވެސް އެއް ދޯނި ވަނީ މިހާރު ވިއްކާލާފައެވެ. އަނެއް ދޯނި ގިނައިން އޮންނަނީ ފަޅުތެރޭގައެވެ. ރަށުގެ ގިނަ ޒުވާނުން މަސްއޫލުވެ އުޅެނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. އެފަރާތްތައް އާންމުކޮށް އުޅެނީ ރަށުން ބޭރުގައެވެ.

ބާރަށު ސްކޫލުން ގްރޭޑު 10 އާއި ހަމައަށް ތައުލީމް ހާސިލް ކުރެވޭއިރު މިވަގުތު މި ސްކޫލުގައި ކިޔަވަމުން ދަނީ 288 ކުދިންނެވެ. އެއީ 138 އަންހެން ކުދިންނާއި 150 ފިރިހެން ކުދިންނެވެ. އެ ދަރިވަރުންނަށް ކިޔަވައިދިނުމަށް 36 ޓީޗަރުން އެ ސްކޫލްގައި މަސައްކަތް ކުރަމުން އަންނައިރު، އޭގެ ތެރެއިން 11 ޓީޗަރުންނަކީ ބިދޭސީންނެވެ. ބާރަށު ސްކޫލަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ކަރަންޓްގެ މައްސަލައެވެ. ދޭތެރެ ދޭތެރެއިން ސްކޫލްގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑޭކަމަށް ރަށު ކައުންސިލުން މައުލޫމާތު ދެއްވިއެވެ. ދެ ދަންފަޅިއަށް ކިޔަވައިދޭ މި ސްކޫލްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ދަނީ 12 ކްލާސް ރޫމް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ބާރަށުގެ އާއްމުންގެ ބަޔަކާއި "ވަގުތު" މުވައްޒަފުންތަކެއް ވާހަކަ ދައްކަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ބާރަށުގެ އާއްމުންގެ ބަޔަކާއި "ވަގުތު" ޓީމުން ވާހަކަ ދައްކަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ބާރަށުގެ ސިއްހީ މަރުކަޒަށް ބަލާލާއިރު އެތަނުގައި މިވަގުތު ހަރަކާތްތެރިވަމުން ދަނީ 5 ނަރުހުންނެވެ. 2 ޑޮކްޓަރުން މި ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާއިރު މިވަގުތު ހުރީ އެންމެ ޑޮކްޓަރެކެވެ. 8 ގަޑީރު ހިދުމަތްދޭ މި މަރުކަޒަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މުވައްޒަފުންގެ ދަތިކަމެވެ. ރިސެޕްޝަނިސްޓެއް އަދި ކޭޝިޔަރެއް ހޮސްޕިޓަލްގައި ނެތްއިރު ހުރިހާ މަސައްކަތެއްވެސް ކުރަމުން އަންނަނީ ސިއްހީ ހިދުމަތްތެރިންނެވެ. މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްގެންވެސް މިކަމަށް ހައްލު ލިބިގެން ގޮސްފައި ނުވާކަން މަރުކަޒުގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.

ފެނަކައިން ހިންގާ އެރަށު އިންޖީނުގެއިން އުފައްދާ ކަރަންޓުގެ ކެޕޭސިޓީއަކީ 700 ކިލޯ ވޯލްޓްސްއެވެ. ނަމަވެސް ރަށަށް ބޭޏުންވަނީ 316 ކިލޯ ވޯސްޓްސް ކަމަށް ފެނަކައިން ބުނެއެވެ. އެެރަށުގައި ޖަހާފައި ހުރި ސޯލާ ޕެނަލްތަކުން 116 ކިލޯ ވޯލްޓްސް އުފައްދާއިރު ދެ އިންޖީނުން މުޅި ރަށަށް ކަރަންޓްގެ ހިދުމަތް ދެވޭކަމަށް ފެނަކައިން ބުނެއެވެ. މިހާރު އެއިދާރައަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެނަކައިގެ އާ އިމާރާތެއްގެ މަސައްކަތް ދަނީ ކުރެވެެމުންނެވެ.

މިހާރު ބާރަށުގައި ކުރިއަށް ދާ އިތުރު ބައެއް މަޝްރޫއުތަކަކީ ނަރުދަމާގެ މަސައްކަތާއި އައުޓްޑޯ ޖިމްއެއް ތަރައްގީ ކުރުމުގެ މަސައްކަތުގެ އިތުރުން ކުޑަކުދިންގެ ޕާކެއް ހެދުމުގެ މަސައްކަތެވެ.

ބާރަށުގައި ކުޑަކުދިންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ބާރަށުގައި ކުޑަކުދިންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިނިރީތިކަމުގެ ގޮތުން ފާހަގަކޮށްލެވޭ ރަށެއް

ބާރަށަކީ މިނިރީތިކަމުގެ ގޮތުންވެސް ފާހަގަ ކޮށްލެވޭ މަޝްހޫރު ރަށެެވެ. ދިވެހިރާއްޖެ މިހާތަނަށް އާއިރު ރީތީގެ ރާނީން ހޮވުމުގެ މުބާރާތެއް ބޭއްވިފައިވަނީ އެއް ފަހަރުއެވެ. މި މުބާރާތުގެ ރީތީގެ ރާނީގެ ތާޖު ލިބިފައިވަނީ ބާރަށު ބުލްބުލާގޭ އަލްމަރުހޫމް ރަމްލާ އަޙްމަދަށެވެ. ދިވެހިރާއްޖެ މިހާތަނަށް އާއިރުވެސް މިރީތީގެ ރާނީގެ މަޤާމުގައި މިއަދާ ހަމައަށްވެސް ހުރީ މި ރަމްލާ އަޙްމަދުއެވެ. ރަށުން ބޭރުން ބާރަށަށް ޒިޔާރަތްކުރާ މެހެމާނުން މިރީތީގެ ރާނީ ދެކެލުމަށާއި ފޮޓޯ ނެންގެވުމަށް ޒިޔާރަތް ކުރާ ކަމަށް ވެއެވެ. އެހެންނަމަވެސް މީގެ ދެ އަހަރު ކުރިން އެކަމަނާ ވަނީ ދެމިއޮތުމުގެ އާޅަމަށް ދަތުރުކޮށްފައެވެ.

ބާރަށަކީ ވެސް ހއ.އަތޮޅުގެ ގިނަ ރަށްތަކެކޭ އެއްގޮތައް ވަރަށް ރީތި ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތެދު

    މޑޕ ޕުރަމޯޓްކުރަންތޯ އެކުލައިގެފޮޓޯތައްލީ އެކަމަކު ކައުންސިލްއަށް ހޮވުނީ ޕޕއެމް ގިނައިން..!!؟؟

    8
    1
  2. ވިޔަޒޯރު

    ވަރަށް ފުރިހަމަ ލިޔުމެއް ކަމާ ނުބެހޭ ފޮޓޯޖަހައިގެން

  3. ހަސަން

    ވަގުތި ނޫހުގެ ފޮޓޯ ޕޭޖުން ހޯރަފުށީގެ އެމްޑީޕީގެ ހަރަކާތގެ ފޮޓޯ ނުނެގިހުރީ އެވަރުގެ ސޮްޕޮންސަރއެއް ދެވިގެންބާ. ތިންހަފްތާއަށްވުރެ ގިނަ ދުވސް މިވަނީ އޭގެފަހުން ރާއްޖޭގައި ހަމަ ހަރަކާތެއް ނެތީ ބާވައެވެ. ފަހަކަށް އައިސް އެމްޑީޕީ ޕްރޮމޯޓް ކލުރެވޭ ކަހަލަގޮތަކަށް ޚަބަރާއި ފޮތޯ÷ ޖެހޭކަމީ ވަގުތަށް ދެވިފައިވާ ސާފު އިތުބާރު ހީނަރުވެދާނެކަމުގެ ކުލަވަރު ކަމަށް ވަރަށް ގިނަ މީހުން ބުނާތީ އަޑުއެހީމެވެ.