(ހއ. މާރަންދޫ) ހއ. މާރަންދު އަށް އުފަން ޖައިލަމް ޙާރޫނަކީ ރަށު ރައްޔިތުންގެ ޚިދުމަތްތެރިއެކެވެ. ސިޔާސީ އަދި އިސްލާހީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި އެކްޓިވިސްޓެކެވެ. ޙަރަކާތްތެރިއެކެވެ. އިޖުތިމާއީ ހަރަކާތްތަކުގައި ވެސް ބައިވެރިވުން އޮތް ތަޢުލީމީ ޒުވާނެކެވެ. ފެނަކަ ސްޓޭޝަން މެނޭޖަރެއްގެ ގޮތުގައި ނަތީޖާތަކެއް ވެސް ނެރެ ދެއްކެވިއެވެ.

ޖައިލަމް މިހާރު ހުންނެވީ އެ އަޒުމު އިތުރަށް ވަރުގަދަކޮށްގެނެވެ. ރަށުގައި ފެންވަރު މަތި ކަރަންޓުގެ ޚިދުމަތެއް ދިނުމަށް ކުރިން ކުރެއްވި މަސައްކަތް ތަކުރާރު ކުރެއްވުމަށެވެ. އެކަމަކު މި ފަހަރު ނުކުންނެވީ ސަރުކާރުގެ ވަޒީފާއަކަށް ނޫނެވެ. އިންތިޚާބީ މަގާމަށެވެ. މުޅި ރަށުގެ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރާ މާރަންދޫ ކައުންސިލްގެ ރައީސްގެ މަގާމަށެވެ.

މީގެ ކުރިން ޕީޕީއެމްގެ ހަރަކާތްތަކުގައި ވެސް އުޅުއްވި އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޖައިލަމް ވާދަކުރައްވަނީ އަމިއްލަ ހައިސިއްޔަތުންނެވެ. މާރަންދޫގެ ހާލަތު އިސްލާހު ކުރެވެން އަންނަނީ ޕާޓީއަކާ ގުޅިގެން ކަމަށް ޖައިލަމް މިއަދު ގަބޫލެއް ނުކުރައްވައެވެ. އެ ކަން ކުރެވެން އޮތީ މިނިވަން ފިކުރެއް އިސްކޮށްގެން ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.

ވަރުގަދަ ހަރަކާތްތަކާ އެކު ރަށަށް އިސްލާހުތައް ގެނެސްދިން

ވޭތުވެދިޔަ ފަސް ވަރަކަށް އަހަރު މާރަންދޫގައި ހުންނަ ފެނަކަ ބްރާންޗުގެ ސްޓޭޝަން މެނޭޖަރަކަށް ހުންނެވި އިރު އާއި ޒުވާނެއްގެ ހައިސިއްޔަތުން ރަށަށް ކޮށްދެއްވި ޚިދުމަތްތައް "ވަގުތު ހޭރިޔާ" އަށް ޖައިލަމް ޙިއްސާ ކޮށްދެއްވިއެވެ.

މާރަންދޫގައި އޮތް ޒުވާނުންގެ ޖަމިއްޔާ އަދި ފަހުން އުފެއްދި ޔޫތް ސޮސައިޓީގެ ސެކްރެޓަރީ ކަން ކުރެއްވި ޖައިލަމް ވިދާޅުވި ގޮތުގައި ރަށުގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް އޭރު ހިންގެވިފައި އޮތް ކަމަށެވެ. ފިރިހެން ޒުވާނުންނަށް އަމާޒުކޮށް ފުޓުބޯޅަ މުބާރާތްތައް އަދި އަންހެން ޒުވާނުންނަށް އަމާޒުކޮށް ވޮލީބޯޅަ އަދި ހޭންޑްބޯޅަ ކުރިވަރުގެ ހަރަކާތްތައް ހިންގާފައިވާ ކަން ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކަ މާރަންދޫ ބްރާންޗްއާ ހަވާލުވެ ހުންނެވި އިރު ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ޖައިލަމް އެންމެ ބޮޑު ކަމަކަށް ފާހަގަކުރައްވަނީ އާ އިންޖީނެއް ގެނެވުމެވެ. މި ގޮތުން މަގާމާ ހަވާލު ހުންނެވިއިރު އެ ތަނުގައި އޮތީ އެތައް ޒާމާންވީ އިންޖީނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޖީނުގެ ހިންގަން ފެނަކަ އާ އިމާރާތެއް ހޯދަން ކުރެވުނު މަސައްކަތްތައް ވެސް ޙިއްސާ ކުރެއްވިއެވެ. ޖައިލަމް ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރެވިގެން އައީ އޭރު މާރަންދޫ ބްރާންޗްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކެމްޕޭން ހަރަކާތްތަކަކުންނެވެ. އެ ކަމުގައި ސްޓޭޝަން މެނޭޖަރުގެ ހައިސިއްޔަތުން ވެސް އިސްކޮށް ހުންނެވިއެވެ.

"އިންޖީނުގެ އާ އިމާރާތް ނޭޅި ލަސްވާތީ އަޅުގަނޑުމެން މުޅި ރަށުގައި ކެމްޕޭނެއް ޖެއްސިން، ވެގެން އުޅުނު ކަމަކީ ފެނަކައިން ބޭނުންވާ ބިން ކައުންސިލުން ދޭން ބޭނުން ނުވީ ފުރަތަމަ، އެހެން ކޮންމެ ވެސް ކަމަކަށް މުހިއްމު ބިމަކަށް ވާތީ ކަމަށް ބުނެ، އެކަމަކު ކެމްޕޭންއާ އެކީ ކައުންސިލާ ބައްދަލު ކުރެވި އެ ކަން ވެސް ހަމަޖެހިގެން ދިޔައީ،" ޖައިލަމް ވިދާޅުވިއެވެ.

ހއ. މާރަންދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ޖައިލަމް ޙާރޫން -ވަގުތު އިމޭޖަސް: ޖައިލަމް ޙާރޫން

އިލްމު ފެތުރުމަށާއި އިންސާނީ ވަސީލަތް ތަރައްގީ ކުރަން އިސްކަމެއް

ޖައިލަމް ގަބޫލު ކުރައްވާ ގޮތުގައި މާރަންދޫގެ ހާލަތު އިސްލާހު ކުރެވެން އަންނަނީ ހިލަތަކުގެ ތަރައްގީއެއް ވަކި ގެނެވިގެން ނޫނެވެ. އެ ކަމަށްޓަކައި މާރަންދޫގައި އިންސާނީ ވަސީލަތްތައް ގާއިމް ކުރަން ޖެހެއެވެ. ޒުވާން ޖީލެއް ބިނާ ކުރަން ޖެހެއެވެ. އެ ނޫން ގޮތަކަށް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ ގޮތެއް ނެތް ކަމުގައި އޭނާ ވިދާޅުވިއެވެ.

"ޒުވާނުން ހޭލުންތެރި ކުރަން އެބަ ޖެހޭ، ބޭނުންތެރި ބިނާ ކުރަނިވި ޖީލަކަށް އަޅުގަނޑުމެންގެ ޖީލު ވާން އެބަ ޖެހޭ، އެ ކަމަށް ރަށުގައާއި ރަށް ކައިރިން ވަޒީފާގެ ފުރުސަތުތައް ހޯދުމަށާއި އޭގެ ހޭލުންތެރިކަން ޒުވާނުންނަށް ދިނުމަށް ރަށުގައި ޖޮބް ސެންޓަރެއް ގާއިމް ކުރުމަކީ އަމާޒެއް، ޖައިލަމް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގައި ގުރްއާން އިލްމު އުނގަންނައިދޭ މަރުކަޒެއް ގާއިމު ކުރުމަކީ ވެސް ޖައިމަލްގެ އަމާޒެކެވެ. މި މަރުކަޒު މެދުވެރިކޮށް ރަށުގައި ގުރްއާން ހިތުދަސް ހާފިޒުންނާއި ގާރީން ތަމްރީން ކުރެވިގެން ދާނެ ކަމަށް ޖައިލަމް ވިދާޅުވިއެވެ.

މާރަންދޫ މަގެއް. - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އެންމެ ބޮޑު އަމާޒު؛ އެއްބައިވަންތަ މުޖުތަމައެއް

ޕީޕީއެމްގެ ހަރަކާތްތަކުގައި މީގެ ކުރިން އިސްކޮށް އުޅުއްވިޔަސް ސިޔާސީ ޕާޓީއަކަށް އެ ގޮތަށް "ހުސްވެގެން" ހުރުމަކީ ހެދުނު ގޯހެއް ކަމުގައި ޖައިލަމް މިއަދު ގަބޫލު ކުރައްވައެވެ. ރަށުގައި ސިޔާސީ ގޮތުން ތަފާތު ކުރުންތައް ޕާޓީތަކުން ގެންގުޅޭ ކަމުގައި ވިދާޅުވިއެވެ. ރަށުގެ ހާލަތު އިސްލާހު ކުރެވެން އަންނަނީ ހަމަޖެހުން ރަށަށް ލިބިގެން ކަމަށް ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުގެ ރަށް، އަޅުގަނޑު ދިރިއުޅެނީ މި ރަށުގަ، މި ރަށުގެ ހާލަތު ރަނގަޅެއް ނޫން، މިއަދު އަޅުގަނޑު ކައުންސިލްގެ ރައީސް ކަމަށް ނުކުންނަނީ މި އެ ކަން ބަދަލު ކުރަން، ކުރިން ސިޔާސީ ޕާޓީއަކަށް ގޮސް ހުސްވެ ހުއްޓަސް އަމިއްލަ ގޮތުން ނުކުމެ މިނިވަން ފިކުރެއްގަ މި ނުކުންނަނީ މި ސަބަބުތައް މި ގޮތަށް މިހެން ހުރުމުން،" ޖައިލަމް ވިދާޅުވިއެވެ.