(ހއ. ދިއްދޫ) ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި "ވަގުތު ހޭރިޔާ" އިން ކުރިއަށް ގެންދިޔަ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދިރާސާ" އާއި މި ރަށްރަށުގެ ތެރެއިން ގިނަ ރަށްރަށުގެ އިންތިޚާބުގެ ނަތީޖާ ދިމާވެއްޖެއެވެ.

މި ދިގު ދަތުރުގައި ކުރިއަށް ގެންދިޔަ ދިރާސާގައި 14 ރަށުން ޖުމުލަ 3،558 މީހުން ބައިވެރިވިއެވެ. މި އަތޮޅުގެ މީހުންގެ ތެރެއިން އިންތިޚާބުގައި ވޯޓް ލުމުގެ ހައްގު 16،236 މީހުނަށް ލިބިފައިވެއެވެ. ހއ. އަތޮޅުގައި ކުރިއަށް ގެންދިޔަ ދިރާސާގައި ވޯޓް ހައްގުވާ އާބާދީގެ 22 އިންސައްތަ މީހުން މި ވަނީ ބައިވެރިވެފައެވެ.

މި ދަތުރުގައި ކުރި ދިރާސާއިން ހއ. އަތޮޅު ކައުންސިލްއާއި އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުގެ ގޮނޑިތައް އެތުރޭނެ ގޮތް ލަފާ ކޮށްފައިވާއިރު އޭގައި ދައްކާފައިވާ ގޮތަށް އެއް ރަށް ފިޔަވައި ހުރިހާ ރަށެއްގައި ދިމާވެފައެވެ.

ރަށު ކައުންސިލް ރައީސްގެ ގޮނޑި ދިމާނުވީ ދެ ރަށެއްގައެވެ. އެއީ ހއ. ބާރަށް ކައުންސިލްގެ ރައީސްއާއި ހއ. ދިއްދޫ ކައުންސިލްގެ ރައީސްއެވެ. ދިއްދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބު ކުރިއިރު، ބާރަށު ކައުންސިލްގެ ރައީސްގެ ނަތީޖާ ދައްކަނީ އެމްޑީޕީގެ ކެންޑިޑޭޓް ކުރި ހޯދާ މަންޒަރެވެ.

އެކަމަކު ދިރާސާގައި ގޮތެއް ނުނިންމާ ކަމަށް ބުނި މީހުންގެ ވޯޓުންނާއި ބައެއް ފަރާތްތަކުން ޕީޕީއެމްއަށް ނުވަތަ އެމްޑީޕީއަށް ތާއީދު ކުރިޔަސް ކައުންސިލްގެ ރައީސްގެ ވޯޓުގައި ތަފާތުކޮށް ވޯޓް ދޭނެ ކަމަށް ބުނި މީހުންނާ މި ދެ ރަށުން ވެސް ވަރަަށް ގިނައިން ދިމާވިއެވެ. އެހެންކަމުން ދިރާސާގައި ލިބިފައިވާ އަދަދުތައް ކޮންމެ ވެސް ވަރަކަށް އިންތިޚާބުގައި ދިމާވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.

މި ދެ ރަށުގެ ވެސް މެޖޯރިޓީ ލިބޭނެ ގޮތް ވަނީ ދިމާ ކުރެވިފައެވެ. ދިއްދޫ ކައުންސިލްގެ ހަގޮނޑި އެމްޑީޕީއަށް ލިބުނު އިރު ޕީޕީއެމްއަށް ލިބެނީ ރައީސްގެ ގޮނޑި އެކަންޏެވެ. ދިރާސާގައި ވެސް ދައްކާފައިވަނީ ދިއްދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބޭނެ ކަމުގައެވެ. ބާރަށު ކައުންސިލްގެ ރައީސްގެ ގޮނޑީގައި އެމްޑީޕީ ކުރި ހޯދި ނަމަވެސް ދެން ހުރި ހަތަރު ގޮނޑި ލިބެނީ ޕީޕީއެމްއަށެވެ. ދިރާސާގައި ދައްކާފައި ވަނީ ވެސް ޕީޕީއެމްއަށް މެޖޯރިޓީ ލިބޭ ކަމަށެވެ.

ހއ. މޮޅަދޫގެ ނަތީޖާއާއި މޮޅަދޫގެ ދިރާސާއާ އެންމެ ބޮޑަށް ދިމާވެފައެއް ނުވެއެވެ. މޮޅަދޫގެ ދެ ގޮނޑި އެމްޑީޕީއަށް ލިބުނުއިރު ކައުންސިލްގެ ރައީސް ހިމެނޭހެން އަމިއްލަ ކެންޑިޑޭޓުންނަށް ތިން ގޮނޑި ލިބުނެވެ. ދިރާސާގައި ދައްކާފައި ވަނީ މި ގޮނޑިތައް އެމްޑީޕީއިން ކާމިޔާބުކޮށް އެމްޑީޕީއިން މެޖޯރިޓީ ނަގާނެ ކަމުގައެވެ. ބެލެވޭ ގޮތުގައި ތަފާތެއް އައިސްފައި އެ އޮތީ އެމްޑީޕީއަށް ތާއީދު ކުރިޔަސް ބައެއް ފަރާތްތަކުން އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދިނުމުންނެވެ.

ހއ. ތުރާކުނުގެ ނަތީޖާއާއި ދިރާސާއާ ދިމާވެއެވެ. ތުރާކުނުގެ ގޮނޑިތަކަށް އެމްޑީޕީގެ މަދު ކެންޑިޑޭޓަކާއި އަމިއްލަ ކެންޑިޑޭޓުންތަކެއް ވާދަކުރިއިރު އިިންތިޚާބު ނަގާނެ ކަމަށް ދިރާސާއިން ދެއްކެ ގޮތަށް، އަމިއްލަ ކެންޑިޑޭޓުން ހަތަރު ގޮނޑި ކާމިޔާބުކޮށް މެޖޯރިޓީ ހޯދިއެވެ. އެމްޑީޕީއަށް ލިބުނީ އެންމެ ގޮނޑިއެވެ.

ހއ. ހޯރަފުށީގެ ނަތީޖާ ވެސް ނުކުމެފައިވަނީ ދިރާސާގައި އޮތް ގޮތަށެވެ. ހޯރަފުށީގެ ހަތް ގޮނޑި ވެސް، ދިރާސާއިން ވެސް ދައްކާފައިވާ ގޮތަަށް، ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓްއެވެ.

ހއ. އިހަވަންދޫގެ ނަތީޖާ ވެސް ވަނީ ވަރަށް ބޮޑަށް ދިމާވެފައެވެ. ރަށު ކައުންސިލްގެ ރައީސްގެ ގޮނޑި ހިމެނޭ ގޮތަށް އިހަވަންދޫ ކައުންސިލްގެ ހަ ގޮނޑިއެއް ޕީޕީއެމްއިން ހޯދިއެވެ. އެމްޑީޕީއަށް ލިބުނީ އެންމެ ގޮނޑިއެކެވެ. ދިރާސާއިން ވެސް ދެއްކި ގޮތުގައި މިއީ ޕީޕީއެމްއަށް މެޖޯރިޓީ ލިބޭނެ ކައުންސިލެކެވެ.

ހއ. ކެލާގެ މަގެއް މަތީ ކެމްޕޭން ފޮތިތައް ދަމާފައި ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލ

ހއ. ކެލާގެ ދިރާސާ ވެސް ދިމާވިއެވެ. މިހާރު އެމްޑީޕީގެ ކައުންސިލެއް އޮތް ނަމަވެސް މިފަހަރު ޕީޕީއެމްގެ ކައުންސިލެއް އިންތިޚާބު ވާނެ ކަމަށް ދިރާސާއިން ދެއްކިއިރު، ކެލާ ކައުންސިލްގެ ފަސް ގޮނޑި ވެސް ކާމިޔާބު ކުރީ ޕީޕީއެމްއިންނެވެ.

ހއ. އުތީމުގެ ފަސް ގޮނޑި ޕީޕީއެމް އިން ކާމިޔާބު ކުރިއިރު ހއ. ވަށަފަރުގެ ފަސް ގޮނޑި ވެސް ޕީޕީއެމް އިން ކާމިޔާބު ކުރިއެވެ. ހއ ތަކަންދޫގެ ކައުންސިލްގެ ރައީސް ހިމެނޭހެން ތިން ގޮނޑިއެއް އެމްޑީޕީއިން ކާމިޔާބު ކުރިއިރު ދެން އޮތް ދެ ގޮނޑި ލިބުނީ އަމިއްލަ ކެންޑިޑޭޓުންނަށެވެ. މި ތިން ރަށުގެ މެޖޯރިޓީ ވެސް އައިސްފައި ވަނީ ދިރާސާއިން ދައްކާފައިވާ ގޮތަށެވެ.

ހއ. މުރައިދޫއާއި ހއ. އުލިގަމަކީ ނަތީޖާ އައިސްދާނެ ގޮތް ލަފާ ކުރަން ދަތި ކަމަށް ކަނޑައެޅި ދެ ރަށެވެ. އެއީ ދެ ރަށުގެ ނަތީޖާގެ ވާދަވެރިކަން ބޮޑުވުމުންނެވެ. މުރައިދޫގެ ރައީސް ހިމެނޭހެން މެޖޯރިޓީ އެމްޑީޕީއިން ކާމިޔާބު ކުރީ ހަތަރު ގޮނޑި ލިބިގެނެވެ. ޕީޕީއެމްއަށް މުރައިދޫގެ އެއް ގޮނޑި ލިބުނެވެ. އުލިގަމުގެ ރައީސްގެ ނަތީޖާ އަދިވެސް ސާފު ނުވާއިރު އެމްޑީޕީއަށް ދެ ގޮނޑި އަދި އަމިއްލަ ކެންޑިޑޭޓުންނަށް ދެ ގޮނޑި ވަނީ ކަށަވަރު ކުރެވިފައެވެ.

ހއ. މާރަންދޫގައި އަމިއްލަ ކެންޑިޑޭޓުންނާއި ޕާޓީތަކުގެ ކެންޑިޑޭޓުން އެއް ވާނެއްގައި ވާދަކުރާނެ ކަމަށް ދިރާސާއިން ދެއްކިއިރު މި ކައުންސިލަށް އިންތިޚާބުވީ ޕީޕީއެމްގެ ދެ ކެންޑިޑޭޓުން އަދި އެމްޑީޕީގެ ދެ ކެންޑިޑޭޓުންނެވެ. އަދި ދިރާސާއިން ވެސް ފެނުނު ގޮތަށް އަމިއްލަ ކެންޑިޑޭޓްް ވަނީ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކޮށްފައެވެ.

ނަތީޖާ އަދި ކަށަވަރު ނުވެ އޮތް ފިއްލަދޫގެ ނަތީޖާ ވެސް މިހާތަނަށް ދައްކަނީ ދިރާސާއިން ދެއްކި ގޮތަށެވެ. އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ އެ ރަށުގައި ޕީޕީއެމްއަށް ދެ ގޮނޑި ލިބުނުއިރު އެމްޑީޕީއަށް ދެ ގޮނޑި ލިބިފައިވެއެވެ. މިހާތަނަށް އައިސްފައިވާ ނަތީޖާ ދައްކާ ގޮތުން ފިއްލަދޫ ކައުންސިލްގެ ރައީސްގެ ގޮނޑީގައި ޕީޕީއެމްގެ ކެންޑިޑޭޓް ކުރި ހޯދަނީ އެއް ވޯޓްގެ ތަފާތަކުންނެވެ.

ހއ. ދިއްދޫ މަގުމަތި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަތޮޅު ކައުންސިލް އެތުރޭނެ ގޮތް ވެސް ދިމާވެއްޖެ

ދެ ރަށު ކައުންސިލްގެ ރައީސްގެ ގޮނޑި ދިމާނުވެ އޮތް ނަމަވެސް ނަތީޖާ އައިސްފައިވާ ގޮތުން އަތޮޅު ކައުންސިލްގައި ޕާޓީތައް އެތުރޭނެ އަދަދު ދިމާވެއެވެ.

"ވަގުތު ހޭރިޔާ" ދިރާސާއިން ލަފާ ކުރި ގޮތުގައި އެމްޑީޕީއަށް ހަތަރު ރަށެއްގެ ރަށު ކައުންސިލްގެ ރައީސްގެ ގޮނޑި ލިބެއެވެ. މިހާތަނަށް އައިސްފައިވާ އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން ހޯރަފުށި، ބާރަށް، ތަކަންދޫ އަދި މުރައިދޫގެ ގޮނޑި އެމްޑީޕީއަށް ލިބެއެވެ. އެއީ ވެސް ހަމަ ހަތަރު ރަށުގެ ކައުންސިލްގެ ރައީސްއެވެ.

ޕީޕީއެމްއަށް ހަ ރަށެއްގެ ކައުންސިލްގެ ރައީސްގެ ގޮނޑި ލިބޭނެ ކަމަށް ދިރާސާގައި ލަފާ ކުރިއެވެ. އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ދިއްދޫއާއި، އިހަވަންދޫއާއި، ކެލާއާއި، ވަށަފަރާއި، އުތީމު ކައުންސިލްގެ ރައީސްގެ ގޮނޑި ލިބެނީ ޕީޕީއެމްއަށެވެ. އެއީ ފަސް ރަށުގެ ކައުންސިލްގެ ރައީސްއެވެ.

މީގެ އިތުރުން، ފިއްލަދޫ ކައުންސިލްގެ ރައީސްގެ ގޮނޑީގައި ވެސް އަދި ކުރި ލިބެނީ އެންމެ ވޯޓަކުން ޕީޕީއެމްގެ ކެންޑިޑޭޓެވެ.

އަމިއްލަ ދެ ކެންޑިޑޭޓަކަށް ކައުންސިލްގެ ރައީސްގެ ގޮނޑި ލިބޭނެ ކަމަށް ލަފާ ކުރިއެވެ. އަމިއްލަ ތިން ކެންޑިޑޭޓަކު ވަނީ ރަށު ކައުންސިލްގެ ރައީސް ކަން ހޯދައިފައެވެ. އެއީ މާރަންދޫއާއި، ތުރާކުނު އަދި ނަތީޖާ ދިމާނުވެ އޮތް ހަމައެކަނި ރަށް ކަމުގައިވާ މޮޅަދޫއިންނެވެ.

އަދި އުލިގަމުގެ ނަތީޖާ ވެސް ސާފެއް ނުވެއެވެ. އުލިގަމު ކައުންސިލްގެ ރައީސްގެ ވޯޓުގައި މިހާތަނަށް ނަތީޖާ ދައްކާ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓްގެ މައްޗަށް އަމިއްލަ ކެންޑިޑޭޓަކު ކުރި ލިބެނީ ދެ ވޯޓެއްގެ ތަފާތަކުންނެވެ.

އަތޮޅު ކައުންސިލް ރައީސްގެ ގޮނޑި ވެސް އަދި ނަތީޖާ ފެންނަނީ ދިރާސާ އިން ދެއްކި ގޮތަށެވެ. ދިރާސާ އިން ދެއްކީ އެގޮނޑި ކާމިޔާބު ކުރާނީ ޕީޕީއެމްގެ ކެންޑިޑޭޓް ކަމަށެވެ. މިހާތަނަށް ލިބުނު ނަތީޖާ އިން ޕީޕީއެމްގެ ކެންޑިޑޭޓް އުޅެނީ 40 ވަރަކަށް ވޯޓުން ކުރީގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕީ.ޕ.އެމް

    ބަލި ވީމަ އަނެއްކާ މާލެ ބަދަލު ވާނެ މިހާރު ހުރި ކައުންސިލަރުން.މީގެ ކުރިންވެސް އެމް.ޑީ.ޕީ މީހަކު ދެވަނަ ދައުރަކަށް ނުހޮވުނީމަ އެހެން މީހަކާ އިދެގެން އުޅެނީ މާލެގަ ހިނި އަންނަނީ ހަމަ ހިނި

    6
    1
  2. ޜ

    ވަރަށް ސުންޕާ ދިރާސާ އެއް ވަގުތުން ކުރީ. އެ މްޑީ ޕީ އަށް އިންތިހާބު ކާ މިޔާބު ކޮށްދިނު މަށް ކުރިކަ މެއް،

  3. ރޭދުވާ

    ދިރާސާތަ ތިކުރަނީ؟ ނޫނީ ފާޑެއްގެ ކެމްޕޭނެއްތަ/ ބަސްމަގު ހުންނަނީ ދިރާސާކުރާވައެްތަރަކަށް ނޫން....