(ހއ. ވަށަފަރު) ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އަތޮޅުގެ އިރުއުތުރުން ތިންވަނައަށް އޮތް ވަށަފަރަކީ މިއަތޮޅުގެ "އެންމެ ނަލަ" ރަށްތަކުގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ހަމައެއާއެކު މަސައްކަތްތެރި ހީވާގި ބަޔަކު ދިރިއުޅޭ މިރަށުގެ މީހުންނަކީ ޒަމާނުއްސުރެވެސް އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ މުހުތާދުތައް ފުއްދަމުން އަންނަ ބައެކެވެ. "ވަށަފަރު މީހުން އުބަށްޖެހި ވާހަކަ" އަކީ ވެސް މިކަމުގައި ބަދަލެއްނުވާ ހެއްކަކަށް ނޫނީ ނުވާނެއެވެ.

ވަށަފަރު އުނބުގެ ވާހަކައަކީ ތާރީޚުގައި ލިޔެ ރައްކާކުރެވިފައިވީ ވާހަކައަކަށް ނުވީނަމަވެސް، އެއީ ވަރަށް ގިނަ ބަޔަކު އަހާފައިވާނެ ވާހަކައެކެވެ. ރަށަށް މިނަން ނިސްބަތް ކުރެވެނީ ވަރަށް އިހުޒަމާނުގައި ހިނގާފައިވާ ހާދިސާއަކާ ގުޅިގެން ކަމަށް ވެއެވެ. މިއަތޮޅުގެ އެހެން ރަށްރަށުގެ މީހުންވެސް ވަށަފަރު މީހުންނާއި ދިމާވާ ފަހަރުތަކުގައި ވަރަށް ގިނަ ފަހަރަށް "އުނބު" މި ބަހުން ނިސްބަތްކޮށް ވާހަކަ ދައްކާ ސަބަބަކީ އެއީއެވެ.

ހއ. ވަށަފަރުން ފެނުނު "ރަން ދެލޯ" ހުރި ކުއްޖެއް - ހިނިތުންވުމާއި އެއްވަރަށް އެ ރަން ކަޅީގެ ތެރެއިން ފެންނަނީ އުފާވެރިކަން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ވަށަފަރު މީހުން އުނބަށް ޖެހި ހާދިސާ ހިނގި ސީދާ ތާރީޚެއް އެނގެން ނެތް ނަމަވެސް މި ހާދިސާ ހިނގައި ދިޔަގޮތް ރަނގަޅަށް ދަންނަ ގިނަ ބަޔަކު މިރަށުގައި އެބަތިއްބެވެ. މި ވާހަކައިގައި ގިނަ ބަޔަކު އިއްތިފާޤުވަނީ އެއީ އެއް އިރެއްގައި އެރަށުން ފަލީގައި މަހަށް ނިކުމެ އުޅުނު ބަޔަކަށް ދިމާވި ހާދިސާއެއްގެ ގޮތުގައެވެ.

އެމީހުން ދޯނިމަތީގައި ކުރުނބާ ބޮއެފައި އޭގެ އުނބު އުކަމުން ދިޔައީ ކަނޑަށް ކަމަށް ވެއެވެ. މިހެން ދަނިކޮށް އޭގެތެރެއިން އެކަކު ކުރުނބާ ބުއިމަށްފަހު އޭގެ މީރުކޮޅު ކައިފައި އެއީ ކިހައި މީރު އެއްޗެއްކަން އެނގުނުއިރު މުޅި ދޯނީގައިވެސް އޮތީ އޭނާގެ އަތުގައި އޮތް އުނބުގަނޑު އެކަންޏެވެ. ކުރުނބާ ބޮއެފައި އެހެން ހުރިހާ އުނބެއް އުކާލެވުނީ ދެން ތިބި މީހުންނަށް މީރުކޮޅުގެ ރަހަވެސް ނުލިބިއެވެ. އެހެންވެގެން ދެން އެމީހުން އަވަސް ވެގަތީ ދޯނި ފަހަތަށް ޖަހައިގެން ކުރީން އެއްލާލިހާ އުނބުތައް ހޮވާށެވެ. "އުނބުޖެހުން" މިބަސް އައި ގޮތަކީ، އުކާލި އުނބުތައް ހޮވަން ފަލިޖަހާފައި އެމީހުން ދޯނި ފަހަތަށް ޖެހި ޖެހުމަށެވެ.

ހއ. ވަށަފަރު މަގުމަތީގައި ކުޑަކުދިންތަކެއް ބައިސްކަލު ދުއްވަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކޮންމެއަކަސް މި ޙާދިސާއަށްފަހު އޭރު އެ ވާހަކަ ރަށުތެރޭގައި ވަރަށް ބޮޑަށް ފެތުރުނެވެ. އޭގެ ފަހުން އެހެން ރަށްރަށުގެ މީހުންނަށްވެސް މިވާހަކަ އަޑު އިވިގެން ރަށަށް ނިސްބަތްކޮށް ޖަހާ "ޖޯކަކަށް" މިކަން ބަދަލުވީއެވެ. ޒަމާން ބަދަލުވެ މިއަދާ ހަމައަށް އައިއިރު މިބަސް ވަނީ އަދަބިއްޔާތުގެ ތެރެޔަށްވެސް ވަދެފައެވެ. މިގޮތުން "އުނބަށް ޖެހުން" މިހާރު އާންމުކޮށް ދިވެހި ބަހުގައި ބޭނުން ކުރެވެނީ، ބޭނުން ނެތިގެން ދޫކޮށްލާ އެއްޗެއްގެ ބޭނުން ފަހުން ޖެހޭ ހާލަތަށެވެ.

ވަށަފަރު މީހުން އުނބަށްޖެހި ވާހަކަ ކުރީން ދެކެވެމުން އައީ ރަށު ވާދައިގައި އެރަށުގެ މީހުންނާއި ދިމާކޮށްލުމުގެ ރޫޙުގައި ކަމުގައި ވީނަމަވެސް މިބަސް މިހާރު ވެފައި މިވަނީ ގިނަ ޙާލަތްތަކާއި ގުޅޭގޮތުން ބޭނުންކުރެވޭ މުޙިންމު ބަހެއްގެ ގޮތުގައެވެ. އެހެންކަމުން އެއީ އޭގެ އެއް އިރެއްގައި ހެއްވާ ވާހަކައަކަށް ވީނަމަވެސް، ދިވެހި އަދަބިއްޔާތަށް އެ ހާދިސާއިން އިތުރު މުއްސަނދިކަމެއް ގެނުވައިދީފިއެވެ.

ހއ. ވަށަފަރު މަތިން ނަގާފައިވާ ފޮޓޯއެއް- ވަގުތު އިމޭޖަސް މުހައްމަދު އަފްޒަލް

ވަށަފަރުގެ އިތުރުންވެސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ނިސްބަތްކޮށް ދެކެވޭ މިފަދަ ހެއްވާ ވާހަކަތަކާއި ނަންތައް ގިނައެވެ. މިއިން ކޮންމެ ވާހަކައެއްވެސް ޙަޤީޤަތުގައި ގުޅިފައި ވަނީ ދިވެހި މުއްސަނދި ތާރީޚާއި ސަޤާފަތާއި އެވޭލާ ޒަމާނުގެ މުޙިންމު ސަފުޙާއަކާކަން "ވަށަފަރު މީހުން އުނބަށް ޖެހި ޙާދިސާ" އިންވެސް ހާމަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މއކ

    ކޮން މީރުކޮޅެއްތަ. ކުރުބާގެ ކިހާށް ރިހާކުރާ ޖަހާގެން ކެއީ

    10
  2. ޖުއްބާ

    ރާއްޖޭތެރޭ މީހުން ކެނޑިނޭޅި ތިކަހަލަ ކަނޑުކޮސް ކަންތައް ކުރާވަރުން މާލޭ މީހުން ބުނަނީ ރާއްޖެތެރޭ މީހުންގެ 7 ކުޅަނދު މަދުވާނެޔޭ.

    2
    18
    • ......

      އެއީ ކަނޑުކޮސް ކަމެއް ނޫން ދަރިޔާ....އެހެން އެކަން ކުރީތީ އަހަރެން އެމީހުންނަށް ތައުރީފު ކުރަން...އެއީ އޭރު ދަތިކަމާއި ތަދު ކަމުގެ ސަބަބުން އެމީހުން ކުރި ކަމެއް...އެއްވެސް ހާލެއްގައި އެ ކާ ހިތުން ކުރި ކަމެއް ނޫން އެއީ

  3. އައިޝް އައިޝޫ

    އަޑެއް ނު އަހަން 😂😂

  4. rahyithumeehaa

    އެހެންވީމާ، "މާލެ" މީ ރާއްޖެއިން ބޭރުގެ ވަކި ޓެރިޓަރީ އެއްބާ؟؟؟؟؟ އެކަމަކު އަސްލު މާލެ މީ، ގިރާވަރު މީހުން މަސްބާނައިގެން ހުޅުނބުޖަހާ ކަރުއަޅަން އޮތް ފިނޮޅެއް. މިއަކަށް ތާރީޚެއްނެތް. ތާރީޚުލިޔަނީ މާލޭގެ ޢިއްޒަތްތެރި "ގިރާވަރު އޮރިޖިން" ބޭފުޅުން.