(ހއ.ދިއްދޫ) ތިލަދުންމަތީ އުތުރުބުރީގެ ހުރިހާ ރަށްތަކަކަށް ކުރި ދަތުރުގައި ދިއްދޫ ހެނޑެލި ވޯޓާ ސްޕޯޓްސް އަށް ވަރަށް ބޮޑު ސަމާލު ކަމެއް ހުއްޓުނެވެ. އެއީ ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ހެނޑެލި ވޯޓާ ސްޕޯޓްސްއަކީ ތަފާތު ބައެކެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ދިއްދޫގައި "ހެނޑެލި ވޯޓާ ސްޕޯޓްސް"ގެ ނަމުގައި މޫދުގެ ކުޅިވަރުތަކަށް ލޯބިކުރާ ފަރާތަކުން އިސްނަގައިގެން ވަނީ ވިޔަފާރިއެއްގެ ގޮތުގައި މިކަން ކުރަން ފަށައިފައެވެ. މީގެ ކުރިން ވެސް ދިއްދޫގައި ވޯޓާ ސްޕޯޓްސްގެ ކަންކަން ޒުވާނުން އަމިއްލަ އަށް ހިތްހަމަ ޖައްސައިލުމުގެ ގޮތުން ކުރަމުން އައި ނަމަވެސް، ހެނޑެލި ވެފައި ވަނީ ރަށުގެ އާއްމުންނަށް ހުޅުވާލައިގެން، ކުދިބޮޑު އެންމެންނަށްވެސް ބައިވެރި ވެވޭނެހެން މިކަން ކުރި ފުރަތަމަ ފަރާތަށެވެ.

ހއ. ދިއްދޫގައި ހެންޑެލި ވޯޓާސްޕޯޓްސްގެ ފަރާތުން މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ -- ވަގުތު އިމޭޖެސް: އަހްމަދު މަމްދޫހް

ދިއްދޫއާ ކައިރި ރަށްތަކުން ވެސް ހެނޑެލި ވޯޓާ ސްޕޯޓްސްގެ ޕޯސްޓަރުތައް ފެންނަން ހުރުމުން އެރަށްތަކުގައި ވެސް ހެނޑެލީގެ ބްރާންޗެއް އޮވޭތޯ ސާފު ކޮށްލިއިރު ކަން އޮތީ އެހެނެއް ނޫނެވެ. ކައިރި ރަށްތަކުގައި ކުޑަކޮށް އިޝްތިހާރު ކޮށްލުމަށް ފަހުގައި އެރަށަކުން ޑިމާންޑު ލިބޭ ވަރަށް ބަލާފައި ހެނޑެލި ވޯޓާ ސްޕޯޓްސް ދަނީ މިކަމަށް ބޭނުންކުރާ ހުރިހާ ސާމާނުތަކަކާއެކު އެ ރަށްތަކަށެވެ.

"އެ ރަށްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ. ދިއްދޫގައި ބޭނުން އިރަކު މިރަށު މީހުންނަށް މިކަން ކުރެވޭ. އެކަމު ކައިރި ރަށްތަކުން އެހައި ގިނައިން މިކަންކަން ނުފެންނާތީ އަޅުގަނޑުމެން ޒިޔާރާތް ކުރާ ދުވަހެއް ވިއްޔާ ގިނަ އަދަދެއްގެ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިން އާދޭ ހަމަ ކުޅިވަރުތަކުގައި ބައިވެރިވާން" ހެނޑެލި ވޯޓާ ސްޕޯޓްސްގެ ފައުންޑާ އަހްމަދު ޔާސިރު ބުނެފައިވެއެވެ.

ހއ. ދިއްދޫގައި ހެންޑެލި ވޯޓާސްޕޯޓްސްގެ ފަރާތުން މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހެނޑެލި ވޯޓާ ސްޕޯޓްސް އިން ލިބެން ހުންނަ ހިދުމަތްތައް "ވަގުތު ހޭރިޔާ"ގެ ޓީމުން އަޖުމަ ބެލުމަށް ފަހުގައި މިއީ ވަރަށް ޕްރޮފެޝަނަލްކޮށް މިކަން ކުރާ ބައެއްކަން ވަނީ ފާހަގަ ކުރެވިފައެވެ. ޖެޓް ސްކީ އިން ފަށައިގެން ގޮސް ބަނާނާ ރައިޑް،އަދި ވޭކް ބޯޑާއި އެނޫން ވެސް ގިނަ ކުޅިވަރުތަކުގައި އަޅުގަނޑުމެން ވަނީ ބައިވެރިވެފައެވެ. މިތަނުގެ މުވައްޒަފުންގެ ފަރާތުން ހިނިތުންވުމާއެކު އަޅުގަނޑުމެންނާއި ކުރިމަތިލި އިރުގައި އިރުޝާދުތައްވެސް ދީފައި ވަނީ ވަރަށް މަޑުމައިތިރިކަމާއެކު ފަސޭހައިން ފަހުމުވާނެ ފަދަ ގޮތަކަށެވެ. މިއީ މަޖާ ކޮށްލުމަށް މިފަދަ ހިދުމަތްތައް ހޯދަން އަންނަ ތަނަކުން އެންމެންވެސް ފެންނަން ބޭނުންވާނެ ސިފަތަކެއްކަން ގައިމެވެ.

ސައުންޑް އިންޖިނިއަރެއްގެ ގޮތުގައި މީގެ ކުރިން ގިނަ އަހަރުތަކެއް އެމްއެންޑީއެފް އަށް ހިދުމަތް ކޮށްފައިފާ ކޮށްފައިވާ ޔާސިރު މިކަން ފަށާފައި ވަނީ ބޮޑު އާމްދަނީ އެއް ހޯދުމުގެ ބަދަލުގައި ރައްޔިތުންނާ ހަމައަށް މި ކުޅިވަރު ގެނެސްދިނުމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހއ. ދިއްދޫގައި ހެންޑެލި ވޯޓާސްޕޯޓްސްގެ ފަރާތުން މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ވަރަށް ބޮޑު ދަތިކަމެއް ލިބޭ ކައިރި ރަށްތަކަށް ދާން މި ދުވަސްކޮޅު. އެއީ ބައެއް ރަށްތަކުގެ ކައުންސިލްތަކުން އެބަ ބުނޭ އެޗްޕީއޭގެ ހުއްދަ އޭ ބޭނުންވާނީ. އެކަމު އެޗްޕީއޭ އިން އަންގަނީ އެފަދަ ހުއްދަ އެއް ބޭނުން ނުވާނެ ކަމަށް. އެހެންވީމަ ކޮވިޑާ ގުޅުވާފަ މިކަހަލަ ދަތިތަކެއް ކުރިމަތިވޭ. އެކަމުގެ އެ ރަށްތަކުގެ ރައްޔިތުން ތިބެނީ އަހަރެމެން ނުގޮސްގެން. ދެން ދިއްދޫގައި ދިމާވާ އެންމެ ބޮޑު ދަތި ކަމަކީ މޫދަށް ކުނި އަޅާ މައްސަލަ. މިކަމުގައި ކައުންސިލްގެ ފަރާތުން ވެސް އެންމެ އެދެވޭ އެއްބާރުލުމެެއް ނުލިބޭ" މި ވިޔަފާރީގައި ކުރިމަތިވާ ދަތިތަކުގެ ވާހަކަ ހިއްސާ ކުރަމުން ޔާސިރު ކިޔައި ދިނެވެ.

ހެނޑެލި ވޯޓާ ސްޕޯޓްސްގައި ޔާސިރުގެ އިތުރުން މިވަގުތު ދެން ހަރަކާތްތެރިވަމުން އަންނަނީ އުމުރުން 17 އަހަރުގެ މުހައްމަދު ވިއާމް އަލީއެވެ. ވިއާމް ވަނީ ޔާސިރު ކައިރިން މޫދު ހުރިހާ ކުޅިވަރެއް ވަރަށް ރަނގަޅަށް ދަސްކޮށްފައެވެ. އަދި މިހާރު އެތަން ހިންގުމުގައި ބޮޑަށް ޝާމިލްވެ އުޅެނީ ވެސް ވިއާމް ކަމަށް ޔާސިރު ބުންޏެވެ.

ހއ. ދިއްދޫގައި ހެންޑެލި ވޯޓާސްޕޯޓްސްގެ ފަރާތުން މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ވަގުތު ހޭރިޔާ" ޓީމުން ޖެޓްސްކީ އާއި ބަނަނާ ރައިޑްގެ އިތުރުން ސޯފާ ރައިޑާއި ވޭކް ބޯޑު ވެސް ވަނީ ބޭނުން ކޮށްފައެވެ. މި ދުވަސްވަރަކީ އެހައި ވައި ބާރު ދުވަސްވަރެއް ނޫން ކަމުން ވިންޑްސާފް ބޭނުން ކުރެވޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް، ހުޅަނގު މޫސުމުގައި ވިންޑް ސާފް އާއި ކައިޓް ސާފް ކުރަން ދަސް ކޮށްދިނުމުގެ ކޯސްތައް ވެސް ހެނޑެލީގެ ފަރާތުން ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

ހެނޑެލިން ލިބެން ހުންނަ ބައެއް ހިދުމަތްތައް

•ވޭކް ބޯޑް

•ވޯޓާ ސްކީ

•ނީ ބޯޑް

•މޮނޮ ސްކީ

•ސްކީ ސީޓާ

•ބަނާނާ ރައިޑް

•ޖެޓްސްކީ ރައިޑް

•ޑޯނަޓް ރައިޑް

•ސޯފާ ރައިޑް

•ވިންޑްސާފް

•ކަޓަމަރަން

•ޓްރިމަރަން

•ކައިޓް ސާފް

ވިސާމް "ވަގުތު ހޭރިޔާ" ޓީމަށް ބުނެފައި ވަނީ ކޮންމެ ހުކުރު ދުވަހެއްގައި ވެސް ދިއްދޫގައި ފެތުން ނުވަތަ ދުވުމުގެ ރޭހެއް އޮންނާނެ ކަމަށާއި އަދި ރޭހުން މޮޅުވާ ފަރާތައް ވޯޓާ ސްކީ ދަސް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

ހއ. ދިއްދޫގައި ހެންޑެލި ވޯޓާސްޕޯޓްސްގެ ފަރާތުން މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ކޮންމެ ހުކުރު ދުވަހަކު ހެންޑެލި ވޯޓާ ސްޕޯޓްސް ވީކްލީ ސްޕެޝަލްގެ ނަމުގަ ފަތާ ޓްރެކު ސަރަހައްދުގަ އޮންނާނެ ދުވުން ނޫނީ ފެތުމުގެ ރޭހެއް. މޮޅުވާ ފަރާތަށް ވޯޓާ ސްކީ ނޫނީ އެހެން ކުޅިވަރެއް ދަސްކުރުމުގެ ފުރުސަތު ލިބިގެން ދާނެ. ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ މިކަމަށް" ވިސާމް ބުނެފައިވެއެވެ.

އަތްފޯރާ ފަށުގައި ހުރި ހެޔޮ އަގުތަކެއްގައި ވޯޓާ ސްޕޯޓްސްގެ ކުޅިވަރުތައް ހެނޑެލީގެ ފަރާތުން ދިއްދޫގެ އިތުރުން އަތޮޅުގެ އެހެން ރަށްތަކަށް ވެސް ހުޅުވާލައިގެން ކުރިއަށް ގެންދާއިރު މިއީ އާއިލާ އާއި ރައްޓެހިންގެ އިތުރުން މަސައްކަތް ކުރާ އޮފީސް މީހުންގެ މެދުގައި ވެސް ގުޅުން ބަދަހި ކުރަން އެއްވަނައިގެ ކަމެކެވެ.

ހއ. ދިއްދޫގައި ހެންޑެލި ވޯޓާސްޕޯޓްސްގެ ފަރާތުން މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހެނޑެލި ވޯޓާ ސްޕޯޓްސް އަށް މިކަމުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަނީ "ޑީޕް ބްލޫ ވޯޓާ ސްޕޯޓްސް" އާއި "ސަންސް އޮފް ސެއިލާސް" ގެ ފަރާތުންނެވެ. އެގޮތުން ގިނަ އަދަދެއްގެ ސާމާނުތައް ވެސް މި ކުޅިވަރު ކުރިއެރުވުމަށް ފޯރުކޮށްދެމުން އަންނަކަން ހެނޑެލިން ވަނީ ފާހަގަކޮށްފައެވެ.

ހއ. އަތޮޅުގައި އެންމެ ފުޅާކޮށް މިކަން ކުރަމުން އަންނަ ހެނޑެލީގެ މަގްސަދަކީ ވީހާވެސް ގިނަ ޒުވާނުން މިކަމުގެ ތެރެއަށް ވައްދައި، ވޯޓާ ސްޕޯޓްސް އަކީ ކުރެވޭނެ ކަމެއްކަން ސާބިތު ކޮށްދިނުމެވެ. ހެނޑެލީގެ ވޯޓާ ސްޕޯޓްސްގެ އަގުތަކާއި އެނޫންވެސް ހިދުމަތްތައް ސާފް ކުރުމަށް 9974181 މި ނަމްބަރަށް ގުޅާލުން އެ ފަރާތުން އެދެއެވެ. ކުރިއަށް އޮތް އަވަސް މުސްތަގުބަލެއްގައި ހެނޑެލީގެ ހިދުމަތްތައް މިހާރަށް ވުރެން ބޮޑަށް ފުޅާވެ، ރައްޔިތުން އަބަދުވެސް ހިތްހަމަޖެހޭ ހިދުމަތްތައް ލިބޭނެއެވެ.