(ހއ.ދިއްދޫ) ކުޅިވަރަށް ލޯބި ކުރާ ޒުވާނުންތަކެއް ދިރިއުޅެމުން އަންނަ ހއ. ދިއްދޫއަކީ ގިނަ ކްލަބުތަކެއް އެ ރަށަކަށް ނިސްބަތްވާ ރަށެކެވެ. ފުޓްބޯޅަ އާއި ވޮލީގެ އިތުރުން އެނޫންވެސް ކުޅިވަރުތައް ނުހަނު ޖޯޝާއި ފޯރީގައި މިރަށުގައި ކުރިއަށް ދާއިރު ދިއްދޫ މިޑްލް ސްޕޯޓް ސްޕޯޓްސް ކްލަބަކީ މިރަށުން ފާހަގަކޮށްލެވޭ، މުޅި ރާއްޖެ އަށް ނަމޫނާ ކްލަބެކެވެ.

ދިއްދޫގެ މެދު އަވަށް ނުވަތަ "މެދުވެލި" އަކީ ރަށުގެ މެދެވެ. ރަށުގެ އުތުރު ފަރާތާއި ދެކުނު ފަރާތް ވަކިކޮށްދޭ މެދުވެލި އަވަށުގައި ގިނަ ޒުވާނުންތަކެއް އުޅޭއިރު އަވަށުގެ ޒުވާނުން ރަށުގައި ބޭއްވޭ އެކިއެކި މުބާރާތްތަކުގައި ވާދަކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް "މިޑްލް ސްޕޯޓްސް ކްލަބް"ގެ ނަމުގައި ރަސްމީކޮށް ކްލަބު ރަޖިސްޓާ ކޮށްފައި ވަނީ 2016 ވަނަ އަހަރުގައެވެ.

އާއްމުކޮށް ކްލަބުތަކުން ހަމައެކަނި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވި ނަމަވެސް މިޑްލް ސްޕޯޓްސް ކްލަބުން ގެންގުޅެނީ މުޅިން އެހެން ތަސައްވަރެކެވެ.

މިޑްލް ސްޕޯޓްސް ކްލަބުގެ ރައީސް ވާހަކަ ދައްކަވަނީ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކުޅިވަރު ކުޅޭ ކްލަބެއްގެ ގޮތުގައި އޮވެ، އިޖްތިމާއީ ޖަމިއްޔާ އަކުން ކުރާފަދަ އެތައް މަސައްކަތެއް އަންނަނީ މެދުނުކެނޑި ކުރަމުންނެވެ.

މި ކްލަބުގައި މިއަދާ ހަމައަށް 80 މެމްބަރުން ރަޖިސްޓަ ވެފައިވާއިރު އެކްޓިވް ހުރިހާ މެމްބަރުންވެސް ކޮންމެ މަހަކުވެސް ފީ އެއް ދައްކަން ޖެހެއެވެ. މި ފީ ބޭނުންކުރަމުން އަންނަނީ ރަށުގައި އިޖްތިމާއީގޮތުން އެކިއެކި މަސައްކަތްތައް ކުރުމަށެވެ.

މިޑިލް އިން ކުރަމުން އަންނަ މިފަދަ ކަންކަން ގުނައި އަދަދުވެސް ނުކުރެވޭހާ ގިނަ ނަމަވެސް، ބައެއް ކަންކަން ފާހަގަ ކޮށްލާނަމަވެ. މިގޮތުން ރަށުގައި ކުޅިވަރު މުބާރާތްތައް ރާވައި، އިންތިޒާމް ކުރުމާއި، ގުރުއާން މުބާރާތްތައް ބޭއްވުމާއި، ރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ މެސެޖުތައް ފޯރުކޮށްދޭ ޕޯސްޓަރުތައް ޖެހުމަކީ މި ކްލަބުން ކޮށްފައިވާ ބައެއް މަަސައްކަތްތަކެވެ. މިހާރު މި ކްލަބުން ކުރަމުން އަންނަ އެންމެ ބޮޑު އެއް މަސައްކަތަކީ އެރަށުގެ ޒުވާނެއް ކިޑްނީ ބައްޔަށް ފަރުވާ ހޯދުމަށްޓަަކައި ފަންޑްރެއިންސިން އިވެންޓުތައް ބޭއްވުމެވެ.

މިޑްލް ސްޕޯޓްސް ކްލަބުގެ ރައީސް ވަގުތަށް މައުލޫމާތު ދެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މިރަށުގައި އުޅޭ ކިޑްނީ ބަލީގެ ސަބަބުން ޑައިލަސިސް ހަދާ ބައިވަރު މީހުން. އޭގެ ތެރެއިން އެކަކީ މުހަައްމަދު ފަޒީލް. މިހާރު ދެ ކިޑްނީ ފެއިލްވެ ޑޯނަރެއްވެސް ލިބިފަ ވަނީ އެކަމަކު އޭނާ އަށް އިތުރަށް އެހީވުމަށް އަޅުގަނޑުމެން ވާނީ މި މަހު ރަށުގެ ދެ ސަރަހައްދެއްގައި ކަޕް ކޭކާއި ޓީޝާޓުތަކެއް ވިއްްކާފަ." މީގެ ކުރިން ހެލްޕް ސީރިޔާ އަދި ޔަމަނުގެ ފަންޑުރެއިސިންތައް ވެސް އިންތިޒާމްކޮށް ބޮޑު އެހީތެރިކަމެއް ވެދީފައިވާ މިޑިލް ސްޕޯޓްސް ކްލަބުގެ ރައީސް ނަޝްވާން އިބްރާހިމް ވިދާޅުވިއެެވެ.

މި އަހަރުގެ މިހާތަނަށް ކުރި އިޖްތިމާއީ މަސައްކަތްތައް

• ހޮސްޕިޓަލްގެ ކުޑަކުދިންގެ ވޯޑުގައި އެ ކުދިންނާ ގުޅޭ ކެންވަސްތައް ހަރުކުރުން

• ހޮސްޕިޓަލުގެ އެކި ސަރަހައްދުތަކުގައި ބަލި މީހުންނަށް ޒިޔާރަތް ކުރާއިރު ކިޔާ ދުއާތައް ހަރުކުރުން

• ހޮސްޕިޓަލުގެ ބޯފެން މެޝިނަށް ފިލްޓާ ސިސްޓަމެއް ހަދިޔާކުރުން

• އަތޮޅު ތައުލީމީ މަރުކަޒު ބޭރުގައި ބެލެނިވެރިންނަށް ހިޔާވާނެހެން ޝޭޑްސް ހަރުކުރުން

• މުޅި ރަށަށް ހުޅުވާލައިގެން ބޭއްވި ގުރުއާން މުބަރާތުގައި 354 ފަރާތަކުން ބައިވެރިވި. އެއްވަނަ އަށް ދިޔަ ފަރާތަށް އުމްރާ ދަތުރެއް ވަނީ ހަމަޖައްސާދީފައި.

• ހޯރަފުށީ އެއާޕޯޓު ފެހިކުރުމަށް ގަސްތަކެއް ވަނީ ހަދިޔާ ކޮށްފައި

• ރަށުގެ ހުރިހާ މުވައްސަސާތަކަށް ރީޔޫސަބްލް ފޭސް މާސްކު ހަދިޔާ ކުރުން

• ދިއްދޫ އަމާންވެށީގައި ދިރިއުޅޭ ކުޑަކުދިންނާއި ރަށުގައި އުޅޭ ބިދޭސީންނަށް ރޯދަ ވީއްލުމެއް ދިނުން

މިޑިލް އިން ފަޒީލްގެ އާއިލާ އަށް 86،000ށް ވުރެން ގިނަ ފައިސާ ހަވާލު ކުރަނީ

އިޖްތިމާއީ ގޮތުން ހުރިހާ ދާއިރާއަކުން ރަށަށް ހިދުމަތް ކުރާ މިޑިލް އިން މިދިޔަ އަހަރުގެ ކޮވިޑް-19 ޕެންޑެމިކް ތެރޭގައި ވަނީ ދުނިޔެއަށް މަޝްހޫރު ތިމާވެށި ޖަމިއްޔާ އެއް ކަމުގައިވާ ”ޕާލޭ“ އާއި ގުޅިގެން ރަށުން ޕްލާސްޓިކް ފުޅި ފަދަ ތަކެތި މަދުކުރުމުގެ ޕްރޮޖެކްޓެއް ހިންގާފައެވެ.

މިގޮތުން އަތޮޅު ތައުލީމީ މަރުކަޒުގެ އެހީއާއި ވެސް އެކު މުޅި ޖުމްލަ 54،000 ޕްލާސްޓިކް ފުޅި ހޮވައި، އަލުން ބޭނުން ކުރުމަށް ވަނީ މާލެއަށް ވެސް ފޮނުވާފައިކަން ފާހަގަކޮށްލެވެއެވެ.

ރައީސް ފާހަގަކުރައްވާފައިވާ ގޮތުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިޔަފާރިވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެއެވެ.

މިޑިލް އިން ހަދާފައިވާ ޝޭޑްސް

މިގޮތުން އެންމެ ފަހުން ބޭއްވި ގުރުއާން މުބާރާތުގެ ހަރަދުގެ ގޮތުގައި ވެސް 60،000 ވަރަކަށް ރުފިޔާ ހަރަދުވެފައި ވާއިރު މީގެ ތެރެއިން ފައިސާގެ ބޮޑު ބައެއް ހަމަޖައްސާދީފައި ވަނީ މެމްބަރާއި ވިޔަފާރިވެރިންގެ ފަރާތުންނެވެ.

'ދިއްދޫ އަކީ އާބާދީ ބޮޑު ރަށެއް. ސިޔާސީ ކަމެއްގަ ވިއްޔާ ނިކުންނަ ބައިވަރު މީހުން އަބަދުވެސް ތިބޭ. އެކަމަކު އިޖްތިމާއި ކަމެއް ކުރަން ވެއްޖިއްޔާ މީހުން ވަރަށް މަދުވާނެ. އަސްލު މިއީ ވަރަށް ވަރަށް ދެރަ ކަމެއް. މިރަށުގެ މީހުން ހިތްހެޔޮ ނަމަވެސް މިފަދަ ކަންކަމުގައި މިއަށްވުރެން ބޮޑު އެއްބާރުލުމެއް އެބަ ބޭނުންވޭ" އިޖްތިމާއީ ކަންކަމަށް ލިބެންޖެހޭ ވަރަށް އެއްބާރުލުން ނުލިބޭކަމުގެ ކަންބޮޑުވުން ކްލަބުގެ ރައީސް ފާޅުކުރަމުން ބުންޏެވެ.

• ހިއްކި ބިމުގައި 50 ރުއް އިންދުން

• ރަށުގެ ތާރު އަޅާފައިވާ ބައެއް މަގުތަކުގައި ގަސް އިންދުން

• ބަނދަރު މަތީގައި ކުންޏާއި ޕްލާސްޓިކް އަޅަން ޑަސްބިންތަކެއް ބެހެއްޓުން (ޑަސްބިންތައް ހުސްކުރަނީ ކުންފުންޏަކާއި ހަވާލުކޮށްގެން ކްލަބުގެ އަމިއްލަ ހަރަދުން)

• މުއައްސަސާތަކާއި ކްލަބުތަކަށް ހުޅުވާލައިގެން އެތައް ކުޅިވަރު މުބާރާތްތަކެއް އިންތިޒާމް ކުރުން

• އަތޮޅު ތައުލީމީ މަރުކަޒުގެ ރޭމްޕް އެޅުމަށް އިންވެސްޓުކޮށް، އެކަމަށް ބޮޑު އެހީއެއް ވުން

"އަޅުގަނޑުމެން ކުރާ ގިނަ މަސައްކަތްތަކުގެ ސަބަބުން ކައުންސިލުން އަސްލު ޖެހޭނެ އުފާކުރަން. ބައެއް ކަންކަމުގައި އެއްބާރުލުން ލިބޭ އެކަމަކު އެންމެ ފުރިހަމަ އެއްބާރުލުން ނުދެވޭތަންވެސް އާދޭ. އަޅުގަނޑުމެންގެ އުއްމީދަކީ މިކަންކަން އަވަސް މުސްތަގުބަލެއްގައި އިސްލާހުވުން. މިއީ ރަށު އެންމެންގެ ފައިދާ އަށް ކުރެވޭ ކަންކަން" ކްލަބަށް ދިމާވާ ބައެއް ގޮންޖެހުންތަކުގެ ވާހަކަ ރައީސް ހިއްސާ ކުރިއެވެ.

މިޑިލް އިން ރަށުގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި ޑަސްބިންތައް

ރަށުގެ އެހެނިހެން ޖަމިއްްޔާތަކަށް ނިސްބަތްކޮށް ރައީސް ވިދާޅުވީ ރަށުގެ ތަރައްގީ އަށް ކުރަން ޖެހޭ ހުރިހާ ކަމެއް މިޑިލް އަށް އެކަނި ނުވާނެ ކަމަށާއި އެހެންކަމުން އެހެން ޖަމިއްޔާތައްވެސް ވީވަރަކުން މިފަދަ ކަންކަން މެދުކެނޑިމެއް ނެތި ކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އަދި މިޑިލް އާ ގުޅިގެން މިފަދަ ކަންކަން ކުރަން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް އެ ފުރުސަތު އޮތީ ހުޅުވާލެވިފައިވާ ކަންވެސް ފާހަގަކޮށްލެވެއެވެ.

"އަޅުގަނޑު އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރަށުގެ އެހެނިހެން ޖަމިއްޔާތައް ނިކުމެ، ކުޅިވަރު ނުވަތަ އިޖްތިމާއީ ކަންކަމުގައި ބޮޑަށް މަސްއޫލްވެ އުޅޭނެ ދުވަހެއް ފެނުން. ރަށަށް ހިދުމަތް ކޮށްދެނީ ހަމައެކަނި މިޑިލް އޭ ބުނާ ބުނުމަށް ނިމުމެއް އައުން. ވާދައަށް ނަމަވެސް މިކަން ރަނގަޅަށް ކުރަންވީ ހަމަ" ކްލަބުގެ ނައިބު ރައީސް އޭނާގެ އުއްމީދަކީ ކޮބައިކަން ކިޔައިދިނެވެ.

މިޑިލް އިން އެއްކުރި ޕްލާސްޓިކް ފުޅިތައް

އުމުރުން 28 އަހަރުން ދަށުގެ ޒުވާނުން މުޅިންވެސް ހިމެނޭ މިޑިލް ސްޕޯޓްސް ކްލަބަކީ ދިއްދޫ މެދުން ގުޅުވާލައިދޭ ހިސާބަށް ވާއިރު، އިޖްތިމާއީ ގޮތުންވެސް ރަށުގެ ރައްޔިތުން ގުޅުވާލައިދޭ ކްލަބެވެ. މިޑިލް އަކީ މުޅި ރާއްޖެއަށް ވެސް ހުރި ލާމަސީލު ނަމޫނާއެކެވެ. ކްލަބެއްގެ ގޮތުގައި އޮވެ މިޑިލް އިން ކުރަމުން އަންނަ އިޖްތިމާއީ ކަންކަމަކީ އެންމެންވެސް ހެޔޮހިތުން ބަލައިގަންނަ ކަންކަން ކަމުގައިވާ އިރު، މިފަދަ ކްލަބެެއްގެ ފައިތިލަ ދަށުން ދިއުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ކްލަބުތަކާއި ޖަމިއްޔާތަކުން ކުރުން ބުއްދުވެރި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ދިއްދޫ ޒުވާނެއް

    މިޑިލް ސްޕޯޓްސް އަކީ ރަށް ހިންގުމުގައި ކައުންސިލަށް ވުރެންވެސް ކުރީގަ އުޅޭ ބައެއް. މިޑިލްގެ ރައީސް ރަށު ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރުމަށް އަޅުގަނޑު ނުހަނު ތާޢީދު ކުރަމެވެ. ދެން އަންނަ ކައުންސިލްގެ ރައީސް ކަމަށް ނަސްވާން ވާދަ ކުރުމަށް ރަށުގެ ގިނަ ބައެއްގެ ތާޢީދު ލިބޭނެކަން ޔަގީނެވެ. ޝުކުރިއްޔާ މިޑިލް

    11
    1
  2. ދިއްދޫ

    ނަޝްވާންގެ ހިންގުންތެރު ކަމަށް ސާބަސް. ކައުންސިލް ހިންގަން މިޑިލް އަށް ހަވާލު ކުރޭ. މާ ރަނގަޅުވާނެ

  3. އެއްމެދު ސޮރު

    މިޑްލް ސްޕޯސްޓްސް ނަމުން ނަންދީ އެ ނަން ވުޖޫދު ކުރީ ޒޮލެކްސް. އެމަސައްކަތުގައި ސައިއްޓީ އެންމެ ގާތުން މަސައްކަތްކުރީ. އެމީހުންނަށް ކްރެޑިޓެއް ދިނުން މުހިއްމު

  4. ޢަލީ

    ސާބަހެ ރައީސް ނަޝްވާން އަދި ކްލަބުގެ އެންމެހައި ހިވާގި މެންބަރުން..

  5. ފާތުން

    އެންމެ ފަހުންވެސް ސޯޟަލް މީޑިޔާގައި ނެގި ވޯޓު ބަލިވީ....
    ކޮށްދޭކަންތައްތައް ނުދަންނަ ރަށެއްތީ....
    އެޕުރިޟިއޭޓެއް ނުކުރޭ....ސޭޑް😓

    • މުގާބަލަ

      ތިބުނާ ސޯޝަލް މީޑިއާ ވޯޓެއްވިއްޔާ ކަލޭވެސް އަދި އެހެން ރަށްރަށުމީހުނވެސް ވޯޓު ލައި ވިއްޔާ

  6. ކޮތަނބިރި

    ސްޕޯޓްސް ކުލަބަކުން ކުރަން ޖެހޭނީ ކުޅިވަރުގެ ދަާއިރާގެ ކަންކަން، ދެން އިޖުތިމާއި ކަންކަން ނުކުރާށެކޭއެއްނޫން! މިހާރު ތިކުރާ ކަންތައް ކުރަން ފަސޭހަވާނެ އިޖުތިމާއީ ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން. ދެން ތިޔަބުނާ ބަޔަކު އެކި މީހުންގެ އެހީގައި ކޮށްފައި މެޑަލް ޖަހާވާހަކައަކީވެސް އާވާހަކައެއްނޫން ދޯ

    3
    10
    • ޑީޓީޑީޓީ

      ސްޕޯޓްސް ކުލަބެއްވިޔަސް ޑާންސް ގްރޫޕެއް ވިޔަސް ރަށުލޯބީގަ ރަށަށް ކޮއްދޭ ކަންކަން ބަލައިގަންނަން ދަސްކޮށްބަލަ. އެއްލައްކަ ރުފިޔާ މުބާރާތް އެއްޗެހި ނަގައިގެން ލާރިބޮނޑި ލިބުނު ޓީމްތަކަށްވުރެ މިމީހުން ރަށުފައިދާއަސް މާބޮޑަށް އިންވެސްޓް ކުރޭ. ދިއްދޫ ރައްޔަތުން އެކަން ދަނޭ. ަަަަަަަަަަަަަަަަަ ކަމެއްކުރާއިރު އެކި މީހުންގެ އެހީގަ ކުރުމަކީ އެންމެ ރަނގަޅުކަމެއް ހަމަ. މެޑަލް ޖަހަންބޭނުމިއްޔާ ހަަމަ އެހީ ހޯދައިގެން އެހެންމީހުންވެސް ކުރީމަ ވީ. ތިމާގެ އުފަން ފަސްގަނޑަށް ކަމެއްކޮއްދޭންވީމަ ރަޖިސްޓްރީ ވެފަ އޮތީ ކުޅިވަރު ޖަމިއްޔާއެއް ގޮތުގަތޯ އެހެން ގޮތެއްގަތޯ ބަލާކަށް ނުޖެހޭ.

      10
    • ހެދި ދިއްދޫ

      ޢޭ ބުރޯ، ތިހެން ތެޅިލަ ތެޅިލާ ހުއްނަން ޖެހޭނި ކޮނތަބިރި ކައިގެން.

  7. ކިއުރިޔަސް

    ވަރަށް ކެންވަސް ހަދާކަން ފާހަގަ ކުރެވޭ .ސިއްރަކީ ކޮބާ ؟؟

  8. އަލީ ދިއްދޫ

    ނަޝްވާނު 100

  9. މެދުބޮލި

    އަނެއްކާ ކްލޭން ފަނިވެގެން ޓީމު އުވާ ނުލާތި ދެވަނަ ފަހަރަށް