(ހއ. ވަށަފަރު) މުޅި ރާއްޖެއަށް ބަލާ އިރު، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަށް ތަރައްގީ ނުވެ އޮތީ ސިއްހީ ނިޒާމެވެ. ސިއްހީ ނިޒާމާ މެދުގައި ގިނަ ދިވެހިން ޝަކުވާ ކުރި ކަމުގައި ވިޔަސް، ކޮންމެ ސަރުކާރަކުން ވެސް އެ ޝަކުވާތަކަށް ހައްލެއް ހޯދައި ރައްޔިތުން ބޭނުންވާ ފެންވަރަށް ސިއްހީ ނިޒާމު ގެންދާނެ ކަމުގެ ފޮނި އުއްމީދާއި ހުވަފެންތައް އަބަދުވެސް ދައްކައެވެ.

މުޅި ދުނިޔެއަށް ކޮވިޑް-19 ގެ ބަލި މަޑުކަން ފެތުރި، ސިއްހީ ނިޒާމު ބޮއްސުންލާފައިވާ އިރު، އޭގެ ތެރޭގައި މި ކުޑަ ކުޑަ ރާއްޖެ ވެސް ހިމެނެއެވެ. އަދި އެކަމުގެ ސަބަބުން އެންމެ ހިތްދަތި ކަމެއް ކުރިމަތިލާން ޖެހިފައިވަނީ ރާއްޖެ އެކިކަންކޮޅުތަކުގައި ތިބި ރަށްރަށުގެ މީހުންނެވެ. އެހެން ގޮތަކަށް ބުނާނަމަ، މަދު އާބާދީއެއްގެ ބަޔަކު ދިރިއުޅެމުން އަންނަ ސިއްހީ މަރުކަޒުތައް ހުންނަ ރަށްތަކެވެ.

އޭގެ ތެރެއިން ހއ. ވަށަފަރަކީ ވެސް ސިއްހީ ނިޒާމު ހަރުދަނާ ކުރަން ޖެހޭ ރަށެކެވެ. މަދު ވަސީލަތްތަކާ އެކީ ހިދުމަތް ދެމުން އަންނާތީ އެކަން ރައްޔިތުން ބަލައިގަނެއެވެ. ކުޑަ އާބާދީ އަކަށް މާލޭގެ ހޮސްޕިޓަލެއްގެ ފެންވަރެއްގައި ހިދުމަތް ނުދެވޭނެ ކަން ވެސް އެ ރައްޔިތުން ގަބޫލު ކުރެއެވެ.

ހއ. ވަށަފަރު ސިއްހީ މަރުކަޒު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ނަމަވެސް ފަރުވާ އަށް އެހެނިހެން ރަށްތަކަށް ދިއުން ހުއްޓޭ ދުވަހަކީ އަބަދު ވެސް އެ ރައްޔިތުން ދެކެމުން އަންނަ ހުވަފެނެކެވެ. އާސަންދަ ލިބުނަސް، އެކަމުގެ ފޮނި މީރު ކަން ރަށްރަށަށް ދަތުރު ކުރުމުން ގެއްލޭކަން އެ ރައްޔިތުން ފާހަގަ ކުރިއެވެ.

އާންމު ދުވަސް ދުވަހު ސޯޅަ ގަޑިއިރު، އަދި ރަމަޟާން މަހު ހަ ގަޑިއިރު ހިދުމަތް ދޭ ވަށަފަރު ސިއްހީ މަރުކަޒަކީ އެންމެ ޑޮކްޓަރަކާއި ތިން ނަރުހުންނާއި އެކީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި މަސައްކަތް ކުރާ ނަމޫނާ ސިއްހީ މަރުކަޒެކެވެ. އެހެން ބައެއް ރަށްތަކުގެ ސިއްހީ މަރުކަޒުގައި އެންމެ އެނދެއް ނުވަތަ ދެ އެނދު ހުންނައިރު، މިރަށު ސިއްހީ މަރުކަޒުގައި ހަ އެނދު ހުރެއެވެ.

މަދު ވަސީލަތްތަކެއް ހުއްޓަސް، އެރަށުގެ މީހުން ދިރިއުޅޭ 110 ގެއެއްގެ މީހުންނަށް ހިދުމަތް ދެވޭކަމީ އެއީ އުފަލާއި އެކީ ފާހަގަ ކޮށްލަން ޖެހޭ ކަމެކެވެ.

ހއ. ވަށަފަރު ސިއްހީ މަރުކަޒު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހޮސްޕިޓަލުގެ އިމާރާތަކީ ދުވަސްވެފައިވާ އިމާރާތެއް ކަމުން މުވައްޒަފުން ތިބީ އާ އިމާރާތެއް ލިބޭނެ ދުވަހަކަށް އިންތިޒާރު ކޮށްގެންނެވެ. ނަމަވެސް އެކި ކަންކަމާއި ގުޅިގެން ލަސްވެގެން އައިސް އަދިވެސް އާ އިމާރާތުގެ މަސައްކަތް ފެށިފައެއް ނުވެއެވެ. އާ އިމާރާތް އެޅުމަށް ދެފަހަރެއްގެ މަތިން ވަނީ ޓެންޑަރ ކޮށްފައެވެ. އެންމެ ފަހުން އެކަން ނުކުރެވުމުން ހޮސްޕިޓަލުގެ މެނޭޖްމެންޓުން ކުށްވެރި ކޮށްފައިވަނީ ކައުންސިލުންނެވެ. އެއީ ކައުންސިލްގެ ޒިންމާދާރު ކުޑަވުމުގެ ސަބަބުން ކަމަށް އެބޭފުޅުން ފާހަގަކުރައްވައެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، ދާދި އަވަހަށް އެ ހުރިހާ މަޝްރޫއުއެއްގެވެސް ބިންގާ އެޅޭނެ ކަމަށެވެ. އަދި ޕަބްލިކް ހެލްތު ދާއިރާ ލާމަރުކަޒީ ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުމާއި ކައުންސިލްގެ އެއްބާރުލުން ލިބިގެން ކަމުގައި ފާހަގަކުރެއްވިއެވެ.

ވަގުތު ހޭރިޔާ ޓީމާއި ވަށަފަރު ސިއްހީ މަރުކަޒުގެ މެނޭޖަރާއި ބައްދަލުވުމުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މިހާރު އިމާރާތް ޓެންޑަރ ނުކުރެވިފައި ވަނީ ކައުންސިލްގެ މައްސަލަ. ކައުންސިލުން އެކަން ނުކޮށްދީގެން ނުކުރެވިފައި އޮތް ކަމެއް އެއީ. ކައުންސިލަށް ހެލްތް މިނިސްޓްރީން ހުރިހާ ޑޮކިއުމެންޓެއް ފޮނުވާފައި ވަނީ" ވަށަފަރު ސިއްހީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލީ މުސްތަފާ ވިދާޅުވިއެވެ.

އެރަށުން "ވަގުތު" އަށް އަށް މައުލޫމާތު ދިން މީހަކު ބުނީ، ހޮސްޕިޓަލުގައި އެންމެ ޑޮކްޓަރެއް ހުރި ނަމަވެސް ރާއްޖޭ ތެރޭގެ ރަށަކަށް ބަލައި ރައްޔިތުން ބޭނުންވާ ފަރުވާ ލިބޭ ކަމަށެވެ. އަދި ބޮޑު ކަމެއް ދިމާވެގެން އެ އަތޮޅުގެ ދިއްދޫ އަށް ދިއުން އެއީ މާ ބޮޑު ކަމެއްގެ ގޮތުގައި އޭނާ ސިފައެއް ނުކުރެއެވެ.

މުސްތަފާ ވިދާޅުވީ، އެރަށުގެ ސިއްހީ މަރުކަޒަށް ވެސް މުވައްޒަފުންގެ ދަތިކަން ދިމާވެފައިވާ ކަމަށާއި މުވައްޒަފުން ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް މުވައްޒަފުން އަދިވެސް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމައްސަލަ އާ އިމާރާތް ނިމިގެން ދިއުމުން ހައްލު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އުއްމީދު ކުރަނީ ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެން، ވަޒީފާތައް ވެސް އުފެއްދޭނެ ކަމަށް" އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އުނބު

    ނަމަކަށް ހުންނަ ތަނެއް ރައްޔިތުން ދަނީ ދިއްދޫއަށް ޙިދުމަތް ހޯދަން އެހެންވީމާ ހިތްހަމަ ޖެހޭނެތާ...

  2. ފަރީދު

    މުސްތަފާ އިސްތިއުފާ ދޭން ޖެހޭ . މީނަ އުޅެނީ ގެސްޓު ހައުސް ނުހިންގިގެން . އެއްވެސް އުތްތްޕެއް ހުރި މީހެއްނޫން . އިހު ޒަމާން ކަތީބް ކަން ކުރި އެކަކުވެސް ނެތް ރަނގަޅު މީހެއް

  3. ާވަގުތު

    މުސްތަފާ އެއްބާރުލުން ނުދީގެންނުވެފަ އޮތްކަމެއްތީ. ޖީބަށް ގިނަ ނުވާތީ. ގެސްޓް ހައުސް ހިންގުނީމަ ޖީބަށްގިނަވޭ

    2
    1
  4. ާމީހާ

    އަހަރުން ރަށުގަ މިއުޅެނީ 8 ގަޑިއިރަށް ވެސް ޚިދުމަަތް ނުދެވިގެން. 16 ގަޑިއިރު ވީމަ ރަނގަޅު. ނަމުގަ ޑޮކްޓަރ ހުރެ. ގިނައީ ބްރޭކް ގަޑި.

  5. ދައްސޫރަ

    ވަށަފަރު ސިއްހީމަރުކަޒުގައި ވަސީލަތްތައް މަދު، އެކަމަކު ރައްޔިތުން ހިތްހަމަޖެހޭ. މީވެސް އުނބަށްޖެހުމުހެ ވައްތަރެއް.