(ހއ. ވަށަފަރު) އެއީ މި ރަށުގެ އަތިރިމަތީ ހުންނަ ފާރެކެވެ. މާ ބޮޑެއް ވެސް ނޫނެވެ. ފާރު ހުރީ ވެސް ރަށް ވަށައިގެން ރާނާފައެއް ވެސް ނޫނެވެ. އެކަމަކު މިހާރު މި ފެންނަ "ކުޑަކުޑަ" ފާރަށް މި ރަށުގެ މީހުން ކިޔައި އުޅެނީ "ބޮޑު ފާރު" އެވެ. ނޫނީ "ވަށާ ފާރު" އެވެ. އެ ގޮތަށް އެ ކިޔަނީ ކީއްވެ ހެއްޔެވެ؟

މީގެ ބައި ޤަރުނެއްހާ ދުވަސް ކުރިން މި ފާރު ރަށް ވަށައިގެން ރޭނި ކަމުގައިވެއެވެ. ސަރުކާރުގެ ފަތްފުށްތަކުގައި އޮންނަ ގޮތުން ނަމަ މި ފާރަށް ޤަރުނަކަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ. 100 އެއްހާ އަހަރު ވެއްޖެއެވެ. އެކަމަކު "ވަގުތު ހޭރިޔާ" އިން ވަށަފަރަށް ކުރި ދަތުރުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު މި ފާރަކީ މީގެ 60 އެއްހާ އަހަރު ކުރީގެ ފާރެކެވެ.

ވަށަފަރަށް އުފަން 82 އަހަރުގެ އަޙްމަދު ޙަސަން ކިޔައިދިން ގޮތުގައި ރަށް ވަށައިގެން އެ ފާރު ރޭނީ އޭނާ ވަރަށް ޅައިރުގައި ކަމުގައެވެ. އެ ފާރު ރޭނި ހަނދާން އޭނާގެ ހުރެއެވެ. އެހެންކަމުން އެ ފަރާށް 100 އަށް ވުރެ ގިނަ އަހަރު ނުވާނެ ކަމަށް އޭނާ ބުންޏެވެ.

އެ ފާރު ރޭނީ ރަށުގައި އޭރު އުޅުނު އެންމެން ގުޅިގެން ކަމަށްވެއެވެ. ރޭނުމުގައި އަމަލީ ގޮތުން އުޅުނީ ފިރިހެނުން ކަމަށެވެ. އަންހެނުން ވެގެން ފިރިހެންނަށް ކާން ދިނުން ފަދަ ކަންކަން ކުރި ކަމަށް ބުންޏެވެ. އޭނާ ވެސް އެ ފާރު ރޭނުމަށް ޓަކައި ދިޔައެވެ. ފުރާ އުމުރުފުރާއަކަށް ހުރި އަޙްމަދު ޙަސަން ކުރި މަސައްކަތަކީ ހަރު އުމުރުފުރާގެ މީހުނަށް ރޭނުމުގައި އަތް ގާތްކޮށް ދިނުމެވެ.

އެ ފާރު ރާނަން ޖެހުނު ސަބަބެއްގެ ގޮތުގައި އަޙްމަދު ޙަސަން ބުނަނީ ހުޅަނގު މޫސުމުގައި ވައި ގަދަ ދުވަސްތަކުގައި އެ ސަރަހައްދުގައި ހުންނަ ގެތަކާ ދިމާއަށް ވައި ޖެހުން ކަމަށެވެ. އޭގެ ސަބަބުން އެ ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދިރިއުޅެން އުނދަގޫވި ކަމަށް އޭނާ ބުންޏެވެ.

"ހުޅަނގު މޫސުމުގެ ވިލާގަނޑުގައި ވައިގަދަވެ ވެލި އަތިރިމަތީގައި ހުރި ގޭގެއަށް އަންނަ ވަރުން، ނުހުރެވިގެން، އަނެއްކާ ރަށު ބޮޑު ކަތީބުގެ ގެއާއި، ކުޑަ ކަތީބުގެ ގެއާއި މި އެންމެންގެ ގެ ވެސް މި ހުރީ އެ ދިމާގަ. އަތިރިމަތީ ސަރަހައްދު ވަށައިގެން އެ ފާރު ރާނާފައިވޭ. އަޅުގަނޑު ދިޔައިން އެ ފާރު ރޭނުމުގެ މަސައްކަތް ކުރަން ވެސް." އަޙްމަދު ހުސައިން ބުންޏެވެ.

ހއ. ވަށަފަރު ބޮޑު ފާރު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ވަށަފަރަށް އުފަން އެހެން ފިރިހެން މީހަކު ވެސް މި ވާހަކަ މި ގޮތަށް ކިޔައިދިނެވެ. އުމުރުން 83 އަހަރު މުޙައްމަދު ޙަސަން ކިޔައިދިން ގޮތުގައި ވަށަފަރުގެ އެ ފާރު ރޭނީ އޭނާގެ އުމުރުން ގާތްގަނޑަކަށް 10 އަހަރާއި 15 އަހަރާ ދެމެދުގައެވެ. އެހެންކަމުން އެ ފާރު ރޭނިތާ ވާނީ 60 އެއްހާ އަހަރު ކަމަށް އޭނާ ވެސް ބުންޏެވެ.

އެ ފާރު ރޭނުމަށް ބޭނުންވާ ގަލާއި ހިލަތައް ގެނައީ އެ އަތޮޅު ފިއްލަދޫއާ އެއް ފަސްގަނޑަކަށް އޮންނަ ފަޅު ރަށެއްގެ ގޮތުގައި ކިޔައި އުޅޭ ދައްޕަރުން ކަމަށް އޭނާ ބުންޏެވެ. މުޙައްމަދު ޙަސަން ބުނި ގޮތުގައި އޭރު އޭނާގެ އާއިލާ މީހުނާ އެކުގައި ދައްޕަރުން ވަށަފަރަށް ދޯނީގައި ހިލަ ގޯނި ގެނެސްދޭން އުޅުނު ހަނދާން ހުރެއެވެ.

"އޭރު ވީ ގޮތަކީ ހުޅަނގު މޫސުންތަކުގައި ވަރަށް ބޮޑަށް ވައި ޖެހޭނެ އެ ހިސާބު ގެތަކަށް. ގެތަކުގަ އުޅޭ މީހުނަށް އުނދަގޫވާ ވަރަށް އެ ކަން ވާނެ. އެހެންވެގެން އެ ހިސާބު ވަށައިގެން އެ ފާރު ރޭނީ. ވަރަށް އުސްކޮށް އެ ފާރު ރާނާފައި ހުންނާނީ. ސީދާ އުސްމިން ބުނާކަށް ނޭނގެ. އެކަމަކު އުސްމިނުގައި 11 އެއްހާ ފޫޓު ހުންނާނެ ކަމަށް ބެލެވޭ،" މުޙައްމަދު ޙުސައިން ބުންޏެވެ.

ހއ. ވަށަފަރު ބޮޑު ފާރު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ވަށަފަރުން ބައްދަލުވި ދޮށީ އުމުރު ފުރާގެ އެންމެން ވެސް މި ވާހަކަ ކިޔައިދެނީ މިގޮތަށެވެ. އެއިން އެކަކުގެ ވާހަކައިގައި ވެސް ތަފާތެއް ނެތެވެ. އަދި އެންމެން ވެސް ބުނެދޭ ގޮތުގައި އެ ފާރަށް 100 އެއްހާ އަހަރު ނުވާނެއެވެ. އެކަމަކު 60 އަށް ވުރެ ގިނަ އަހަރު ވެދާނެ ކަމުގައި އެންމެން ވެސް ބުނެއެވެ. އަދި އެއީ ރަށުގެ ހުރިހާ ރައްޔިތުންގެ ބުރަ މަސައްކަތުން ކުރި ކަމެއް ކަމުގައި ބުނެއެވެ.

ރަށުގެ ތާރީޚުގައި ހިނގި ބޮޑު ކަމަކާ ގުޅިގެން ކުރި ތާރީޚީ މަސައްކަތް މިއަދު މާ ބޮޑަށް ފެންނާކަށް ނެތެވެ. ތާރީޚީ ބިނާއަކަށްވީ ނަމަވެސް އެ ފާރު އެ ގޮތުގައި ބެހެއްޓުމަށް މާ ބޮޑު މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. މީގެ އަހަރުތަކެއް ކުރިން ތާރީޚީ ތަރިކަތައް ހިމާޔަތް ކުރުމަށް އެހާ ބޮޑު ސަމާލު ކަމެއް މިހާރު ދެވޭ މިންވަރަށް ނެތުމުން ވެސް އެހެން ވެދާނެއެވެ.

އެހެން ވިޔަސް ވަށަފަރުގެ ނަމާ ވެސް ގުޅުވައިގެން ކިޔެވެން އޮތް މި "ވަށާ ފާރު" މިހާރު އޮތް ވަރުން ހިމާޔަތް ކުރުން ރަނގަޅެވެ. ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މި ތަނުގެ ކަންކަން ބެލެހެއްޓުން މުޙިއްމެވެ. ސަރުކާރުގެ ބައެއް ފޮތްތަކުގައިވާ ގޮތަށް ޤަރުނެއްހާ ދުވަސް ނުވި ނަމަވެސް ބައި ޤަރުނު ވެފައިވާ މި ފާރު މިހާރު ހުރި ވަރުން ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް މި ފާރުގެ ވާހަކަ ގެނެސްދިނުން މުޙިއްމު ކަމުގައި ޤަބޫލު ކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އާދަނު

    ތިކަހަލަ ހަމަނުޖެހޭ ވާހަކަ ނުދައްކަ ބަލަ..ތަރިކަޔަކަށްވެ ހިމާޔަތްކުރެވޭނެ އުސޫލްވެސް ހުންނަންވާނެ. ގެއެއްގެ ދުވަސްވީ ގިފިލި ފާރެއް ފެނުނަސް ހިމާޔަތް ކުރަންޖެހޭތަ؟

    30
    13
  2. އަލީ

    ވަށަފަރަށް އެ ނަން ދެވުނީ މިހެންވީމަކަމަށް ވެދާނެއެއްނުން. ވަށާފާރު އެހެން ކިޔަމުންގޮސް ޕްރަނައުންސިއޭޝަން ވަށަފަރަށް ބަދަލުވުން އެކަށީގެންވޭ.

  3. އަލީ

    އަހުމަދު ހަސަނު އެހަދަނީ އިތުރުފުޅެއް އެދުވަސްވަރުގައި ނުތިބޭނެ ކަތީބުންނެޢް އެދުވަސްވަރު ރާޢްޖެތެރޭގައި ތިބޭނީ މުދިންމީހަ އެކަނި.

    4
    6
  4. އަލިބޭބެ

    ރ.މީދޫ ގައިވެސް ތިކަހަލަ ފާރެއް ހުރެއެވެ. އެފާރަށްވެސް މިހާރު 70 އަހަރުވަރު ވެދާނެކަމަށް ލަފާކުރެވެއެވެ.

  5. ކައުންސެލަރު

    ހަމައެކަނި ވަށަފަރެއްނޫން.. އިހު ޒަމާނުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި "ބޮޑުފާރު" ރާނާފައި ހުރޭ. މި ފާރަށް އެކިރަށްރަށުގައި ކިޔާނަން ތަފާތުވެދާނެ. ހަޤީޤަތަކީ މިފާރަކީ ލިޔުމުގައި އޮތްފަދައިން ވައި ނިވަލަކަށް ލާފައި ހުންނަ ފާރުފާރުކަން. އެއްދިމާލެއްގައި ގިނަދުވަހު ބާރުވައި ހުންނަނަމަ އެދިމާލުގެ ދޮންވެލިގަނޑު ރަށުތެރެއަށް އަންނަކަމީ ހަގީގަތެއް. އިހުޒަމާނުގައި ގެއަޅާފައި ހުންނަނީ ފަނުން ކަމަށްވެފައި ފަނުން އަޅާފަ ހުންނަ ގޭގެއަކީ ނިސްބަތުން ބަލި ތަަންތަނަށްވާތީ ތަނަށް ހިމާޔަތް ދިނުމަށް މިފާރަކީ ރަނގަޅު އައްޑަނައަކަށްވޭ.

  6. ގުދުގުދާބެއްޔާ

    އުނބައް ޖެހުމުގެ ސަގާފަތެއް އޮންނަ ރަށެކޯ ކާބަފައިން ކިޔާ!

    1
    2