(ހއ. މޮޅަދޫ) ސާޅީސް ތިން ރަށެއްގެ މައްޗަށް އެެކުލެވިގެންވާ ތިލަދުންމަތީ އުތުރުބުރިއަކީ ގުދުރަތީ ރީތިކަން ފުރިހަމައަށް ދައްކުވައިދޭ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެެވިގެންވާ އަތޮޅެކެވެ. މުޅި ރާއްޖެއަށް މި އަތޮޅު މަޝްހޫރުވެފައި ވަނީ ރާއްޖޭގެެ ގުދުރަތީ ގޮތުން އެންމެ މުއްސަނދި އަތޮޅުގެ ގޮތުގައެވެ. މިކަމަށް އެންމެ ބޮޑަށް ހެެކިދޭ ކަމަކީ ރާއްޖޭގެ ނިސްބަތުން އެންމެ ރީތި ގޮނޑުދޮށްތައް ހިމެނޭ އަތޮޅުގެ ލަގަބު ހއ. އަތޮޅަށް ދީފައިވާތީއެވެެ. އެ އަތޮޅުގެ ކޮންމެ ރަށަކަށްް ވަކިވަކިންް ނަޒަރު ހިންގާލިޔަސް ކަނޑޫފާތަކާއި، ބޮޑެތި ތުނޑިތަކާއި ވިލުނޫކުލައިގެ ހިތްްގައިމު މޫދުތަކުން މުޅި އަތޮޅު ވަނީ ޖަރީވެފައެވެެ.

ހއ. އަތޮޅުގެެ ހުރިހާ ރަށަކަށް "ވަގުތު ހޭރިޔާ" ގެ ނޫސްވެރިން ކުރިި ދަތުރުގެ ތެރެެއިން ވަރަށް ތަފާތު ރަށްރަށަށް ވެސް ދެެވުނެވެެ. މޮޅަދޫ ފާހަގަކުރެވުނީ އެ އަތޮޅުގެ އެހެން ރަށްރަށާ އަޅާ ކިޔާއިރު ވެސް ތަފާތު ގުދުރަތީގޮތުން މުއްސަނދި ރަށެއްގެ ގޮތުގައެވެ.

ހއ. މޮޅަދޫ މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރަށުގެ މަލަމަތި ފެެނިވެސް ރަށަށް އަރާލާފައި ނޫނީީ ނުދެވޭވަރަށް މޮޅަދޫގެ މަލަމަތި މުއްސަންޖެވެެ. ރާއްޖޭގެ އެހެން ގިނަ ރަށްރަށުގެެ މަލަމަތިން ފެންނަހެން މޮޅަދޫގެ މަލަމަތިން ގެތަކާއި، ފިހާރަތައް އަދި ސައިހޮޓާ ފަދަ ތަނެއް ފެންނާކަށް ނެތެވެ. އެއީ މީހުން އުޅޭ ރަށެއްކަން ވެެސް އެނގެެނީ ހަމައެކަނި ބަނދަރެެއް ފެެންްނަން އޮތީމައެވެ. ބަދަލުގައި މޮޅަދޫގެ މަލަމަތި ވަނީ ބިޔަ ގަސްތަކާއި ބޮޑެތި ރުއްތަކުންް ފަތުރާލައިފައެވެ.

ހއ. މޮޅަދޫ މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސަތޭކަ އަށާރަ ހެކްޓަރުގެ ބޮޑު ބިމެއް އޮންނަ މޮޅަދޫއަކީ މުޅި ހއ. އަތޮޅުންވެސް އެންމެ އާބާދީ މަދު އެއް ރަށެވެ. އެ ރަށުގެ ފުޅާމިނުގައި 840 މީޓަރު ހުންނަ އިރު ދިގު މިނުގައި 2600 މީޓަރު ހުރެއެވެ.

މީގެެ އެތައް ޒަމާނެެއް ކުރިން މޮޅަދޫ އަކީ ބޮޑު އާބާދީއެއް އޮތް ރަށެއް ކަމަށް ތާރީހު ދަންނަ މީހުން ބުނެއެވެެ. މިކަމަށް ހެކިދޭ ވާހަކަތައް އޭރުގެ ފޮތްތަކުގައިވެސް ލިޔެވިފައި އެބަހުއްޓެވެެ. ނަމަވެސް އެޒަމާނުގައި މީހުން ދިރިއުޅުނު ކަމުގެ މަދު ނިޝާނެެއް ނޫނީ މިހާރު ފެންނަކަށް ނެތެވެ. މިހާރު ދިރިއުޅެެމުން އަންނަ އާބާދީ ކުޑަވުމުގެ ސަބަބުން މީހުން ދިރިއުޅުމަށް ބޭނުންކުރަމުން އަންނަނީ ބިމުގެެ ނިސްބަތުން ކުޑަ ތަންކޮޅެކެެވެ.

މިއާއެެކު މޮޅަދޫ ވެގެެން ގޮސްފައި ވަނީ އެެހެން ގިނަ ރަށްރަށާ ހިލާފަށް ވަރަށް ހިތްގައިމު ރަށަކަށެވެެ. ފުރަތަމަ މޮޅަދޫގެ ބަނދަރުން ރަށުތެރެއަށް ދެވެން އޮންނަ މަގަކީވެސް އަޖައިބުކުރުވަނިވި މަގެކެވެ. ބޯ ގަސްތަކުގެ ތެރެއިން ކަނޑައި ނަގާފައި އޮންނަ މަގުގެ މަތި ވަނީ އެއްކޮށް ގަސްތަކުން ހިޔާވެފައެވެ. މިމަގުގެ ދެފަރާތުގައި ދިއްގާގަހުގެ ބަގީޗާއެއް އޮންނަ އިރު މީހުން ދިރިއުޅޭ ސަރަހައްދަށް ނިކުމެެވެނީ ހިނރުނދުގަސްތަކެއްގެ ތެރެއިންނެވެެ. ރަށުގެ މީހުން އުޅެމުން އަންނަ ސަރަހައްދާ ހަމައަށް ނިކުމެވޭ އިރު ކިތަންމެ އަވިބާރު ހޫނު ދުވަހެއް ނަމަވެެސް އެއްވެސް އަވިކޮޅެއްގައެއް ނުޖެހޭނެއޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ.

ހއ. މޮޅަދޫ މަގެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިރަށުގެ މީހުން އުޅޭ ސަރަހައްދުގައިވެސް، ބިޔަ ގަސްތައް ހައްދާފައި ހުރެެއެވެ. އެެގޮތުން ކުންނާރު، ބަނބުކެޔޮ، އަދި ކާނިގަސްތައް ރަށުގެެ މީހުން އުޅޭ ސަރަހައްދުންވެެސް ގިނައިން ފެނުނެެވެ. މޮޅަދޫގައި ހުންނަ އަލީ ޠާހާ ޒިޔާރަތް ބެލުމަށް ދިޔަ ދިއުމުންވެެސް ފެެނުނީ އަޖައިބުކުރުވަނިވި ހިތްގައިމު މަންޒަރުތަކެކެވެ. މަގުގެ ދެފަރާތުގައި ބޯ ޖަންގަލި އޮތް އިރު މުޅި މަގު ވަނީ އެއްކޮށްހެެން ހިޔާކޮށްލާފައެވެ. އެ މަގުގެެ ދެފަރާތުގައި މަދޮށިގަސްތަކާއި، ފުނަ ގަސްތައް އަދި ބިޔަ ރުއްރުއް ފެެންނަން ހުއްޓެވެ. އެ މަގުން ފުއްޓަރު ފަރާތު އަތިރިއަށް ފައިބަން އޮންނަ މަގުގެ ދެފަރާތުގައިވެެސް އެހާ ގަސްގިނައެވެ.

މީގެކުރިން ރާއްޖެއަށް ޒިޔާރަތްކުރި ބޭރުގެ މޮޅެތި ސައްޔާހުންގެ ލިއުންތަކުން ވެެސް ފެންނަ ގޮތުގައި ދިވެހިންނަކީ ސާފްތާހިރުކަަމަށް ވަރަށް އިސްކަންްދޭޭ ބައެކެވެ. ކާބަފައިންގެ ޒަމާނުއްސުރެެ އައި މި ރަނގަޅު އާދަ އަދިވެސް މޮޅަދޫގައި އެބަ އޮތެވެ. މޮޅަދޫގެ މީހުން ދިރިއުޅޭ ތަންތަނާ، މީހުން އާންމުކޮށް ނުދާ ސަރަހައްދުތަކަށް ބަލާލި ކަމުގައި ވިޔަސް މިކަަމަށް ފުރިހަމަ ހެކި ފެެންނަން އެެބަ އޮތެވެ.

ހއ. މޮޅަދޫގެ ހިތްގައިމު ގޮނޑުދޮށް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ވަގުތު"އިން މޮޅަދޫ ކައުންސިލާއި އެރަށުގެ އެހެނިހެން އިދާރާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވެސް ވަނީ އެރަށުގެ ރައްޔިތުން ރަށުގެ ސާފްތާހިރުކަން ދެމެހެއްޓުމަށް ދެމުން އަންނަ އަަަހަންމިއްޔަތަށް އަލިއަޅުވާލާއި ވާހަކަ ދައްކަވައިފައެވެ.

"ރަށުތެރެ ސާފްތާހިރުކޮށް ބޭއްވުމަށް މިރަށުގެ އިދާރާތަކުން އެއްވެސް މިންވަރަކަށް ރައްޔިތުންނަށް އަންގާ ބާރުއަޅަން ނުޖެހެއޭ ބުންޏަސް ދޮގަކަށް ނުވާނެ. ހަމަ ކޮންމެ ރައްޔިތެއްވެސް އެއީ އެމީހެއްގެ ފަރުދީ ޒިންްމާ ކަމަށް ދެކިގެން އެ މަސައްކަަތްތައް ކުރިއަށް ގެންދާނެ" މޮޅަދޫ ފެނަކަ ބްރާންޗްގެ މެނޭޖަަރ މުހައްމަދު މޫސާ ވިދާޅުވިއެވެ.

ހއ. މޮޅަދޫ ކައުންސިލް ބައްދަލުވުން- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް-

މީހުން އާންމުކޮށް ގޮސް ނޫޅޭ ސަރަހައްދުތަކުން ފެންނަން ހުންނަނީ ހަމައެކަނި ގަސްގަހުގެ ފަތް، ނުވަތަ ގުދުރަތީ ގޮތުން އުފެދޭ ކުނި ބުންޔެވެ. މޮޅަދޫ ކައުންސިލުންވެސް ބުނި ގޮތުގައި ކައުންސިލުން މާބޮޑަށް ރައްޔިތުންނަށް މަޖުބޫރުކޮށް ނުހެދިކަމުގައިވިޔަސް ކުނި އެެޅުމަށް ހާއްސަކޮށްފައި އޮންނަ ކުނިގޮނޑަށް ނޫނީ ރައްޔިތުން ކުނިއަޅާ ނުހަދައެވެެ.

ހއ. މޮޅަދޫ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެރަށް ފާހަގަކުރެވިފައި ވަނީީ އަމާންކަމަށް ބެލި ނަމަވެސް މުޅި ހއ. އަތޮޅުގައިވެސް ލިސްޓުގެެ އެެންމެ ކުރީގައި ހިމެނޭ ރަށްތަކުގެ ތެރޭގައެވެ. މޮޅަދޫގެ އަމާންކަމަކީ އެރަށަށް އަރައި ފައިބާ އެންމެެންވެސް ދައްކާ ވާހަކައެކެވެ. ރަށުގެ ޒުވާނުން ކުއްތަކުގައި ޝާމިލްވެ އުޅުމުގެ ބަދަލުގައި އަބަދުވެސް ހަރުދަނާ ދިރިއުޅުމަށް ލޯބިކުރާ ކަމަށް އެރަށުގެ މީހުން ބުންޏެވެެ. ވޭތުވެދިޔަ ފަސް ވަރަކަށް އަހަރު ދުވަހުގެ ތެރޭގައިވެސްް އެރަށުގެ މަސްތުވާތަކެތި، ވައްކަން ފަދަ އާންމު ކުއްތައްވެސް މަދުކަމަށް ކައުންްސިލުން ވިދާޅުވިއެވެ.