(ހއ. ތުރާކުނު) ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނުގައި ހުންނަ މި ބައްތިއަކީ ހިކިފަސްތަނެއްގައި ޖަހާފައި ހުންނަ ބައްތިއެވެ. މިއީ އެ ސަރަހައްދުން ދަތުރުކޮށްފައިދާ މަސްވެރި އުޅަނދު ފަހަރުތަކާއި މުދާ އުފުލައިގެންދާ ކަނޑުގެ އުޅަނދުފަހަރުތަކަށް ރާއްޖޭގެ އެންމެ އުތުރު ފާހަގަކޮށްދިނުމަށް، ޒަމާނުއްސުރެން އޮންނަ އާދަކާދައިގެ ތެރެއިން ތުރާކުނުގައި ޖަހާފައި ހުންނަ ބައްތިއެކެވެ. މި ބައްތި އެކި ފަހަރު މަތިން މަރާމާތު ކުރަމުން ގޮސް، މިހާރު ތިން ފަހަރެއްގެ މަތިން ބައްތި އާކޮށްފައިވެއެވެ. އެއީ މޫސުމީ ބަދަލުތަކާ ގުޅިގެން މީގެ ކުރިން އެ ސަރަހައްދު ގިރައި ބައްތިއަށް އެކި ގެއްލުންތައް ވަމުން ދިއުމުންނެވެ.

"ވަގުތު" ހޭރިޔާ އިން ތުރާކުނަށް ކުރި ދަތުރުގައި މި ބައްތި ކައިރިއަށް ޒިޔާރަތް ކުރީމެވެ. މި ބައްތި ހަރުކޮށްފައިވާ ޓަވަރު މި ހުންނަނީ ރަށުގެ އެންމެ އުތުރަށްވާ ޕޮއިންޓުގައެވެ. މޫދާ ވީހާ ވެސް ކައިރިންނެވެ. ގައި މަތީ މި ރަށުގެ މި ސަރަހައްދަކީ ވެސް ގައި ގިނަ ގޮނޑުދޮށެއް އޮތް ސަރަހައްދެކެވެ. ބައްތި ހުރި ބިމަކީ ގައި ގިނަ ބިމެކެވެ. އެންމެ އުތުރަށް އޮން ބިން އޮންނަނީ ހުހަށެވެ. ގަސްތައް ވެސް ހުރީ ކޮންމެ ވެސް ވަރަކަށް ދުރުގައެވެ. އެންމެ ކައިރިން ވެސް ގަސްތައް ފެންނަން ހުންނަނީ އިރުމައްޗަށެވެ. ހުޅަނގުން ވަރަށް ދުރުން ގަސްތައް ފެނެއެވެ. މި ސަރަހައްދަކީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ވަރަށް ދުރު ހިސާބެކެވެ.

އޭރު ހުރި ސަރަހައްދަށް ވުރެ އެއްގަމާ ދުރު ސަރަހައްދެއްގައި ކުރިން ބައްތި ބަހައްޓާފައި ހުރި ކަން ވެސް އެނގެއެވެ. ކުރީގެ ބައްތީގެ ބުޑު މޫދު ތެރެއިން ފެނެއެވެ. ކުރީގެ ބައްތީގެ ބުޑު އިނީ ހިސާބު އިލްމުގެ އެއްކުރާ ނިޝާން ނުވަތަ "ޕްލަސް" ނިޝާނެއް ގޮތަށެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ހުރި ބައްތި ކައިރިއަށް "ވަގުތު ހޭރިޔާ" އިން ކުރި ޒިޔާރަތުގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ތަރައްގީގެ ތަސައްވުރެއް އޮތް ސަރަހައްދެއް

ރާއްޖޭގެ އެންމެ ދެކުނު ޕޮއިންޓް، އައްޑޫ ސިޓީ ގަމުގައި ތަރައްގީ ކޮށްފައިވާ ގޮތަށް މި ޕޮއިންޓް ތަރައްގީ ކުރުމަކީ ތުރާކުނު ރައްޔިތުން ދެކޭ ތަސައްވުރެކެވެ. ކުރާ އުއްމީދެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެގެން މާލެ ސަރަހައްދަށް ދަތުރު ނުކުރެވޭ ގޮތަށް އެ ސަރަހައްދު ފުރަބަންދު ކުރުމުން މީގެ ކުރިން ދުވަހަކު ވެސް ތުރާކުނަށް ޒިޔާރަތް ނުކުރާ ވަރަށް މީހުން ޒިޔާރަތް ކުރިއެވެ. އެ މުއްދަތުގެ ތެރޭގައި 400 އެއްހާ މީހުން އެ ރަށަށް ޒިޔާރަތް ކުރި ކަމުގައި ރަށު ކައުންސިލުން ބުނެއެވެ. އެކަމުން ވެސް އެ ސަރަހައްދު ތަރައްގީކޮށް ރާއްޖޭގެ އެންމެ އުތުރު ބަލައިލުމުގެ ޝައުގުވެރިކަން އިތުރު ކުރެވޭނެ ކަން އެނގެއެވެ.

ރަށު ކައުންސިލުން ވެސް އެ ސަރަހައްދު ތަރައްގީ ކުރަން ބޭނުންވެއެވެ. ރަށުގެ "ލޭންޑްމާކް" ނުވަތަ ތަމްސީލް ކުރާ ނިޝާނެއްގެ ގޮތުގައެވެ. ރަށުގެ ނަން އެ ސަރަހައްދުން ފެންނާނެ ގޮތަށް ހެދުމަށް ކައުންސިލުން ބޭނުންވެއެވެ. ރަށް ތަމްސީލް ވާނެ މޮނިއުމަންޓެއް، ބައްތި ހުންނަ ޓަވަރާއެކު ބަހައްޓަން ބޭނުންވެއެވެ. އަދި މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް މަޑުކޮށްލައިގެން އިށީނދެ ތިބެވޭނެ އިންތިޒާމުތައް ހަމަޖައްސަން ވެސް ބޭނުންވެއެވެ.

އެކަމަކު އެ ކަމުގެ ހުރަހަކަށް މޫސުމީ ބަދަލު ވަނީ ވެފައެވެ. ދާއިމީ ހައްލެއް ނެތް ހެއްޔެވެ؟

ރާއްޖޭގެ އެންމެ އުތުރުގައި ހުރި ބައްތި. - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

އަނެއްކާ ބިން ގިރާލައިފި، ސަރަހައްދު ހިމާޔަތް ކުރަން ޖެހޭ!

މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރާގައި އެންމެ ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަނީ އުތުރުގެ ރަށްތަކަށެވެ. ތުރާކުނަށް ވެސް ބޯކޮށް ވިއްސާރަކޮށް ދާދި ފަހުން އުދަ އަރާފައިވެއެވެ. އަރައިގެން އައި އުދައާއެކު، އެންމެ އުތުރަށް އޮންނަ ބިން ވަނީ ގިރައިގެން ގޮސްފައެވެ. މި ގޮތުން މިހާރު ބައްތި ޓަވަރު ހުރި ބިމުގެ ސަރަހައްދު ވެސް ގިރާލައިގެން ގޮސްފައިވެއެވެ. އަދި ބައްޓި ވެއްޓިފައި ނެތަސް ކޮންމެ ވެސް ވަރަކަށް އަރި އަޅާލައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ފޮޓޯތަކުން ވެސް ފެންނަ ގޮތުގައި ޓަވަރުގެ ހަރުކޮށްފައިވާ ސިމެންތި ގާގަނޑުގެ މައްޗާ ހަމައަށް ލޮނުގަނޑު ހުރެއެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ހުރި ބައްތި ހުރި ބިން ގިރާލާފައި : ފޮޓޯ: ރަށު ކައުންސިލް

މިހާރު ހުރި ޓަވަރަކީ ކުރިން ބައްތި ޓަވަރު ހުރި ސަރަހައްދަށް ވުރެ އެއްގަމާ ކައިރީގައި ހުރި ޓަވަރެކެވެ. ކުރީގެ ޓަވަރު ހުރި ބުޑު މޫދު ތެރެއިން ފެންނަން އޮތުމުން ވެސް، އެ ސަރަހައްދު މީގެ ކުރިން އޮތް ވަރަށް ވުރެ ބޮޑު ބައެއް ގިރާލާފައި އޮތްކަން އެނގެއެވެ. ރަށު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މި ފަހަރު އުދަ އަރައިގެން 30 އެއްހާ ފޫޓުގެ ބިން ގިރައިގެން ގޮސްފައިވާނެއެވެ. އަދި ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި މި ސަރަހައްދު އޮންނާތީވެ، ގިރައިގެންދާ ކަން ފެންނަނީ ވެސް ބަޔަކު އެހެން އުޅެމުން އެ ސަރަހައްދަށް ދިއުމުންނެވެ.

މިހާރު ޓަވަރު އަރި އަޅާލާފައި އޮތް ގޮތުން ވެސް، ކައުންސިލްގައި ހުރި ވަސީލަތްތަކާ އެކު ބައްތި ޓަވަރު ނަގަން އުނދަގޫވާނެ ކަން ކައުންސިލުން ވެސް ފާހަގަކުރެއެވެ. އަދި އެ ސަރަހައްދު ދާއިމީ ގޮތެއްގައި ގިރަމުންދާ ގޮނޑުކޮށް ހިމާޔަތް ނުކޮށް އެ ސަރަހައްދު އިތުރަށް ތަރައްގީ ކުރެވެން ނެތް ކަމުގެ ކަންބޮޑުވުން ރަށު ކައުންސިލުން ވެސް ފާޅު ކުރެއެވެ. އެހެން ނޫން ނަމަ ކުރެވުނު ޚަރަދުތައް ވެސް "ގިރައިގެން ގޮސް" ބޭކާރު ޚަރަދަށް ވާނެ ނޫން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މެން

    ގައުމީ ކަންކަމައް ވިސްނާ ފިކުރު ކުރާބަޔަކު މިހާރަކުނެތް ހުރިހާ މީހުންވެސް ވިސްނަނީ ސިޔާސީކަންކަމާ ކޮށްމެވެސް އެއްޗެއް ދަމާގަނެވޭނެ ގޮތެއް އޮތްތޯ ނުވަތަ ކަމަކުން ސަލާމަތްވެވެނޭނެ ގޮތެއްއޮތްތޯ

    24
    1
  2. މާމިގިލީ މީހާ

    ބައްތި ސަރަހައްދައް 2.5 މިލިޔަން ރުފިޔާގެ ގެއްލުން ވެއްޖެ..

    10
    2
  3. އޮޔާ

    ބައްތިއަކާ އުއްމީދަކާ ކޮން ގުޅުމެއް. ތި ބައްތި ދައްކައިގެން އަހަރަކު ކިތައް މިލިއަން ލިބޭ؟

    2
    10
    • ލިކް

      އެންމެ އުތުރަށް އަންނަ ޔޮޓުތަކުގެ ވާހަކައާ އެ ޔޮޓުތަކުން ފައިބާ ފަތުރުވެރިންގެ ވާހަކަ އަޑު އަހަންތަ؟؟ ވަޅުގަ އޮންނަ ބޮކަކަށް ދުނިޔެއެއް ނުފެންނާނެއޭ މުސްކުޅިން ބުނެއުޅެނީ ކޮންމެވެސް ސަބަބެއް އޮވެގެން..

  4. ޙުސައިން

    ސާބަހޭ ވަގުތުޓީމަށް. މިތަނަށް ދާހިތްވެއްޖެ. ރާއްޖޭގެ އެންމެއުތުރު