(ހއ. އިހަވަންދޫ) ފެހި މުތްތަކެއް ފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ހއ.އަތޮޅުގެ އިހަވަންދިއްޕޮޅަކީ ތާރީޚާއި ސަގާފަތުގެ ގޮތުން މުއްސަނދި ރަށްތަކެއްގެ މައްޗަށް ގަތާލާފައިވާ ރަށެކެވެ. ތާރީހީ ޞޮފްހާތަކުގެ ވާ ފަތް މޮހާ ބަލާލާއިރު މިއިން ކޮންމެ ރަށެއްގެ މާޒީ ބުނެދެނީ ޖަޒުބާތީ ވާހަކަތަކެކެވެ. ތާރީޚީ ލިޔުންތަކުން ހެކި ދެނީ އެ ރަށްރަށުގެ ފަސްގަނޑު ދެކެފައިވާ ބޯދާ މާޒީގެ ވާހަކަތަކެވެ. އިހަށް ދިވެހިން އުޅުނު އުޅުމާއި އިހު ދިވެހިންގެ ސަގާފަތް މިއަދުވެސް އެ ރަށްތަކުން ހާމަވެ ހުރިފަދައެވެ. ހއ.އަތޮޅުގެ ބައެއް ރަށްރަށަށް ދީފައިވާ ނަންނަމަކީ ވެސް އެހާމެ މައުނަވީ ވާހަކަތަކެކެވެ.

ހއ.އިހަވަންދޫއަކީ އެ ރަށެއްގެ ނަމާއި މެދު ތާރީޚީ ނަޒަރަކުން ޝައުގުވެރި ލޮލަކުން ބަލާލެވެން އޮތް ރަށެކެވެ. މި ރަށުގެ އިސް ރަށްވެހިންނާއި ބައެއް އާންމުންނާ ވާހަކަ ދެއްކުމުން އެނގުނު ކަމަކީ ރަށަށް ނަން ކިޔުނު ގޮތާ މެދު ތަފާތު އެކި ގޮތް ގޮތަށް ވާހަކަދެކެވޭ ކަމެވެ. އޭގެ ތެރޭގައި ރަށަށް ނަން ދިނުމުގައި ލަފްޒީ މާނަ އަށް ބަލާފައިވާ ކަމަށް ބުނާ ބުނުމާއި، ރަށުގައި މީހުން ވަޒަންވެރިވި ގޮތުގެ އިތުރުން ބޮޑުތަކުރުފާނާއި ރަށުގެ ނަމާއި ގުޅުވައިގެން ދެކެވޭ ވާހަކަތައް ފާހަގަކުރެއެވެ.

އިހަވަންދޫގައި ކުޑަ ކުދިންތަކެއް މަގުމަތިން ހިނގާފައި ދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭގެ ތެރެއިން ފުރަތަމަ ނަޒަރިއްޔާތަކީ "އިހަވަންދޫ" މި ނަން ދީފައި ވަނީ ރަށުގެ ފުރަތަމަ ވަޒަންވެރިން ކަމަށް ބާރުދީ ދެކެވޭ ވާހަކަތަކެވެ. ތާރީޚީ ލިޔުންތެރިޔާ މުޙައްމަދު އިބްރާހިމް ލުޠުފީ (1997)ލިޔުއްވާފައިވާ ގޮތުން "އިހަވަންދޫ" މި ނަން އުފެދިފައި ވަނީ ޖުމުލަ ތިން ލަފުޒެއް އެކުވެގެންނެވެ. އެއީ "އިހަށް"، "ވަން" އަދި "ދޫ"އެވެ. ލުތުފީ ވިދާޅުވާ ގޮތުން ނަމަ މި ތިން ލަފްޒު ވެސް ނިސްބަތްވަނީ މަލަޔާޅަމް ބަހަށެވެ. މަލަޔާޅަމް ބަހައި ތަމަޅަބަހަކީ ޑްރެވީޑިއަން އާއިލާގެ ބަސްބަހަށްވުމާއެކު އެވޭލާ ޒަމާނުގައި އިހަވަންދޫގައި އެ ދެ ބަހުން ވާހަކަދައްކާ ބަޔަކު އުޅުނުކަން ހާމަވެއެވެ. މިކަމަށް ބާރު ދެއްވާ ލުތުފީ ލިޔުއްވާފައިވާ ގޮތުން ނަމަ ގަދީމި ރަށްރަށުގެ ނަންނަމުން އެ ރަށްރަށުގެ ފުރަތަމަ އަހުލުވެރިންގެ އަސަރު ފެންނަ ހުރެއެވެ. ޑްރެވިޑީއަން އާއިލާގެ ލަފުޒުތަކަކުން "އިހަވަންދޫ" މި ނަން އުފެދުމުގެ ފަހަތުގައިވާ ސިއްރަކީ އެ ރަށުގެ ފުރަތަމަ ވަޒަންވެރިންގެ ހަސަބާއި ނަސަބުގެ އަސްލުކަމަށް ވުން އެކަށީގެންވެއެވެ. އެހެނީ ކުރީ ޒަމާނުގައި ރަށްރަށުގެ ނަންނަމަކީ އެ ރަށްރަށުގައި އެންމެ ކުރިން ވަޒަންވެރިވި މީހުން ދީފައިވާ ނަންނަން ކަމަށް ބެލެވުމެވެ.

މި ނަޒަރިއްޔާތަށް ބަލާ ނަމަ "އިހަވަންދޫ" މި ނަމަކީ އެ ރަށުގެ ފުރަތަމަ ވަޒަންވެރިންގެ ފަރާތުން އުފެދިގެން އައި ނަމެކެވެ. އެކަމަށް ހެކިދޭ ކަމަކީ އިހަވަންދޫގައި ހިމެނޭ ލަފްޒުތަކަކީ މަލަޔާޅަމް ލަފްޒތަކަކަށް ވުމުން އެ ޒަމާނުގައި ރާއްޖޭގައި މަލަޔާޅަމް ބަހުރުވަ ނިސްބަތްވާ ޑްރެވީޑިއަން އާއިލާގެ ބަޔަކު އުޅުނުކަމަށް ބެލެވޭ ބެލެވުމެވެ.

އިހަވަންދޫގައި ބަޔަކު މަގުމަތީ ހިނގާފައި ދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އިހަވަންދޫ" މި ނަން އައި ގޮތާ މެދު އޮތް ދެ ވަނަ ނަޒަރިއްޔާތަކީ މިއީ އެންމެ އިހަށް، ނުވަތަ އެންމެ ކުރިން އުފެދުނު ރަށް ކަން ރަމްޒުކޮށްދޭ ކަމަށް ބުނާ ބުނުމެވެ. މާޗް 2013 ގެ ތެރޭގައި އިހަވަންދޫ ނޫހުގައި ފަތުހުﷲ އަހުމަދު ރަޝީދު ލިޔުއްވާފައިވާ "ތާރީޚީ ނަޒަރަކުން: ތިލަދުންމަތީ އުތުރު ބުރީ އިހަވަންދޫ" ލިޔުއްވުމުގައި ވެސް އިހަވަންދޫ މި ނަން އުފެދިގެން އައި ގޮތާ މެދު ނަޒަރިއްޔާތު ހިއްސާކޮށްފައިވެއެވެ
.
އިހަވަންދޫގެ ނަން އުފެދިފައިވާ ގޮތަށް ބަލާ އިރު އެ ނަމުގައި ތާނަ އަކުރުގެ ތިން ލަފްޒެއް އެކުލެވެއެވެ. އެއީ " އިހު/އިހަށް"، ވަން އަދި ދޫއެވެ. ފަތުހުﷲ ވިދާޅުވާ ފަދައިން "އިހަ" ނުވަތަ "އިހް" ނުވަތަ "އިހައް" މިލަފުޒު ތަކުން ދޭހަކޮށްދޭ މާނަތަކަކީ ފުރަތަމަ، މުސްކުޅި، އިސް އަދި ކުރިއެވެ. "ވަން" މިލަފުޒުން ވަނަ، ޖަންގަލި، ވަނުން އަދި އެތެރެވުން މާނަކުރެވެއެވެ. އޭނާ ލިޔުއްވާފައިވާ ގޮތުން "އިހަވަންދޫ"ގައި ހިމެނޭ "ދޫ" މި ބަހުގެ އަސްލު ނިސްބަތްވަނީ މަލަޔާލަމް ބަހަށެވެ. ދޫގެ މި ބަހުގެ މާނައަކީ ރަށެވެ.

ހއ އިހަވަންދޫ މަތިން ނަގާފައިވާ ފޮޓޯ އެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މީގެ އިތުރުން ޕޮނަމްޕަލަމް ރަގުޕަތީ (2008) ލިޔުއްވާފައިވާ ލިޔުއްވުންތަކުންވެސް މި ނަޒަރިއްޔާތަށް ބާރުލިބެއެވެ. އޭނާ ވިދާޅުވާ ގޮތުން "އިހަވަންދޫ"މި ނަން ލިޔެފައި ވަނީ އިސްވެ ފާހަގަކުރި ތިން ލަފްޒު ހިމެނޭހެން ލަފްޒީ މާނައެއްގައެވެ. އޭގެ އެއް މާނަ އަކީ އިހު، މުސްކުޅި ރަށެވެ. ދެވަނަ މާނަ އަކީ ފާހަގަކޮށްލެވޭ ނުވަތަ ނަގާކިޔާ ސަރަހައްދުގައި އޮތް ޖަންގަލި ބޮޑު ރަށަކަށް ވުމެވެ. ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކުގެ ތެރޭގައި ހިމެނޭ އިހަވަންދޫ އަކީ އެންމެ އިހަށް ނުވަތަ އެންމެ ފުރަތަމަ ވަދެވޭ ރަށެވެ. ޕޮނަމްޕަލަމްގެ ނަޒަރިއްޔާތާއި އެއްގޮތަށް ހިނގާ ނަމަ މި ސަބަބާއި ހުރެ "އިހަވަންދޫ" މި ނަން ބޭނުންކުރެވެނީ އެންމެ ފުރަތަމަ ވަދެވޭ ރަށް، މި މާނައިގައެވެ.

އެމްއެންޑީއެފްގެ މަލްޓިމީޑިއާ އިން ވެބްޑިޒައިނިންގެ ދަރިވަރުން 2017 ވަނަ އަހަރު އެކުލަވާލި "އިހަވަންދޫގެ ތާރީހުން"ގައި ވެސް އިހަވަންދޫގެ ނަމާއި މެދު ވަރަށް ފުން ޚިޔާލުތަކަކާއި މައުލޫމާތުތަކެއް ހިމަނާފައިވެއެވެ.

އިހަވަންދޫގައި ވަގުތު ހޭރިޔާއިން ދިރާސާ ކުރަމުންދަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެ ހުށަހެޅުމުގެ މައުލޫމާތުތަކުގައި ވާ ގޮތުން އިހަވަންދޫގެ އިސްރަށްވެރިންގެ ކިބައިން އެނގޭ ކަމަކީ އިހަވަންދޫގައި އުޅުނީ ހަމުގެ ކުލަ ކަޅު ކުލައިގެ ބައެއްކަމެވެ. ޒައިތޫނި ކުލައިގެ ހަށިހެޔޮ ބަޔަކު އިހަވަންދޫގައި އިހަށް އުޅުނު އިރު އެ ހުށަހެޅުމުގައި ބުނާގޮތުން އިހަވަންދޫގެ ވަޒަންވެރިންނާއި ރާއްޖޭގެ ގަދީމީ ވަޒަންވެރިންނާއި ގުޅުން އެބައޮތެވެ.

އެގޮތުން އައްލާމާ އަޙްމަދު ޝިހާބުއްދީނުގެ "ކިތާބު ފީ އާޘާރި މީދޫ އަލް ޤަދީމިއްޔާ"ގެ ނަމުގައި ލިޔުއްވާފައިވާ ފޯކްލޯގައި ދިވެހިރާއްޖެއަށް ފުރަތަމަ އައި ދީވީންނަށް ފަހު ދެން ރާއްޖެއައީ ރެދިންކަމަށް ލިޔުއްވާފައިވާ ކަމަށް އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ރެދިން ރާއްޖެގައި ފުރަތަމަ ވަޒަންވެރިވި ތަނެއް ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ މަޑުކުރެއްވި ތަނަކީ ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ކަމަށްވެއެވެ. އޭގެ ފަހުން ވަޑައިގަތް ކަމަށް އެ ފޯކްލޯގައި ބުނަނީ ރާ އަތޮޅަށެވެ. މިއީ ވެސް އިހަވަންދޫ އަށް މި ނަން ކިޔުނު ގޮތެއް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.

ހއ. އިހަވަންދޫ މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ލިޔުންތެރިންގެ ގަލަމާއި ހަމައަށް އައިސްފައި ނެތް ނަމަވެސް ރަށުގެ ރަށްވެހިން އަޑު އަހާ އުޅޭ ވާހަކަތަކެއް އިހަވަންދޫގެ ނަމާއި މެދުގައި އަދިވެސް އެބަހުއްޓެވެ. އެގޮތުން މި ރަށުގެ ނަމާއި 1873 އިން 1885 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުން ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނާއި ގުޅުވައިގެން ދެކެވޭ ވާހަކަތަކެއްވެސް އެބަހުއްޓެވެ. މި ވާހަކަތަކާއި މެދު އިހަވަންދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު އާސިފް ވިދާޅުވީ ބުނެވޭ ގޮތުން ނަމަ އިހަވަންދޫ މި ނަން ގުޅިފައި ވަނީ މުހައްމަދު ތަކުރުފާނު ހއ. އަށް ޕޯޗުގީޒުންނާއި ހަނގުރާމަކުރެއްވުމަށް ފަހު ކުރެއްވި ދަތުރާއެވެ.

" މިއި ތުންތުން މަތިން އައިސް އަޅުގަނޑުވެސް އަޑު އެހި ގޮތް. އެއީ މުހައްމަދު ތަކުރުފާނު ޕޯޗުގީޒުންގެ ކިބައިން ރާއްޖެ ސަލާމަތްކުރައްވާ ހއ އަށް ކުރެއްވި ދަތުރު ފުޅުގައި އެންމެ ކުރިން ވެންނެވި ރަށަކީ، ވަޑައިގަތް ރަށަކީ އިހަވަންދޫއޭ. އެހެންވީމަ އިހަށް އެއީ ކުރި، ވަން އެއީ ވަނުން، ދޫ އެއީ ރަށް." އޭނާ ވިދާޅުވިއެވެ.

ކޮންމެއަކަސް އިހަވަންދޫ މި ނަމާއި އިހަވަންދޫގައި ހަސަބާއި ނަސަބާއި، ގަދީމީ ތާރީޚާއި ގުޅިފައިވާ ކަން މި ހުރިހާ ނަޒަރިއްޔާތުތަކުން ސުވާލެއް ނެތް މިންވަރަށް ހާމަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރިކްޒާން

    އައި ހެވަން ނަމުން އައި ނަމެއް އެއީ… ލޮލް

    4
    3
  2. ދަންޑަހެލު

    މުހައްމަދު ތަކުރުފާނު ދުނިޔެއަށް އުފަންވި އިރުވެސް އިހަވަންދޫ ކިޔާ އެރަށްއޮތް ކަމަށް ތާރީޚުން ސާބިތުވޭ. އެހެންކަމުން ޕޯޗްގީޒުންނާ ހަނގުރާމަ ކުރެއްވުމަށްފަހު ކުރެއްވިދަތުރާ އިހަވަންދޫގެ ނަމާ އެއްވެސް ގުޅުމެއްނެތް.

    16
    1
  3. ޢަލީ ޢަލީ

    ވަގުތ ނޫހުގެ މީހުންނަށް އެނގޭނެ!!!

    1
    3
  4. ނަސީދު

    ދުނިޔޭގަ އެންމެ ފުރަތަމަ އުފެދުނީ އިހަވަންދޫ އެހެން ވެ އިހަވަންދޫ ކިޔުނު ކަމަށް ރާޖަޕަކުސާ ބުންޔޯ.

    2
    2
  5. އަލިބެއްޔާ

    ވަރަށް ފޮނި ކަނޑާ ބައެއް ދިރިއުޅޭ ރަށެއް.