(ހއ. ވަށަފަރު) ވަކި ރަށެއްގެ ނަން ބުނުމުން އެ ރަށެއްގައި ޚާއްސަ މަސައްކަތްތެރިކަމާއި ފަންނުތައް ފާހަގަކުރެއެވެ. ބޮޑުތިލަދުންމަތީ އުތުރު ބުރީ ވަށަފަރޭ ބުނުމުން ވަޑާމުގެ ފަންނުވެރިންނާއި އަތްތެރި މަސައްކަތްތެރިންގެ ރަށެކޭ ބުނާ އަޑު އިވެއެވެ. ވަށަފަރުގައި ހުންނަ ގެސްޓް ހައުސްއަކަށް ވަތް އިރު އެ ތަނުގައި ވެސް އެފަދަ އެކި މަސައްކަތްތައް ފެނުނެވެ. އެއީ ވެސް ރަށު ފަންނުވެރިންގެ މަސައްކަތެވެ.
ވަޑާން ފަންނުގެ މޮޅު މީހުންނާ ބައްދަލުވި މި ފަސްގަނޑުގައި ކިއްސަރު ވަޑާމާއި ތެދުއުއިވަޑާން ކުރާ ބައެއް މީހުންނާ ވެސް ދިމާވިއެވެ. ފަރުނީޗަރާއި ގޮނޑި އާއި ހޮޅުއަށި ފަދަ އެތައް އެއްޗެއް އުފައްދަން ކުޅަދާނައެވެ. ހއ. އަތޮޅުގެ ރަށްރަށަށް "ވަގުތު ހޭރިޔާ" އިން ކުރި ދަތުގައި ވަށަފަރުން ދިމާވި މީގެ އެއް ފަހުލުވާނެކެވެ. އޭނާގެ ފަށުވި އުފެއްދުންތަކުގެ ރީތި ކަމާއި ޗާލޫ ކަމުން އޭގެ ވާހަކަ ލިޔުމުގެ ޝައުގު އުފެދުނީއެވެ.
އުމުރުން 66 އަހަރުގެ އަހްމަދު ސަލީމް އާމްދަނީ ހޯދަން މިއަދު ކުރާ މައިގަނޑު މަސައްކަތަކީ ވެސް މިއީއެވެ. މާވަޑި ސަލީމްގެ އުފެއްދުންތައް ހުރި ކުޑަކުޑަ ފިހާރައަށް ޒިޔާރަތް ކޮށްލީމެވެ. އެ ފިހާރައާއި ގޭތެރެއިން ވެސް ފެނުނީ ސަލީމްގެ މި މޮޅު ފަންނެވެ. މަސްވެރިކަމަށް ބޭނުންވާ ދަގަނޑެވެ. ހުނި އަޅަން ގެންގުޅޭ ތަގަރިއެވެ. އުދުޅި ފަދަ ތަކެތި ވެސް ހުރިއިރު، ނާށިން ޖޯޑު ވެސް ހަދާފައި ހުއްޓެވެ.
ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ މާވަޑި ސަލީމްގެ ކުދިކުދި ދޯނިތަކެވެ. އޭގެ ތެރެއިން ސަލީމް އުފައްދާފައިވާ ސަތަރި ދޯންޏަކާއި ކާނިޔާރު ދޯންޏެއް ދައްކައިލިއެވެ. ކުޑަކުޑަކޮށް ވަޑާން ކޮށްގެން އުފައްދާފައިވާ އެ ދޯނީގައި ބޮޑު ދޯންޏެއްގެ ކޮންމެ ތަފްސީލެއް ގެނެސްފައިވެއެވެ. ސަލީމް ބުނާ ގޮތުން އެއީ އެތައް ގަޑިއިރެއްގެ މަސައްކަތެވެ. ބައެއް ފަހަރު އެތައް ދުވަހެވެ.
އާމްދަނީ ހޯދުމާ ގުޅޭ ގޮތުން ސަލީމާ ސުވާލުކޮށްލުމުން ދިން ޖަވާބަކީ "އާމްދަނީއެއް ލިބޭނީ ވީ ވަރަކުން ގިނަ މަސައްކަތް ކޮށްގެން" ކަމުގައެވެ. ވަޑާމުގެ އިތުރުން އާމްދަނީ ހޯދަން ސަލީމް ގިނަ މަސައްކަތްތަކެއް ކުރާ ކަން ފާހަގަކުރިއެވެ.
"މާވަޑިކަން، ތެދުއުއިވަޑާން، ކިއްސަރު ވަޑާން، ރޭނުން، ދޯނި ބަނުން، މިއިން ކިތަންމެ ކަމެއް ކުރަން، ފައިސާ ހޯދަން، ހިތްވަރު ހުރެގެންދޯ ވާނީ،" ސަކަ މިޒާޖުގެ ސަލީމް ހިނިގަނޑަކާއެކު ބުންޏެވެ.
ސަލީމް ފާހަގަކުރި ގޮތުން، ގޭތެރޭގެ ސިޓިން ރޫމުގައި ރީތިކޮށް ބަހައްޓާލެވޭ ގޮތަށް ހުންނަ ކުދިކުދި ދޯނި އުފެއްދުމުގެ ޝައުގު އައީ ވެސް މައި ދޯނިފަހަރު ބަނުމުގެ މަސައްކަތުގައި އުޅުމަށް ފަހުގައެވެ. އެއީ އެ ރަށަށް އައިސް އުޅުނު ނ. ހޮޅުދޫ މާވަޑި ދޮންބެ ކިޔާ މީހެއް ކައިރިން ދަސްކުރި ކަމެއް ކަމަށް އޭނާ ބުންޏެވެ.
"ވަޑާން ކުރަން ދަސްކުރީ މާވަޑި ދޮންބެ ކައިރިން، މާވަޑި ދޮންބެ މި ރަށަށް އައީ ދޯންޏެއް ބަންނަން، މި ރަށުގެ އޭރު އެންމެ ނަގައި އުޅޭ ވެރިންނާ އެކީ، ވަށަފަރު އާދަމް ކަލޭގެފާނުގެ ވަރަށް ގާތްއެކުވެރި މާވަޑިކޭލެގެއަކީ،" ސަލީމް ބުންޏެވެ.
ސަލީމްގެ މެސެޖަކީ މިއީއެވެ. ލިބިފައި ފަންނުގެ ބޭނުންކޮށްގެން ހިތްވަރުކޮށް މަސައްކަތް ކުރާށެވެ. އާމްދަނީ ހޯދަން ކުރެވެން ހުރި މަސައްކަތެއް ކުރަންވީއެވެ.
މާވަޑި ސަލީމްގެ އުފެއްދުންތައް ވަރަށް ހިތްގައިމެވެ. މިފަދަ އެކި ފަންނުވެރިން ބޮޑުތިލަދުންމަތީގައި އެބަ ތިއްބެވެ. ޒުވާނުންނާއި ސަލީމް ފަދަ ދޮށީ ރަށްވެހިންނެވެ. މި ފަންނުވެރިންގެ މަސައްކަތް އިޝްތިހާރުކޮށްދޭނެ ގޮތެއް ހޯދުން ވެސް މުހިއްމެވެ.
ވަރަށް ފައްކާ. މާސާﷲ
ވަރަށް ފުރިހަމަ މަސައްކަތް ތަކެއް. ރަށުގަ ތިބި ޒުވާނުންނަށް ކުރުމުއްދަތުގެ ކޯސްތައް ހިންގައިގެން ނަވަވެސް ތިމަސައްކަތުގެ ތެތެއަށް ވެއްދުމަކީ މުހިއްމުކަމެއް. އެގޮތުން ފައިސާދައްކައިގެންނާއި ހިލޭސާބަހަށްވެސް ކޯސްތައް ހިންގުމަކީ ވަރަށް ބޭނުން ތެރިކަމެއް .