(ހއ. މޮޅަދޫ) ފަރުވާއެއް ނުފެނި ބަލިމަޑުކަމެއް ބާރަށް ފެތުރެމުންދާ ނަމަ އިހުގައި ވެސް މިހާރު ވެސް އަޅާ އާންމު ފިޔަވަޅަކީ ބަލި ޖެހޭ ބަޔަކު އެކަހެރި ކޮށްލުމެވެ. މުޅި ދުނިޔޭގައި ފެތުރިގެން އައި ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަމާ ގުޅިގެން ވެސް އެ ތައް ބަޔަކު ތިބެން ޖެހުނީ އެކަހެރިވެގެންނެވެ. ބައްޔާ ދެކޮޅަށް ވެކްސިނެއް ހޯދުނު ނަމަވެސް އަމަލު ކުރަނީ ހަމަ މި އުސޫލުންނެވެ.

މިއީ އެކަމަކު ދުނިޔެއަށް މުޅިން އާ ތަޖުރިބާއެއް ނޫނެވެ. ސްޕެނިޝް ފްލޫ އާއި، މަދިރީގެ ސަބަބުން ގައިން ގަޔަށް އަރާ ބައްޔެއް ކަމުގައި ޑެންގޫ އާއި މި ނޫން ވެސް ބަލިތަކެއްގައި ދުނިޔެ ތާށިކޮށްލި އެތައް ތަޖުރިބާއެއް ހިމެނެއެވެ. މި ތަޖުރިބާތަކުގެ ތެރެއިން ހއ. މޮޅަދޫ ވެސް އިހުގެ ދުވަސްވަރެއްގައި ބަޔަކު އެކަހެރިވެގެން "ބާރާސީލް" ގައި ދިރިއުޅުނު ގޮތުގެ ތަޖުރިބާގެ ވާހަކަ އަކާ ހަމައަށް ދެވުނެވެ.

1950 ގެ އަހަރުތަކުން 1970 ގެ އަހަރުތަކާ ހަމައަށް ރާއްޖޭގެ 34 ރަށަކުން ފެނުނު މި ބަލި ޖެހުނު ބަޔަކު މޮޅަދޫގައި ވެސް އުޅުނެވެ. އެ މީހުން އެކަަހެރި ކުރި ކަމަށް ވަނީ ސަރުކާރުން އަންގައިގެންނެވެ. އެއީ އެ ބައްޔަކީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައި ސަރުކާރަށް ފެނިގެންނެވެ. ހަށިގަނޑުގެ ގުނަވަންތަކަށް އައިބުވާ މިންވަރަށް ސިފަ ބަދަލުވާ މި ބައްޔަކީ މަދަރީގެ ޒަރިއްޔާއިން ޖެހޭ ނުރައްކާތެރި ބައްޔެކެވެ.

މޮޅަދޫ ބަޔަކު ފައިލޭރިއާ ޖެހިގެން އެކަހެރިކޮށް ބޭތިއްބި ބަރާސީލް ސަރަހައްދު - ވަގުތު އިމޭޖަސް: އަހުމަދު އަލީ

ހއ. އަތޮޅުގެ ރަށްރަށަށް "ވަގުތު ހޭރިޔާ" އިން ކުރި ދަތުރުގެ ތެރެއިން، މޮޅަދޫގައި މީގެ އަހަރުތަކެއް ކުރިން ފައިލޭރިއާ ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމުގައި ދެކި އެ ރަށުގެ ވަކި ސަރަހައްދެއްގައި ބަޔަކު ބެހެއްޓި ގޮތުގެ ޚަަބަރު ލިބުނެވެ. އޭރު އެ ތަނުގައި އެކަހެރިވެގެން ދިރިއުޅުނު މީހަކު ވަނީ އެ ވާހަކަތައް ޚިއްސާކޮށްދީފައެވެ. އޭނާ ސިފަކޮށްދިން ގޮތުން އެއީ ހިތްދަތި ތަޖުރިބާއެކެވެ.

ފައިލޭރިއާ ޖެހިގެން މޮޅަދޫ ބަރާސީލްގައި ވަކިން ދިރިއުޅުނު މީހަކު "ވަގުތު" އަށް އިންޓަވިއު ދެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އުމުރުން 80 އަހަރަށް ވުރެ ދޮށީ އަބްދުﷲ އިބްރާހީމް ކިޔައިދިން ގޮތުގައި އެ ރަށުގައި ފައިލޭރިއާ ހުރެގެން 11 މީހަކު ވަކިން އެކަހެރި ކޮށްފައި ބޭތިއްބީ ހަތް އަހަރުގެ މުއްދަތަކަށެވެ. އެއީ ހަތް އަންހެނުންނާއި ހަތަރު ފިރިހެނުން ކަމަށް އޭނާ ބުންޏެވެ.

ރަށު ރައްޔިތުން "ބާރާސީލް" ނަމުގައި ކިޔާ އެ ތަނުގައި 11 މީހަކު ބޭއްތިއްބި ކަމަށް އަބްދުﷲ އިބްރާހީމް ބުންޏެވެ. އެއީ އެ ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ބެލެވިގެން ސަރުކާރުން އަންގައިގެންނެވެ.

"އަތޮޅު ރައީސް އައިސް އެންގީ، މީހުން އުޅޭ އަވަށާ ދުރުގައި، އަޅުގަނޑުމެން ބެހެއްޓީ،" އުމުރުން ދޮށި ކަމުން ވާހަކަ ދައްކަން ވެސް ދަތި ކަމެއް ހުރި އަބްދުﷲ އިބްރާހީމް ކިޔައިދިނެވެ.

އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނާއި މައުމޫންގެ ވެރިކަމުގެ ކުރީކޮޅުގައެވެ. ސީދާ ކޮން ދުވަސްވަރެއްގައި ކަމެއް އަބްދުﷲ އިބްރާހީމް ވެސް ހަނދާނެއް ނެތެވެ. ދުނިޔޭގެ ސިއްޚަތު ޖަމިއްޔާގެ ލިޔުންތަކުގައި އޮތް ގޮތުން 1970 އާއި 1980 ގެ އަހަރުތަކުގައި ރާއްޖޭގައި މި ބަލި އުޅުނު ކަމުގައި ރެކޯޑް ކުރެވިފައިވެއެވެ.

މޮޅަދޫ ބަޔަކު ފައިލޭރިއާ ޖެހިގެން އެކަހެރިކޮށް ބޭތިއްބި ބަރާސީލް ސަރަހައްދު - ވަގުތު އިމޭޖަސް: އަހުމަދު އަލީ

އަވަށުން ކާތަކެތި ގެނައުމުގައި ވެސް ދަތިތަކެއް ފުރަތަމަ ދުވަސްވަރު ހުރި ކަމުގައި އަބްދުﷲ އިބްރާހީމް ބުންޏެވެ. ވަކިން އެކަހެރިވެގެން "އަވަށު ބަންދެއްގައި" ތިބެން ޖެހެމުން އެންމެ ދަތިވީ ކާބޯތަކެތި ހޯދުމުގެ އިތުރުން އާމްދަނީއެއް ހޯދަން ކޮންމެ ވެސް މަސައްކަތެއް ކުރުން ކަމުގައި ކަމަށް އޭނާ ބުންޏެވެ.

"ފަންގެބޮނޑި އުފައްދާފަ ދިނީމަ، އަވަށުން ގެނެސްދޭނެ ކާޑު، ލޮނު، މި ކަހަލަ އެއްޗެހި، ދެން މޫދުން ވެލާ މަސް، ވެލާ ބިސް ކަނީ،" އަބްދުﷲ އިބްރާހީމް ބުންޏެވެ.

ހއ. މޮޅަދޫގެ ހިތްގައިމު ގޮނޑުދޮށް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހަޔާތުގެ މުހިއްމު ސަފްހާތަކެއް، އުފާވެރި އަދި ހިތްދަތި

އަބްދުﷲ އިބްރާހީމް ކިޔައިދިން ގޮތުން ނަމަ އޭނާގެ ހަޔާތުގައި އެންމެ ގިނަ އަދި އެންމެ ތަފާތު ތަޖުރިބާތައް ކުރަން ޖެހުނީ ބަރާސީލްގައި އެކަހެރިވެގެން އޭނާ އުޅުނު އެ ހަތް އަހަރު ދުވަހުގެ މުއްދަތުގައެވެ.

ހަތް އަންހެނުންނާއި ހަތަރު ފިރިހެނުން އެ ތަނުގައި އުޅެމުން ދިޔައިރު، އެއިން ތިން އަންހެނަކު ތިން ފިރިހެނުންނާ ކައިވެނި ކުރި ކަމުގައި އޭނާ ބުންޏެވެ. އޭގެ ތެރެއިން އެކަކަކީ އޭނާއެވެ. އަބްދުﷲ އިބްރާހީމްގެ ޒަވާޖީ ހަޔާތް ފެށިގެން ދިޔައީ ވެސް ބަރާސީލްގައި އެކުގައި ތިއްބައެވެ.

"ބާރާސީލްގައި މީހަކާ އިނީ، އަންހެން ކުއްޖެއް ލިބުނީ، އަންހެން ކުއްޖެއް ވިހެއީ،" އަބްދުﷲ އިބްރާހީމް ބުންޏެވެ.

މޮޅަދޫ ބަޔަކު ފައިލޭރިއާ ޖެހިގެން އެކަހެރިކޮށް ބޭތިއްބި ބަރާސީލް ސަރަހައްދު - ވަގުތު އިމޭޖަސް: އަހުމަދު އަލީ

ބާރާސީލްގައި އުޅެމުން ދިޔައީ ފަންގެ އަޅައިގެންނެވެ. އެ ތަނުގައި އެކުގައި އުޅެމުން ދިއުމަށް ފަހު، ގާތް ގުޅުމެއް އުފެދި ކައިވެނި ކުރީ ކަމުގައި އަބްދުﷲ އިބްރާހީމް ބުންޏެވެ.

ބަރާސީލްގައި ތިބި ދުވަސްވަރު 11 މީހުންގެ ތެރެއިން ތިން މީހަކު ނިޔާވި ކަމަށް އަބްދުﷲ އިބްރާހީމް ބުންޏެވެ. އެއީ ދެ އަންހެނުންނާއި ފިރިހެނަކު ކަމަށް އޭނާ ބުންޏެވެ.

ހަތް އަހަރުގެ ދިގު މުއްދަތަކަށް ފަހު އަލުން މީހުން ދިރިއުޅޭ އަވަށަށް އައީ އެއީ ގައިން ގަޔަށް އަރާ ބައްޔެއް ނޫން ކަން ދެނެގަނެވި އެކަހެރިކޮށްގެން އެއްވެސް ބަޔަކު ބައިތިއްބައިގެން ނުވާނެ ކަން ރައީސް މައުމޫން އެންގެވުމުން ކަމަށް އޭނާ ބުންޏެވެ.

އަބްދުﷲ އިބްރާހީމް މިހާރު ވެސް ހިނގާބިނގާވެ އުޅުމުގައި ދަތިތަކެއް ހުރެއެވެ. އެ ބަލީގެ އަސަރުތައް މިހާރު ވެސް ތަޒާކޮށް ފެނެއެވެ. އެހެންވިޔަސް އަބްދުﷲ އިބްރާހީމް އެންމެނާ ވެސް އެ ކުރިމަތިލަނީ ހިތްވަރުގަދަ ކަމާއި ހިނިތުންވުމަކާ އެކުގައެވެ.