(ހއ. އިހަވަންދޫ) މަސްވެރިކަމަކީ ދިވެހިންގެ ލޭނާރާ ގުޅިފައި އޮންނަ ކަމެކެވެ. ރާއްޖޭގެ ވަށައިގެން %99 ކަނޑު އޮންނައިރު، މަސްވެރިކަން ކުރަމުން އަންނަ މީހުން މަދެއް ނޫނެވެ. ކުޑައިރުއްސުރެން ފެށިގެން މަސްވެރިކަން ކުރާ ބައެއް މީހުން އަދިވެސް އެބަ ތިއްބެވެ. އޭގެ ތެރެއިން އެކަކަކީ މަސްވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ހއ. އިހަވަންދޫ ޅޮސްމާގޭ އަހުމަދު މޫސާ 62، އެވެ.

އަހުމަދޫ މޫސާ އެންމެ ފުރަތަމަ މަސްވެރިކަން ކުރަމުން އަކިރި ވެލި ފަދަ ތަކެތި ނަގައިގެން އެ ތަކެތި ވިއްކައިގެން އާމްދަނީ ވެސް ހޯދިއެވެ.

ނަމަވެސް އެފަދަ ތަކެތި ނެގުން ހުއްޓާލައި އޭނާ ވަނީ "ސީދާ" މަސްވެރިކަމުގެ ތެރެއަށް ވަދެފައެވެ. ބޮޑު ކަންނެލީގެ މަސްވެރިކަމުން ފެށިގެން ފަރު މަސްވެރިކަމާއި ހަމައަށް އޭނާ ވަނީ ތަޖުރިބާ ކޮށްފައެވެ.

އުމުރުން 16 އަހަރުގައި ބައްޕައާއެކު މަސްވެރިކަމުގެ ދާއިރާއަށް ވަތް މޫސާ އެ ދާއިރާގައި އުޅޭތާ މިހާރު 17 ވަރަކަށް އަހަރު ވެދާނެ ކަމަށް އޭނާ ބުންޏެވެ. ދުވަސްތައް ފާއިތުވަމުން ގޮސް އެންމެ ފަހުން އޭނާ ވަނީ ކެޔޮޅަކަށް ބަދަލުވެފައެވެ. އެއީ ބައްޕައާ އެކީ މަސްވެރިކަމަށް ނުކުމެ، ބައްޕަގެ ފަރާތުން ހުރިހާ ކަމެއް ދަސްކޮށްގެންނެވެ. ކެޔޮޅަކަށް ބަދަލުވީ އޭނާގެ އުމުރުން 20-25 އަހަރުގައެވެ.

އަމިއްލަ ދޯންޏެއްގައި ފަރު މަސްވެރިކަމަށް!

މީހާއަށް ލިބޭ ތަޖުރިބާގެ ސަބަބުން ކޮންމެ ކަމެއް ކުރުން މިހާރު ވަނީ ފަސޭހަ ކަމަކަށް ވެފައެވެ. އެކަން މޫސާ ވެސް ވަނީ ދައްކުވައިދީފައެވެ. މޫސަ މިހާރު މަސައްކަތް ކުރަނީ އަމިއްލަ ދޯންޏެއްގައި ފަރުމަސް ވެރިކަން ކުރުމަށެވެ.

މޫސާ ބުނީ، އޭނާ އަތުގައި އޮންނަނީ 20 ފޫޓުގެ ދޯންޏެއް ކަމަށާއި އެދޯނި އޮތުމުން މަހަށް ނުދެވިގެން އުޅޭކަށް ނުޖެހޭ ކަމަށެވެ. އަމިއްލަ ދޯންޏެއް އޮތުމުން ބޭނުން ކޮންމެ އިރަކު މަސްވެރިކަމަށް ނުކުމެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"މީހެއްގެ ކައިރީ މަހަށްދާން ހިނގާށޭ ބުނާކަށް ނުޖެހޭނެ. ހަމަ ބޭނުންވީ ދާންވީ. އެގޮތަށް މިހާރު ވަރަށް ފަސޭހަ" މޫސާ ބުންޏެވެ.

މީގެ ކުރިން މޫސާ ރަހުމަތްތެރިންނާއެކު މަހަށް ދިޔަ ނަމަވެސް، މިހާރު އޭނާ ދަނީ އަންހެނުންނާއި އެކީ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ދަނީ ފަތިހު ފަތިސް ނަމާދުކޮށްގެން ކަމަށާއި ބައެއް ދުވަސް ދުވަހު ގެއަށް އަންނަނީ އަސްރު ފަހުން ކަމަށް އޭނާ ބުންޏެވެ.

އެންމެ ހަނދާންވާ ހާދިސާ!

މަސްވެރިކަމަށް ނުކުމެ އުޅޭ ބައެއް މީހުންނަށް ހިތުން ނުފިލާ ވަރުގެ ހާދިސާތައް ހުންނާނީ ހިނގައިފައެވެ. އެގޮތުން މޫސާއަށް ވެސް ވަނީ އެފަދަ ހާދިސާއެއް ދިމާވެފައެވެ. އެއީ އޭނާ ބެހިގެން ދިޔަ ހާދިސާއެވެ.

ހަތް ރިޔަނު ދޯންޏެއްގައި މޫސާ އާއި އޭނާގެ ދެ ރަހުމަތްތެރިން މަސްވެރިކަމަށް ނުކުތީ ވަރަށް އުއްމީދާއެކު ކަމަށްވެއެވެ. ނަމަވެސް އެ އުއްމީދުތައް ފެނަށް ދިޔައީ އައި ކޮޅިގަނޑެއްގެ ސަބަބުންނެވެ.

އޭރު އެއީ އިންޖީނު ނުހުންނަ ޒަމާނެއް ކަމުން އެމީހުން ދިޔައީ ފަލި ޖަހައިގެންނެވެ. ނަމަވެސް ކޮޅިގަނޑާ އެކީ އައި ވިއްސާރައިގެ ސަބަބުން ފަލި ވެސް ބިންދައިގެން ދިޔައެވެ.

މޫސާ ބުނި ގޮތުގައި އެކަން ދިމާވެފައިވަނީ ގައްލަންދޫ އާއި އެ ރަށާ ދޭތެރެއެވެ. ވިއްސާރައިގައި ޖެހުމުން އެންމެން އަވަސްވެ ގަތީ ރަށަށް އެރުމަށެވެ. އެކަމަކު ގޮސް އެރުނީ ގައްލަންދޫއަށެވެ.

"ފަލި ބިންދައިގެން ދިޔަ ފަހުން އަނެއްކަމަކާ ކުރިމަތިވީ، އެއީ ދޯނި ދިޔަވާން ފެށީ. ދިޔަ ބޮޑުވުމުން ދިޔަ ހިއްކާ އެތިން ހިއްކަން އުޅެނިކޮށް އޭތިވެސް އެއްލާލެވުނީ. އެއީ ބޭ އިހްތިޔާރުގައިވީ ކަމެއް. އެހެން ކަމުން ބޮލުގައި އަޅާފައި އޮތް އެތިން ދޯނި ހިއްކީ" މޫސާ ބުންޏެވެ.

"އެއީ ބިރުވެރި ހިތާމަވެރި ދުވަހެއް ހަމަ. ހަނދާނުން ނުފިލާނެ ދުވަހެއް" މޫސާ ބުންޏެވެ.

އާމްދަނީ އަށް ބޮޑު ހީނަރުކަމެއް!

"ފަރު މަސްވެރިންކޮށްގެން އޭރު ރަނގަޅު އާމްދަނީ އެއް ލިބޭ މި ކޮވިޑް އައުމުގެ ކުރިން. ގާތްގަނޑަކަށް ދުވާލަކަށް 700 ނުވަތަ 600 ރުފިޔާ ލިބޭ." މޫސާ ބުންޏެވެ.

މޫސާ މަސްވެރިކަމަށް ގޮސް ބާނާ މަސްތައް މީގެ ކުރިން ރަށުގެ އެކި މީހުންނަށް ވިއްކައެވެ. މޫސާ ބުނާ ގޮތުން އޭނާ މަހުން އަންނަންވާއިރު، ބައެއް މީހުން ބަނދަރުގައި އޭނާގެ އިންތިޒާރުގައި ތިބެއެވެ. އެކަން އެގޮތަށް ދިއުމުން ވަރަށް ފަސޭހައިން މަސްކޮޅު ވިއްކާލެވޭ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް މިހާރު ކޮވިޑް-19ގެ ބަލި މަޑު ކަމުގެ ސަބަބުން މީހުންގެ ޖީބުތައް ހުސްވެ، ފައިސާ ލިބުން ދަތިވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން މިހާރު 10 ރުފިޔާހާ މިންވަރު ވެސް ނުލިބި މަސް ދުވަސް ހޭދަވެގެން ދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މޫސާގެ އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ އޭނާގެ ރަން ޒަމާނުގައި ފައިސާ ނެތް މީހުން، ބޮނބި ގަނޑެއް ނުވަތަ ހަނޑޫ ލާއްސެއް ހިފައިގެން އައީމާ މަސް ދޭ ކަމެވެ. އޭނާ ބުނީ، އޭރު އެހާ ފައިސާއަށް ދައްޗެއް ނުވާ ކަމަށެވެ.

މޫސާގެ އައިސް އަލަމާރީގައި މިހާރު ވެސް އެކި ކަހަލަ މަސްތަކުގެ އިތުރުން އިހި، ބޯވަ ކަހަލަ އެއްޗެހި އައިސް ކޮށްފައި ހުރެއެވެ.

މޫސަގެ އެންމެ ބޮޑު ޝަކުވާ

މޫސާގެ ޝަކުވާއަކީ ހުރިހާ މަސްވެރިން ވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. އެއީ މިޔަރުގެ އުނދަގުލާއި ހެދި މަސް ނުބޭނޭ ވާހަކައެވެ.

މޫސާ ބުނީ، މަސްވެރިކަމަށް ނުކުމެ އުޅޭއިރު، އަޑިން މަހެއް ގެނެގެން އެ މައްޗަށް އަރުވާއިރު، އަތަށް ލިބޭނީ އޭގެ އެއްބައި ކަމަށާއި ދެން އޮތްބައި މިޔަރު ކާލާ ކަމަށެވެ. އެކަން އެގޮތަށް ދިއުމުން ފައިސާ ނުލިބޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިޔަރުގެ ޝަކުވާ ރާއްޖޭގެ ގިނަ މަސްވެރިން ކުރަމުން އައި ނަމަވެސް، އެކަމަށް އެދެވޭ ހައްލެއް މިއަދާ ހަމައަށް ވަނީ ނުލިބިފައެވެ.

މަސްވެރިކަމުގެ އިތުރުން މޫސައަކީ ރޭނުމުގެ މަސައްކަތާއި ސިމެންތި ޖެހުމާއި ރުކުރާ އެރުން ފަދަ ކަންކަމުން އާމްދަނީ ހޯދަމުން އަންނަ މީހެކެވެ.